ޓޯކިޔޯ ޖާމިޢު މިސްކިތް، ނުވަތަ ޓޯކިޔޯ މިސްކިތުގެ ނަމުންވެސް މަޝްހޫރު މި މިސްކިތަކީ ޖަޕާނުގައި ހުރި އެންމެ ބޮޑު މިސްކިތެވެ. އަދި ޓޯކިޔޯގެ މައި ސަރަޙައްދުގައި އިސްލާމީ ޘަޤާފަތުގެ މުހިންމު ނިޝާނެއްގެ ގޮތުގައި ހުރި ތަނެކެވެ. ޝިބުޔާގެ އޯޔަމާ-ޗޯ ސަރަޙައްދުގައި ހުންނަ މި ޢިމާރާތަކީ އޮޓޯމަން ޒަމާނުގެ ޢިމާރާތްކުރުމުގެ މުއްސަނދި ތަރިކަ ދައްކުވައިދޭ ތަނެކެވެ. އަދި މިއީ އަޅުކަން ކުރުމަށާއި ޘަޤާފީ ގުޅުން ބަދަހިކުރުމަށް ބޭނުންކުރެވޭ މަރުކަޒެކެވެ.
ޓޯކިޔޯ ޖާމިޢު މިސްކިތުގެ ފެށުން އަންނަނީ 1938 ވަނަ އަހަރުންނެވެ. އެއީ އޮކްޓޯބަރު އިންޤިލާބަށްފަހު ރަޝިޔާއިން ޖަޕާނަށް ހިޖުރަކުރި ބަޝްކިރު އަދި ތަތާރު މުހާޖިރުން މި މިސްކިތް އިމާރާތްކުރި ހިނދުއެވެ. ޢަބްދުއްރަޝީދު އިބްރާހީމްގެ ލީޑަރޝިޕްގެ ދަށުން، މުސްލިމު މުޖުތަމަޢުގެ ރޫޙާނީ ބޭނުންތައް ފުއްދުމަށްޓަކައި މި މިސްކިތް ޤާއިމުކުރެވުނެވެ. ނަމަވެސް، ޢިމާރާތުގެ ސަލާމަތީ ކަންތައްތަކާ ގުޅިގެން 1986 ގައި އަސްލު ޢިމާރާތް ތަޅާލެވުނެވެ. 1998 ގައި ތުރުކީގެ ދީނީ ކަންކަމާބެހޭ އިދާރާގެ އެހީތެރިކަމާއެކުގައި އަލުން މި މިސްކިތް އިމާރާތްކުރުމުގެ މަޝްރޫޢު ފެށުނެވެ. މިހާރު ހުރި މިސްކިތް ރަސްމީކޮށް ހުޅުވުނީ 30 ޖޫން 2000 ގައެވެ.
މުޙައްރަމް ޙިލްމީ ޝެނަލްޕް ނަމަކަށް ކިޔުނު ފަރުމާވެރިއަކު، ފަރުމާކޮށްފައިވާ ޓޯކިޔޯ ޖާމިޢު މިސްކިތުގައި އޮޓޯމަން ޢިމާރާތްކުރުމުގެ ޒަމާންވީ ސިފަތައް ފެންނަން ހުރެއެވެ. އެގޮތުން މިސްކިތުގެ މައި ގުއްބު 23.25 މީޓަރުގެ އުސްމިނަށް އުފުލިފައިވެއެވެ. މި ގުއްބު ހިފަހައްޓާފައިވަނީ 6 ތަނބުންނެވެ. އަދި ޖެހިގެން ހުރި މުންނާއި 41.48 މީޓަރުގެ އުސްމިނަށް އުފުލިފައިވެއެވެ.
މިސްކިތުގެ އެތެރެ ޒީނަތްތެރިކޮށްފައިވަނީ ވަރަށް ފަންނުވެރި ކެލިގްރަފީއާއި، ޖިއޮމެޓްރިކް ނަމޫނާތަކާއި، މާމެލާމެލީގެ ފަރުމާތަކުންނެވެ. މިއީ ތުރުކީ-އިސްލާމީ ފަންނުގެ ރީތި މިސާލެކެވެ. ކުލަކުލައިގެ ބިއްލޫރި ކުޑަދޮރުތަކުން ވަންނަ ޤުދުރަތީ އަލިކަމުން ވަރަށް ހިތްގައިމު މާޙައުލެއް އުފެދި، ރޫޙާނީ ތަޖުރިބާ އިތުރަށް ފުރިހަމަވެއެވެ.
އަސާސީ ސްޓްރަކްޗަރަލް ބައިތަކަށް ބޭނުންކުރާ ފެނާއި، ކޮންކްރީޓާއި، ދަގަނޑު ފިޔަވައި، އިމާރާތް ކުރުމަށް ބޭނުންކުރި ހުރިހާ ބާވަތްތަކަކާއި، ފަރުނީޗަރުތައް ގެނެވިފައިވަނީ ތުރުކީވިލާތުންނެވެ. ތުރުކީ ގާތްގަނޑަކަށް 100 ފަންނުވެރިން މިސްކިތް އިމާރާތްކުރުމުގައި ބައިވެރިވެފައިވެއެވެ. މިގޮތުން މިސްކިތުގެ ޑިޒައިނާއި ޒީނަތްތެރިކަމުގެ އަސްލު ހިފެހެއްޓިފައިވެއެވެ.
