ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ވޭޕް ކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އަދި ހަމައެހެންމެ ދިވެހިރާއްޖޭގައިވެސް ޢާންމު ޞިއްޙަތަށް ކުރިމަތިވެފައިވާ މުހިންމު ކަންބޮޑުވުންތަކެކެވެ. މި ދެ ކަމަކީވެސް ނުރައްކާތެރި ޞިއްޙީ މައްސަލަތަކާ ގުޅިފައިވާ ކަންކަން ކަމުގައިވުމާއެކު، މިކަން ކޮންޓްރޯލް ކުރުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ތެރެއިން 35.6 އިންސައްތައަކީ ފިރިހެނުންނެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރާ އަންހެނުންގެ އިންސައްތައަކީ 7.6 އެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ބޭނުންކުރާ ޝީޝާ ނުވަތަ ގުޑުގުޑާ ބޯމީހުންގެ ތަފާސް ހިސާބަށް ބަލާއިރު، ދިވެހިރާއްޖޭގައި 4.2 އިންސައްތަ ފިރިހެނުންނާއި ފިރިހެންކުދިންނާއި 1.6 އިންސައްތަ އަންހެނުންނާއި އަންހެންކުދިން އެ ޢަމަލު ހިންގައެވެ. އަދި ޢުމުރުން 13 އަހަރާ 15 އަހަރާ ދެމެދުގެ 3.1 އިންސައްތަ ކުދިން ޝީޝާ ނުވަތަ ގުޑުގުޑާ ބުއިމުގެ ނުރައްކާތެރި ޢަމަލު ހިންގައެވެ. އަދި މިހާތަނަށް ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި ޢުމުރުން 10 އަހަރުން ދަށުގެ 14.9 އިންސައްތަ ކުޑަކުދިންވެސް އެކަން ތަޖުރިބާ ކޮށްފައިވެއެވެ. ރާއްޖޭގެ މުޅި އާބާދީގެ ކޮންމެ 4 މީހަކުން އެކަކަކީ ދުންފަތުގެ އިސްތިޢުމާލު ކުރާމީހެކެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހިސާބުތައް ދައްކާގޮތުން، ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރެވެނީ ބިޑިއާއި، ސުއްޓާ، އަދި ސިގިރޭޓެވެ. މި ލިސްޓުގެ ދެވަނައިގައި އިލެކްޓްރޯނިކް ސިގިރޭޓު ނުވަތަ ވޭޕް ހިމެނޭއިރު، ތިން ވަނައިގައި ޝީޝާ ހިމެނެއެވެ. މީގެއިތުރުންވެސް ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ބޭނުންކުރާ ބާވަތްތައް ގިނަ ޢަދަދަކަށް ރާއްޖެއަށް އެތެރެކުރެވިފައިވެއެވެ. 2019 ވަނަ އަހަރު ރާއްޖޭގައި ކުރިއަށް ގެންދެވުނު ގްލޯބަލް ޔޫތު ޓޮބެކޯ ސަރވޭއިން ދައްކާގޮތުގައި ސެކަންޑް ހޭންޑް ސްމޯކިންގ ނުވަތަ ޕެސިވް ސްމޯކިންގއަށް ހުށަހެޅިފައިވާ ޢުމުރުން 13 އަހަރާ 15 އަހަރާ ދެމެދުގެ ކުޑަކުދިންގެ ނިސްބަތްވެސް ރާއްޖޭގައި ވަރަށް ގިނައެވެ. މިއީ ދުންފަތުގެ އިސްތިޢުމާލު ނުކުރިޔަސް ދުންފަތުގެ ދުމުން ސިއްޙަތަކަށް ނޭދެވޭ އަސަރުކުރުރާ ޙާލަތެވެ. އެފަދަ ޙާލަތްތަކަށް ހުށަހެޅިފައިވާ ކުޑަކުދިންގެ ތެރެއިން 24.9 އިންސައްތަ ކުދިންނަށް ދުންފަތުގެ ދުމުން ކުރާ އަސަރު ކުރަނީ އެކުދިން ދިރިއުޅޭ ގޭގެ މާހައުލުންނެވެ. އަދި 47 އިންސައްތަ ކުދިންނަށް ދުންފަތުގެ ނޭދެވޭ އަސަރު ކުރަނީ އެކުދިން ގޮސްއުޅޭ ޢާންމު ތަންތަނުންނެވެ. މިއީ ދުންފަތުގެ އިސްތިޢުމާލު ކުރާ އެހެން މީހުންގެ ފަރާތުން، އެ ކަން ނުކުރާ މީހުންނަށް ދެވޭ ވަރަށްބޮޑު ޞިއްޙީ އަނިޔާއެކެވެ.
