މަޢުލޫމާތު އަލްބޭނިއާ – އާބާދީގެ ބޮޑު ބަޔަކީ މުސްލިމުން
މަޢުލޫމާތު

އަލްބޭނިއާ – އާބާދީގެ ބޮޑު ބަޔަކީ މުސްލިމުން

Albania 1.webp

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ބޯލްކަން ޕެނިންސުލާގައި އޮންނަ ޤައުމެއް ކަމުގައިވާ އަލްބޭނިއާއަކީ ދީނީ އަދި ސަޤާފީ ގޮތުން ތަފާތު ގިނަ ކަންކަން އެކުލެވިގެންވާ މުއްސަނދި ޤައުމެކެވެ. އިސްލާމްދީނަކީ އެގައުމުގެ އެންމެ ގިނަ މީހުން ގަބޫލުކުރާ ދީނެވެ. އާބާދީގެ ގާތްގަނޑަކަށް 45.86 އިންސައްތަ މީހުންނަކީ ސުންނީ މުސްލިމުންނެވެ. އަދި އިތުރު 4.81 އިންސައްތަ މީހުންނަކީ ސޫފީ މަޒުހަބެއް ކަމުގައިވާ ބެކްޓާޝީ އޯޑަރގެ މީހުންނެވެ.

އަލްބޭނިއާގައި އިސްލާމްދީން ފެތުރިފައިވަނީ 14 ވަނަ ޤަރުނުގެ ފަހުކޮޅާއި 15 ވަނަ ޤަރުނުގެ ކުރީކޮޅު އޮޓޮމަން އެމްޕަޔަރު އެ ސަރަޙައްދަށް ފުޅާވެގެން ދިއުމާ ގުޅިގެންނެވެ. އަލްބޭނިއާގައި 4 ޤަރުނަށްވުރެ ގިނަ ދުވަހު ވެރިކަން ކުރި އޮޓޮމަނުން، އިދާރީ ސިޔާސަތުތަކާއި މުޖުތަމަޢުގެ އެކުވެރިކަމުގެ ތެރެއިން އިސްލާމްދީން ފެތުރުމަށް މަގުފަހިކޮށްދިނެވެ. މި މުއްދަތުގެ ތެރޭގައި ގިނަ އަލްބޭނިއަނުން އިސްލާމްދީނަށް ވަނެވެ. މިކަމަށް މަގުފަހިވި ކަންކަމުގެ ތެރޭގައި އިޖުތިމާޢީ ގޮތުން ކުރިއަރާފައި ވުމާއި، ޓެކްސްގެ ލުއިތަކާއި، ވެރިންނަށް ތަބާވެ އެއްބާރުލުން ދިނުމުގެ ރޫޙު ހިމެނެއެވެ.

އިސްލާމްދީނުގެ ސަބަބުން އަލްބޭނިއާގެ ސަޤާފަތުގެ އެކި ދާއިރާތަކަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވެއެވެ. މީގެ ތެރޭގައި ޢިމާރާތްކުރުމުގެ ފަންނުން ފެށިގެން އިޖުތިމާޢީ އާދަކާދައާ ހަމައަށް ހިމެނެއެވެ. މިސްކިތްތައް އެ ޤައުމުގެ ބިމުގައި ފެތުރިފައިވެއެވެ. އަދި އިސްލާމީ އާދަކާދަތައް ޤައުމީ މަހާސަމާތަކާއި ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރާ ކަންކަމާ ގުޅިފައިވެއެވެ. ނަމަވެސް، އަލްބޭނިއާގެ ދީނާމެދު ގެންގުޅޭ ޚާއްޞަ އުސޫލު، ނުވަތަ ދީނީ ކަންކަމުގައި ދެކޭ ލުއި ގޮތުގެ ސަބަބުން އެކި ދީންތަކުގެ މީހުން އެކުވެރިކަމާއެކު ދިރިއުޅެވޭ މާޙައުލެއް އުފެދިފައިވެއެވެ.

އެންމެ ފަހުގެ އަންދާޒާތަކުން ދައްކާގޮތުގައި އަލްބޭނިއާގެ އާބާދީއަކީ ގާތްގަނޑަކަށް 2.8 މިލިއަން މީހުންނެވެ. މި ޤައުމުގެ އާބާދީއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީގެ ތެރޭގައި ރަނގަޅު ފުރުޞަތުތައް ހޯދުމަށްޓަކައި ގިނަ މީހުން ރަށްފުށުން ސިޓީތަކަށް ބަދަލުވުން ހިމެނެއެވެ. މި ބަދަލުވުމުގެ ސަބަބުން އާންމުކޮށް ކުރަމުން އައި މަސައްކަތްތަކަށް ބަދަލު އައިސް، އިޤްތިޞާދީ ދާއިރާތައް އިތުރަށް ތަފާތުވެފައިވެއެވެ.

