ގިނައިން ހަކުރު ކެއުމަކީ ރަނގަޅުކަމެއް ނޫންކަން އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އެނގެއެވެ. ގިނައިން ހަކުރު ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި ފަލަވުމާއި، ހަކުރު ބަލި އަދި ހިތުގެ ބަލިތައް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު އޮތުމާއެކު، ހަކުރަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުން ދޫކޮށްލަން ޖެހޭ އެއްޗެކެވެ.
ޢާންމުކޮށް ހަކުރު ބޭނުންކުރާ މީހުން ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމުން ލިބޭ ފައިދާތައް ވަރަށް އަވަހަށް ފެންނަން ފަށާކަން ދިރާސާތަކުން ދައްކައެވެ. ޑަލަސްގައި މަސައްކަތްކުރާ، ކާބޯތަކެތީގެ މާހިރެއް ކަމަށްވާ، އޭމީ ގުޑްސަން ބުނާ ގޮތުގައި، ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމުގެ ސަބަބުން މޫޑު ރަނގަޅުވުމާއި، ހަމުގެ ސިއްހަތު ރަނގަޅުވުމާއި، ދަތުގެ ސާފުތާހިރުކަން އިތުރުވުމާއި، ސިކުނޑީގެ މަސައްކަތް ރަނގަޅުވުން ހިމެނެއެވެ.
އެންމެ ފުރަތަމަ އެނގެން ޖެހޭ ކަމަކީ ހުރިހާ ބާވަތެއްގެ ހަކުރަކީ ހަށިގަނޑަށް ގެއްލުންދޭ ބާވަތްތައް ނޫންކަމެވެ. ޤުދުރަތީ ހަކުރާއި އިންސާނުން އުފައްދާފައި ހުންނަ ހަކުރަކީ ތަފާތު ދެބާވަތެއްގެ ހަކުރެކެވެ.
ރޮށީގައި ހުންނަ ގްލޫކޯސްއާއި މޭވާގައި އަދި ގިނަ ތަރުކާރީގައިވެސް ހުންނަ ފްރުކްޓޯސްއާއި ކިރުގައި ހުންނަ ލެކްޓޯސްއަކީ ގުދުރަތީ ހަކުރެވެ. މިއީ ހަކަތަ ދިނުމުގެ އިތުރުން، މުހިންމު ވިޓަމިންތަކާއި މިނަރަލްތަކާއި އެހެނިހެން ކާނާގެ ބާވަތްތައް ހިމެނޭ ކާނާ ކެއުމަށް ހިތްވަރު ދިނުމުގެ ގޮތުން މީރުކަމާއި ރަހަ ދިނުމަށް ހުންނަ ހަކުރެވެ. މި ކާނާގެ ބާވަތްތަކުން ހަކުރުގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރެއެވެ.
މިސާލަކަށް އަނބުގައި އެހެން ހުރިހާ މޭވާއަކަށްވުރެ ގިނައިން ގުދުރަތީ ހަކުރު އެކުލެވެއެވެ. މެދު ސައިޒުގެ އަނބެއްގައި 20 ގްރާމަށްވުރެ ގިނައިން ހަކުރު ހުރެއެވެ. ނަމަވެސް ހަމަ އެ އަނބުގައި ޕްރޮޓީނާއި، ކެލްސިއަމާއި، އަޔަންއާއި، މެގްނީޝިއަމާއި، ޕޮޓޭޝިއަމާއި، ވިޓަމިން ސީ އަދި އެންމެ މުހިންމު ކަމަކަށް “ހަކުރު ހަށިގަނޑަށް ފަސޭހައިން ބަލައިގަނެވޭ ގޮތަށް ލަހުން އެތެރެކުރުމަށް މަގުފަހިކޮށްދޭ” ފައިބަރ ހިމެނެއެވެ. މިއީ ޓަފްޓްސް ޔުނިވަރސިޓީގެ ޖީން މޭޔަރ ޔޫއެސް ޔޫއެސްޑީއޭ ހިއުމަން ނިއުޓްރިޝަން ރިސަރޗް ސެންޓަރ އޮން އޭޖިންގގެ ސީނިއަރ ސައިންޓިސްޓް އަދި ކާނާއާއި ދިގު މުއްދަތުގެ ބަލިތަކުން ރައްކާތެރިވުމާމެދު ހޭލުންތެރިކުރުވުމުގެ އިސްވާރު، އެލިސް ލިޗްޓެންސްޓައިން ވިދާޅުވި އެއްޗެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ތިބާ ވަރަށް ގިނައިން ހަކުރު ކައެވެ. ނަމަވެސް އެއާއެކު ހަށިގަނޑަށް ބޭނުންވާ ގިނަ މުހިންމު ކާނާގެ ބާވަތްތަކާއި، އެ ހަކުރު ހަށިގަނޑަށް ނަގައިދިނުން ލަސްކުރުމަށް މަގުފަހިކޮށްދޭ ފައިބަރ ވެސް ލިބެއެވެ. މިއީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ކުއްލިއަކަށް މައްޗަށް ދިއުން ހުއްޓުވައި، ހަކަތަ ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ.
