މަޢުލޫމާތު ދުނިޔޭގެ އެންމެ ރީތި ދޫނިތަކުގެ ތެރޭގައި ހިމެނޭ ބްލޫ އެންޑް ގޯލްޑް މަކާއު
މަޢުލޫމާތު

ދުނިޔޭގެ އެންމެ ރީތި ދޫނިތަކުގެ ތެރޭގައި ހިމެނޭ ބްލޫ އެންޑް ގޯލްޑް މަކާއު

blue and gold Macaw.jpg

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ސައިންޓިފިކް ގޮތުން “އާރާ އަރަރައުނާ” ގެ ނަން ދެވިފައިވާ، މަޝްހޫރު ބްލޫ އެންޑް ގޯލްޑަން މަކާއު އަކީ ދުނިޔޭގައި އެންމެ ފާހަގަކުރެވޭ އަދި ރީތި ދޫނިތަކުގެ ތެރެއިން އެއް ދޫންޏެވެ. އޭގެ އުޖާލަ ރަން-ރީނދޫ ކުލައިގެ މޭމަތި އަދި އާދަޔާ ޚިލާފު ރީތިކަމެއްވާ ނޫކުލައިގެ ފިޔަތަކާއެކު، މި ދޫނި ވަނީ މީގެ ސަތޭކަ އަހަރުތަކެއް ކުރީއްސުރެ ދޫނިދެކެ ލޯބިވާ މީހުންނާއި ދިރާސާކުރާ މީހުންގެ ސަމާލުކަން ހޯދާފައެވެ. މިދޫނި ދިރިއުޅޭ ޤުދުރަތީ މާޙައުލަކީ، ދެކުނު އެމެރިކާގެ ރެއިން ފޮރެސްޓްތަކެވެ. ޚާއްޞަކޮށް ބްރެޒިލް، ވެނެޒުއެލާ، އަދި ބޮލީވިޔާ އާއި ޕެރަގުއޭގެ ބައެއް ސަރަހައްދުތަކެވެ. ބްލޫ އެންޑް ގޯލްޑަން މަކާއު ދިރިއުޅެނީ ހޫނުގަދަ ނަމަވެސް ވައިގެ ތެތްކަން ހުންނަ ސަރަހައްދުތަކުގައެވެ. ޤުދުރަތީ މާޙައުލަތުން ޢާންމުކޮށް އެދޫނިތައް ފެންނަނީ ފެންގަނޑުތައް އޮންނަ ސަރަޙައްތުތަކުންނާއި، ގަސްތައް ހެދިފައިވާ ސަރަހައްދުތަކުންނާއި ރެއިން ފޮރެސްޓްތަކުންނެވެ. އަދި ގިނައިން ކާނާއާއި ފެން ލިބެންހުންނަ ތަންތަނާއި ކޯރުތަކުގެ އައްސޭރީގައިވެސް މިދޫނިތައް ވަޒަންވެރި ވެގެން އުޅެއެވެ.

ޤުދުރަތީ މާޙައުލުގައި އުޅޭއިރުވެސް ބްލޫ އެންޑް ގޯލްޑަން މަކާއުގެ މެދުގައި އެސޮރުމެންގެ ދަރިން ބެލެހެއްޓުމަކީ އަންހެން ދޫންޏާ އެއްވަރަށް ފިރިހެން ދޫނީގެވެސް ޒިންމާއެއްގެ ގޮތުގައި އެއްބާރުލުން ދޭ އަދި ސަމާލުކަން ދޭ ކަމެކެވެ. މިދޫނީގެ ޖޯޑު ހަމަވުމަށްފަހު ދެދޫނިވެސް އެސޮރުމެންގެ މުޅި ޢުމުރަށް އެކުގައި ދިރިއުޅެއެވެ. އަންހެން ދޫނި  ބިސްއަޅާ ފަހަރަކު ޢާންމުކޮށް ދެތިންބިސް އަޅައެވެ. އޭނާ ބިސްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ދެދޫނިވެސް އަބަދުވެސް ހާލި ކައިރީގައި އުޅެއެވެ. ބިސްއަޅައިގެން އުޅޭ ދުވަސްވަރު ކާނާ ހޯދަން ޢާންމުކޮށް ދާނީ ފިރިހެން ދޫންޏެވެ. ޅަ ދޫނިތައް އުފަންވުމާއެކު، ވަކި ވަރަކަށް ބޮޑުވަންދެން މުޅިން ބަރޯސާވަނީ މައިންބަފައިންގެ މައްޗަށެވެ. މަންމަ ދޫންޏާއި ބައްޕަ ދޫނި ކުދި ދޫނިތަކަށް ކާންދީ ރައްކާތެރިކަންދީ ހަދައެވެ. ޅަ ދޫނިތަކަށް އުދުހޭވަރުވާން ނުވަތަ އުދުހުމަށް އެކަށީގެންވާ ވަރަށް ފިޔަ ފަޅައި ފުރިހަމަ ވުމަށް ގާތްގަނޑަކަށް 10 ހަފްތާއާއި 13 ހަފްތާއާ ދެމެދުގެ މުއްދަތެއް ނަގައެވެ. އޭގެ ފަހުންވެސް، މައިންބަފައިން ކުދިން ބަލަހައްޓައި އަދި ދިރިހުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެއެވެ.

