މަޢުލޫމާތު އަނާރކާ ވެސްޓްކޮޓް: ޒަމާނީ ގައިނެކޮލޮޖީގެ ހަނދާން ނައްތާލެވިފައިވާ މަންމަ
މަޢުލޫމާތު

އަނާރކާ ވެސްޓްކޮޓް: ޒަމާނީ ގައިނެކޮލޮޖީގެ ހަނދާން ނައްތާލެވިފައިވާ މަންމަ

Anarcha Westcott.jpg

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އަނާރކާ ވެސްޓްކޮޓްއަކީ 19 ވަނަ ޤަރުނުގެ ކުރީކޮޅު އެލަބާމާގައި އުފަންވި ކަޅު ނަސްލުގެ އަޅު އަންހެނެކެވެ. އޭނާއަކީ އެމެރިކާގައި މެޑިކަލް ދާއިރާގެ ކުރިއެރުން ޢާންމުކޮށް ބިނާވެފައިވަނީ އަޅުންގެ ވޭނުގެ މައްޗަށް ކަމުގެ އެންމެ ހިތާމަވެރި އަދި ބާރުގަދަ ނިޝާންތަކުގެ ތެރެއިން އެއް ނިޝާނެވެ. އޭނާގެ ހަށިގަނޑަކީ ޒަމާނީ ގައިނެކޮލޮޖީ ޤާއިމުކުރުމަށް އެހީތެރިވި ސާރޖިކަލް ތަޖުރިބާތައް ކުރުމަށް ބޭނުންކުރެވުނު ހަށިގަނޑެވެ. ނަމަވެސް އޭނާގެ ވާހަކަ އޭނާގެ ވާހަކަ ޤަރުނެއްހާ ދުވަސް ވަންދެން އޮތީ ނުދައްކާ ވާހަކައެއްގެ ގޮތުގައެވެ. އަނާރކާ ވެސްޓްކޮޓްގެ ދިރިއުޅުމަކީ ނަސްލާއި ޖިންސާއި އަޅުވެތިކަން ގުޅިގެން އެންމެ ބޮޑަށް ހަމްދަރުދީ ލިބެންވާ މީހުންގެ އިންސާނިއްޔަތުކަން ނިގުޅައިގަތްކަމުގެ ހިތާމަވެރި ހަނދާނެކެވެ.

އަނާރކާ އުފަންވީ 1824 އާއި 1828 އާ ދެމެދު، އެލަބާމާގެގެ މޮންޓްގޮމަރީ ކައިރީގައި އޮންނަ ވެސްޓްކޮޓް ޕްލާންޓޭޝަންގައެވެ. އެހެން ގިނަ އަޅު އަންހެނުންނެކޭ އެއްފަދައިން، އޭނާ ވެސް ޅަ އުމުރުން ފެށިގެން މަސައްކަތްކުރަން ފެށިއެވެ. އަދި ޖިސްމާނީ އުނދަގޫތަކާއި މަހްރޫމްކަން ތަހައްމަލުކުރަން ޖެހުނެވެ. ފުރާވަރު އުމުރުގައި އޭނާ މާބަނޑުވެ، ވިހެއުމުގައި ދަތިތަކެއް ކުރިމަތިވެ، ގިނަ ވަގުތު ހޭދަވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ އެތެރެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭނާއަށް ދެ އޮބްސްޓެޓްރިކް ޙާލަތެއް ކުރިމަތިވިއެވެ. އެއީ ވެސިކޯވެޖައިނަލް އަދި ރެކްޓޯވެޖައިނަލް ފިސްޓިއުލާއެވެ. މި ދެ ބައްޔަކީ ކުޑަކަމާއި ބޮޑުކަމުގެ އެއްޗެހި އަބަދުމެ ލީކުވާ ބައްޔެކެވެ. މި ގެއްލުންތަކަކީ ވޭންދެނިވި، ނުކުޅެދުންތެރިކަން ގެނުވާ، އަދި އިޖުތިމާޢީ ގޮތުން މީހާ އެކަހެރި ކުރުވާ ކަމެކެވެ. ނަމަވެސް އޭނާ އަޅުވެތިކޮށްގެން ގެންގުޅުނު މީހުންނަށް، އަނާރކާގެ ވޭނަކީ ހަމައެކަނި އަމިއްލަ ހިތާމައެއް ނޫނެވެ. އެއީ އެމީހުންނަށް މާލީ ގޮތުން ބޮޑު އުދަގުލަކަށްވި ކަމެކެވެ. މިފަދަ ގެއްލުންތަކެއް ލިބިފައިވާ އަންހެނަކަށް ރަނގަޅަށް މަސައްކަތް ނުކުރެވޭނެތީ، އޭނާގެ ވެރިފަރާތުން މެޑިކަލް ހައްލެއް ހޯދަން މަސައްކަތް ކުރިއެވެ. މި މަސައްކަތުގެ ތެރެއިން އޭނާ ޑރ.ޖޭ.މެރިއަން ސިމްސްގެ ގާތަށް ގެންދެވުނެވެ.

