މަޢުލޫމާތު ވިކްޓޯރިއާ ފޯލްސް – ކުލަދަގަ ޤުދުރަތީ އަޖާއިބެއް
މަޢުލޫމާތު

ވިކްޓޯރިއާ ފޯލްސް – ކުލަދަގަ ޤުދުރަތީ އަޖާއިބެއް

Victoria Falls.jpg

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ވިކްޓޯރިއާ ފޯލްސް އަކީ ދުނިޔޭގައިވާ އެންމެ ހިތްގައިމު އަދި ކުލަގަދަ ގުދުރަތީ އަޖައިބުތަކުގެ ތެރެއިން އެކެކެވެ. މިއީ ވަރަށް ފުން، އަދި ވަރަށް ބާރު މިނުގައި ފައިބަމުންދާ ފެނުގެ ފަރުދާއެއް ފަދަ މަންޒަރެކެވެ. މި ފެންގަނޑު އޮހޭ އަޑާއެކު މުޅި ސަރަހައްދު ގުގުމައި، ފެންތިކިތައް މައްޗަށް ބުރައިގެންދާ މަންޒަރަކީ ހައިރާންކުރުވަނިވި މަންޒަރެކެވެ. ޒެމްބިއާ އާއި ޒިމްބާބުވޭގެ ބޯޑަރުގައި އޮންނަ މި އޮހޭފެންގަނޑަކީ އޭގެ ބޮޑުމިނާއި، ބާރުގަދަކަމާއި، އަދި ބަލާލަން ރީތިކަމުގެ ސަބަބުން މުޅި ދުނިޔެއަށް މަޝްހޫރު ތަނެކެވެ. އެ ސަރަހައްދުގެ މީހުން މި ތަނަށް ކިޔައިއުޅެނީ “މޮސީ-އޯ-ޓުންޔާ” އެވެ. މީގެ މާނައަކީ “ގުގުމާ ނުވަތަ އަޑުގަދަ ދުން” އެވެ. ވިކްޓޯރިއާ ފޯލްސް އަކީ ދުނިޔޭގައިވާ އިލްމީ ގޮތުންނާއި ސަގާފީ ގޮތުން ބަލާއިރުވެސް ނުހަނު އަގުހުރި ތަނެކެވެ.

މި އޮހޭފެންގަނޑު އުފެދިފައިވަނީ ބާރު މިނުގައި ދެމެމުންދާ ޒެމްބޭޒީ ކޯރުގެ ސަބަބުންނެވެ. އެފްރިކާގެ ދެކުނުގެ ސަރަހައްދުތަކުން ދެމެމުން އަންނަ މި ކޯރު، ކުއްލިއަކަށް ވަރަށް ފުން ހަނި ފައްލަޔަކަށް ފައިބައިގެން ދެއެވެ. ގާތްގަނޑަކަށް 1.7 ކިލޯމީޓަރުގެ ފުޅާމިނެއް ހުންނަ މި ފެންގަނޑު ގާތްގަނޑަކަށް 100 މީޓަރު ތިރިއަށް ފައިބައެވެ. މިއީ ދުނިޔޭގެ އެންމެ އުސް ނުވަތަ އެންމެ ފުޅާ ފެންގަނޑު ނޫން ނަމަވެސް، މިއީ ދުނިޔޭގައިވާ، އުސްތަނަކުން އޮހޭ އެންމެ ބޮޑު ފެންގަނޑުގެ ގޮތުގައި ބެލެވެނީ އޭގެ ފުޅާމިނާއި އޮހޭ ފެނުގެ މިންވަރަށް ބަލައިގެންނެވެ. ވިއްސާރަ މޫސުމުގައި ކޮންމެ ސިކުންތަކު އެތައް މިލިއަން ލީޓަރެއްގެ ފެން މިތަނުން އޮހިގެންދާއިރު، އޭގެ ސަބަބުން އުފެދޭ ފެނުގެ ތިކިތައް ބޮޑު ދުންގަނޑެއްހެން އެތައް ކިލޯމީޓަރެއްގެ ދުރަށް ފެންނަން ހުރެއެވެ.

