ކޮންމެ އިޤްތިޞާދެއްގައި ވެސް ކުދި ވިޔަފާރިތަކަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ ބަޔެކެވެ. އެއީ ވަޒީފާގެ ފުރުސަތުތައް އުފައްދައި، އާ އީޖާދުތަކަށް މަގުފަހިކޮށްދީ، އަދި މުޖުތަމައުގެ އިޤްތިޞާދީ ދިރުމަށް އެހީތެރިވެދޭ ވަސީލަތްތަކެކެވެ. މިސާލަކަށް މާލެ ފަދަ ސިޓީތަކަށް ބަލާއިރު، ކުދި ކެފޭތަކާއި، ފިހާރަތަކާއި، އަދި އެކި ބާވަތުގެ ޚިދުމަތްދޭ ތަންތަނަކީ ދުވަހުން ދުވަހަށް ކުރިއަށްދާ ވިޔަފާރީގެ މައިބަދައެވެ. އެހެންނަމަވެސް، މިފަދަ ވިޔަފާރިތަކުގެ މުހިންމުކަން ބޮޑުވި ނަމަވެސް، ދެމިއޮތުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެއެވެ. އެކި ދިރާސާތަކުން ދައްކާގޮތުގައި، ކުދި ވިޔަފާރިތަކުގެ ބޮޑު އިންސައްތައެއް ފެށިތާ މަދު އަހަރުތަކެއްގެ ތެރޭގައި ހުއްޓެން މެދުވެރިވެއެވެ. މިކަން މިގޮތަށް ދިމާވާ މައިގަނޑު ސަބަބުތަކެއް ހުރެއެވެ.
ކުދި ވިޔަފާރިތައް ނާކާމިޔާބުވާ މައިގަނޑު އެއް ސަބަބަކީ މާލީ ކަންކަން ބެލެހެއްޓުމުގައި ހުންނަ ދޯދިޔާކަމެވެ. ގިނަ ފަހަރަށް ވިޔަފާރިވެރިން މަސައްކަތް ފަށަނީ ނުހަނު ޝައުގުވެރިކަމާއެކު މޮޅު ޚިޔާލުތަކަކާ އެކުގައެވެ. ނަމަވެސް، ބަޖެޓު ކުރުމާއި ފައިސާ ބެލެހެއްޓުމުގެ ހުނަރު މަދުވުމުގެ ސަބަބުން، ވިޔަފާރި ފަށަން ހިނގާ ޚަރަދުތައް މާކުޑަކޮށް އަންދާޒާކުރެވެއެވެ. އަދި ލިބޭނެ ފައިދާއަށް މާ ބޮޑަށް އުއްމީދުކުރުމާއި، ‘ކޭޝް ފްލޯ’ ނުވަތަ ފައިސާ ދައުރުވާ ގޮތް ރަނގަޅަށް މެނޭޖް ނުކުރެވުމުގެ ސަބަބުން ދަރަނިވެރިވާން މެދުވެރިވެއެވެ. ކުލި، މުސާރަ އަދި ބިލްތައް ދެއްކޭނެ ފަދަ މާލީ ޤާބިލުކަން ނެތިއްޖެނަމަ، ފައިދާވާ ވިޔަފާރިއެއް ވެސް ބަނގުރޫޓުވެދާނެއެވެ.
ދެވަނަ ސަބަބަކީ ބާޒާރުގެ ދިރާސާތައް ނުަވަތަ މާކެޓް ރިސަރޗް ފުރިހަމައަށް ނުހެދުމެވެ. ބައެއް ވިޔަފާރިތައް ފަށާއިރު، ކަމޭދުންގެ ބޭނުންތަކާއި، ވާދަވެރިންގެ ހާލަތާއި، އަދި އަގު ކަނޑައަޅާނެ ރަނގަޅު އުސޫލުތަކެއް ދެނެގަނެވިފައެއް ނުހުރެއެވެ. ވިޔަފާރިން ނެރޭ އުފެއްދުމަށް ނުވަތަ ދޭ ޚިދުމަތަށް އެކަށީގެންވާ ތަރުހީބެއް ނެތްނަމަ، ނުވަތަ އެ ސަރަހައްދެއްގައި އެފަދަ ވިޔަފާރިތައް މާ ގިނަވެފައިވާނަމަ، ދެމިއޮތުމަކީ އުނދަގޫ ކަމެކެވެ. މިސާލަކަށް، މިހާރުވެސް ގިނަ ފިހާރަތަކެއް ހުރި ސަރަހައްދެއްގައި ހަމަ އެފަދަ ފިހާރައެއް ހުޅުވުމަކީ ވިޔަފާރި ދަށްވެ، ފައިދާ ކުޑަވާނެ ކަމެކެވެ.