އަޅުކަން ކުރާ ތަނެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، ޓޯކިޔޯ ޖާމިޢު މިސްކިތަކީ ޖަޕާނާއި އިސްލާމީ ދުނިޔެއާ ދެމެދު ޘަޤާފީ ވަރުގަދަ ގުޅުމެއް ގުޅުވައިދޭ ތަނެކެވެ. މިސްކިތުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މި މަރުކަޒުގައި ތުރުކީ ޘަޤާފަތް ކުރިއެރުވުމަށާއި ޘަޤާފަތްތަކުގެ މެދުގައި ވާހަކަދެއްކުން އިތުރުކުރުމަށް މަޢުރަޒުތަކާއި، ލެކްޗަރތަކާއި، އިވެންޓްތައް ބާއްވައެވެ.
މިސްކިތުން އިސްލާމްދީނާއި އިސްލާމީ އާދަކާދަތަކާ ބެހޭގޮތުން ދަސްކުރުމަށް ހުރިހާ ފަރާތްތަކަކަށް މަރުޙަބާ ކިޔައި، ގައިޑް ކޮށްގެން ޓުއަރތަކާއި ތަޢުލީމީ ޕްރޮގްރާމްތައް ހިންގައެވެ. ޓޯކިޔޯ ޖާމިޢު މިސްކިތަކީ ޖަޕާނުގައި ދިރިއުޅޭ މުސްލިމު މުޖުތަމަޢުގެ މަރުކަޒެކެވެ. މި މިސްކިތުގައި ދުވާލަކު ފަސް ނަމާދަށާއި މުހިންމު ދީނީ މުނާސަބަތުތަކަށް 2،000 މީހުންނަށް އެއްފަހަރާ ޖާގަ ލިބެއެވެ.
ޓޯކިޔޯ ޖާމިޢު މިސްކިތް އަލުން އިމާރާތްކުރުމަކީ ވަރަށް ބޮޑު މަސައްކަތެކެވެ. މި މަސައްކަތުގައި އާދައިގެ ފަންނުވެރިކަމާއި ޒަމާނީ އިންޖިނިއަރިންގ އެއްކޮށްލެވިފައިވެއެވެ.
މި އިމާރާތުގެ އާކިޓެކްޗަރަލް ޕްލޭންގައި ހިމެނެނީ ހަ ފަރާތް ހިމެނޭ ލޭއައުޓެކެވެ. މީގެ މައި ގުއްބުގެ ވަށައިގެން ހަ ގުއްބުފަޅި ހުރެއެވެ. މިއީ އާންމުކޮށް ކްލާސިކަލް އޮޓޮމަން އާކިޓެކްޗަރގައި ފެންނަން ނުހުންނަ ޚާއްޞަ ކަމެކެވެ. މި މަޝްރޫޢަށް ފައިސާ ލިބިފައިވަނީ ތުރުކީގެ މުޖުތަމަޢުން ދިން ހަދިޔާތަކުންނެވެ. އަދި މި މަޝްރޫޢު ވިލަރެސްކޮށްފައިވަނީ ތުރުކީގެ ޑައިރެކްޓަރޭޓް އޮފް ރެލިޖަސް އެފެއާޒްއިންނެވެ. މިއީ ޘަޤާފީ ތަރިކަ ދެމެހެއްޓުމަށް ޖަމާޢަތުގެ ގޮތުގައި ކުރެވުނު މަސައްކަތެއްގެ ނަތީޖާއެކެވެ.
2000 ވަނަ އަހަރު އަލުން ހުޅުވުނު ފަހުން، ޓޯކިޔޯ ޖާމިޢު މިސްކިތް ދުވަހުގެ ފަސް ނަމާދަށާއި، ހުކުރު ނަމާދަށާއި، އިސްލާމީ ޢީދުތަކަށް ޢަމަލީގޮތުން ބޭނުންކުރެވެމުންދެއެވެ. މީގެ އިތުރުން، ކައިވެނީގެ ރަސްމިއްޔާތުތަކާއި، ތަޢުލީމީ ސެމިނަރތަކާއި، ޘަޤާފީ ހަރަކާތްތައް ވެސް މި މިސްކިތުގައި ބޭއްވެއެވެ. މިއީ މި މިސްކިތަކީ ގިނަ ބޭނުންތަކެއް ހިފޭ މުޖުތަމަޢުގެ މަރުކަޒެއްކަން އިތުރަށް ސާބިތުކޮށްދޭ ކަމެކެވެ.
ޓޯކިޔޯ ޖާމިޢު މިސްކިތަކީ ޘަޤާފީ ތަރިކައާއި ޒަމާނީ ވަށްޓަފާޅިވެސް އެކުލެވިގެން އިމާރާތް ކުރެވިފައިވާ ރީތި މިސްކިތެކެވެ. އަދި މިއީ އިސްލާމީ ޢިމާރާތްކުރުމުގެ ފަންނުގެ ނަމޫނާއެއްގެ ގޮތުގައްޔާއި، ޓޯކިޔޯގައި ޘަޤާފީ ބަދަލުކުރުމުގެ މަރުކަޒެއްގެ ގޮތުގައި ހުރި ޖަޕާނުގެ މުހިންމު ބިނާއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...