ގޮވަރުދަން އަސްރާނީ، ނުވަތަ އާންމުކޮށް އަސްރާނީގެ ނަމުން މަަޝްހޫރު މި ފަންނާނަކީ އިންޑިއާގެ ސިނަމާގެ ތާރީޚުގައި އެންމެ އައިކޮނިކް އަދި ގިނަ ދާއިރާތަކަށް ހުނަރުވެރި އެއް ތަރިއެވެ. 50 އަހަރަށްވުރެ ގިނަ ދުވަހުގެ ކެރިއަރެއްގައި 350 އަށްވުރެ ގިނަ ފިލްމުގައި ފެނިގެންދިޔަ އަސްރާނީ ވަނީ އޭނާގެ ފުރިހަމަ ކޮމެޑީއާއި އެކްޓު ކުރުމުގެ ހުނަރާއި، ހަނދާންނައްތާނުލެވޭ ޑައިލޮގުތަކުގެ ސަބަބުން އެތައްބައެއްގެ މެދުގައި މަޝްހޫރުވެފައެވެ. ޖައިޕޫރުގެ ޒުވާނެއްގެ ގޮތުގައި ފެށި މަސައްކަތް ހިންދީ ސިނަމާގެ ލޮބުވެތި ތަރިއަކަށް ވުމުގެ ދަތުރަކީ ހުނަރާއި، ކެތްތެރިކަމާއި، އެކްޓިންގގެ ފަންނަށް އޮތް ލޯބީގެ ޝަޢުޤުވެރި ވާހަކައެކެވެ.
އަސްރާނީ އުފަންވީ 1 ޖެނުއަރީ 1941 ގައި އިންޑިއާގެ ރާޖަސްތާންގެ ޖައިޕޫރުގައި، މެދުފަންތީގެ ޢާއިލާއަކަށެވެ. އޭނާގެ ބައްޕަ ހިންގަވަމުން ގެންދެވީ ގޮދަޑި ވިޔަފާރިއެކެވެ. ނަމަވެސް އަސްރާނީގެ ޝައުޤުވެރިކަން ބޮޑަށް ހުރީ ވިޔަފާރިއަށްވުރެ ފަންނުވެރިކަމާއި ޕަރފޯމަންސްއަށެވެ. އޭނާ ސްކޫލް ނިންމެވީ ޖައިޕޫރުގެ ސެންޓް ޒެވިއަރސް ހައި ސްކޫލުންނެވެ. އަދި ރާޖަސްތާން ކޮލެޖުން ގްރެޖުއޭޓްވިއެވެ. ފުރަތަމަ އަހަރުތަކުގައި އަމިއްލަ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، އަސްރާނީ މަސައްކަތްކުރެއްވީ ޖައިޕޫރުގެ އޯލް އިންޑިއާ ރޭޑިއޯގައި އަޑުގެ ފަންނާނެއްގެ ގޮތުގައެވެ. އެތަނުގައި އޭނާ ޕަރފޯމަންސްއަށް އޮތް ލޯބި އިތުރަށް ދެނެގަންނަން ފެށިއެވެ.
1962 ގައި އަސްރާނީ މުންބާއީއަށް ބަދަލުވީ އެކްޓިންގގެ ހުވަފެން ހާސިލުކުރުމަށްޓަކައެވެ. އޭނާ ޕޫނޭގެ ފިލްމް އެންޑް ޓެލެވިޜަން އިންސްޓިޓިއުޓް އޮފް އިންޑިއާ (އެފްޓީއައިއައި) ގައި ރަޖިސްޓްރީވިއެވެ. އެތަނުން އެކްޓިންގގެ ދަންނުވެރި ތަމްރީނު ހޯއްދެވުމަށްފަހު 1966 ގައި ގްރެޖުއޭޓްވިއެވެ. އޭނާގެ ފިލްމީ މަސައްކަތް ފެށުނީ އޭގެ އެއް އަހަރު ފަހުން 1967 ގައި “ހަރޭ ކާންޗް ކީ ޗޫޑިޔާން” އިންނެވެ. އޭނާގެ ފުރަތަމަ ރޯލުތަކަކީ ކުދިކުދި ރޯލުތަކެއް ކަމުގައިވީ ނަމަވެސް، އެއީ ހިންދީ އަދި ގުޖަރާތީ ސިނަމާގައި ދިގު އަދި ކާމިޔާބު ކެރިއަރެއްގެ މަގު ފަހިކޮށްދިން ރޯލުތަކެކެވެ.
