Viyas
Viyas
ޚަބަރު
މީހުން
މަޢުލޫމާތު
ވިޔަފާރި
އާދަޔާޚިލާފު
މަޢުލޫމާތު
ސިތާރު - އިންޑިޔާގައި އެންމެ މަޤުބޫލު އެއް މިޔުޒިކް އާލާތް
ސިތާރު - އިންޑިޔާގައި އެންމެ މަޤުބޫލު އެއް މިޔުޒިކް އާލާތް

ސިތާރަކީ ގާތްގަނޑަކަށް މީގެ 700 އަހަރު ކުރިން އިންޑިޔާގައި އުފެއްދި ތަޢާރަފުވެގެން އައި ކްލާސިކަލް ވައްތަރެއްގެ މިޔުޒިކީ އާލާތެކެވެ. ފާރިސީ ބަހުން މިޒްރާބް ނުވަތަ މެޒްރާބް ކިޔާ ޕްލެކްޓްރަމްއެއް އިންސްޓްރޫމަންޓުގެ މައިގަނޑު ތާރުތަކުގައި ޖަހައިގެން މި އިންސްޓްރޫމަންޓް ކުޅެއެވެ. ސިތާރުގެ ދެ ބާވަތެއް ވެއެވެ. މި ދެބާވަތަކީ ސަދާ އަދި ތަރަބްދާރު ނުވަތަ ތަރަފްދާރެވެ. ފާހަގަ ކުރެވޭ ބައެއް މުނާސަބާތަކުގައާއި މުނިފޫހިފިލުވުމަށްވެސް ސިތާރު ކުޅެވެއެވެ. މިއަދު، މި އިންސްޓްރޫމަންޓް އިންޑިޔާގައި މަޤްބޫލުވުމުގެ އިތުރުން، ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް ކުޅެވޭ އެއްޗަކަށްވެ، މަޤުބޫލު ވެފައިވެއެވެ.

ސިތާރުގެ ދިގުމިނަކީ ގާތްގަނޑަކަށް 4 ފޫޓެވެ. އަދި އެކުލެވިގެންވަނީ 4 ބައެއްގެ މައްޗަށެވެ. އެއީ ދަންޑް، ތުމްބާ، ތަބްލީ އަދި ގުލު އެވެ. ދަންޑް، ނުވަތަ އިނގިލިތައް ޖައްސާ ބޯޑު، ހަދާފައި ހުންނަނީ ޝިޝަމް ވުޑް ކިޔާ ޚާއްޞަ ބާވަތެއްގެ ލަކުޑިއަކުންނެވެ. މީގެ ޢާންމު ފުޅާމިނަކީ 3.25 އިންޗިއާ 3.5 އިންޗި އާ ދެމެދުގެ މިނެކެވެ. ތުމްބާއަކީ އިންސްޓްރޫމަންޓުގެ ތިރީ ބައި އެކުލެވިގެންވާ ބައެވެ. މިއީ އަޑު ގަދަކުރާ ބައެވެ. އަދި މިބައި ހަދާފައި ހުންނަނީ ހިއްކާފައިވާ ކަދުރުގެ އޮށުންނެވެ. ފުރަތަމަ އެކަށީގެންވާ ސައިޒެއްގެ ކަދުރު އޮށް ހިއްކާފައި، ދެން މެދުން ފަޅާލައި 13.5 އިންޗިގެ ފުޅާމިނަކަށް ތަބްލީއާ ގުޅޭގޮތަށް ހަދައެވެ. ތަބްލީއަކީ ސިތާރުގެ އަޑު އުފައްދާ މައިގަނޑު ބައެވެ. ތުމްބާ އާއި ތަބްލީ ގުޅިފައި ހުންނަނީ ގުލު ކިޔާ ލަކުޑި ބްލޮކަކުންނެވެ.

