މޫދު ވިނައަކީ ތަފާތު ގޮތްގޮތަށް ބޭނުންކުރެވޭ ވަސީލަތެކެވެ. އަދި މިއީ ތަފާތު ސިނާއަތްތަކުގައި ވިޔަފާރީގެ ގޮތުން ބޭނުންކުރެވިދާނެ އެއްޗެއްކަން ޤަބޫލްކުރެވޭ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ކާބޯތަކެއްޗާއި، ބޭސްވެރިކަމުގައާއި، ގަސްކާނާއާއި، ތިމާވެށްޓާ ރައްޓެހި މާއްދާތައް އުފެއްދުމަށް މޫދު ވިނައިން ދެމެހެއްޓެނިވި ހައްލުތަކެއް ހޯދިދާނެއެވެ. އަދި މިކަންކަމަކީ ދުނިޔޭގެ ތިމާވެށީގެ އަދި އިގްތިތިޞާދީ ލަނޑުދަނޑިތަކާ އެއްގޮތްވާ ކަންކަމެވެ.
މޫދުވިނައިގެ ބާޒާރަކީ ދުނިޔޭގައި ވަރަށްބޮޑަށް ކުރިއަރަމުން އަންނަ ބާޒާރެކެވެ. 2023 ވަނަ އަހަރު މި ބާޒާރުގެ އަގު ގާތްގަނޑަކަށް 17.14 ބިލިއަން އެމެރިކާ ޑޮލަރުގައި ހުރިއިރު، 2032 ވަނަ އަހަރާ ހަމައަށް އައިއިރު މި އަދަދު 34.56 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ. މިއީ އަހަރަކު 8.20 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުން އަންނަނީ ކާބޯތަކެތީގެ ސިނާއަތާއި، ބޭސްފަރުވާއަށް ބޭނުންކުރާ ތަކެއްޗާއި، ބަޔޯފިއުލް އުފެއްދުމާއި، ތިމާވެށްޓާ ރައްޓެހި މާއްދާތަކަށް އޮތް ޑިމާންޑު އިތުރުވަމުން ދިއުމުގެ ސަބަބުންނެވެ. މި ބާޒާރުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އޭޝިއާ ޕެސިފިކް ސަރަޙައްދެވެ. 2023 ވަނަ އަހަރު ދުނިޔޭގައި ބޭނުންކުރި މޫދު ވިނައިގެ 77 އިންސައްތަ އަކީ އޭޝިޔާ ޕެސިފިކް ސަރަޙައްދުން ނެގުނު އެއްޗެއްސެވެ.
މޫދު ވިނައިގެ ވިޔަފާރިގޭ ބޭނުންތައް ވަރަށް ގިނައެވެ. އެގޮތުން މޫދު ވިނަ ސީދާ ކެއުމަށް ބޭނުންކުރެވެއެވެ. އަދި ކެރެޖީނަން އަދި އެލްޖިނޭޓް ފަދަ ހައިޑްރޯކޮލޮއިޑްސްގެ ގޮތުގައިވެސް ބޭނުންކުރެވެއެވެ. މޫދު ވިނައިން އުފައްދާ ގަސްކާނާއިން ފަސްގަނޑުގެ ދުޅަހެޔޮކަން އިތުރުވެ އޭގެ ސަބަބުން ގަސްތަކުގެ އުފެއްދުންތެރިކަން އިތުރުވެއެވެ. ދިވެހިރާއްޖޭގައި ބ.ފުޅަދޫގައި ކުރެވުނު މޫދު ވިނައިން ގަސްކާނާ އުފެއްދުމުގެ ތަޖުރިބާއަކީ އާދަކާދައިގެ މަޢުލޫމާތާއި އާ އީޖާދުތައް އެއްކޮށްގެން ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އާދަތައް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތެކެވެ. ޢީޖާދުކުރާ ފަރާތްތަކުން ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކްގެ ބަދަލުގައި މޫދުވިނައިން އުފައްދާ ތަކެތި ތަރައްޤީކުރަމުންދެއެވެ. މިއީ ޕްލާސްޓިކް ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މީގެއިތުރުން މޫދު ވިނައިން ލިބޭ ބައެއް މާއްދާތައް ހަމުގެ ފަރުވާއަށް ބޭނުންކުރާ ތަކެތީގައި ބޭނުންކުރެވެއެވެ. އަދި މީގައި އެކުލެވޭ ބަޔޯއެކްޓިވް މާއްދާތަކުގެ ސަބަބުން ބޭހުގެ ގޮތުގައިވެސް މޫދުވިނައިގެ ބާވަތްތައް ބޭނުންކުރެވެއެވެ.