ފަހުން “މޮޑަން ގައިނެކޮލޮޖީގެ ބައްޕަ” ގެ ގޮތުގައި ފާހަގަކުރެވުނު ޑރ.ސިމްސް، އަނާރކާ އާއި އެހެން އަޅު އަންހެނުން ބޭނުންކޮށްގެން ތަޖުރިބާކުރުމުގެ ގޮތުން ސަރޖަރީތަކެއް ކުރިއެވެ. މި ސަރޖަރީތަކުގައި އަނާރކާގެ އިތުރުން އޭނާފަދަ އެހެން އަޅު އަންހެނުން ކަމަށްވާ ލޫސީ އާއި ބެޓްސީވެސް ހިމެނެއެވެ.  އޭނާގެ މަޤްޞަދަކީ އޮބްސްޓެޓްރިކް ފިސްޓިއުލާއަށް ޝިފާއެއް ހޯދުމެވެ. އެތައް އަހަރެއްގެ ތެރޭގައި އަނާރކާގެ ގާތްގަނޑަކަށް 30 ސަރޖަރީ ކުރެވުނެވެ. މި ސަރޖަރީތައް ކުރެވުނީ އައްސި ކުރުމެއް، ހޭނެއްތުމެއްފަދަ ކަމެއްވެސް ނުކޮށެވެ. އެ ދުވަސްވަރު އައްސި ކުރުމާއި، ހޭނެއްތުމަށް ބޭނުންކޮށް އުޅުނު އެއްޗެހި ކަމަށްވާ އީތަރ އާއި ކްލޮރޯފޯމް ލިބެން ހުރި ނަމަވެސްމެއެވެ. ސިމްސް މިކަން ދިފާޢުކުރީ ކަޅު ނަސްލުގެ އަންހެނުންނަށް ސަރޖަރީގެ ވޭން އެހާ މުހިންމެއް ނޫން ކަމަށް ބުނެއެވެ. މިއީ ނަސްލުވެރި ދޮގު ސައިންސްގެ މައްޗަށް ބިނާކޮށް އޮތް ޤަބޫލުކުރުމެކެވެ. މި ޕްރޮސީޖަރތަކަކީ ހަށިގަނޑަށް ވަރަށް ބޮޑަށް ވޭންދެނިވި ޕްރޮސީޖަރ ތަކެކެވެ. ނަމަވެސް އަނާރކާއަށް އެކަމަށް ދެކޮޅުހެދުމުގެ ޙައްޤެއް ނެތެވެ. އަޅު އަންހެނެއްގެ ގޮތުގައި، އޭނާއާމެދު ދެކެވުނީ މުދަލެއްގެ ގޮތުގައެވެ. އިޙްތިރާމް ކުރަންޖެހޭ މީހެއްގެ ގޮތުގައެއް ނޫނެވެ. ތަހުލީލު ކުރުމަށް ބޭނުންކުރެވޭ ހަށިގަނޑެއްގެ ގޮތުގައެވެ.

