Viyas
Viyas
ޚަބަރު
މީހުން
މަޢުލޫމާތު
ވިޔަފާރި
އާދަޔާޚިލާފު
މަޢުލޫމާތު
އޮފީހުގައި މާގިނައިރު މަސައްކަތް ކުރުމަކީ ޞިއްޙަތަށް ރައްކާތެރި ކަމެއްނޫން
އޮފީހުގައި މާގިނައިރު މަސައްކަތް ކުރުމަކީ ޞިއްޙަތަށް ރައްކާތެރި ކަމެއްނޫން

ސްޓްރެސް އިތުރުވުން. ކަންބޮޑުވުން. ބުރަކަށީގެ ތިރީ ބަދައިގައި ރިހުން. ލޭގެ ޕްރެޝަރު މަތިވުން. މިއީ އޮފީހުގައި ގިނަ ވަގުތު މަސައްކަތް ކުރަމުން އަންނަ މީހެއްނަމަ، މާގިނަ މަސައްކަތް ކުރުމުގެ ސަބަބުން ތިބާގެ ސިއްހަތަށް ކުރާނެ ބައެއް އަސަރުތަކެވެ. މިކަންކަން ފަހަރެއްގައި ތިބާއަށް ފާހަގަވެފައިވެސް ހުރެދާނެއެވެ.

ރަސްމީ މަސައްކަތު ދުވަހުގެ ޢަދަދު މަދުކުރުމުގެ ވާހަކަ ބައެއް ޤައުމުތަގައި މީހުން ދައްކައެވެ. ނަމަވެސް އެފަދަ ބައެއް ގަމުތަކުގައިވެސް ކަންތައް ވެފައިވަނީ އެއާ ދިމާ އިދިކޮޅަށެވެ. ވަޒީފާދޭ ފަރާތްތަކަށް ހަފްތާއަކު 6 ދުވަހު މަސައްކަތް ކުރުމަށް މަޖުބޫރު ކުރުމުގެ ފުރުސަތު ދިނުމަށް ގްރީސްގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ޤާނޫނެއް ފާސްކޮށްފައެވެ. އަދި ސެމްސަންގުން އެ ކުންފުނީގެ އެގްޒެކެޓިވުންނަށް ހަފްތާއަކު 6 ދުވަހު މަސައްކަތް ކުރުމަށް މަޖުބޫރު ކުރެއެވެ. މިކަމުން އުފެދޭ ސުވާލަކީ ގިނަ ވަގުތު މަސައްކަތް ކުރުމުން ހަށިގަނޑަށް ކުރާނެ އަސަރަކީ ކޮބައިތޯއެވެ.

2021 ވަނަ އަހަރު، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އާއި އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) އިން ނެރުނު ރިޕޯޓެއްގައި ވަނީ މާގިނައިން މަސައްކަތް ކުރުމުގެ ސަބަބުން ސިއްހަތަށް ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުވައިލާފައެވެ. މި ރިޕޯޓުން ދައްކާގޮތުގައި ހަފްތާއަކު 55 ގަޑިއިރަށްވުރެ ގިނަ ވަގުތު މަސައްކަތް ކުރުމުގެ ސަބަބުން 2016 ވަނަ އަހަރު ސްޓްރޯކް އާއި ހިތުގެ ބަލިތަކުން 745،000 މީހުން މަރުވެފައިވެއެވެ. މިއީ 2000 ވަނަ އަހަރާ އަޅާބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.

ފްރާންސްގެ އެންޖާސް-އިންސަރމް ހޮސްޕިޓަލް އެންޑް ޔުނިވަރސިޓީގެ ދިރާސާވެރިއެއް ކަމަށްވާ އެލެކްސިސް ޑެސްކަތާ ބުނެފައިވާ ގޮތުގައި، "މާގިނައިން މަސައްކަތް ކުރުމަކީ ދުނިޔޭގައި އެންމެ ގިނައިން ފެތުރިފައިވާ ވަޒީފާއާ ގުޅުންހުރި ބައްޔެއްކަން ދައްކުވައިދޭ ފުދޭވަރަކަށް ގިނަ މަޢުލޫމާތު ލިބިފައިވެއެވެ". ދިރާސާތަކުން ދައްކާގޮތުގައި ހަފްތާއަކު 40 ގަޑިއިރު މަސައްކަތް ކުރުން، އެއީ މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ހަމަހަމަކަން ހިފެހެއްޓުމަށް ކަނޑައަޅާފައިވާ މިންގަނޑެއް ކަމުގައި ވީނަމަވެސް، އެއީ އަހަރެމެންގެ ސިއްހަތަށް އެހާ ރަނގަޅު ގޮތެއް ނޫނެވެ.

