އާންމު ދިރިއުޅުމުގައި އަޅުގަނޑުމެން ބޭނުންކުރާ ތަކެތީގެ ތެރޭގައި، އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ސާމާނާއި، ގޭތެރޭގެ ސާމާނާއި، އަދި އެކި ބާވަތުގެ އިލެކްޓްރޯނިކްސް ހިމެނެއެވެ. މި ތަކެއްޗަކީ ދިރިއުޅުން ފަސޭހަކޮށްދޭ ތަކެތި ކަމަށްވީ ނަމަވެސް، ސިއްހީ ރައްކާތެރިކަމާއި، ސާފުތާހިރުކަމާއި، އަދި އޭގެ އެންމެ ފުރިހަމަ ފައިދާ ހޯދުމަށްޓަކައި އެކަށީގެންވާ ވަގުތުގައި އެތަކެތި ބަދަލުކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. މާ އަވަހަށް ތަކެތި ބަދަލުކުރުމަކީ ބޭކާރު އިސްރާފަކަށް ވެދާނެ ކަމެކެވެ. ނަމަވެސް، މާ ލަހުން ބަދަލުކުރުމަކީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެ، އެ ތަކެތީގެ ފެންވަރު ދަށްވެދާނެ ކަމެކެވެ. އެހެންކަމުން، ބޭނުންކުރާ ތަކެތި ބަދަލުކުރަންޖެހޭ މުއްދަތުތައް ދެނެގަތުމަކީ ޒިންމާދާރު ދިރިއުޅުމެއްގެ މުހިންމު ބައެކެވެ.
އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތި ހަށިގަނޑާ ސީދާ ބައްދަލުވާތީ، ގަވާއިދުން އެތަކެތި ބަދަލުކުރަން ޖެހެއެވެ. މިސާލަކަށް، ދަތްއުނގުޅާ ބުރުސް އާންމުގޮތެއްގައި ކޮންމެ ތިން މަހުން ނުވަތަ ހަތަރު މަހުން ބަދަލުކުރަންވާނެއެވެ. ނޫންނަމަ ބުރުހުގެ “ފިހިތައް” ހަލާކުވުމުން އެއަށްވުރެ އަވަހަށްވެސް ބަދަލުކުރަންޖެހެއެވެ. ބާވެފައިވާ ބުރުހަކުން ދަތްތައް ރަނގަޅަށް ސާފެއް ނުކުރެވޭނެއެވެ. ހަމައެހެންމެ، ފެންވަރާއިރު ގައި އުނގުޅަން ބޭނުންކުރާ އިސްޕަންޖު ކޮންމެ ތިން ހަފުތާއަކުން ނުވަތަ ހަތަރު ހަފުތާއަކުން ބަދަލުކުރުން މުހިންމެވެ. ސަބަބަކީ އެތަކެތި ތެތްކޮށް ހުރުމުގެ ސަބަބުން ޖަރާސީމު އަށަގަތުމުގެ ފުރުސަތު ބޮޑުވުމެވެ. ތުނބުޅި ބާލާ ރޭޒަރުވެސް މަދު ފަހަރަކު ބޭނުންކުރުމަށްފަހު، ހާއްސަކޮށް ތޫނުކަން ކެނޑުމުން ނުވަތަ ތިލަ ބޭނުންކޮށްގެން ތުނބުޅި ބާލާއިރު ހަންގަނޑަށް އުނދަގޫވާނަމަ ބަދަލުކުރަންވާނެއެވެ. މިފަދަ ތަކެތި ބަދަލުކުރުމުން އެކި ބާވަތުގެ އިންފެކްޝަންތަކުން ސަލާމަތްވެ، ސާފުތާހިރުކަން ދެމެހެއްޓޭނެއެވެ.
ހެދުމާއި ނިދަން ބޭނުންކުރާ ތަކެތި ބަދަލުކުރަންޖެހޭ މުއްދަތުތަކެއްވެސް ވެއެވެ. އާންމުކޮށް ބޭނުންކުރާ އެތެރެއިންލާ ހެދުމާއި އިސްޓާކީނު ފަދަ ތަކެތި ހަ މަހާއި އަހަރަކާ ދެމެދުގެ މުއްދަތެއް ވުމުން ބަދަލުކުރަން ޖެހެއެވެ. ފައިވާނާއި ބޫޓު ފަދަ ތަކެތިވެސް ހަ މަހާއި އަހަރަކާ ދެމެދު ބަދަލުކުރުމަކީ ފައިގެ ސިއްހަތަށާއި ހަށިގަނޑުގެ ބައްޓަމަށް ރަނގަޅު ކަމެކެވެ. ކޮންމެ އެއް އަހަރަކުން ނުވަތަ ދެ އަހަރަކުން ބާލީސް ބަދަލުކުރުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ދުވަސްވުމުން އޭގައި ހިރަފުހާއި ދާ އަދި އެކި ބާވަތުގެ އެލާޖީ އުފެދޭ ތަކެތި ޖަމާވާތީއެވެ. ނިދާ ގޮދަޑި ހަތް އަހަރާއި ދިހަ އަހަރާ ދެމެދު ބޭނުންކުރެވުނު ނަމަވެސް، އޭގެ ހާލަތު ދަށްވާނަމަ ބަދަލުކުރަން ޖެހެއެވެ.