ޤުދުރަތީ މާޙައުލުގައި ދިރިއުޅުމުގެ އިތުރުން ބްލޫ އެންޑް ގޯލްޑަން މަކާއު ވަނީ އެގްޒޮޓިކް ޕެޓްސްގެ ގޮތުގައި އިތުރަށް މަޤްބޫލުކަން ހޯދާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި ދިވެހިރާއްޖޭގައިވެސް، މީހުން ވަނީ މި ދޫނީގެ ވިސްނުން ތޫނު ކަމާއި، އުޖާލަ ރީތިކަމާއި، އަދި އިންސާނުންގެ ވާހަކަދައްކާހެން ވާހަކަ ދެއްކުމުގެ ހުނަރު ކޮޕީކުރުމުގެ ޤާބިލުކަމުގެ ސަބަބުން އެ ދޫނި ގޭގައި ގެންގުޅެން ފަށާފައެވެ. ގޭގައި އޮޅުކޮށްގެން ގެންގުޅޭ މަކާއުތައް އެމީހުންގެ ވެރިންނާއެކު މުޢާމަލާތްކުރާ ނުވަތަ ވާހަކަދައްކާ ވީޑިއޯތަކާއި ފޮޓޯތައް ވަނީ ވައިރަލްވެ، އެފަދަ ދޫނިތަކުގެ މަޤްބޫލުކަން އިތުރުވެފައެވެ. ނަމަވެސް، މަކާއުއެއް ގެންގުޅުމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫނެވެ. އަދި އެފަދަ ދޫންޏެއް ގެންގުޅެން ބޭނުންނަމަ އެކަމަށް ބޭނުންވާ ފުރިހަމަ އިލްތިޒާމްތައް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.

 

