މަޢުލޫމާތު ދުނިޔޭގައި އެންމެ ގިނަމީހުން ޒިޔާރަތްކުރާ މަންޒިލްތައް ވަރަށް ހިތްގައިމު
މަޢުލޫމާތު

ދުނިޔޭގައި އެންމެ ގިނަމީހުން ޒިޔާރަތްކުރާ މަންޒިލްތައް ވަރަށް ހިތްގައިމު

most visited places on earth.png

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގައި “އެންމެ ގިނަ މީހުން ޒިޔާރަތްކުރާ މަންޒިލް” ގެ ލަގަބަކީ ހަމައެކަނި އަދަދުތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. މިއީ އަދުގެ މުޖުތަމައު ދަތުރުފަތުރުކުރުމާއި، ވިޔަފާރިކުރުމާއި، އަޅުކަންކުރުމާއި، އަދި ދުނިޔެ ބަލާލުމަށް ގެންގުޅޭ ވައްޓަފާޅި ރަމްޒުކޮށްދޭ ކަމެކެވެ. އަހަރަކު އެއް ތަނަކަށް ޒިޔާރަތްކުރާ މީހުންގެ އަދަދަށް ބަލާއިރު، މި ރެކޯޑު އެންމެ ގިނައިން ލިބިފައިވަނީ އެކުވެރި އަރަބި އިމާރާތުގެ “ދުބާއީ މޯލް” އަށެވެ. އަހަރަކު 100 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާ މި ބިޔަ ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ މަރުކަޒަކީ، ޒަމާނީ ފަތުރުވެރިކަމާއި ސިޓީ ދިރިއުޅުމުގެ ދުނިޔޭގެ ރަމްޒެކެވެ.

2008 ވަނަ އަހަރު ހުޅުވި ދުބާއީ މޯލަކީ ހަމައެކަނި ވިޔަފާރިކުރާ ތަނެއް ނޫނެވެ. އެތަނަކީ އަގުބޮޑު މާކެޓުތަކާއި، ބައިނަލްއަގުވާމީ ބްރޭންޑްތަކާއި، ކެފޭ ރެސްޓޯރެންޓްތަކުގެ އިތުރުން، އިންޑޯ އެކުއޭރިއަމަކާއި، އައިސް ރިންކެއް އަދި ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖު ޚަލީފާއަށް ސީދާ ވަދެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. ފަތުރުވެރިންނާއި އެ ގައުމުގެ ރައްޔިތުން އެތަނަށް ޒިޔާރަތްކުރަނީ ހަމައެކަނި ވިޔަފާރިކުރުމުގެ ބޭނުމުގައެއް ނޫނެވެ. އެއް ފުރާޅެއްގެ ދަށުން މުޅި ދުވަހުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ތަޖުރިބާކުރުމަށްޓަކައެވެ. ޔޫރަޕާއި، އޭޝިއާ އަދި އެފްރިކާގެ ދެމެދުގައި އޮތް ދުބާއީގެ މަރުކަޒީ ސަރަހައްދުގައި މި މޯލް ހުރުމަކީ ބައިނަލްއަގުވާމީ ދަތުރުވެރިންނަށް އެތަނަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ. މިއީ މިއަދުގެ ފަތުރުވެރިކަމުގައި ވިޔަފާރިއާއި، މުނިފޫހިފިލުވުމާއި، ބިނާކުރުންތެރިކަމާއި، އަދި ސޯޝަލް މީޑިއާގެ ސަގާފަތް އެކުވެގެން އުފެދިފައިވާ ވަރުގަދަ މަންޒިލެކެވެ.