1970 ގެ އަހަރުތަކަކީ އަސްރާނީގެ ކެރިއަރުގެ ރަންޒަމާނެވެ. އޭނާ ދާދި އަވަހަށް ބޮލީވުޑުގެ އެންމެ ޑިމާންޑް ބޮޑު ކޮމެޑިއަނުންނާއި ކެރެކްޓަރ އެކްޓަރުންގެ ތެރެއިން އެކަކަށް ވެގެންދިޔައެވެ. އޭނާގެ މަޤުބޫލުކަން އެންމެ ބޮޑުވެގެން އައީ “ބަވަރުޗީ” (1972)، “އަބްހިމާން” (1973) އަދި “ޗޯޓީ ސީ ބާތް” (1976) ފަދަ ފިލްމުތަކުންނެވެ. މި ފިލްމުތަކުގައި އޭނާގެ ޕަރފޯމަންސްތައް ހުރީ އުފާވެރި އަދި ހިތްހެޔޮކަމުގެ އިހުސާސް ގެނެސްދޭ ގޮތަށެވެ. ނަމަވެސް އޭނާގެ އެންމެ އައިކޮނިކް ރޯލު ފެނުނީ ރަމޭޝް ސިޕީގެ ކްލާސިކް ފިލްމު “ޝޯލޭ” (1975) އިންނެވެ. މި ފިލްމުގައި އޭނާ ކުޅުނީ އެކްސެންޓްރިކް ޖައިލަރުގެ ރޯލެވެ. އޭނާގެ ހަނދާންނައްތާނުލެވޭ ޑައިލޮގު “ހަމް އަންގްރޭޒޯން ކޭ ޒަމާނޭ ކޭ ޖައިލަރ ހައިން!” އިންޑިއަން ސިނަމާގެ ތާރީޚުގައި އެންމެ މަޝްހޫރު ޑައިލޮގުތަކުގެ ތެރެއިން އެއް ޑައިލޮގަށްވެ، މިއަދާ ހަމައަށްވެސް ސިނަމާ ޘަޤާފަތުގެ ބައެއްގެ ގޮތުގައި ދެމިއެބައޮތެވެ.
1970 ގެ އަހަރުތަކުގައި އަސްރާނީ ވަނީ 100 އަށްވުރެ ގިނަ ފިލްމުގައި ފެނިގެން ގޮސްފައެވެ. އަދި ވަރަށް ގިނައިން ރާޖޭޝް ކަންނާާ، އަމިތާބް ބަޗްޗަން އަދި ދަރްމެންދްރާ ފަދަ ފުންނާބުއުސް ތަރިންނާއެކު މަސައްކަތްކޮށްފައިވެއެވެ. މައިގަނޑު ވާހަކައަށް ހިޔަނި ނޭޅޭގޮތަށް މީހުން ހެއްވާލުމުގެ ޤާބިލުކަން ހުރުމުގެ ސަބަބުން އޭނާއަކީ ފިލްމު ހަދާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤްބޫލު މީހަކަށް ވިއެވެ. އޭނާ ވަނީ ޑައިރެކްޓިންގ ގެ ދާއިރާގައި ވެސް މަސައްކަތް ކޮށްފައެވެ. “ޗަލާ މުރާރީ ހީރޯ ބަންނޭ” (1977) އަކީ އޭނާގެ ހުނަރު ކެމެރާ ކުރިމަތިންނާއި ފަހަތުން ދައްކުވައިދިން ފިލްމެކެވެ.
އަސްރާނީގެ ހިނިގަނޑު 1980 ގެ އަހަރުތަކަށް އަދި އޭގެ ފަހުންވެސް ދެމިގެންދިޔައެވެ. ފިލްމުތަކުގެ ސްޓައިލް ބަދަލުވަމުން ދިޔަ ނަމަވެސް، އޭނާގެ ހުނަރު ދެމިހުރީ ޒަމާންތަކަށް ނުފޫޒު ނުފޯރާ ގޮތަށެވެ. އޭނާ “ހޭރާ ފޭރީ” (2000)، “ދަމާލް” (2007) އަދި “ބޫލް ބުލައިޔާ” (2007) ފަދަ ހިޓް ފިލްމުތަކުގައި އެކްޓްކުރުން ކުރިއަށް ގެންދިޔައެވެ. މިކަމުން ސާބިތުވީ އޭނާއަށް އެކި ޖީލުތައް ހެއްވާލުމުގައި ޤާބިލު މީހެއް ކަމެވެ. އޭނާ ގުޖަރާތީ ފިލްމުތައްވެސް ކުޅެފައިވެއެވެ. އަދި ފަހުން ޓެލެވިޜަން އަދި ވެބް ސީރީޒްތަކުގައިވެސް ރޯލު އަދާކުރިއެވެ. މިގޮތުން އުމުރުން ދުވަސްވުމާ ހަމައަށްވެސް މުނިފޫހިފިލުވުމުގެ ސިނާޢަތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ. .