ބްލޫ އެންޑް ގޯލްޑަން މަކާއުއެއް ބޮޑުކުރުމަކީ ދިގު މުއްދަތެއްގެ ޒިންމާއެކެވެ. މި ދޫނިތައް ޤުދުރަތީ މާޙައުލުން ބޭރުގައި، ގޭގޭގައި އޮޅުކޮށްގެން ގެންގުޅޭނަމަ 50 އިން 60 އަހަރަށް، އަދި ބައެއްފަހަރު އެއަށްވުރެ ދިގު މުއްދަތަކަށް ދިރިހުރެއެވެ. އެސޮރުމެންނަށް ކޮންމެ ދުވަހަކު ސަމާލުކަން ދިނުމާއި، ރަނގަޅު ކާނާއާއި، ސާފުތާހިރު އަދި ހިތްހަމަޖެހޭފަދަ މާޙައުލަކާއި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ބޭނުންވެއެވެ. ރަނގަޅަށް ބެލެހެއްޓުމެއް ނެތި މި ދޫނި ގެންގުޅެނަމަ، މިބާވަތުގެ ދޫނި، އިންސާނުން ދެކެ ފޫހިވެ،  އޮޅުކަން ކެނޑި، ނުވަތަ ނަފްސާނީގޮތުން ކަންބޮޑުވުމުގެ ސަބަބުން ނުވަތަ ސްޓްރެސް ބޮޑުވުމުގެ ސަބަބުން އަޑުގަދަ ކުރުމާއި، ހަށިގަނޑުގައި ހުންނަ ފިޔަތައް އުފުރުން ފަދަ ކަންކަން ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ގޭގައި މަކާއު ގެންގުޅޭނަމަ ބިހުން ނުކުންނަ ހިސާބުން ފެށިގެން ބޮޑުވަންދެން މަކާއުއެއް ބެލެހެއްޓުމުގެ ކޮންމެ މަރުޙަލާއެއްގައިވެސް ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެއެވެ. ބިހުން ނިކުތުމަށްފަހު ކޮންމެ ދެތިން ގަޑިއިރަކުން ޚާއްޞަ ފޯމިއުލާއެއް އަތުން ކާންދޭން ޖެހެއެވެ. ކުދި ދޫނިތައް ބޮޑުވަމުން އަންނައިރު، މޭވާ، ތަރުކާރީ އަދި ގޮވާން ހިމެނޭ މަޑު ކާނާ ތަޢާރަފުކުރެވިދާނެއެވެ. ބޮޑެތި މަކާއުތަކަށް ބޭނުންވަނީ ފެންވަރު ރަނގަޅު ބެލެންސް ޑައެޓެކެވެ. ދޫނިތަށް ދިރިއުޅުމަށް އެކަށީގެންވާވަރުގެ ތަނަވަސް ޖާގައެއް ބޭނުންވާނެއެވެ. އެސޮރުމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުޅޭ ސާމާނު، އަދި ޖިސްމާނީ ޙަރަކާތްތެރިކަން އިތުރު ކުރުމަށްޓަކައި ބޭނުންކުރެވޭނެ ބައެއް ކުޅޭ ސާމާނު ހޯދައިދިނުމާއި، ކޮށިން ބޭރުގައި ވަގުތު ހޭދަކުރުމުގެ ފުރުޞަޠު ފަހިކޮށްދޭންވާނެއެވެ.

މި ދޫނިތަކަށް ޤުދުރަތީ މާޙައުލުނޫން ތަންތަނުގައި ގެންގުޅޭނަމަ އިޖްތިމާޢީ ގުޅުމަކީ މުހިންމު ކަމެކެވެ. މަކާއުއަކީ ވަރަށް އިޖްތިމާޢީ ދޫނިތަކެއް ކަމުން އެސޮރުމެންނަށް އިންސާނުންނާއެކު ގުޅުން ބަދަހިކުރުމަށް ވަގުތު ބޭނުންވެއެވެ.

ބްލޫ އެންޑް ގޯލްޑަން މަކާއުއަކީ ޠަބީޢީ އާދަތަކުން ފެށިގެން ޕެޓްގެ ގޮތުގައި ގެންގުޅުމުގައިވެސް ގޮންޖެހުން ބޮޑު ދޫންޏެކެވެ. މި ދޫނި ގެންގުޅޭނަމަ ވަރަށް ގިނަ ވަގުތު އެއަށް އަޅާލައި ހޭހަން ކުރުމުގައި ހޭދަކުރަން ޖެހޭނެއެވެ. އެއީ ދޫނީގެ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ. ޖިސްމާނީ ގޮތުން ޙަރަކާތްތެރިވާނެ ފުރުޞަޠު މި ދޫނިތަކަށް ދޭންވާނެއެވެ. އަދި ދޫނި ގެންގުޅޭ މާޙައުލަކީ ސާފުތާހިރު މާޙައުލަކަށް ވުމަކީ މުހިންމު ކަމެކެވެ. މިކަންކަމުގައި ދޫނި ގެންގުޅޭ މީހާ ޒިންމާދާރު ވުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިބާގެ ގެއަށް މަކާއުއެއް ގެނައުމުގެ ކުރިން، އެއަށް ބޭނުންވާ ލޯތްބާއި، ވަގުތު އަދި މުޅި އުމުރަށް ބެލެހެއްޓުމާއި ޙިމާޔަތް ދިނުމަށް ތިބާ ޙަޤީޤަތުގަތުގައިވެސް ތައްޔާރުތޯ ކަށަވަރުކުރާށެވެ.

ޓެގް

ގުރާ ދޫނި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.