އާންމު ދުންފަތުގެ ބާވަތްތައް ބޭނުންކުރުމުގެ ސަބަބުން ކެންސަރު، ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމަނަރީ ޑިޒީޒް (ސީ.އޯ.ޕީ.ޑީ)، ހިތުގެ ބަލިތައް ފަދަ އެތައް ޞިއްޙީ މައްސަލަތަކެއް ކުރިމަތިވާކަން ވަނީ ޝައްކެއް ނެތް މިންވަރަށް ކަށަވަރުކުރެވިފައެވެ. ދުންފަތް އަނދުމުގެ ސަބަބުން އުފެދޭ ކެންސަރު އުފައްދާ މާއްދާތަކާއި ވިހަ މާއްދާތަކުގެ ސަބަބުން ނޭވާލާ ނިޒާމާއި، ހިތާއި، ލޭ ދައުރުވާ ނިޒާމަށް ގެއްލުން ލިބެއެވެ.
ވޭޕް ކުރުމަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމަށްވުރެ ރައްކާތެރި ގޮތެއް ކަމުގައި ދެކެވުނު ނަމަވެސް، މިއީވެސް ޞިއްޙަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާ ކަމެކެވެ. އިލެކްޓްރޯނިކް ސިގިރެޓްގައި އެކުލެވޭ ނިކޮޓިންއަކީ ވަރަށް ބޮޑަށް ދެވިހިފާ މާއްދާއެކެވެ. އަދި މިއީ ޅަފުރައިގެ ކުދިންގެ ސިކުނޑީގެ ތަރައްޤީއަށް އުނިކަން ގެނުވައިދޭ އެއްޗެކެވެ. މީގެ އިތުރުން، ވޭޕް ކުރުމަށް ބޭނުންކުރާ ދިޔައިގައި އެކްރޮލީން ފަދަ ނުރައްކާތެރި ކެމިކަލްތައް އެކުލެވިވެއެވެ. މިއީ ކުއްލިއަކަށް ފުއްޕާމެއަށް ގެއްލުން ލިބުމަށް މަގުފަހިކޮށްދޭ އަދި ސީ.އޯ.ޕީ.ޑީ، ނޭވާހިއްލުމާއި ފުއްޕާމޭގެ ކެންސަރަށް މަގުފަހިވާ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމޭގެ މަސައްކަތަށް ނޭދެވޭ އަސަރުކޮށް، ދުންފަތުގެ އިސްތިޢުމާލު ކުރުމުގައި ވެސް މެދުވެރިވާ ފަދައިން ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ނެގުމުގެ ޤާބިލުކަން ދަށްވެއެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމާ ގުޅިފައިވާ ޞިއްޙީ ނުރައްކާތަކުން ދިވެހި ރައްޔިތުން ސަލާމަތް ކޮށްދިނުމުގެ ގޮތުން، ދިވެހި ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކެއް ފުޅާ ދާއިރާއެއްގައި އަޅާފައެވެ. 2010 ވަނަ އަހަރު ތަސްދީޤު ކުރެވުނު ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން ދުންފަތް އުފެއްދުމާއި ދުންފަތުގެ އިޝްތިހާރުކުރުން މަނާކުރެވުނެވެ. އަދި މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި، ބޭރުކުރުމާއި، ވިއްކުމާއި އަދި ޕެކެޖްކުރުން ޤަވާޢިދުން ބެލެހެއްޓުމަށްޓަކައި އެކަންކަން ރެގިއުލޭޓްކުރެވުނެވެ. މިގޮތުން މި ބާވަތްތަކަށް ފަސޭހައިން ވާޞިލުވުމާއި އެ ބާވަތްތަކުގެ ހޯދުމުގެ ފަސޭހަކަން މަދުކުރުމަށް މަސައްކަތްކުރެވުނެވެ.