ޖިއޮލޮޖިކަލް ނަޒަރަކުން ބަލާއިރު، ވިކްޓޯރިއާ ފޯލްސް އަކީ އެތައް މިލިއަން އަހަރެއްގެ ތެރޭގައި ހިނގާފައިވާ ގުދުރަތީ ގިރުންތަކުގެ ސަބަބުން އުފެދިފައިވާ ތަނެކެވެ. ޒެމްބޭޒީ ކޯރުގެ ބާރު އޮއިވަރުގެ ސަބަބުން އަލިފާން ފަރުބަދައިގެ ހިލަތައް ގިރި، އެކި ބައްޓަމުގެ ފުން ކުދި ފަށަލަތައް އުފެދިފައިވެއެވެ. މިއަދުވެސް މި ބަދަލުތައް މަޑުމަޑުން އަންނަނީ ހިނގަމުންނެވެ. ހިލަތަކުގައި ޖެހޭ ފެނުގެ ބާރުގަދަ އޮއިވަރުން ދައްކުވައިދެނީ، ގިނަ ދުވަސްތަކެއްގެ ތެރޭގައި ގުދުރަތީ ބާރުތަކުން ބިމަށް ގެންނަ ބޮޑެތި ބަދަލުތަކެވެ. މިއީ ކޯރުތަކާއި ބިމުގެ ގިރުންތަކާ ބެހޭގޮތުން ދިރާސާކުރާ ސައިންސްވެރިންނަށް ލިބޭ ވަރަށް މުހިންމު މަޢުލޫމާތެކެވެ.

އެތައް ހާސް އަހަރެއް ކުރިންސުރެ، މި ސަރަހައްދުގެ މީހުން މި ފެންގަނޑަކީ ވަރަށް މުގައްދަސް ތަނެއްގެ ގޮތުގައި ބަލަމުން އައިސްފައިވެއެވެ. އެމީހުންގެ ސަގާފީ އަދި ދީނީ ކަންކަމާ މިތަން ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. 1855 ވަނަ އަހަރު، ސްކޮޓްލޭންޑްގެ ދަތުރުވެރިޔާ ޑޭވިޑް ލިވިންގްސްޓަން އަކީ މި ތަނުގެ މަޢުލޫމާތު ދުނިޔެއަށް ފުރަތަމަ ފަހަރަށް ފޯރުކޮށްދިން ޔޫރަޕްގެ މީހާއެވެ. އޭނާ މި ތަނަށް “ވިކްޓޯރިއާ ފޯލްސް” ގެ ނަމުން ނަން ދިނީ އޭރުގެ އިނގިރޭސި ރާނީ ވިކްޓޯރިއާގެ ޝަރަފުގައެވެ. ނަމަވެސް، މިހާރުވެސް އެ ސަރަހައްދުގެ އަސްލު ރަށްވެހިން ބޭނުންކުރާ އެ ނަމަށް ބޮޑު އިޙްތިރާމެއް ދެވިފައިވެއެވެ.

މި ފެންގަނޑުން ބުރައިގެންދާ ފެންތިކި ތަކުގެ ސަބަބުން، އެ ސަރަހައްދުގައި މުއްސަނދި ގުދުރަތީ ދިރުންތަކެއް އުފެދިފައިވެއެވެ. އެ ސަރަހައްދުގެ ހޫނުމިން ހުންނަ ގޮތުން ނުހެދޭނެ ފަދަ ގަސްގަހާގެހި، މި ފެންފޮދުތަކުގެ ސަބަބުން ލިބޭ ތެތްކަމުގައި ހެދި، ޚާއްޞަ “ރެއިންފޮރެސްޓް” އެއް ވަނީ އުފެދިފައެވެ. މީގެ އިތުރުން ތަފާތު ބާވަތްތަކުގެ ދޫންޏާއި، ސޫފާސޫތްޕާއި، އަދި އެހެނިހެން ޖަނަވާރުތައް މި ސަރަހައްދުގައި ދިރިއުޅެއެވެ. މިއީ ތިމާވެށީގެ ގޮތުން ނުހަނު ބޭނުންތެރި ރައްކާތެރިކުރެވިފައިވާ ސަރަހައްދެކެވެ.