މި ތަޖުރިބާތަކުގެ ޙާލަތުން ހާމަވަނީ އަޅުވެތިކަމުގެ އިންސާނިއްޔަތުކަން ނެތް ކަމުގެ ޙަޤީޤަތްތަކާއި ކުރީގެ ޞިއްޙީ ދަންނުވެރިކަމުގެ އަޚްލާޤީ ފެއިލްތަކެވެ. އަނާރކާގެ ހަށިގަނޑު ބެލެވުނީ ވަކި މަޤްޞަދެއް ޙާޞިލުކުރުމުގެ ވަސީލަތެއްގެ ގޮތުގައެވެ. އޭނާގެ ވޭނަށް ކުޑަކޮށްވެސް އަޅާނުލެވި، އޭނާގެ ރުހުން ހޯދުމަކީ ކުރަން ނުޖެހޭ ކަމަކަށްވެ، އޭނާގެ ޢިއްޒަތް ނިގުޅައިގަނެވުނެވެ. ޕްލާންޓޭޝަން ނިޒާމާއި މެޑިކަލް މުޖުތަމަޢު މި ކަމުގައި ބައިވެރިވިއެވެ. އޭނާ އަޅުވެތިކޮށްގެން ގެންގުޅުނު ފަރާތުން އޭނާ ރަނގަޅުވުމުގައި މާލީ ފައިދާއެއް ވާކަމަށް ދެކުނެވެ. އަދި ޑރ.ސިމްސް ބޭނުންވީ މަޝްހޫރު ކަމާއި ސައިންޓިފިކް ކުރިއެރުމެވެ. ނަތީޖާއެއްގެ ގޮތުން، ސިމްސް ސަރޖިކަލް ޓެކްނިކެއް ފުރިހަމަކުރިއެވެ. އެ ޓެކްނިކްއިން ގުނަނުކުރެވޭހާ ގިނަ ފުރާނަ ސަލާމަތްކުރެވުނެވެ. ނަމަވެސް އޭނާގެ ކާމިޔާބީ އައީ ޚިޔާލަށް ނުގެނެވޭފަދަ އިންސާނީ ވޭނެއްގެ ތެރެއިންނެވެ.

އަނާރކާގެ ހަށިގަނޑު ބޭނުންކޮށްގެން ކުރި ތަޖުރިބާތަކަށްފަހު އޭނާގެ ދިރިއުޅުމާ ބެހޭގޮތުން ލިބެންހުރި މަޢުލޫމާތު މަދެވެ. ތާރީޚީ ރެކޯޑުތަކުން ދައްކާ ގޮތުގައި އޭނާ ޕްލާންޓޭޝަނަށް އެނބުރި ގޮސް، ފަހުން ވާޖީނިއާއަށް ބަދަލުވީއެވެ. އެތާނގައި އޭނާ ލޮރެންޒޯ ޖެކްސަން ކިޔާ މީހަކާ ކައިވެނިކޮށް، އަންނަކޭ ނުވަތަ އަންކޭ ޖެކްސަން ނަމުގައި އުޅުނު ކަމަށް ބެލެވެއެވެ. އޭނާ މަރުވި ކަމަށް ބެލެވެނީ 1869 ނުވަތަ 1870 ގައި ކަމަށް ވިޔަސް، އެކަމުގެ ތަފްޞީލުތައްވެސް ސާފެއް ނޫނެވެ. ގިނަ އަޅުންނެކޭ އެއްފަދައިން، އޭނާގެ ވާހަކަ ވަޅުލެވިފައިވަނީ އޭނާގެ ހަށިގަނޑު ބޭނުންކުރި މީހުންގެ “ކާމިޔާބީގެ” ވާހަކަތަކުގެ ދަށުގައެވެ. އެއް ޤަރުނަށްވުރެ ގިނަ ދުވަހު، މެޑިކަލް ތާރީޚުގެ ފޮތްތަކުން ޑރ.ސިމްސްގެ “ކާމިޔާބީ” އަށް ތަޢުރީފުކުރަމުން ދިޔައިރު، އޭނާގެ ދިރާސާ ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިން އަންހެނުންގެ ނަން ވެސް ނުގެނެއެވެ.

އަނާރކާގެ ވާހަކައިން މިއަދުގެ މުޖުތަމަޢުއަށް މެޑިކަލް ކުރިއެރުމުގެ އަޚްލާޤީ އަގާ ކުރިމަތިލާން މަޖުބޫރުކުރެއެވެ. އޭނާގެ ތަޖުރިބާތަކުން ހާމަވަނީ ކަޅު އަންހެނުންގެ ހަށިގަނޑު ރުހުމެއް ނެތި ތަޖުރިބާކުރުމަށް ބޭނުންކުރެވުނު ގޮތެވެ. އޭނާއަކީ އޭނާފަދައިން ސައިންސްގެ ނަމުގައި ކެތްނުވާވަރުގެ ވޭން ލުބުނު މީހުންގެ ވޭންތައް ވުޖޫދުން ފޮހެލާފައިވާ އެހެން މީހުން ތަމްސީލުކޮށްދޭ ނަމެކެވެ. އޭނާގެ މަތިން ހަނދާންކުރުމަކީ މެޑިކަލް ކުރިއެރުން ކުށްވެރިކުރުމެއް ނޫނެވެ. އެއީ ކުރިއެރުން އަލުން އިންސާނީ ކަރާމާތުގެ އަގުގައި ނުލިބޭނެކަން ކަށަވަރުކުރުމަށް އެދުމެވެ.