މާގިނައިން މަސައްކަތް ކުރުމުގެ ސަބަބުން ސިއްހަތަށް ކުރާ އަސަރުތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ކުރިމަތިވެދާނެއެވެ. ގިނަ ވަގުތު މަސައްކަތް ކުރުމާ ގުޅިފައިވާ ސްޓްރެސްގެ ސަބަބުން ތިބާގެ ސިއްހަތަށް ސީދާ އަސަރު ކޮށްފާނެއެވެ. އެއީ ތިބާގެ ހަށިގަނޑު އަބަދުވެސް ބިރުވެރިކަމުގެ ހާލަތެއްގައި ބެހެއްޓުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ކޯޓިސޯލްގެ މިންވަރު އިތުރުވެ، ލޭގައި ހުންނަ ހަކުރުގެ މިންވަރަށް އަސަރުކޮށް، ދިފާޢީ ނިޒާމަށް ބަދަލު އަންނާނެއެވެ.

މި ސްޓްރެސް ދިގުލައި ދާނަމަ، އޭގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވުމާއި، ބޮލުގައި ރިހުމާއި، ކަންބޮޑުވުމާއި، ހަޖަމުކުރުމުގެ މައްސަލަތަކާއި، ހިތުގެ ބަލިތަކާއި، ހާޓް އެޓޭކާއި، ސްޓްރޯކް ނުވަތަ ނިދުމުގެ މައްސަލަތައް ފަދަ ގިނަ ސިއްހީ މައްސަލަތަކަށް މަގުފަހިވެދާނެއެވެ.

ގިނަ ވަގުތު މަސައްކަތް ކުރުމުގެ ސަބަބުން ނުސީދާ ގޮތުން ވެސް ހަށިގަނޑަށް އަސަރު ކޮށްފާނެއެވެ. އެއީ ސިއްހަތަށް ފައިދާހުރި ކަންކަން ކުރުމަށް ބޭނުންކުރެވޭނެ ވަގުތު މަދުވުމުގެ ސަބަބުންނެވެ. "ތިބާ މާގިނައިން މަސައްކަތް ކުރާނަމަ، ރަނގަޅަށް ނިދުމަށާއި، ރަނގަޅަށް ކެއުމަށާއި، ކުޅިވަރު ކުޅުމަށް ވަގުތެއް ނުލިބޭނެ،" ޑެސްކަތާ ބުނެފައިވެއެވެ. ހިނގާލުމަށް ނުވަތަ އާއިލާއާއެކު ވަގުތު ހޭދަކުރުން ފަދަ ހުސްވަގުތުގައި ކުރާ ކަންކަމުގެ ބަދަލުގައި އިތުރު މަސައްކަތް ކުރުމުގެ ސަބަބުން، މިކަމުގެ ނޭދެވޭ އަސަރުތައް އިތުރަށް ބޮޑުވެގެން ދާނެއެވެ.

ޑަބްލިޔު.އެޗް.އޯ އާއި އައި.އެލް.އޯ އިން ނެރުނު ރިޕޯޓުގައިވާ ގޮތުން، މާގިނައިން މަސައްކަތް ކުރުމާ ގުޅިގެން މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ 60 އަހަރުން މަތީގެ މީހުންނެވެ. މި މީހުން ޅަ އުމުރުގައި ހަފްތާއަކު 55 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިން މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ހަފްތާއަކު 55 ގަޑިއިރަށްވުރެ ގިނައިން މަސައްކަތް ކުރާ މީހުންގެ ކިބައިން އެންމެ ބޮޑަށް މި އަސަރުތައް ފެންނަ ކަމުގައި ވީނަމަވެސް، ހަފްތާއަކު 40 ގަޑިއިރަށްވުރެ ގިނައިން މަސައްކަތް ކުރާ މީހުންގެ ކިބައިންވެސް މި އަސަރުތައް ފެނެއެވެ.

"ސިއްހީ ނަޒަރަކުން ބަލާއިރު، 40 ގަޑިއިރުގެ މަސައްކަތު ހަފްތާ ވެސް އެހާ ރަނގަޅެއް ނޫން،" ސެމްބަޖްވެ ބުނެފައިވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި މަސައްކަތު ހަފްތާ ކުރުކުރުމުގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ނިދުން ރަނގަޅުވެ، ސްޓްރެސް މަދުވެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ބައެއް ޤައުމުތަކުން ވަނީ ކުރު މަސައްކަތު ހަފްތާތަކާއި ދިގު ޗުއްޓީތަކަށް ހިއްވަރުދޭން ފަށާފައެވެ. މީގެ ތެރޭގައި އައިސްލެންޑް ހިމެނެއެވެ. އައިސްލެންޑްގައި މަސައްކަތްތެރިންގެ 86 އިންސައްތަ މީހުން މަސައްކަތް ކުރަނީ ހަފްތާއަކު 4 ދުވަހުއެވެ. އަދި ޑެންމާކުގައި ރަސްމީ މަސައްކަތު ހަފްތާއަކީ 37 ގަޑިއިރެވެ. އަދި މުވައްޒަފުންނަށް އަހަރަކު 5 ހަފްތާގެ ޗުއްޓީއެއް ލާޒިމު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

މިލިޔުމާ ގުޅުންހުރި