Viyas
Viyas
ޚަބަރު
މީހުން
މަޢުލޫމާތު
ވިޔަފާރި
އާދަޔާޚިލާފު
މަޢުލޫމާތު
ދިވެހި ބަހާއި ޘަޤާފަތް ދިރުވައި އާލާ ކުރުމުގެ މުހިންމުކަން
ދިވެހި ބަހާއި ޘަޤާފަތް ދިރުވައި އާލާ ކުރުމުގެ މުހިންމުކަން

ދިވެހިރާއްޖެއަކީ މުރަކަ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ވަކިވަކި ރަށްތަކެއް ހިމެނޭ ޤައުމެކެވެ. މިއީ ހަމައެކަނި ހިތްގައިމު މޫސުމެއް އެކަނި ލިބިފައިވާ ތަނެއް ނޫނެވެ. މިއީ އެތައް ޤަރުނެއްވީ އާދަކާދަތަކާއި ވަކި ޚާއްޞަ ބަހެއް އޮތް، ސަގާފީ ގޮތުން މުއްސަނދި ޤައުމެކެވެ. އަތްތެރި މަސައްކަތާއި، އެނޫންވެސް އުފެއްދުންތެރިކަމާއި ފަންނުވެރިކަން ފެންނާނެ އެތައް އެތައް ކަމެއް އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުން އައިސްފައިވާ ތާރީޚީ ގޮތުންވެސް މުއްސަނދި ޤައުމެކެވެ. ތުންތުން މަތިން އައިސްފައިވާ ވާހަކަތައް ނުވަތަ ފޯކް ލޯރތަކާއި، ދިވެހި ތަރިކައަކީ ރަށްވެހި ދިރިއުޅުމުގައި ވަރަށް ފުންކޮށް ބިންގާ އެޅިފައިވާ ކަންކަމެވެ. ނަމަވެސް، މިއަދުގެ ތަރައްޤީވެ ކުރިއަރަމުން އަންނަ ދުނިޔޭގައި، ޒުވާން ޖީލު މި ތާރީޚީ މުހިންމު ކަމާއި އެވޭލާނ ވާހަކަތަކާއި ހަނދާންތަކާއި ތަރިކަތަކާ އެއްދުވަހަށްވުރެ އަނެއް ދުވަހު ދުރުވަމުން ދާކަން ފާހަގަ ކުރެވެއެވެ. ޢިލްމުވެރިކަން ފެތުރެމުން އަންނަ ވަރަކަށް ދިވެހި ބަސް ދުނިޔޭގެ އެހެން ބަސްތަކުގެ ތެރޭގައި ޝާމިލްވެ ބަހަށް ބީރަށްޓެހި ވަމުންދާ ޖީލެއް މިދަނީ ފާހަގަވަމުންނެވެ. މި އިލްމާއި ބަސް ރައްކާތެރިކޮށް ލިޔެ ރެކޯޑުކުރުމަކީ ހަމައެކަނި ސަގާފީ ވާޖިބެއް ނޫނެވެ. އެއީ ދިވެހި ދަރިންގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި މި ތަރައްޤީ ޒަމާނުގައި އެއީ ޤައުމީ އިސްކަމެއް ދޭންޖެހޭ ކަމަކަށް ވާންޖެހެއެވެ.

ދިވެހި އާދަކާދަތަކަކީ ހަމައެކަނި އާދަތަކެއް ނޫނެވެ. އެއީ ޤައުމުގެ ރޫޙެވެ. ރޯނު ވެށުމާއި، ބޮޑުބެރު ޖެހުމާއި، އޮޑިދޯނިފަހަރު ބަނުމާއި، ދިވެހި ބޭސްވެރިކަން ފަދަ ސަގާފީ އާދަތަކުގައި އަޅުގަނޑުމެންގެ ކާބަފައިންގެ ޙިކުމަތާއި، އުފެއްދުންތެރިކަމާއި، އަގުހުރި ސިފަތައް އެކުލެވިގެންވެއެވެ. މި އާދަތަކުން އަޅުގަނޑުމެންނަށް ދަސްވަނީ ގުދުރަތާ އެކު ތަނަވަސްކަމާއެކު ދިރިއުޅޭށާއި، ބޮޑެތި މީހުންނަށް އިޙްތިރާމްކުރާށާއި، އަދި އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ އަގު ވަޒަން ކުރާށެވެ. އެއީ ދިރިހުރި ތާރީޚެކެވެ. އަޅުގަނޑުމެންގެ މީހުން ދިރިއުޅުނު ގޮތާއި، އުފާފާޅުކުރި ގޮތާއި، މިއަދުގެ މުޖުތަމަޢުގެ ބިންގާ އެޅި ގޮތް ހާމަކޮށްދެއެވެ.