މިހާރު، އަނާރކާ ވެސްޓްކޮޓްއަށް އެންމެ ފަހުން އޭނާއަށް ޙައްޤުވާ ބަލައިގަތުން ލިބެން ފަށައިފިއެވެ. އެލަބާމާގެ މޮންޓްގޮމަރީގައި، އާޓިސްޓް މިޝެލް ބްރައުޑަރގެ “މަދަރސް އޮފް ގައިނެކޮލޮޖީ މޮނިއުމަންޓް” އިން އަނާރކާ، ލޫސީ، އަދި ބެޓްސީއަށް ގައިނެކޮލޮޖީގެ ޙަޤީޤީ މަންމައިންގެ ގޮތުގައި ޝަރަފު އަދާކުރެއެވެ. ޖޭ.ސީ. ހޯލްމަން ފަދަ ތާރީޚު ދިރާސާކުރާ މީހުންނާއި، ލިޔުންތެރިން “ސޭ އަނާރކާ” ގައި އޭނާގެ ވާހަކަ އަލުން ހޯދައި އޭނާގެ ވޭނީ އަޑު ލިޔުންތަކެއްގެ ސިފައިގައި އަލުން އަނބުރާ ގެނެސްދިނުމަށް މަސައްކަތްކޮށްފައިވެއެވެ. މި މަސައްކަތްތަކުން ކަށަވަރުކުރަނީ ދުނިޔެއިން މިހާރު ހަނދާންކުރަނީ ހަމައެކަނި ސަރޖަރީތައް ކުރި މީހާއެއް ނޫންކަމެވެ. އެ ސަރޖަރީތަކުގެ ވޭން ތަޙައްމަލުކުރި އަންހެނާ ވެސް ހަނދާންކުރާކަމެވެ.

އަނާރކާ ވެސްޓްކޮޓްގެ ދިރިއުޅުމުގައި އެކުލެވިގެންވަނީ ވޭނާއި ބާރާއި ދެކަމެވެ. ވޭން އެކުލެވިގެންވަނީ އޭނާއަށް މަޖުބޫރުން ތަޙައްމަލުކުރަން ޖެހުނު ވޭނުގައެވެ. އަދި ބާރު އެކުލެވިގެންވަނީ އޭނާގެ ވާހަކައިން މިހާރު އުފުލާ ތަރިކައިގައެވެ. އޭނާގެ އަމިއްލަ ހަށިގަނޑުގެ މައްޗަށް އޮތް ޙައްޤު އޭނާގެ ކިބައިން ނިގުޅައިގަނެވުނެވެ. ނަމަވެސް އޭނާގެ ކެތްތެރިކަމުން މެޑިސިންގެ ދާއިރާ އަބަދަށްޓަކައި ބަދަލުވެެގެން ދިޔައެވެ. އަނާރކާ ހަނދާންކުރުމަކީ ތާރީޚަށް އިންސާނިއްޔަތުކަން އަނބުރާ ގެނައުމެވެ. އަދި ޙަޤީޤީ މެޑިކަލް ކުރިއެރުން ބިނާވާންޖެހޭނީ އަޚްލާޤާއި، ރުހުމާއި، އަދި ހަމްދަރުދީގެ މައްޗަށްކަން ކަށަވަރުކުރުމެވެ. އޭނާގެ ވާހަކައަކީ ކޮންމެ ހޯދުމަކަށް ވެސް އަގެއް ވާކަމުގެ ސީރިއަސް ހަނދާނެކެވެ. އަދި ޢަދުލުއިންޞާފު ފެށެނީ އަޑު މަޑުކުރެވުނު މީހުންގެ ނަން ކިޔުމުންކަމުގެ ހަނދާނެކެވެ.

ޓެގް

ތަޖުރިބާ މެޑިކަލް ނަސްލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.