އެހެންނަމަވެސް، “އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ތަން” މާނަކުރާ ގޮތުން މި މަންޒިލްތައް ތަފާތުވެދާނެއެވެ. މިސާލަކަށް، ނިއުޔޯކް ސިޓީގެ “ޓައިމްސް ސްކޮޔަރ” އަކީ ދުނިޔޭގައި ހިނގާބިނގާވެ އުޅޭ މީހުން އެންމެ ގިނަ ސަރަހައްދު ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އަހަރަކު ގާތްގަނޑަކަށް 100 މިލިއަނަށްވުރެ ގިނަ މީހުން އެތަނަށް ޒިޔާރަތްކުރެއެވެ. މޯލަކާ ޚިލާފަށް، ޓައިމްސް ސްކޮޔަރަކީ ބޮޑެތި ޑިޖިޓަލް އިޝްތިހާރު ބޯޑުތަކާއި، ބްރޯޑްވޭ ތިއޭޓަރުތަކާއި، އަދި އައު އަހަރު ފާހަގަކުރުމުގެ ހަރަކާތްތަކަށް މަޝްހޫރު ހުޅުވިފައިވާ އާންމު މައިދާނެކެވެ. އެތަނުން ރަމްޒުކޮށްދެނީ ސިޓީއެއްގެ ދިރުމާއި، ހަކަތައާއި، އަދި ހުއްޓުމެއްނެތް މުނިފޫހިފިލުވުމުގެ ރޫހެވެ. މިލިއަނުން މީހުން އެތަނަށް އެއްވަނީ ކޮންމެހެން ވިޔަފާރިކުރާކަށް ނޫނެވެ. އެހެންނަމަވެސް، ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަންޒިލްގެ މާހައުލު ތަޖުރިބާކުރުމުގެ ބޭނުމުގައެވެ.

ޒަމާނީ ވިޔަފާރި މަރުކަޒުތަކުން ތާރީޚީ އަދި ސަގާފީ ތަންތަނަށް އަހަރެމެންގެ ނަޒަރު ހިންގާލާއިރު، އެހެން ބައެއް ތަންތަން ފާހަގަކުރެވެއެވެ. ބެއިޖިންގްގެ “ފޯބިޑަން ސިޓީ” އަކީ ކޮންމެ އަހަރަކު މިލިއަނުން މީހުން ޒިޔާރަތްކުރާ ތަނެކެވެ. ގާތްގަނޑަކަށް 500 އަހަރު ވަންދެން ޗައިނާގެ ރަސްރަސްކަލުންގެ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރި މިތަނަކީ މިހާރު ޔުނެސްކޯއިން ކަނޑައަޅާފައިވާ ދުނިޔޭގެ ތަރިކައި ލިސްޓުގައި ހިމެނޭ ތަނެކެވެ. އަދި މިއީ ޗައިނާގެ މުއްސަނދި ތާރީޚުގެ ދިރިހުރި ހެއްކެކެވެ. ފަތުރުވެރިން އެތަނަށް ޒިޔާރަތްކުރަނީ އެތަނުގެ ބޮޑެތި ގޯތިތަކާއި، ރަންކުލައިގެ ފުރާޅުތަކާއި، އަދި އެތައް ގަރުނެއްވީ އިހުގެ ޢިމާރާތް ކުރުމުގެ ވަށްޓަފާޅި ދެކިލުމަށެވެ.

ދީނީ މުގައްދަސް ބިނާތަކަކީވެސް ދުނިޔޭގައި އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަންތަނެވެ. މައްކާގެ މަސްޖިދުލް ހަރާމަށް ކޮންމެ އަހަރަކު މިލިއަނުން މީހުން ޒިޔާރަތްކުރެއެވެ. ޚާއްޞަކޮށް ހައްޖު މޫސުމުގައި މި އަދަދު އިތުރުވެގެންދެއެވެ. މުސްލިމުންނަށް ނިސްބަތްވާއިރު، މި މުގައްދަސް މިސްކިތަށް ޒިޔާރަތްކުރުމަކީ ފަތުރުވެރިކަމެއް ނޫނެވެ. އެއީ ވަރަށް މަތިވެރި ރޫހާނީ ދަތުރެކެވެ. އެތަނަށް އެއްވާ ގިނަ އަދަދެއްގެ މީހުން ހެކިކޮށްދެނީ، އެއް މަގުސަދެއްގައި ހުރިހާ ބައްރުތަކަކުން މީހުން އެއްބައިވަންތަކުރުވުމުގެ ބާރު ދީނުގައިވާ މިންވަރެވެ.