ގޭތެރޭގައި ބޭނުންކުރާ ތަކެތީގެ ތެރެއިން ބަދިގޭގައި ތަށިދޮންނަން ބޭނުންކުރާ އިސްޕަންޖު ކޮންމެ ހަފުތާއަކު ނުވަތަ ދެ ހަފުތާއަކުން ބަދަލުކުރަން ޖެހެއެވެ. ސަބަބަކީ ކާބޯތަކެތީގެ ބައިތަކާއި ތެތްކަމުގެ ސަބަބުން އެއީ ޖަރާސީމު އާލާވާ ތަނަކަށް ވާތީއެވެ. ފެން ފިލްޓަރުތައްވެސް އޭގެ އިރުޝާދުތަކާ އެއްގޮތަށް، އާންމުކޮށް ކޮންމެ ދެ މަހުން ނުވަތަ ހަ މަހުން ބަދަލުކުރުމަކީ ސާފު ބޯފެން ލިބުމަށް މަގުފަހިވާނެ ކަމެކެވެ. މީގެ އިތުރުން، ސަލާމަތީ ކަންކަމަށް ގޭގައި ހަރުކޮށްފައި ހުންނަ އަލިފާނުގެ ނުރައްކާ އަންގައިދޭ ސްމޯކް ޑިޓެކްޓަރ ތަކުގެ ބެޓެރި ކޮންމެ އަހަރަކު ބަދަލުކުރަންވާނެއެވެ.
އިލެކްޓްރޯނިކް ސާމާނަށް ބަލާއިރު، ފޯނު ފަދަ ތަކެތި އާންމުކޮށް ތިން އަހަރާއި ފަސް އަހަރާ ދެމެދު ބޭނުންކުރެވެއެވެ. ލެޕްޓޮޕް ފަދަ ތަކެތި ހަތަރު އަހަރާއި ހަ އަހަރާ ދެމެދު ރަނގަޅަށް މަސައްކަތް ކުރެއެވެ. މިފަދަ ތަކެތި ބަދަލުކުރަންވާނީ ހަމައެކަނި އާ މޮޑެލްއެއް ނުކުތުމުންނެއް ނޫނެވެ. އޭގެ ބަދަލުގައި، އެތަކެތީގެ މަސައްކަތް ހީނަރުވުމުން ނުވަތަ މަރާމާތު ނުކުރެވޭ ވަރުވުމުން ބަދަލުކުރުމަކީ ބުއްދިވެރި ގޮތެވެ.
ކޮންމެއަކަސް، ބޭނުންކުރާ ތަކެތި ބަދަލުކުރަންޖެހޭ ވަގުތު ބިނާވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށެވެ. އެއީ ސާފުތާހިރުކަމާއި، ސަލާމަތީ ރައްކާތެރިކަމާއި، އަދި އެ އެއްޗެއް ބޭނުންކުރެވޭ ފެންވަރެވެ. ތަކެތި ބާވުމުން ނުވަތަ ހަޑިވުމުން ބަދަލުކުރުމަކީ އަމިއްލަ ސިއްހަތު ރައްކާތެރިކޮށްދިނުމުގެ އިތުރުން، ތިމާވެއްޓަށް ގެއްލުންވާ ފަދަ އިސްރާފުތަކުން ދުރުހެލިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އާންމުކޮށް ބޭނުންކުރާ ތަކެތި ރަނގަޅު ވަގުތުގައި ބަދަލުކުރުމަކީ އަމިއްލަ ނަފްސަށް ދެވޭ އަޅާލުމެއް ކަމަށެވެ. ގޭތެރޭގެ ސާމާނާއި، އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ތަކެތީގެ ހާލަތު ބަލައި ބަދަލުކުރުމުން، ސާފުތާހިރުކަމާއި، އަރާމުކަމާއި، އަދި ރައްކާތެރިކަން ކަށަވަރު ކުރެވޭނެއެވެ. މިފަދަ ހެޔޮ އާދަތަކުގެ ސަބަބުން އަމިއްލަ ދިރިއުޅުމަށާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމަށް ފައިދާ ކުރާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...