މަޢުލޫމާތު އުދުހޭ ކާރު – ޙަޤީޤަަތަކަށްވުމާ ގާތުގައި
މަޢުލޫމާތު

އުދުހޭ ކާރު – ޙަޤީޤަަތަކަށްވުމާ ގާތުގައި

flying car.jpg

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އިންސާނުންގެ ތަނަވަސް ޚިލާޔުތަކުގެ ތެރެއިން އުފެދިގެން ދުނިޔެއަށް ވުޖޫދުވެފައިވާ އެތައް އެތައް އުފެއްދުމަކީ، އެ އެއްޗެއް އުފެދުމުގެ ކުރިން އެއީ ދުވަހަކުވެސް ޢާޖާދު ކޮށްފާނެ އެއްޗެއްކަމަށް މީހުން ދުށް އެއްޗެއްސެއްނޫނެވެ. ކޮންމެ އައު ޢީޖާދަކީވެސް އެތައް ދުވަހެއްގެ ގިނަގުނަ ވިސްނުންތަކާއި، އެތައް ބައިވަރު މަސައްކަތްތަކެއްގެ ފޮނި ނަތީޖާއެވެ. އުދުހޭ ކާރުތަކުގެ ޚިޔާލަކީ ކުރީގައި ހަމައެކަނި ސައިންސް ފިކްޝަންގައި ހިމެނިފައިވާ ޚިޔާލީ އެއްޗެކެވެ. ނަމަވެސް އުދުހޭ ކާރުގެ ތަޞައްވުރު މިހާރު ވަނީ ޙަޤީޤަތަކަށް ވުމާ ކައިރިވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އީޖާދުކުރާ ފަރާތްތަކުން އިލެކްޓްރިކް ވަރޓިކަލް ޓޭކްއޮފް އެންޑް ލޭންޑިންގ (އީ.ވީ.ޓީ.އޯ.އެލް) އުޅަނދުތައް ތަރައްޤީކުރަމުންދަނީ، ޝަހަރީ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމުގެ މަޤްޞަދުގައެވެ.

މި ޓެކްނޮލޮޖީގެ ކުރިއެރުމުގައި އެތައް ކުންފުންޏެއް ވަނީ އެންމެ ކުރީ ސަފުގައެވެ. އެގޮތުން އާރޗަރ އޭވިއޭޝަންއަކީ އެފަދަ އެއް ކުންފުންޏެވެ. ޔުނައިޓެޑް އެއަރލައިންސްއާ ގުޅިގެން، އާރޗަރ ވަނީ ނިއު ޔޯކް ސިޓީގައި މުޅިން އިލެކްޓްރިކް އެއަރ ޓެކްސީ ޚިދުމަތެއް ތަޢާރަފުކުރުމަށް ރާވާފައެވެ. މި ޚިދުމަތުން މެންހެޓަނާއި މައިގަނޑު އެއަރޕޯޓުތައް ގުޅުވައިދޭނެއެވެ. އެމީހުންގެ އީ.ވީ.ޓީ.އޯ.އެލް އުޅަނދު، “މިޑްނައިޓް” އަކީ ހަތަރު ފަސިންޖަރުންނާއި އެއް ޕައިލެޓަށް ޖާގަލިބޭ، 100 މޭލުގެ ދުރުމިނަށް ދަތުރުކުރެވޭ އަދި ގަޑިއަކު 150 މޭލުގެ ބާރުމިނުގައި ދުއްވޭ އުޅަނދެކެވެ. އާރޗަރ އަމާޒު ހިފާފައިވަނީ އެފް.އޭ.އޭގެ ހުއްދަ ލިބުމުން، 2028 ވަނަ އަހަރުގެ ލޮސް އެންޖެލެސް އޮލިމްޕިކްސްގައި އެމީހުންގެ އެއަރ ޓެކްސީތައް ވިޔަފާރީގެ ގޮތުގައި ތަޢާރަފުކުރުމަށެވެ.

އުދުހޭ ކާރު އުފައްދަން މަސައްކަތްކުރާ “ޖޯބީ އޭވިއޭޝަން” ކިޔާ ކުންފުންޏަކީވެސް އެމަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކުންފުންޏެކެވެ. 15 އަހަރުގެ މަސައްކަތަށްފަހު، ޖޯބީވެސް އަންނަނީ އެމީހުންގެ އެއަރ ޓެކްސީ ޚިދުމަތްތައް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް ދުބާއީގައި ޚިދުމަތް ފެށުމަށްވެސް ވަނީ ރާވާފައެވެ. އެކުންފުނިން އުފައްދާ އުޅަނދުގައިވެސް ހަތަރު ފަސިންޖަރުންނަށާއި އެއް ޕައިލެޓަށް ޖާގަ ލިބޭނެއެވެ. އަދި 100 މޭލުގެ ދުރުމިނަށް އެ ކާރުގައި ދަތުރުކުރެވޭނެއެވެ.

