މަޢުލޫމާތު އޮޅުކޮށްގެން ބުޅަލާއި އެހެނިހެން ޖަނަވާރު ގެންގުޅުން
މަޢުލޫމާތު

އޮޅުކޮށްގެން ބުޅަލާއި އެހެނިހެން ޖަނަވާރު ގެންގުޅުން

Keeping pets.jpeg

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ގޭގައި އޮޅުކޮށްގެން ބުޅަލާއި އެހެނިހެން ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅުމަކީ ދިވެހީންގެ މެދުގައި ވަރަށް ބޮޑަށް ޢާންމު ވެފައިވާ ކަމެކެވެ. އެއީ ވަރަށް ލޯބިން، ވަރަށް ގަޔާވެގެން މީހުން ކުރާ ކަމެކެވެ. އަދި އެއީ އެކަމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއްވެސް ލިބޭ ކަމެކެވެ. މިފަދަ ދިރޭތަކެތި ގެންގުޅުމުން އިންސާނުންނަށް ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އިތުރުން، އެތަކެއްޗަށްވެސް ރައްކާތެރި މާހައުލެއް ލިބިގެންދެއެވެ. ފޫހިފިލުވާލުމަށާއި، އެކަނިވެރިކަމާއި މާޔޫސްކަމުން ދުރުހެލި ވުމަށްވެސް ބައެއް މީހުން ގޭގައި އެކި ބާވަތުގެ ޖަނަވާރު ގެންގުޅެއެވެ. އެންމެ ގިނަ މީހުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކުގެ ތެރޭގައި ބުޅަލާއި، އެކި ދޫނި ސޫފާސޫފި ހިމެނެއެވެ. މި އެއްޗެހި ގެންގުޅޭ މީހުން ވަރަށް ލޯބިން އެތަކެއްޗަށް ހޭހަންކޮށްހަދާތަންވެސް ވަރަށްގިނައިން ފެނެއެވެ. ނަމަވެސް މިކަމުގައި ސަމާލުވާންޖެހޭ ބައެއް ކަންތައްތައް ވެސް ހުރެއެވެ.

ގޭގައި ދިރޭތަކެތި ގެންގުޅޭއިރު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެތަކެތީގެ ކާނާ އަޅަން ބޭނުންކުރާ ތަށިތަކާއި، އެތަކެތި ނިދާ ތަންތަނާއި އެތަކެތީގެ ފާޚާނާ ކުރާ ތަންތަން ވަރަށް ސާފުކޮށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިކަމުން ގޭގެ މާހައުލު ސާފުތާހިރުވެ، އެތަކެއްޗާއި ގޭގައި ދިރިއުޅޭ މީހުންގެ ޞިއްޙަތަށް ނޭދެވޭ އަސަރު ނުކޮށް ރައްކާތެރިވެގެންދާނެއެވެ. އަދި މިފަދަ ދިރޭތަކެއްޗަށް އަޅާލައި އޯގާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެތަކެއްޗަށް ލޯބިދީ، އަޅާލައި، އެތަކެތީގެ ބޭނުންތައް ފުއްދައިދިނުމަކީ އެއެއްޗެހި ގެންގުޅޭ މީހުންގެ ޒިންމާއެކެވެ. މިކަމުން އެސޮރުމެން އުފާވެރިވެ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް މަގުފަހިވެގެންދާނެއެވެ. ގޭގޭގައި މީހުން ގެންގުޅޭ ބައެއް ކަހަލަ ޖަނަވާރުތަކަކީ ސާހިބު މީހާގެ ސަމާލުކަން ވަރަށްބޮޑަށް ބޭނުންވާ ޖަނަވާރުތަކެކެވެ. އެހެންކަމުން އެފަދަ ދިރޭތަކެއްޗަށް ވަގުތު ދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެތަކެއްޗާއެކު ކުޅެ، އެތަކެއްޗަށް ސަމާލުކަން ދިނުމަކީ އެތަކެތީގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ. އަދި މިކަމުން އެ އެއްޗެއް ގެންގުޅޭ މީހާއަށާއި، އެމަންޒަރު ދެކޭމިހުންނަސް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދާނެއެވެ.