އެހެންނަމަވެސް، އިތުރުކުރެވޭ ހަކުރަކީ “ކާނާ އުފެއްދުމުގައި ނުވަތަ ކެއްކުމުގައި ނުވަތަ މޭޒުމަތީގައި ކާނާއަށް އިތުރުކުރެވޭ ހަކުރު” ކަމަށް ގުޑްސަން ބުނެއެވެ. މިއީ ކާނާގެ ނިއުޓްރިޝަން ފެކްޓްސް ލޭބަލްގައި “އިތުރުކުރެވޭ ހަކުރު” ގެ ގޮތުގައި ދައްކާ އެއްޗެކެވެ. އަދި ޔޫއެސް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ލަފާދެނީ މި ބާވަތުގެ ހަކުރު ދުވާލަކު 50 ގްރާމަށްވުރެ ގިނައިން ނުކެއުމަށެވެ.
ކާނާގެ ލޭބަލްތަކުގައި އިތުރުކުރެވޭ ހަކުރު ދެއްކުމަށް 260 އަށްވުރެ ގިނަ ނަން ބޭނުންކުރެއެވެ “ose” ނުވަތަ “syrup” އިން ނިމޭ ކޮންމެ އިންގްރީޑިއެންޓަކީ ހަކުރުގެ ބާވަތެކެވެ. މިއީ ކާނާ ރައްކާކުރުމަށާއި، ޓެކްސްޗަރ ނުވަތަ ބަރުދަން އިތުރުކުރުމަށާއި، އެންމެ އާންމު ގޮތެއްގައި ސިއްހަތަށް ގެއްލުންހުރި އަދި ވަރަށް ބޮޑަށް ޕްރޮސެސްކުރެވިފައިވާ ކާނާގެ ރަހަ މީރުކުރުމަށް އިތުރުކުރެވޭ އެއްޗެކެވެ. މީގެ އިތުރުން، އިތުރުކުރެވޭ ހަކުރު އެކުލެވޭ ކާނާގައި އެ ހަކުރުގެ ގެއްލުން ކުޑަކުރުމަށް އެހީވެދޭވަރުގެ ވިޓަމިންތަކާއި މިނަރަލްތަކާއި ފައިބަރެއް ނުހުރެއެވެ.
މޭޔޯ ކްލިނިކްގެ ރަޖިސްޓަރޑް ޑައިޓީޝަން ނިއުޓްރިޝަނިސްޓް ކެތަރިން ޒެރަޓްސްކީ ވިދާޅުވާ ގޮތުގައި “މިއީ އިތުރުކުރެވޭ ހަކުރަށް ‘ހުސް ކެލަރީ’ ކިޔަން ޖެހޭ ސަބަބެވެ. އެއީ މިއީ ކާނާގެ ބާވަތްތައް ނުހިމެނޭ ކެލަރީ އަކަށްވާތީއެވެ.”
އިތުރުކުރެވޭ ހަކުރު ގިނައިން ކެއުމާއި ބުއިމުގެ ސަބަބުން ލިބޭ ގެއްލުންތައް ވަރަށް ބޮޑެވެ. މީގެ ތެރޭގައި ކްރޯންސް ބަލި އަދި މަލްޓިޕަލް ސްކްލެރޯސިސް ފަދަ އޮޓޯއިމިއުން ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވުމާއި، ލޭގެ ޕްރެޝަރ މަތިވުމާއި، އަދި 12 އަށްވުރެ ގިނަ ބާވަތުގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވުން ހިމެނެއެވެ. 2023 ވަނަ އަހަރު ބީއެމްސީ މެޑިސިންގައި ޝާއިޢުކުރި ދިރާސާއަކުން ދައްކާގޮތުގައި އިތުރުކުރެވޭ ހަކުރު އެންމެ 5 ޕަސެންޓް އިތުރުވިޔަސް، ހިތުގެ ބަލި ޖެހުމުގެ ފުރުސަތު 6 ޕަސެންޓް އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު 10 ޕަސެންޓް އިތުރުވެއެވެ.
ސްޓެންފޯޑް ހެލްތް ކެއަރގެ ކްލިނިކަލް ޑައިޓީޝަން އަދި ސެޓިފައިޑް ޑައިބެޓީސް ކެއަރ އެންޑް އެޑިއުކޭޝަން ސްޕެޝަލިސްޓް އިލެއިން ހޮން ވިދާޅުވާ ގޮތުގައި މިފަދަ ގެއްލުންތައް ލިބެނީ، އެއްވެސް ވަރަކަށް “ހަކަތައަށް ބޭނުން ނުކުރެވޭ ހަކުރު ހަށިގަނޑުގައި ރައްކާކުރެވޭތީއެވެ. މިކަމުގެ ސަބަބުން ބަރުދަން އިތުރުވެ، އިންސިއުލިން ރެސިސްޓެންސް އުފެދި، ހަކުރު ބައްޔާއި، ފަލަވުމާއި އަދި އެއާ ގުޅުންހުރި ނޭދެވޭ ނަތީޖާތައް ކުރިމަތިވެއެވެ.”
ކޮމެންޓް (0)
ލޯޑް ކުރަމުން...