މަޢުލޫމާތު ޓެރޭރިއަމް – ބިއްލޫރި ކޮށްޓެއްގެ ތެރޭގައި ހައްދާ ޤުދުރަތީ މާޙައުލު
މަޢުލޫމާތު

ޓެރޭރިއަމް – ބިއްލޫރި ކޮށްޓެއްގެ ތެރޭގައި ހައްދާ ޤުދުރަތީ މާޙައުލު

Terrarium.webp

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ޓެރޭރިއަމްތަކަކީ ބިއްލޫރި ތަށި ނުވަތަ ފުޅިފަދަ އެއްޗެއްގެ ތެރޭގައި ގަސްގަސް ހެދިބޮޑުވުމުގެ ފުރުސަތު ދޭ، ހައިރާންކުރުވަނިވި ކުޑަކުޑަ ދުނިޔެތަކެކެވެ. މިއީ ގުދުރަތީ ރީތިކަން ގޭތެރެއަށް ގެނުވައިދޭ ރީތި ގޮތެކެވެ. ޓެރޭރިއަމްއަކީ މަދު އެހީތެރިކަމެއްގައި ގަސް ހެދިބޮޑުވުމަށް އެހީތެރިވެދޭ ކުޑަ، ކޮންޓްރޯލް ކުރެވިފައިވާ މާހައުލީ ނިޒާމެކެވެ. ޓެރޭރިއަމްގެ މައިގަނޑު ދެ ބާވަތެއް ވެއެވެ: އެއީ ބަންދުކޮށްފައި ހުންނަ ޓެރޭރިއަމްއާއި ހުޅުވާލާފައި ހުންނަ ޓެރޭރިއަމްއެވެ.

ބަންދުކޮށްފައި ހުންނަ ޓެރޭރިއަމްތައް މަތިގަނޑަކުން ބަންދުކުރެވިފައި ހުންނައިރު، އޭގެ އަމިއްލަ ފެނުގެ ސައިކަލެއް އުފައްދައެވެ. މި ސަބަބުތަކަށްޓަކައި، މިބާވަތުގެ ޓެރޭރިއަމްތައް މޮސް، ފަރންސް، އަދި ކުދި ޓްރޮޕިކަލް ގަސްތަކަށް ފަދަ، ތެތްކަން ބޭނުންވާ ގަސްތަކަށް ވަރަށް ރަނގަޅެވެ. އަނެއްކޮޅުން، ހުޅުވާލާފައި ހުންނަ ޓެރޭރިއަމްތަކުގައި މަތިގަނޑެއް ނުހުންނަ ކަމުން، ގިނަ ވައި ދައުރު ކުރުމުގެ ފުރުސަތު ދެއެވެ. މިކަމުގެ ސަބަބުން މި ޓެރޭރިއަމްތައް ސަކިއުލެންޓްސް، ކެކްޓަސް، އަދި ހިކި މާހައުލުތަކުގައި ހެދޭ ގަސްތަކަށް ވަރަށް ރަނގަޅެވެ. ދެ ބާވަތުގެ ޓެރޭރިއަމްތަކުން ވެސް، އަލި، ތެތްކަން، އަދި ހުސްޖާގަ ހަމަހަމަކޮށް ލިބިއްޖެނަމަ، ގަސްތައް ވަރަށް ރަނގަޅަށް ހެދޮ ބޮޑުވެއެވެ.

ޓެރޭރިއަމްތައް މަސައްކަތްކުރަނީ ގުދުރަތީ އިކޯސިސްޓަމްތަކާ އެއްގޮތަށެވެ. ބަންދުކޮށްފައި ހުންނަ ޓެރޭރިއަމްއެއްގެ ތެރޭގައި ފެނުގެ ސައިކަލްގެ ސަބަބުން ތެތްކަން އަބަދުވެސް ހިފެހެއްޓިފައި ހުރެއެވެ. މިކަމުގެ ސަބަބުން ގިނައިން ފެން ނުދީ ވެސް ގަސްތައް ހެދެއެވެ. ގަސްތައް ބޭނުންވާ ފެން، މީގެ ތެރޭގައި ހުންނަ ގަސްތައް، ބިމުން ފެން ބޭރުކޮށް، އެތެރޭގެ ބިއްލޫރި ފަށަލައިގައި ހިފުމަށްފަހު އަނބުރާ ބިމަށް ވެއްޓެއެވެ. ގަސްތަކުން ފޮޓޯސިންތަސިސް ހަދައި، ލިބޭ އަލި ބޭނުންކޮށްގެން އޮކްސިޖަންއާއި ހަކަތަ އުފައްދައެވެ. މިކަމުގެ ސަބަބުން ޓެރޭރިއަމްގައި ހަމަހަމަ މާހައުލެއް ބެހެއްޓުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، ބިއްލޫރި އޮނިގަނޑުގެ ސަބަބުން ހޫނާއި ތެތްކަން ހިފެހެއްޓި، ގަސް ހެދިބޮޑުވުމަށް އެކަށީގެންވާ ސާބިތު މާހައުލެއް އުފެދެއެވެ. މި ގުދުރަތީ ކަންތައްތަކުގެ ސަބަބުން ޓެރޭރިއަމްތަކަކީ ދެމެހެއްޓެނިވި އަދި ބަލާލަން ހިތްގައިމު އެއްޗެކެވެ.