ކޮންމެ ސިތާރެއްގައިވެސް މަދުވެގެން 17 ފްރެޓް ހުންނަން ޖެހެއެވެ. ނަމަވެސް މިޒަމާނުގެ ސިތާރުގައި އާންމުކޮށް ބޭނުންކުރަނީ މަދުވެގެން 3 ފްރެޓެވެ. ކޮންމެ ސިތާރެއްގައިވެސް، ހުންނަނީ މައިގަނޑު 7 ތާރެވެ. އޭގެ ތެރެއިން 5 ތާރު ބޭނުންކުރަނީ އެކި ޕިޗްތަކާއި ރެޖިސްޓަރުތަކުގެ ނޯޓުތައް އުފެއްދުމަށެވެ.

ބާކީ ހުންނަ 2 ތާރަށް ކިޔަނީ ޗިކާރީއެވެ. މި ތާރުތައް ބޭނުންކުރަނީ ރިދަމް ހިފެހެއްޓުމަށެވެ. ސިތާރުގެ ދެ ބާވަތުގެ ތެރެއިން، ސަދާގައި ހުންނަނީ ހަމައެކަނި 7 ތާރެވެ. މިއީ އަސާސީ ގޮތުން ބޭނުންވާ އަދަދެވެ. އަނެއްކޮޅުން، ތަރަބްދާރުގައި 9 އާއި 13 އާ ދެމެދުގެ އަދަދެއްގެ ސިމްޕަތެޓިކް ތާރުތައް ހުރެއެވެ.

ސިތާރު ކުޅެނީ މިޒްރާބް ކިޔާ ޕްލެކްޓްރަމްއެއް ބޭނުންކޮށްގެންނެވެ. މިއީ ބޯ ސްޓީލް ނުވަތަ ވަޔަރަކުން ހަދާފައި ހުންނަ އެއްޗެކެވެ. މިއީ ކަނާތު އިނގިލީގެ ކޮޅުގައި އަޅުވައިގެން، އިންސްޓްރޫމަންޓުގެ މައިގަނޑު ތާރުގައި ޖަހައިގެން އަޑު އުފައްދާ އެއްޗެކެވެ.

ސިތާރު ކުޅޭ މިއުޒިޝަނު ސިތާރު ހިފަހައްޓަންވާނީ ވަރަށް ބާރަށެވެ. ކަނާތު އަތުގެ އުޅަނބޮށި ތުމްބާގެ އަރިމަތީގައި ވަރަށް ހަރުކޮށް ފިއްތައިގެންނެވެ. ސިތާރުގެ ސްޓްރަކްޗަރަލް ފޯމްވެސް އެ ކުޅޭ އާޓިސްޓުގެ ސްޓައިލަށް ފެތޭގޮތަށް ބަދަލުކުރެވިދާނެއެވެ. މީގެ އިތުރުން، ސިތާރު ކުޅޭ މީހާއަށް ޓިމްބަރއަށްވެސް ބަދަލު ގެނެވިދާނެއެވެ.

ސިތާރަކީ އަބަދުވެސް އިންޑިޔާގައި އެންމެ މަޤްބޫލު އަދި އާންމު މިއުޒިކަލް އިންސްޓްރޫމަންޓުތަކުގެ ތެރެއިން އެކައްޗެވެ. މިޒަމާނުގެ ސިތާރަކީ ޤަދީމީ އިންޑިޔާގެ ތްރީ-ތަންތްރީ ވީނާގެ ތަރައްޤީކޮށް އިޞްލާޙުކޮށްފައިވާ ވައްތަރެކެވެ. 12 ވަނަ ޤަރުނުގައި ބޭނުން ކުރަމުން އައީ ސެހްތާރުއެވެ. އެއީ ސިތާރުގެ ކުރީގެ ވަރޝަނެކެވެ. އެއީ 3 ތާރުގެ އިންސްޓްރޫމަންޓެކެވެ. 17 ވަނަ ޤަރުނުގައި، އެއަށް އިތުރު 3 ތާރު އިތުރުކުރެވުނެވެ. އަދި ފަހުން، އަނެއް ތާރެއް އިތުރުކުރެވުނެވެ. މިއަދު، މި އިންސްޓްރޫމަންޓުގައި 7 ކުޅޭ ތާރާއި 11 ނުވަތަ 13 ސިމްޕަތެޓިކް ތާރު ހުރެއެވެ.