ދިވެހިރާއްޖޭގައި ކަނޑާއި މޫދުގެ ސަރަޙައްދު ވަރަށް ބޮޑެވެ. މޫދުވިނަ އާލާވުމަށް އެކަށީގެންވާ މާޙައުލުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން މޫދު ވިނަ އާލާކުރުމަށް ވަރަށް ބޮޑެތި ފުރުޞަތުތަކެއް ރާއްޖޭގައި އެބަހުއްޓެވެ. ކުރީގެ ޕައިލެޓް ޕްރޮޖެކްޓްތަކުން، ރާއްޖޭގައިވެސް މޫދުވިނަ އާލާކޮށް ބޭނުން ކުރެވިދާނެކަން ވަނީ ތަޖުރިބާ ކުރެވިފައެވެ. މި ތަޖުރިބާއިން 10،000 ކިލޯގްރާމަށްވުރެ ގިނަ ދުޅަހެޔޮ މޫދު ވިނަ އުފެއްދުނެވެ.
މޫދު ވިނަ އާލާކުރުމުން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ތިމާވެށްޓަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެއެވެ.
އެގޮތުން އިޤްތިޞާދު ސިންދަފާތު ކުރުމަށް ފަނގަޅު ފުރުޞަޠެއް ލިބޭނެއެވެ. މޫދު ވިނައިގެ ސިނާއަތެއް ތަރައްޤީކުރުމުން އާމްދަނީ ލިބޭނެ އައު ގޮތްތަކާއި ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެއެވެ. ޚާއްޞަކޮށް ރަށްފުށުގައި ދިރިއުޅޭ މުޖުތަމަޢުތަކަށް މީގެ ފައިދާ ވަރަށްބޮޑަށް ކުރާނެއެވެ.
މޫދު ވިނަ އާލާކުރުމުން ކަނޑުގެ ދިރުންތަކަށް މާޙައުލެއް އުފެދި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި އޯޝަން އެސިޑިފިކޭޝަންގެ މައްސަލަ ކުޑަކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ. ކެއުމުގެ ތެރޭގައި މޫދުވިނައިގެ ބާވަތްތައް ހިމެނުމުން ކާނާގެ ފެންވަރު ރަނގަޅުވެ، ރާއްޖެއިން ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެއެވެ.
މޫދު ވިނައަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ފުރުޞަތު ބޮޑު ދާއިރާއެކެވެ. މޫދު ވިނަ އާލާކުރުމާއި ޕްރޮސެސްކުރުމަށް ވުނަކޮށްގެން، ދުނިޔޭގެ ބާޒާރުގައި އިތުރުވަމުންދާ ޑިމާންޑަށް އަމާޒުކޮށް، އިޤްތިޞާދު ސިންދަފާތުކޮށް ތިމާވެށި ރައްކާތެރިކުރުމަށް މަގުފަހިކުރެވިދާނެއެވެ. މިި ފުރުޞަތުތައް ހާސިލުކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކާއި، ރަށްރަށުގެ މުޖުތަމަޢުތަކާއި، ބައިނަލްއަޤްވާމީ ބައިވެރިންގެ މެދުގައި އެއްބާރުލުން އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.
ރާއްޖޭގައި މޫދުވިނަ އުފައްދައިގެން އެކްސްޕޯޓް ކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ. ބ.ފެހެންދޫގައި “ފްލޯޓިން އޭކަރސް” ކުންފުނިން ފަށާފައިވާ މޫދުވިނަ އެކްސްޕޯޓްކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު އިތުރު ހަރުފަތަކަށް މައްޗަށް ޖައްސާލެވޭނެ ކަމެކެވެ. މިކަމުގެ ސަބަބުން ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގެ ސިޔާސަތުގެ ދަށުން ވަޒީފާ އިތުރުވެ، އެކްސްޕޯޓް އާމްދަނީ އިތުރުވާނެއެވެ. މިއީ ކަނޑުގެމުއްސަނދިކަމުން ބިނާކުރެވޭ އައު ދެމެހެއްޓެނެވި އިޤްތިޞާދެއްގެ ފެށުމެވެ. އެފްއޭއޯއިން 1996 ވަނަ އަހަރު ހެދި ދިރާސާއިން ޔަގީންވި ގޮތުގައި ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދު ވިނަ ހެއްދިދާނެ އެވެ. އެކަން ޔަޤީންވިތާ 30 އަހަރުފަހުން މިހާރުމިވަނީ މޫދުވިނަ ރާއްޖޭގައި ހައްދައި އެކްސްޕޯޓް ކުރަން ފެށިފައެވެ. މޫދު ވިނަ ޓަނެއް ދުނިޔޭގައި އުޅެނީ 3،000 ޑޮލަރަށެވެ. މިއީ ރާއްޖޭން އެކްސްޕޯޓް ކުރާ ކަނޑު މަހަށްވުރެ އަގު ބޮޑު އެއްޗެކެވެ. އެހެންކަމުން މިއީ ދިވެހި އިޤްތިޞާދު ސިންދަފާތުކޮށް މާލީ ފައިދާ އިތުރު ކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...