ދުނިޔޭގެ ގަދީމީ އަޖައިބުތަކަށް އޮންނަ ޝައުގުވެރިކަމަކަށްވެސް ބަދަލެއް ނާދެއެވެ. މިސުރުގެ ގީޒާގެ ޕިރަމިޑްތަކަކީ އިންސާނީ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ބިނާއެވެ. 4،500 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ބިނާތަކަކީ ގަދީމީ މިސުރުގެ އިންޖިނިއަރިންގްގެ ފުރިހަމަކަން ދައްކުވައިދޭ ތަންތަނެވެ. ދުނިޔޭގެ އެކި ކޮޅުކޮޅުން މީހުން މި ބިޔަ ބިނާތައް ބަލާލުމަށް މި ސަރަހައްދަށް ޒިޔާރަތްކުރެއެވެ.

ވަކިވަކި ތަންތަނުގެ ބަދަލުގައި މުޅި ގައުމަކަށް ބަލާނަމަ، ފްރާންސަކީ ދުނިޔޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުގެ ގޮތުގައި ވަރަށް ގިނަ ފަހަރު ފާހަގަކުރެވިފައިވާ ގައުމެކެވެ. އަހަރަކު އެތައް މިލިއަން ފަތުރުވެރިންނެއް އެ ގައުމަށް ޒިޔާރަތްކުރެއެވެ. ޕެރިހުން ފެށިގެން ފްރެންޗް ރިވިއެރާއާ ހަމައަށް، އެ ގައުމުން ފޯރުކޮށްދޭ ފަންނުވެރިކަމާއި، ކެއިންބުއިމާއި، ތާރީޚާއި، އަދި ހިތްގައިމު މާހައުލަކީ ދަތުރުވެރިންގެ ހިތްތައް އަތުލައިގަންނަ ކަންކަމެވެ.

“ދުނިޔޭގައި އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ތަން” ބިނާވަނީ އެކަމާ ދޭތެރޭ ދެކޭ ގޮތެއްގެ މައްޗަށެވެ. ޒަމާނީ މުނިފޫހިފިލުވުމުގެ މަރުކަޒަކަށް ބަލާނަމަ، ދުބާއީ މޯލް އޮތީ އެންމެ ކުރީގައެވެ. ނަމަވެސް ޓައިމްސް ސްކޮޔަރ ފަދަ އާންމު މައިދާންތަކާއި، ފޯބިޑަން ސިޓީ ފަދަ ތާރީޚީ ޚަޒާނާތަކާއި، މަސްޖިދުލް ހަރާމް ފަދަ މުގައްދަސް ބިނާތަކާއި، އަދި ޕިރަމިޑްތައް ފަދަ ގަދީމީ ބިނާތަކުން ހާމަވަނީ އިންސާނުން ދަތުރުކުރުމަށް މެދުވެރިވާ ތަފާތު ސަބަބުތަކެވެ. މި ހުރިހާ ކަމަކުން އެނގިގެންދަނީ އިންސާނުންގެ ހިތުގައިވާ އައު ކަންކަން ހޯދައި ބަލާލުމުގެ ޝައުގާއި، އީމާންތެރިކަމާއި، ސަގާފަތް އަދި މުނިފޫހިފިލުވުމަކީ ކޮންމެ އަހަރަކުވެސް ބިލިއަނުން މީހުން ދަތުރުކުރުމަށް ބާރުއަޅާ، މުޅި ދުނިޔެ ގުޅުވައިދޭ ކަންކަން ކަމެވެ.

ޓެގް

ދުނިޔެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.