މި އާދަކާދަތަކުގެ ހިތުގައި އޮތީ ދިވެހި ބަހެވެ. ދިވެހި ބަހަކީ ހަމައެކަނި މުޢާމަލާތްކުރުމުގެ ވަސީލަތެއް ނޫނެވެ. އެއީ ސަގާފީ ޝުޢޫރު ފާޅުކުރުމުގެ ޚަޒާނާއެކެވެ. އޭގައި އެކުލެވިގެންވަނީ ވަކި ޚާއްޞަ ބަސްމަގުތަކާއި، ދުވަސްވީ ވާހަކަތަކާއި، ޅެންތަކާއި، ލަވަތަކާއި، ރަށްފުށުގެ ސާދާ ކަމާއި ޙިކުމަތްތެރިކަމެވެ. ދިވެހި ބަސް ގެއްލުމަކީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމުގެ ރާގާއި، އަޑު ގެއްލުމެވެ. ބަހެއް ނެތި، ސަގާފަތް ފުރިހަމައަށް ދެނެގަނެވުމާއި ރައްކާތެރިކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ހިތާމައަކީ، ޒުވާނުންނާއި އެމީހުންގެ ސަގާފަތާ ދެމެދު އޮތް ގުޅުން ދުވަހެއް ދުވަހަކަށް ބަލިކަށިވަމުން ދާކަމެވެ. ހުޅަނގުގެ މީޑިއާގެ ނުފޫޒާއި، ދުނިޔޭގެ ޕޮޕް ކަލްޗަރާއި، އިނގިރޭސި ބަހުގެ މައްޗަށް ބިނާކޮށްފައިވާ ތަޢުލީމީ ނިޒާމުތަކުގެ ބާރު ދުވަހެއް ދުވަހަކަށް ދަނީ ވަރުގަދަވަމުންނެވެ. ގިނަ ޢާއިލާތަކުން މިހާރު އާދައިގެ ހުނަރުތައް އަމަލީ ގޮތުން ކުރުމާއި ވާރުތަކޮށްދިނުން ހުއްޓާލައިފިއެވެ. އަދި ދިވެހި ބަހާމެދު ދެކެވެނީ، ބޭރުގެ ބަސްތަކަށްވުރެ މަދުން ބޭނުންހިފޭ ނުވަތަ އެހާ "ކޫލް" ނޫން އެއްޗެއްގެ ގޮތުގައެވެ. މީގެ އިތުރުން، އަތްތެރި މަސައްކަތްތަކާއި ވާހަކަ ކިޔައިދިނުމުގެ ސީދާ ތަޖުރިބާވެސް ވާނުންނަށް ލިބެނޭ ވަރަށް މަދުންނެވެ. މިކަމުގެ ސަބަބުން ސަގާފީ އިލްމުގައި ޖީލުތަކުގެ ދެމެދުގައި ބޮޑު ފަރަޤެއް ވަނީ އުފެދިފައެވެ.

މި ޙާލަތު މިގޮތަށް ދެމިގެން ދާނަމަ، ނަތީޖާ ނިކުމެދާނެ ގޮތް ވަރަށް ނުރައްކާތެރިއެވެ. ދިވެހިރާއްޖެއަށް ދިމާވެދާނެ ނުރައްކަލަކީ ސަގާފީ ގޮތުން އެއްވައްތަރުވެ، ދުނިޔޭގެ އެހެން ޖަޒީރާ ޤައުމުތަކާ ތަފާތުކުރަން ނޭނގޭ ހިސާބަށް ދިއުމެވެ. އަގުނުކުރެވޭ ހުނަރުތަކާއި، އަނގަބަހުން ކިޔައިދޭ ތާރީޚުތަކާއި، ޢާންމު ޙިިކުމަތްތައް އަބަދަށް ގެއްލިދާނެއެވެ. އެއާއެކު ގެއްލިގެންދާނީ ޤައުމީ ފަޚުރުވެރިކަމާއި އަމިއްލަ ވަންތަކަން ފަހުމުވުމުގެ އިޙްސާސެވެ. މުސްތަޤުބަލުގެ ޖީލުތައް އެމީހުންގެ ތަރިކައާ ބެހޭ މަޢުލޫމާތު ނޭނގި، އެމީހުންގެ އަސްލާ ގުޅުން ކެނޑިފައިވާ ޙާލުގައި ބޮޑުވެދާނެއެވެ.