ހިންގުމުގެ ދޯދިޔާކަމާއި ލީޑަޝިޕް ނެތުމަކީ ވެސް ވިޔަފާރި ނާކާމިޔާބުވާ ސަބަބެކެވެ. ވިޔަފާރިއެއް ހިންގުމަށް ހަމައެކަނި ފަންނީ ހުނަރު ހުރުމަކުން ނުފުދެއެވެ. ކަންކަން ނިންމުމުގެ ޤާބިލުކަމާއި، ރޭވުންތެރިކަމާއި، އަދި މުވައްޒަފުންނާ މުއާމަލާތް ކުރުމުގެ ހުނަރު ބޭނުންވެއެވެ. ވިޔަފާރީގެ ވެރިފަރާތުން ކަންކަން މުވައްޒަފުންނަށް ބަހާލައިގެން ކުރަން ނުދަންނަ ނަމަ ނުވަތަ ބަދަލުވަމުންދާ ޙާލަތްތަކަށް ނުހޭނޭނަމަ، މުޅި ވިޔަފާރީގެ އުފެއްދުންތެރިކަން ދަށްވެގެންދެއެވެ.
މާކެޓިންގް ނުވަތަ އިޝްތިހާރު ކުރުމަށް ސަމާލުކަން ނުދިނުމަކީ ވެސް ބޮޑު މައްސަލައެކެވެ. ބައެއް ކުދި ވިޔަފާރިތަކުން ހަމައެކަނި އަނގަބަހުން ދެކެވޭ ވާހަކައަށް ބަރޯސާވާއިރު، މިހާރުގެ ޑިޖިޓަލް ދުނިޔޭގައި އޮންލައިންކޮށް ވިޔަފާރީގެ މަޢުލޫމާތު ފެންނަން ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކަމޭދުން ކަމެއް ބޭނުންވުމުން އެންމެ ފުރަތަމަވެސް ބަލަނީ އިންޓަރނެޓުންނެވެ. އެހެންކަމުން، މި ބަދަލުތަކަށް ނުހޭނޭ ވިޔަފާރިތަކަށް އާ ކަމޭދުން ހޯދުން ދަތިވެއެވެ.
މީގެ އިތުރުން، ބޭރުގެ އެކި ނުފޫޒުތަކުގެ ސަބަބުން ވެސް ވިޔަފާރިތަކަށް އަސަރުކުރެއެވެ. އިޤްތިޞާދީ ހީނަރުކަމާއި، ކުލި ބޮޑުވުމާއި، ތަކެތީގެ އަގު އުފުލުމަކީ ކުދި ވިޔަފާރިތަކަށް އުފުލަން އުނދަގޫ ބުރަތަކެކެވެ. ބޮޑެތި ކުންފުނިތަކާ ޚިލާފަށް، ކުދި ވިޔަފާރިތަކުގައި މިފަދަ ދަތި ޙާލަތްތަކުގައި ހިފަހައްޓާލެވޭނެ މާލީ ރިޒާވެއް ނުހުރެއެވެ.
ދެން ފާހަގަކުރެވެނީ ބަދަލުތަކަށް ނުހޭނުމެވެ. ބާޒާރުގެ ހާލަތު ވަރަށް އަވަހަށް ބަދަލުވެއެވެ. ކަމޭދުން ބޭނުންވާ ގޮތާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއްގޮތަށް އާ އީޖާދުތައް ނުގެންނަ ނަމަ، ވިޔަފާރީގެ ބޭނުންތެރިކަން ކެނޑިގެންދެއެވެ. ކާމިޔާބު ވިޔަފާރިވެރިންނަކީ މެދުނުކެނޑި އާ ކަންކަން ދަސްކޮށް، ހާލަތާ އެއްގޮތަށް ވިޔަފާރީގެ އުސޫލުތައް ބަދަލުކުރާ މީހުންނެވެ.
ކުދި ވިޔަފާރިތައް ނާކާމިޔާބުވަނީ މާލީ މައްސަލަތަކާއި، ރޭވުންތެރިކަން ކުޑަވުމާއި، ހަރުދަނާ ލީޑަޝިޕެއް ނެތުމުގެ ސަބަބުންނެވެ. ވިޔަފާރިއެއް ފެށުމަކީ ޝަޢުޤުވެރި ކަމަކަށް ވިޔަސް، އެ ވިޔަފާރި ދެމެހެއްޓުމަށްޓަކައި އަޚްލާޤާއި، ދިރާސާކުރުމާއި، ކެތްތެރިކަން ބޭނުންވެއެވެ. ރަނގަޅު ތައްޔާރީތަކާއެކު މަސައްކަތްކޮށްފިނަމަ، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ދިގު މުއްދަތުގެ ކާމިޔާބީ ހޯދިދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...