އަލެފް އެރޮނޯޓިކްސް އަކީވެސް އުދުހޭ ކާރު އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. އަލެފްއިން ވަނީ މޮޑެލް އޭ ގެ ނަމުގައި އުދުހޭ ކާރެއްގެ ޕްރޮޓޯޓައިޕެއް ތަޢާރަފުކޮށްފައެވެ. މިއީ ވަރޓިކަލް ޓޭކްއޮފް އަދި ކުރިއަށް އުދުހުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. މި ކުންފުނިން ރާވާފައިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް މި އުޅަނދުތައް ޢާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ. އަދި 2030 ވަނަ އަހަރާ ހަމައަށްދާއިރު އޭގެ އަގު ހެޔޮ މޮޑެލެއްކަމުގައިވާ މޮޑެލް ޒެޑް ނެރުމަށްވެސް އެމީހުންވަނީ އަމާޒު ހިފާފައެވެ.

އުދުހޭ ކާރުތައް ބާޒާރަށް ނެރުމުގެ ކުރިން ޓެސްޓުކުރުމަކީ ވަރަށް މުހިންމު މަރުޙަލާއެކެވެ. އަލެފް އެރޮނޯޓިކްސްއިން ވަނީ 2025 ވަނަ އަހަރުގެ މާރޗް މަހު އެކުންފުނިން ތައްޔާރުކުރާ އުދުހޭ ކާރުގެ ވީޑިއޯއެއް ޢާންމުކޮށްފައެވެ. މި ވީޑިއޯގައި ދައްކުވައިދެނީ އެމީހުންގެ އުދުހޭ ކާރުގެ ކޮންސެޕްޓް ވަރޝަނެއް ވަރޓިކަލްކޮށް ޓޭކްއޮފްކޮށް އެހެން އުޅަނދެއްގެ މަތިން އުދުހޭ މަންޒަރެވެ. އަދި އީހަންގގެ އީއެޗް216-އެސް އަށް ވަނީ 2023 ވަނަ އަހަރު ވިޔަފާރީގެ ގޮތުގައި އުދުހުމުގެ ހުއްދަ ލިބިފައެވެ. އަދި 2025 ވަނަ އަހަރުގެ މާރޗް މަހު ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވަނީ ޕައިލެޓަކު ނުލައި އުދުހުމުގެ ހުއްދަ އެ ކުންފުންޏަށް އިތުރުކޮށްދީފައެވެ.

އުދުހޭ ކާރުތައް އައުމުން އެތައް ފައިދާއެއް ލިބޭނެކަމަށް ބެލެވެއެވެ. އެގޮތުން އުދުހޭ ކާރުތައް ތަޢާރަފް ވުމުން މަގުތަކުގެ ޓްރެފިކް މަދުކުރެވި، ދަތުރުކުރާ ވަގުތު ކުރުކުރެވޭނެއެވެ. ކަރަންޓުން މަސައްކަތްކުރާ އުދުހޭ ކާރުތަކުން އާންމު އުޅަނދުތަކާ އަޅާބަލާއިރު ތިމާވެއްޓަށް ދޫކުރާ ވިހަ ގޭސް މަދުވެ، ވައި ނުސާފު ވުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެއެވެ. އަދި މިފަދަ އުޅަނދުތަކުން ދުރު ނުވަތަ ވާޞިލުވުމަށް އުނދަގޫ ސަރަޙައްދުތަކަށް ވާޞިލުވުމުގެ ފަސޭހަކަން ލިބި، ގުޅުންތައް އިތުރުވެގެންދާނެއެވެ.

ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވީ ނަމަވެސް، 2030 ވަނަ އަހަރާ ހަމައަށް އުދުހޭ ކާރުތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރަން ފެށުމަކީ އެތައް ކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. މީގެ ތެރޭގައި ޤަވާޢިދުތަކާއި ހުއްދަތައް، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުން، އަދި ޢާންމުންގެ ޤަބޫލުކުރުން ހިމެނެއެވެ. މިހާރުގެ ކުރިއެރުމަށް ބަލާއިރު، އަންނަ ދިހަ އަހަރުގެ ތެރޭގައި އުދުހޭ ކާރުތައް ޝަހަރީ ދަތުރުފަތުރުގެ ނިޒާމުގެ ބައެއްގެ ގޮތުގައި ހިމެނިގެންދާނެކަމަށް ބެލެވެއެވެ.

ޓެގް

ކާރު އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.