ގުދުރަތީ މުހިންމުކަމުގެ އިތުރުން، ވިކްޓޯރިއާ ފޯލްސް އަކީ އެ ސަރަހައްދުގެ އިޤްތިޞާދާއި ފަތުރުވެރިކަމުގެ މައިނާރެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން މި ހިތްގައިމު މަންޒަރު ބަލާލުމަށް ޒިޔާރަތްކުރެއެވެ. ޚާއްޞަކޮށް ފެންގަނޑު ބޮޑުވާ ދުވަސްވަރު މިތަނުގެ ރީތިކަން އިންތިހާއަށް އިތުރުވެއެވެ. ފަތުރުވެރިންނަށް މިތަނުގައި ހިނގާލުމާއި، މަތިންދާބޯޓުގައި މަތިން ބަލާލުމާއި، އަދި ކޯރުގެ ދަތުރުތައް ކުރުން ފަދަ ކަންކަން ކުރެވެއެވެ. މިފަދަ ކަންކަން ކުރިއަށް ގެންދަނީ ގުދުރަތީ މާހައުލަށް ގެއްލުން ނުވާނެ ފަދަ ދެމެހެއްޓެނިވި ގޮތްތަކެއްގެ މަތިންނެވެ.

ވިކްޓޯރިއާ ފޯލްސް އިން ލިބިދޭ އިހުސާސްތަކަކީ ދުވަހަކުވެސް ހަނދާނުން ފޮހެލެވޭނެ ކަންކަމެއް ނޫނެވެ. އެ ފެންގަނޑުން އުފައްދާ ވަރުގަދަ އަޑާއި، އިރުގެ އަލި ފެންފޮދުތަކުގެ ތެރެއިން ފުރޭނިގެންދާއިރު ފެންނަ ރީތި ވިއްސާރަދުނިތަކަކީވެސް ހިތްގައިމު މަންޒަރެކެވެ. މި ފެންގަނޑުގެ ކައިރީގައި ހުންނައިރު، ގުދުރަތުގެ ބާރުގަދަކަމާއި އޭގެ ފުރިހަމަކަން ވަރަށް ބޮޑަށް އިހުސާސް ކުރެވެއެވެ.

ވިކްޓޯރިއާ ފޯލްސް އަކީ ހަމައެކަނި އޮހޭފެންގަނޑެއް ނޫނެވެ. އެއީ މި ދުނިޔެއާއި ދުނިޔޭގައި ވާހާއެއްޗެއް އުފެއްދެވި ޚާލިޤުވަންތަ ﷲ ސުބުހާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމާއި ބާރު ހާމަކޮށްދޭ ވަރަށްވެސް އަލިގަދަ ހެއްކެކެވެ. އޭގެ ސަބަބުން ދުނިޔެ ބައްޓަންވަމުންދާ ގޮތް އަހަރެމެންނަށް ހަނދާންކޮށްދެއެވެ. އަދި އިންސާނުންނާއި ތިމާވެއްޓާ ދެމެދު އޮންނަ ގުޅުން މިތަނުން ވަރަށް ބޮޑަށް އެނގި ހާމަވެގެންދެއެވެ. މިއީ އަބަދުގެ އަބަދަށްވެސް ދުނިޔޭގެ ރީތިކަމާއި ބާރުގަދަކަމުގެ ރަމްޒެއްގެ ގޮތުގައި ދެމިއޮންނާނެ ތަނެކެވެ.

ޓެގް

ޒިމްބާބުވޭ ކޯރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.