ކަލްކިއުލޭޓަރަކީ މިއަދު ހުރިހާ ކްލާސްރޫމް ތަކުންނާއި، އޮފީސްތަކުގެ އިތުރުން ކޮންމެ ފޯނަކުންވެސް ފެންނަ އާންމު ވަޞީލަތެކެވެ. ނަމަވެސް، މިއީ އެއްދުވަހަކުން ދެދުވަހަކުން އުފެދުނު އެއްޗެއް ނޫނެވެ. މީގެ ފަހަތުގައި އެތައް ހާސް އަހަރެއްގެ ތާރީޚެއް ވެއެވެ. މިއީ ހިސާބުތައް އަވަހަށް އަދި ފަސޭހައިން ނިންމުމަށް އިންސާނުން ކުރި ގިނަގުނަ މަސައްކަތުގެ ނަތީޖާއެވެ.
މެޝިނުތައް އުފެދުމުގެ މާ ކުރިން، އެންމެ އިހު ޒަމާނުގައި “އެބަކަސް“ ފަދަ އާދައިގެ ގުނާ ވަޞީލަތްތައް ބޭނުންކުރިއެވެ. އަންދާޒާ ކުރެވޭ ގޮތުގައި މީގެ ބޭނުން ހިފަން ފަށާފައިވަނީ މީލާދީގެ 2700 އަހަރުގެ ކުރިންނެވެ. އޭޝިއާ، ޔޫރަޕް އަދި މެދުއިރުމަތީގެ ވިޔަފާރިވެރިން މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމަށްޓަކައި، ދަނޑިބުރިތަކަކަށް އަމުނާފައި ހުންނަ މުތްތަކެއް ކަހައިގެން ހިސާބު ހެދިއެވެ. މިއީ މިޒަމާނުގައި މި ބޭނުންކުރާ ކަލްކިއުލޭޓަރުތައް އުފެދުމަށް އެޅުނު ބިންގަލެކެވެ.
ފުރަތަމަ ހަގީގީ ކަލްކިއުލޭޓަރުތައް ފެންނަން ފެށީ 17 ވަނަ ގަރުނުގެ ތެރޭގައި ޔޫރަޕުންނެވެ. އެގޮތުން 1623 ވަނަ އަހަރު ޖަރުމަނުގެ ފަލަކީ އިލްމުވެރިއެއް ކަމަށްވާ ވިލްހެލްމް ޝިކާޑް، “ކަލްކިއުލޭޓިންގ ކްލޮކް” ގެ ނަމުން ނަންދެވިފައިވާ މެޝިނެއް ފަރުމާކުރިއެވެ. މިއީ ފަލަކީ އިލްމާއި ހިސާބުގެ އުނދަގޫ ކަންކަން ފަސޭހަކުރުމަށް އުފެއްދި މެކޭނިކަލް ވަޞީލަތެކެވެ. އޭނާ އުފެއްދި މި ވަޞީލަތުގެ އަސްލު ގެއްލިފައިވީ ނަމަވެސް، މިއީ މިދާއިރާގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އޭގެ ފަހުން، 1642 ވަނަ އަހަރު ފަރަންސޭސި ހިސާބު އިލްމުވެރިއެއް ކަމަށްވާ ބްލޭޒް ޕާސްކަލް “ޕާސްކަލީން“ އުފެއްދިއެވެ. މީނާ މިފަދަ އެއްޗެއް އުފެއްދުމަށް ބާރުއެޅީ، އޭނާގެ ބައްޕަ ހަދަމުންދިޔަ ޓެކްސްގެ އުނދަގޫ ހިސާބުތައް ނިންމުމަށް އެހީތެރިވުމުގެ ގޮތުންނެވެ. ޕާސްކަލް އުފެއްދި މި މެޝިނަކީ އެއްކުރުމާއި ކެނޑުމަށް ބޭނުންކުރާ މެކޭނިކަލް ކަލްކިއުލޭޓަރެކެވެ. ގިއަރުތަކެއްގެ އެހީގައި މަސައްކަތްކުރާ މި މެޝިނަކީ ހިސާބު އިލްމު އޮޓޮމޭޓް ކުރުމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
18 ވަނަ ގަރުނާއި 19 ވަނަ ގަރުނުގެ ތެރޭގައި، އީޖާދުވެރިން ވަނީ މިފަދަ ހިސާބުކުރާ މެޝިނުތައް އިތުރަށް ތަރައްޤީކޮށް ވިޔަފާރީގެ އުސޫލުން އުފައްދަން ފަށާފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އޮފީސްތަކުގައި ބޭނުންކުރާނެ ފިއްތާ ފިތްތަކާއި މެކޭނިކަލް މޮޑެލްތައް ތަޢާރަފުވިއެވެ. މެކޭނިކަލް ފުރޮޅުތަކުން ފެށިގެން ޑިޖިޓަލް ސާކިޓްތަކާ ހަމައަށް އައި ކޮންމެ ކުރިއެރުމެއްގެ މައިގަނޑު މަގުސަދަކީ، ހިސާބު ހެދުމުގައި އިންސާނުންނަށް އަތުން ހެދޭ ގޯސްތައް މަދުކުރުމާއި، މަސައްކަތް އަވަސްކުރުމުގެ އިތުރުން ހިސާބުގެ ކަންކަން ފަސޭހައިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.
މިއަދު ކޮމްޕިއުޓަރުތަކާއި ފޯނުތަކުގައި ހިމެނިފައިވާ އިލެކްޓްރޯނިކް އަދި ޑިޖިޓަލް ކަލްކިއުލޭޓަރުތަކަކީ، މީގެ އެތައް އަހަރެއް ކުރިން ކުރެވުނު އެ އީޖާދުތަކުން އުފަންވި ވަޞީލަތްތަކެކެވެ. މި ހުރިހާ ކުރިއެރުމެއްގެ އަސްލަކީ، ހިސާބުތައް ގުނުމާއި، ކަންކަން ދެނެގަތުމުގައި ސައްޚަ އަދި އަވަސް ނަތީޖާއެއް ހޯދުމަށް އިންސާނާގެ ކިބައިގައިވާ ފަށުވި ހުނަރުތަކުގެ ބޭނުންތެރިކަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...