ޓެރޭރިއަމްއެއް އުފެއްދުމަށްޓަކައި ބައެއް މުހިންމު ތަކެތި ބޭނުންވެއެވެ. މިތަކެތީގެ ކޮންމެ އެއްޗަކީ ވެސް އިކޯސިސްޓަމްގެ ދުޅަހެޔޮކަމަށް އެހީތެރިވާ އެއްޗެކެވެ. ބިއްލޫރި ތައްޓަކީ އޮނިގަނޑު ކަމުގައި ވާއިރު، ގުރެވެލް ނުވަތަ ހިލައިގެ ޑްރެއިނޭޖް ލޭޔަރެއް ހުންނަނީ ފެން ހަރުލައި ނުހުންނާނެ ގޮތަށް ހެދުމަށެވެ. އެކްޓިވޭޓެޑް ޗާރކޯލް ގިނައިން ބޭނުންކުރަނީ ޓެރޭރިއަމްތައް ބެކްޓީރިއާގެ ޒަރީއާއިން ނުބައިވަސް ނުދުވާނެ ގޮތަށް، އަބަދުވެސް ތާޒާކޮށް ބެހެއްޓުމަށެވެ. މީގެ މައްޗަށް، ގަސްތައް ހެދެން އެކަށީގެންވާ ވެލީގެ ފަށަލައެއް އަޅައި، މޮސް، ފަރންސް، ސަކިއުލެންޓްސް، ނުވަތަ ކުދި ޓްރޮޕިކަލް ގަސްތައް ފަދަ ގަސްތައް ހިމަނައިގެން މާހައުލު ފުރިހަމަކުރެއެވެ. ބައެއްމީހުން ގަލާއި، އެނޫންވެސް ކުދިކުރި އެއްޗެއްސާއި ގަސްގަހުގެ ކުދި ބައިތައް ފަދަ ޒީނަތްތެރިކުރާ އެއްޗެހި ވެސް ޓެރޭރިއަމްތަކަށް އިތުރުކުރެއެވެ. އެއާއެކު ޓެރޭރިއަމްއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

ޓެރޭރިއަމްތަކުގެ ގިނަ ފައިދާތަކެއް ވެއެވެ. ޚާއްސަކޮށް ބަންދުކޮށްފައި ހުންނަ ޓެރޭރިއަމްތައް ބަލަހައްޓަން ފަސޭހަވެސްމެއެވެ. އެއީ ޓެރޭރިއަމްގައި އުފެދޭ ފެނުގެ ސައިކަލްގެ ސަބަބުން، އިތުރަށް ޓެރޭރިއަމްއަށް ފެންދޭން ނުޖެހޭތީއެވެ. މީގެ އިތުރުން، ޓެރޭރިއަމް ތަކަކީ އިކޯސިސްޓަމްތަކާއި، ފެނުގެ ސައިކަލް، އަދި ގަސްގަހުގެ ސައިންސް ދަސްކުރުމަށް ދަރިވަރުންނަށް އެހީތެރިވާ މޮޅު ތަޢުލީމީ ވަސީލަތެކެވެ. މިތަކެތީގެ ކުޑަ ސައިޒުގެ ސަބަބުން އެޕާޓްމަންޓްތަކާއި، އޮފީސްތަކާއި، ކްލާސްރޫމްތައް ފަދަ ކުދިކުދި ތަންތަނަށް ވަރަށް އެކަށީގެންވެއެވެ. ޓެރޭރިއަމްތަކަކީ ބަލާލަން ވެސް ވަރަށް ރީތި އަދި ގޭތެރެއަށް ގުދުރަތީ ރީތިކަން ގެނެސްދޭ ހިތްގައިމު ޒީނަތްތެރި އެއްޗެކެވެ. ގިނަ ބަޔަކު ޓެރޭރިއަމް ހެދުމަކީ ހިތްހަމަޖެހުމާއި ހިތަށް ފިނިކަން ގެނެސްދޭ ހޮބީއެއްގެ ގޮތުގައި ދެކެއެވެ.