ގޭގައި މިފަދަ ދިރޭތަކެތި ގެންގުޅޭނަމަ، އެތަކެއްޗަށް އެކަށީގެންވާ މާހައުލެއް ޤާއިމު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް ބުޅާފަދަ ޖަނަވާރުތަކަކީ ތަންތަނުގައި އޭގެ ވަކި އަޅައި ހަދާއެއްޗެކެވެ. އަދި އުސް ތަންތަނަށް އަރައި ހެދުމަކީވެސް ބުޅާ ވަރަށް ޝަޢުޤުވެރިވާ ކަމެކެވެ. އެހެންކަމުން އެފަދަ ފުރުޞަޠު ލިބޭގޮތަށް އެސޮރުމެން ދިރިއުޅޭ މާޙައުލުގައި ކަންކަން ފަހިވެފައި ހުންނަނަމަ އެއީ އެސޮރުމެންގެ އޮޅުކަން އިތުރުވާނެ ކަމެކެވެ. ގޭގައި ގެންގުޅެނީ ދޫނިނަމަ، ދޫނިތަކަށް އެކަށީގެންވާ ބޮޑުމިނުގެ ކޮށްޓެއް ހެދުން ފަދަ ކަންކަމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ޤަވާއިދުން ފެނާއި ކާނާ ދިނުމާއި، ދޫނިތައް ފެންވަރައި ހެދުމަށް އެކަށީގެންވާ ގޮތަށް ކަންކަން ފަހިކޮށްދޭން ޖެހޭނެއެވެ. އެއީ ދޫނިތަކަށް ތަފާތު ބަލިތައް ޖެހުމުން ދުރުކޮށްދިނުމަށްވެސް މުހިންމު ކަމެކެވެ.

ގޭގައި އުޅޭ މީހުންގެ ޞިއްޙަތަށާއި މާހައުލުގެ ސާފުތާހިރުކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ދިރޭތަކެތި ގެންގުޅޭއިރު، ގޭގައި އުޅޭ މީހުންގެ ތެރޭގައި އެލަރޖީގެ މައްސަލަތައް ހުންނަ މީހުން ތިބިތޯ ބަލައި، އެފަދަ މީހުންނަށް ދަތިނުވާނެ ގޮތަކަށް ކަންކަން ރޭވުމަކީ މުހިންމު ކަމެކެވެ. އަދި މިފަދަ ދިރޭތަކެތި ގެންގުޅުމުން ގޭގެ މާހައުލަށް އަންނަ ބަދަލުތަކަށް ސަމާލުވެ، އެކަށީގެންވާ ފިޔަވަޅުތައް އެޅުމަކީވެސް މުހިންމު ކަމެކެވެ.

މިހާރު ދިވެހިރާއްޖޭގައި ބުޅަލާއި އެހެނިހެން ދިރޭތަކެތި ގެންގުޅޭ ފަރާތްތަކަށް ލިބެންހުރި ވަޞީލަތްތަކާއި ފުރުޞަތުތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މާލޭގައި ޕެޓް ޝޮޕްތައް ހުޅުވި، އެތަންތަނުން ޕެޓް ފުޑާއި އެހެނިހެން ބޭނުންތެރި ތަކެތި ލިބެން ހުރެއެވެ. އަދި ބައެއް ޖަނާވަރުންނަށް ޚާއްޞަ ޑޮކްޓަރުން ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނާވުތަކަށް ޚާއްޞަ ޚިދުމަތްތައް ދެމުންދާކަންވެސް ފާހަގަކުރެވެއެވެ. ރާއްޖޭގައި އުޅޭ ޖަނަވާރުތަކަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭންޖެހިފައިވާތީ، ސަރުކާރުންވެސް އެކަމަށް ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ނަމުގައި ވުޒާރާއެއް އުފައްދަވައި، ޖަނަވާރާބެހޭ ކަންކަން ބެލެހެއްޓެވުމަށް އެމިނިސްޓްރީގެ މެންޑޭޓުގައި ވަނީ ހިމަނުއްވާފައެވެ. އަދި ހުޅުމާލޭގައި ޕެޓް ކެއަރ ފެސިޓީއެއްވެސް ވަނީ ޤާއިމުކޮށްފައެވެ. މިތަނުން މުސްތަޤުބަލުގައި ވަރަށް ފުޅާކޮށް ޚިދުމަތް ދިނުމަށްވެސް ވަނީ އަމާޒު ހިފާފައެވެ.  މީގެ އިތުރުން، ޕެޓް ގެންގުޅޭ މީހުންގެ ގްރޫޕްތައް މީސްމީޑިޔާ މަންސަތަކުގައި އުފެދި، އެތަންތަނުން މަޢުލޫމާތާއި އެކި މީހުންގެ ތަޖުރިބާ ޙިއްޞާކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ކުރެވެމުންދެއެވެ.

ގޭގައި އޮޅުކޮށްގެން ބުޅަލާއި އެހެނިހެން ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅުމަކީ ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. ނަމަވެސް މިކަމުގައި އަޅުގަނޑުމެން ޒިންމާދާރުވެ، އެކަށީގެންވާ ސަމާލުކަމެއް ދޭންޖެހެއެވެ. އެތަކެތީގެ ދުޅަހެޔޮކަމަށާއި، ގޭގެ މާހައުލުގެ ސާފުތާހިރުކަމަށާއި، ގޭގައި ދިރިއުޅޭ މީހުންގެ ޞިއްޙަތަށް ސަމާލުކަންދީ، އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ޢަމަލުކުރުމުން، މިފަދަ ދިރޭތަކެތި ގެންގުޅުމުގެ ހުރިހާ ފައިދާއެއް ލިބި، އެކަމުން ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވެވޭނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.