މަޢުލޫމާތު ދިވެހިރާއްޖެއަށްވުރެ މާގިނައިން ޖަޕާނުގައި ވަކިލާރި ގެންގުޅޭ
މަޢުލޫމާތު

ދިވެހިރާއްޖެއަށްވުރެ މާގިނައިން ޖަޕާނުގައި ވަކިލާރި ގެންގުޅޭ

japan coins.png

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ ގިނަ ޤައުމުތަކުން ޑިޖިޓަލް އަދި ކޮންޓެކްޓްލެސް ޕޭމަންޓްތަކަށް ހަލުވިކަމާއެކު ބަދަލުވަމުންދާއިރު، ޖަޕާން އަދިވެސް ފާހަގަކުރެވެނީ ދުނިޔޭގައި އެންމެ ގިނައިން ފައިސާ ފޮތި ބޭނުންކުރާ އެއް ޤައުމުގެ ގޮތުގައެވެ. ޖަޕާނަކީ ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި އައު އީޖާދުތަކަށް ނަން މަޝްހޫރު ޤައުމަކަށް ވީނަމަވެސް، އެ ޤައުމުގެ ކޮންމެ ދުވަހެއްގެ މުޢާމަލާތްތަކުގައި ނަގުދު ފައިސާ، ޚާއްޞަކޮށް ފައިސާ ފޮތި އަދިވެސް މުހިންމު ދައުރެއް އަދާކުރެއެވެ.

ޖަޕާނުގެ ފައިސާ ކަމަށްވާ ‘ޔެން’ ގައި އާންމުކޮށް ބޭނުންކުރާ ހަ ބާވަތެއްގެ ފައިސާ ފޮތި ހިމެނެއެވެ. އެއީ 1، 5، 10، 50، 100 އަދި 500 ޔެންގެ ފައިސާ ފޮއްޗެވެ. މި ފައިސާ ފޮތިތަކަކީ އާންމު ދަތުރުފަތުރުގެ ޚިދުމަތްތަކަށާއި، ވެންޑިންގ މެޝިންތަކަށާއި، ކުދި ފިހާރަތަކާއި ރެސްޓޯރެންޓްތަކުން ކުރާ ދުވަހީ ވިޔަފާރިތަކުގައި ވަރަށް ގިނައިން ބޭނުންކުރާ އެއްޗެކެވެ. މީގެ އިތުރުން، ޖަޕާނުގައި ހުންނަ ވަރުގަދަ ވެންޑިންގ މެޝިންތަކުގެ ސަގާފަތަކީވެސް ފައިސާ ފޮތި ބޭނުންކުރުން އިތުރުވާ އެއް ސަބަބެވެ. މުޅި ޤައުމުގައި އެތައް މިލިއަން ވެންޑިންގ މެޝިނެއް ހުރިއިރު، މީގެ ތެރެއިން ގިނަ މެޝިންތަކަކީ އަދިވެސް ނަގުދު ފައިސާ އާއި ފައިސާ ފޮތި ބޭނުންކުރުމަށް ބާރުއަޅާ މެޝިންތަކެކެވެ.

ޖަޕާނުން ފައިސާ ފޮތި ބޭނުންކުރުމަށް ދޭ އިސްކަމުގެ ފަހަތުގައިވާ އެންމެ މުހިންމު އެއް ސަބަބަކީ އެ ޤައުމުގެ ސަގާފީ އާދަކާދަތަކެވެ. ނަގުދު ފައިސާއަކީ ޖަޕާނުގެ ރައްޔިތުން ވަރަށް ބޮޑަށް އިތުބާރުކުރާ، އަދި ރައްކާތެރި އިތުބާރުހުރި ވަސީލަތެއްގެ ގޮތުގައި ދެކޭ އެއްޗެކެވެ. އެހެން ޤައުމުތަކާ އަޅާބަލާއިރު ޖަޕާނުގައި ކުށްކުރާ މިންވަރު ދަށްވުމަކީވެސް، ޖެހިލުން ވުމަކާ ނުލައި ފައިސާ ފޮއްޗާއި ނަގުދު ފައިސާ ގެންގުޅުމަށް މަގުފަހިވާ ކަމެކެވެ. މީގެ އިތުރުން، ކުދި ވިޔަފާރިތަކުން ކާޑު މުޢާމަލާތްތަކުން ނަގާ ފީތަކުން ސަލާމަތްވުމަށްޓަކައި، އާމުގޮތެއްގައިވެސް އިސްކަންދެނީ ނަގުދު ފައިސާއިން މުޢާމަލާތް ކުރުމަށެވެ.

ނަގުދު ފައިސާއާ ނުލައި މުޢާމަލާތްކުރުމަށް ސަރުކާރުން ބާރުއަޅައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ސަބަބުން، ފާއިތުވި އަހަރުތަކުގައި ޑިޖިޓަލް ޕޭމަންޓްތަކާއި މޮބައިލް ވޮލެޓްތަކަށް އޮތް ތަރުހީބު އިތުރުވެފައިވީ ނަމަވެސް، ފައިސާ ފޮތި އަދިވެސް ވަނީ އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހިފެހެއްޓިފައެވެ. ޓޯކިޔޯ އަދި އޮސާކާ ފަދަ ބޮޑެތި ސިޓީތަކުގައިވެސް، ކުދިކުދި ވިޔަފާރިތަކަށް ފައިސާ ފޮތިން އަގު އަދާކުރުމަކީ ވަރަށް އާންމު މަންޒަރެކެވެ.

މާލީ މާހިރުން ފާހަގަކުރާ ގޮތުގައި، ޖަޕާނުން ޒަމާނީ ފައިސާ ދެއްކުމުގެ ނިޒާމުތަކަށް މަޑުމަޑުން ބަދަލުވަމުންދާއިރުވެސް، އެ ޤައުމުގެ ވަރުގަދަ ނަގުދު ފައިސާގެ ސަގާފަތުގެ ސަބަބުން، ސްވިޑަން ނުވަތަ ޗައިނާ ފަދަ ޑިޖިޓަލް ޕޭމަންޓްތައް އާންމުވެފައިވާ ޤައުމުތަކާ ޖަޕާން ތަފާތުވެއެވެ. މިވަގުތަށް ބަލާއިރު، ޖަޕާން އަދިވެސް ދެމިއޮތީ ދުނިޔޭގައި އެންމެ ގިނައިން ފައިސާ ފޮތި ބޭނުންކުރާ ޤައުމުތަކުގެ ތެރޭގައެވެ. މިއީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައިވެސް، ގަދީމީ ފައިސާގެ ނިޒާމުތައް ދެމެހެއްޓިދާނެކަމުގެ ހެއްކެކެވެ.

ޓެގް

ފައިސާ ޖަޕާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.