ކުރީގައި އަލްބޭނިއާގެ އިޤްތިޞާދުގައި ދަނޑުވެރިކަމުގެ ދައުރު ވަރަށް މުހިންމުވެފައިވެއެވެ. ގިނަ މީހުން ޝާމިލުވެފައިވަނީ ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުމުގައެވެ. ދަނޑުވެރިކަމަކީ މިހާރުވެސް މުހިންމު ދާއިރާއެއް ކަމުގައިވީ ނަމަވެސް، މިހާރު ދަނޑުވެރިކަމުގައި ޙަރަކާތްތެރިވަނީ މަސައްކަތްތެރިންގެ 21.7 އިންސައްތަ މީހުން އެކަންޏެވެ. ޚިދުމަތް ދިނުމުގެ ދާއިރާއަށް ބޮޑު ބަދަލެއް އައިސްފައިވެއެވެ. މިހާރު ޖުމްލަ އުފެއްދުންތެރިކަމުގެ ގާތްގަނޑަކަށް 54.1 އިންސައްތަ ހިއްސާކުރަނީ މި ދާއިރާއިންނެވެ. ފަތުރުވެރިކަމާއި، ބޭންކިންގ އަދި ޓެލެކޮމިއުނިކޭޝަންގެ ދާއިރާތައް ކުރިއަރާފައިވެއެވެ. މިއީ އެ ޤައުމުގެ އިޤްތިޞާދު ޚިދުމަތުގެ ދާއިރާއަށް ބަދަލުވަމުންދާކަން ދައްކުވައިދޭ ކަމެކެވެ.

އަލްބޭނިއާގެ އިޤްތިޞާދު ވަނީ ރަނގަޅު މިސްރާބެއްގައެވެ. 2023 ވަނަ އަހަރު އިޤްތިޞާދީ ކުރިއެރުމުގެ މިންވަރު ހުރީ 3.4 އިންސައްތައިގައެވެ. މި ކުރިއެރުން ޙާޞިލުވެފައިވަނީ މައިގަނޑު ގޮތެއްގައި އަމިއްލަ ފަރުދުންގެ ޚަރަދުތަކާއި، ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ދާއިރާއިންނެވެ. ވަޒީފާ ނެތް މީހުންގެ ނިސްބަތް ޖުމްލަ ގޮތެއްގައިވަނީ ދަށްވެފައިވެއެވެ. އަދި ފަޤީރުކަމުގެ މިންވަރު 21.7 އިންސައްތައަށް ދަށްވެފައިވެއެވެ. މިއީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވަމުންދާކަމުގެ ހެއްކެކެވެ.

ކުރިއެރުން ލިބެމުންދާ ނަމަވެސް، އަލްބޭނިއާއަށް ދިމާވެފައިވާ ގޮންޖެހުންތައްވެސް އެބަހުއްޓެވެ. މީގެ ތެރޭގައި އިޤްތިޞާދު ސިންދަފާތު ކުރުމުގެ ބޭނުންތެރިކަމާއި، އަސާސީ ވަސީލަތްތައް ތަރައްޤީކުރުމުގެ މުހިންމުކަން ހިމެނެއެވެ. އެ ޤައުމުން އަންނަނީ ޔޫރަޕިއަން ޔޫނިއަނާ ގުޅުމަށް މަސައްކަތްކުރަމުންނެވެ. މިކަމަށްޓަކައި ވެރިކަން ހިންގުމާއި، ޝަރުޢީ ނިޒާމާއި، އާންމު އިދާރާ ތަކަށް އިޞްލާޙުތައް ގެންނަން ޖެހެއެވެ. މީގެ އިތުރުން، ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމާއި، ދެމެހެއްޓެނިވި ތަރައްޤީ ޔަޤީންކުރުމަކީ އަލްބޭނިއާގެ މުސްތަޤުބަލަށް ވަރަށް މުހިންމު ކަންކަމެވެ.

އަލްބޭނިއާގެ މުއްސަނދި ދީނީ ތަރިކައިގައި އިސްލާމްދީން މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. މިކަމުގެ ސަބަބުން އެ ޤައުމުގެ ސަޤާފަތާއި އިޖުތިމާޢީ މިންގަނޑުތައް އެކުލަވާލެވިފައިވެއެވެ. ދީނީ ކަންކަމުގައި ދެކޭ ލުއި ގޮތާއި ދީނީ މިނިވަންކަމަށް އެ ޤައުމުން ދޭ އަހައްމިއްޔަތުކަމަކީ އެކި ދީންތަކުގެ މީހުން އެކުވެރިކަމާއެކު ދިރިއުޅުމުގެ ނަމޫނާއެކެވެ.

ޓެގް

އަލްބޭނިއާ ގައުމު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.