ޓެރޭރިއަމްތަކަކީ ސާދާ އެއްޗެއް ނަމަވެސް، ރަނގަޅަށް ބެލެހެއްޓުމަކީ މުހިންމު ކަމެކެވެ. ގިނައިން ފެންދިނުމަކީ ވަރަށް އާންމުކޮށް މީހުން ހަދާ ގޯހެކެވެ. މިކަމުގެ ސަބަބުން، ޚާއްސަކޮށް ބަންދުކޮށްފައި ހުންނަ ޓެރޭރިއަމްތަކުގައި، ފަސްގަނޑު ހަލާކުވެ، ގަސްތައް ކުނިވެދާނެއެވެ. ޓެރޭރިއަމްތައް ސީދާ އިރުގެ އަލިކަމަށް ހުޅުވާލުމަކީ ވެސް މައްސަލައެކެވެ. އެހެނީ، ބިއްލޫރީގެ ސަބަބުން ހޫނު މިން މައްޗަށް ގޮސް، ގަސްތައް ހަލާކު ވެދާނެއެވެ. ތަފާތު ތެތްކަން ބޭނުންވާ ގަސްތައް އެއްތަނެއްގައި ބެހެއްޓުމުގެ ސަބަބުން ވެސް މައްސަލަތައް ކުރިމަތިވެދާނެއެވެ. އެއީ، ބައެއް ގަސްތަކަށް އެކަށީގެންނުވާ މާހައުލެއްގައި ދިރިނުހުރެވޭނެތީއެވެ. އެންމެ ފަހުން، ފެން ބޭރުވާނެ ނުވަތަ ފެން ހިނދޭނެ އެކަށީގެންވާ ފަށަލައެއް ނެތުމުގެ ސަބަބުން ބިންގަނޑުގައި ފެންގިނަވެ، ގަސްތަކުގެ ދުޅަހެޔޮކަމަށް އަސަރުކޮށްފާނެއެވެ. މިފަދަ ގޯސްތަކުން ދުރުހެލިވުމަކީ ޓެރޭރިއަމްއެއް ދުޅަހެޔޮ އަދި ދިރުންހުރި އިކޯސިސްޓަމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި މުހިންމު ކަމެކެވެ.

ޓެރޭރިއަމްތަކަކީ ގުދުރަތުގެ ހަމަހަމަކަން ދައްކުވައިދޭ ރީތި، އަދި ތިމާވެއްޓާ ރައްޓެހި ކުދިކުދި އިކޯސިސްޓަމްތަކެކެވެ. މިތަކެތިން ދައްކުވައިދެނީ މާބޮޑު ބެލެހެއްޓުމަކާ ނުލައިވެސް ގަސްތަކަށް އަމިއްލަ މާހައުލެއްގައި ހެދިބޮޑުވެވޭނެ ކަމެވެ. ޒީނަތްތެރިކުރުމަށާއި، ދަސްކުރުމަށް، ނުވަތަ ހަމައެކަނި އަމިއްލަ ހިތްހަމަޖެއްސުމަށް ބޭނުންކުރާ ނަމަވެސް، ޓެރޭރިއަމްތަކަކީ ގުދުރަތީ ދުނިޔެއާ ގުޅުން ބަދަހިކުރުމަށް ލިބިދެވޭ ހިތްގައިމު އަދި ފަސޭހަ ގޮތެކެވެ. މިތަކެތީގެ ސާދާކަމާއި ހިތްގައިމުކަމުގެ ސަބަބުން، އަމިއްލަ ގޭތެރެއަށް ގުދުރަތުގެ ކުޑަ ބައެއް ގެނައުމަށް ބޭނުންވާ ކޮންމެ މީހަކަށް ވެސް މިއީ މަގުބޫލު އެއްޗެކެވެ.

ޓެގް

ޤުދުރަތީ މާހައުލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.