އޭނާގެ މުޅި ކެރިއަރުގައި އަސްރާނީ ވަނީ 350 އަށްވުރެ ގިނަ ފިލްމުގައި މަސައްކަތްކުރައްވާފައެވެ. އަދި ހިނިތުންވުމާއި ހިތްހެޔޮކަމުގެ ތަރިކައެއް ދޫކުރައްވާފައެވެ. އޭނާގެ ކޮމެޑީ ޓައިމިންގ، ސިފަކުރުންތެރި ލޯތަކާއި، ލޯބިވެތި ހާޒިރީގެ ސަބަބުން އޭނާއަކީ އިންޑިއަން ސިނަމާގައި އެންމެ ހަނދާންނައްތާނުލެވޭ ސަޕޯޓިންގ އެކްޓަރުންގެ ތެރެއިން އެކަކަށް ވެގެންދިޔައެވެ. އޭނާއަކީ ފިލްމުގެ ލީޑްރޯލަކުން ދުވަހަކުވެސް ފެނިފައިވީ “ބަޠަލެއް” ނޫންނަމަވެސް، އޭނާގެ އަމިއްލަ މަސައްކަތުން ތަރިއަކަށް ވެގެންދިޔައެވެ. މިއީ ލީޑްރޯލު ކުޅޭ ތަރިންގެ ނުފޫޒު ބޮޑު ސިނާޢަތެއްގައި ވަރަށް މަދުން ލިބޭ ކާމިޔާބީއެކެވެ.
އަސްރާނީ އަވަހާރަވީ 20 އޮކްޓޯބަރ 2025 ގައި 84 އަހަރުފުޅުގެ އުމުރުގައި މުންބާއީގެ މަހާރާޝްޓްރާގައެވެ. ރިޕޯޓުތަކުން ބުނާގޮތުން އޭނާ ވަނީ އުމުރާ ގުޅުންހުރި ސިއްޙީ މައްސަލަތަކަކާ ކުރިމަތިލައްވަމުން ގެންދަވާފައެވެ. އަދި އަވަހާރަވުމުގެ ކުރިން ޖުހޫގެ އަރޯގްޔަ ނިދި ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައެވެ. އޭނާގެ އަވަހާރަވުމަކީ އިންޑިއަން ކޮމެޑީގެ ޒަމާނެއްގެ ނިމުން ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. ބޮލީވުޑްގެ ގިނަ ތަރިންނާއި ސަޕޯޓަރުން ވަނީ އޭނާއަށް ޓްރިބިއުޓް ދީ، އިންޑިއަން ސިނަމާއަށް އޭނާ ކޮށްދެއްވި ނުހަނު ގިނަ ޚިދުމަތްތައް ހަނދާންކޮށްފައެވެ. އޭނާގެ ޖަނާޒާ ބޭއްވުނީ ސަންތާކްރޫޒް ކްރިމޭޓޯރިއަމްގައެވެ. މިތަނުގައި ޢާއިލާއާއި، ރަޙްމަތްތެރިންނާއި، އަދި ލޯބިވާ މީހުން ޖަމާވެ، އެންމެ ފަހުގެ ވަދާޢު ދެންނެވިއެވެ.
އަވަހާރަވުމަށްފަހުގައިވެސް، އަސްރާނީއަކީ އުފަލާއި ސާދާކަމުގެ ނިޝާނެކެވެ. އޭނާގެ މަސައްކަތްތައް އަދިވެސް ދަނީ އޭނާގެ ޤުދުރަތީ ހުނަރުވެރިކަމާއި، ފަސޭހަކަމާއެކު މީހުން ހެއްވާލުމުގެ ޤާބިލުކަމުގެ ސަބަބުން އާ ޖީލުގެ ކޮމެޑިއަނުންނާއި އެކްޓަރުންނަށް އިލްހާމް ދެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...