މި ޤާނޫނަށް ފަހުން ގެނެވުނު އިޞްލާޙުތަކުގެ ތެރެއިން މިހާރު ވަނީ އިތުރު ޤަވާޢިދުތަކެއް ތަޢާރަފުކޮށްފައެވެ. ދުންފަތުގެ ބާވަތްތައް ގަތުމަށް ހުއްދަކުރާ އުމުރު 18 އަހަރުން 21 އަހަރަށް ވަނީ މަތިކޮށްފައެވެ. މީގެ މަޤްޞަދަކީ ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށާ ޒުވާނުންގެ ޢަދަދު މަދުކުރުމެވެ. މީގެ އިތުރުން، ސަރުކާރުން ވަނީ ސިގިރެޓަށް ނަގާ ޓެކްސް އިތުރުކޮށް، އަގުތައް ބޮޑުކޮށްފައެވެ. މިއީ ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.
ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ވޭޕް ކުރުން އިތުރުވަމުންދާކަން ފާހަގަކުރެވުމާއެކު، ދިވެހި ސަރުކާރުން ވަނީ މިކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު، ރައީސް މުޙައްމަދު މުޢިއްޒު ވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ގެނެވުނު އިޞްލާޙެއް ތަޞްދީޤުކުރައްވާފައެވެ. މި އިޞްލާޙުގެ ދަށުން އިލެކްޓްރޯނިކް ސިގިރެޓާއި ވޭޕިންގ ވަސީލަތްތައް އެތެރެކުރުމާއި، ވިއްކުމާއި، ބެހުމާއި އަދި ބޭނުންކުރުން ވަނީ މުޅިން މަނާކޮށްފައެވެ. މި ޤާނޫނަށް 2024 ވަނަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުނެވެ.
މި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައެޅިފައިވެއެވެ. ވޭޕިންގ ވަސީލަތްތައް އެތެރެކުރާ ފަރާތްތައް 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ. އަދި މީގެ އިތުރުން ކޮންމެ އައިޓަމަކަށް އިތުރު 10,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ވޭޕިންގ ބާވަތްތައް ވިއްކުމުން 20,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވިދާނެއެވެ. އަދި ކުޑަކުދިންނަށް މި ބާވަތްތައް ދިނުމުން 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ. އަމިއްލަ ބޭނުމަށް ވޭޕިންގ ވަސީލަތްތައް ބޭނުންކުރުމުން ވެސް 5,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ.
މި ފިޔަވަޅުތަކުން ދައްކުވައިދެނީ އާންމު ދުންފަތުގެ އިސްތިޢުމާލު ކުރުމާއި އަދި އަލަށް ކުރިމަތިވަމުން އަންނަ ވޭޕް ކުރުމުގެ ސަޤާފަތް ނައްތާލައި ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަމެވެ. މި ކަންކަމަކީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމުން ގައިން ގަޔަށް ނާރާ ބަލިތައް 14 އިންސައްތަ މަދުކުރެވޭނެއެވެ. މިކަމަށްޓަކައި ހަރުކަށި ޤަވާޢިދުތަކެއް ތަންފީޒުކޮށް، އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ކުރުމުގެ ތެރެއިން، ދިވެހިރާއްޖޭގައި ދުންފަތާ ގުޅުންހުރި ޞިއްޙީ މައްސަލަތައް މަދުކޮށް، އެންމެން ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅޭ މުޖުތަމަޢުއެއް ބިނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރަމުން ގެންދެއެވެ.