މިކަމަށް އޮތް އެއް ޙައްލަކީ ލިޔެ ރެކޯޑުކުރުމެވެ. އަނގަބަހުން ކިޔައިދޭ އާދަކާދަތަކަކީ ނާޒުކު އެއްޗެކެވެ. އަދި އެއް ޖީލެއްގެ ތެރޭގައި އެކަނި ގެއްލިގެން ހިނގައިދާނެ އެއްޗެކެވެ. ވާހަކަތަކާއި، ހުނަރުތަކާއި، ލަވަތައް ލިޔުމުންނާއި، ވީޑިއޯއިންނާއި، އޯޑިއޯއިން ރެކޯޑުކުރުމުން، އަޅުގަނޑުމެންނަށް އެތަކެތި އެހެން ޖީލުތަކާ ހަމައަށް ދެމެހެއްޓޭނެކަން ޔަގީންކުރެވިދާނެއެވެ. މަދަރުސާތަކާއި، ކުތުބުޚާނާ ތަކާއި، ދާރުލްއާޘާރުތަކާއި، ސުމޭކު މަންސަތަކަކީ، އަޅުގަނޑުމެންގެ ސަގާފީ ހަނދާންތައް އަރުޝީފުކުރެވޭ ތަންތަނުގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. ޒުވާނުން ބާރުވެރި ކުރުވައި، ބޮޑެތި މީހުންނާ އިންޓަވިއުކޮށް، އެމީހުންގެ ކިބައިން ޢިލްމާއި ތަޖުރިބާ ހޯދައި، އެ ކަންކަން ދުނިޔެއާ ޙިއްޞާކުރުމަށް ހިތްވަރުދޭންޖެހެއެވެ. އެކަމަށްޓަކައި ޒުވާނުން އެންމެ ޝައުޤުވެރިވާ މަންސަތައް ބޭނުން ކުރުމަކީ ކުރެވިދާނެ އެއް ކަމެކެވެ.

ސަގާފަތް އަލުން ދިރުވުމުގެ މާނައަކީ އެކަން ފަސޭހައިން ލިބެން ހުރުމާއި މަޤްބޫލުވުމެވެ. ސްކޫލުތަކުން ދަރިވަރުންގެ ފިލާވަޅުތަކުގައި އާދައިގެ އަތްތެރި މަސައްކަތްތަކާއި ދިވެހި އަދަބިއްޔާތު ހިމެނުން މުހިންމެވެ. މިއުޒިކް ވީޑިއޯތަކާއި، ފިލްމުތަކާއި، ބްލޮގުތަކާއި، އެޕްތަކާއި، ކުޅިވަރުތައް ފަދަ އުފެއްދުންތެރި މަންސަތަކުން އާދަކާދަތައް ޒަމާނީ ގޮތެއްގައި ދައްކައި ޢާންމު ކުރެވިދާނެއެވެ. މުޖުތަމަޢުގެ ހަރަކާތްތަކުން ޖީލުތަކުގެ ދެމެދުގައި ފާލަމެއް އެޅި، ސަގާފީ ތަރިކައާމެދު ފަޚުރުވެރިކަން އުފެއްދިދާނެއެވެ.

ދިވެހި އަމިއްލަވަންތަކަން، ދިވެހީންގެ އާދަކާދަތަކާއި ބަހުގެ ތެރެއިން ރައްކާތެރިކުރުމަކީ ވަރަށް އަވަހަށް އަދި ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. މި މަސައްކަތަކީ އަޅުގަނޑުމެން އެންމެންގެ މަސައްކަތެކެވެ. ޢާއިލާތަކާއި، މުދައްރިސުންނާއި، ކުރެހުންތެރިންނާއި، ފަންނާނުންނާއި، މީޑިއާއާއި، ސަރުކާރުގެ މަސައްކަތެކެވެ. އަޅުގަނޑުމެން އެކުގައި މަސައްކަތްކޮށްފިނަމަ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ތަރިކަ ރައްކާތެރިކުރެވިދާނެއެވެ. އަޅުގަނޑުމެންގެ މާޒީ ހަނދާންކުރުމުން، އަޅުގަނޑުމެންގެ މުސްތަޤްބަލު ރައްކާތެރިކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

މިލިޔުމާ ގުޅުންހުރި