އަހަރުތަކެއް ވަންދެން، ސިތާރު ކުޅުމުގެ ފަންނު އިންޑިޔާގެ މިއުޒިޝަނުންތަކެއް ކަމުގައިވާ މަޖީދު ޚާން އަދި ގުލާމް ރެޒާ ފަދަ މީހުން ވަނީ އިތުރަށް ތަރައްޤީކޮށްފައެވެ. އެމީހުންގެ މެލޮޑީތަކުން އިންޑިޔާގައި ސިތާރަށް ވަރަށްބޮޑު ސަމާލުކަން ގެނެސްދިނެވެ. މިޒަމާނުގެ ސިތާރު ކުޅޭ މަޝްހޫރު މިއުޒިޝަނުންގެ ތެރޭގައި ރަވީ ޝަންކަރު ހިމެނެއެވެ. އޭނާއަކީ ހުޅަނގުގައި އަދި އިންޑިޔާ އުފެދިފައިވާ ސަރަޙައްދުގައި ސިތާރުގެ މާސްޓަރެއްގެ ގޮތުގައި ތަޢުރީފުކުރެވޭ މީހެކެވެ. އޭނާގެ ކެރިއަރ 70 އަހަރަށް ދެމިގެން ދިޔައެވެ. އޭނާ ވަނީ ޕޮޕް ގްރޫޕެއް ކަމުގައިވާ ދަ ބީޓްލްސްއާއެކުވެސް މިޔުޒިކް ކުޅެފައެވެ. އަދި ގްރެމީ އެވޯޑްސްގައި 3 އެވޯޑެއްވެސް އޭނާ ވަނީ ހޯދާފައެވެ. އުސްތާދު ވިލާޔަތު ޚާންވެސް ވަނީ އިންޑިޔާގެ އެންމެ ފާހަގަކޮށްލެވޭ ސިތާރު މިއުޒިޝަނުންގެ ތެރެއިން އެކެއްގެ ގޮތުގައި ބަލައިގަނެވިފައެވެ. އޭނާ ވަނީ ބައިނަލްއަޤްވާމީ ގޮތުން ޔޫރަޕް، އެމެރިކާ، ރަޝިޔާ، އިރުމަތީ އެފްރިކާ، ޗައިނާ އަދި އީރާނުގައި މިޔުޒިކް ހުށަހަޅައިދީފައެވެ.

އިންޑިޔާގެ އިތުރުން ސިންގަޕޫރުގައި، ސިތާރު ކުޅުމުގެ ފަންނު ގިނަ މިއުޒިކީ ޢާއިލާތަކާއި ޖަމްޢިއްޔާތަކުން ވަނީ ދިރުވާފައެވެ. މިގޮތުން، ސިންގަޕޫރު މަލަޔާލީ ހިންދޫ ސަމާޖަމް އަދި އިންޑިޔާގެ 40 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް އުފެއްދި ކޮމިޓީން 1988 ގައި ސިތާރު ރިސައިޓަލް އިވެންޓެއް އިންތިޒާމުކުރިއެވެ. މީގެ މަޤްޞަދަކީ ސިންގަޕޫރުގައި ސިތާރާއި އުތުރު އިންޑިޔާގެ މިއުޒިކް ކުރިއެރުވުމެވެ. އަހަރުތަކެއް ވަންދެން، ސިތާރު ގުރޫތައް އިންޑިޔާއިން އައިސް ކިޔަވައިދީ އަދި މިޔުޒިކް ހުށަހަޅައި، ގިނަ ލޯކަލް އިންޑިއަން މިއުޒިޝަނުންނާއެކު މެންޓަރުންގެ ގޮތުގައި މަސައްކަތްކޮށްފައިވެއެވެ. މިއަދު ސިތާރުގެ ފިލާވަޅުތައް ސިންގަޕޫރު އިންޑިއަން ފައިން އާޓްސް ސޮސައިޓީ އަދި އިންޑިއަން ކްލާސިކަލް މިއުޒިކް ސެންޓަރުގައި ލިބެން ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

މިލިޔުމާ ގުޅުންހުރި