މަޢުލޫމާތު ސެމްސަންގްގެ ވަރުގަދަ ގެލެކްސީ S26 ސީރީޒްއާއެކު ޓެކްނޮލޮޖީގެ އައު އުސްމިންތަކަކަށް
މަޢުލޫމާތު

ސެމްސަންގްގެ ވަރުގަދަ ގެލެކްސީ S26 ސީރީޒްއާއެކު ޓެކްނޮލޮޖީގެ އައު އުސްމިންތަކަކަށް

Samsung Galaxy S26.jpg

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސެމްސަންގުގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތައް ކަމަށްވާ ގެލެކްސީ S26، ގެލެކްސީ S26+ އަދި ގެލެކްސީ S26 އަލްޓްރާ، “ގެލެކްސީ އަންޕެކްޑް 2026” އިވެންޓުގައި ރަސްމީކޮށް ދައްކާލައިފިއެވެ. މި އައު ސީރީޒްއާއެކު އާޓިފިޝަލް އިންޓެލިޖެންސް އިތުރަށް ވަރުގަދަކޮށް، ފޯނުގެ ހިނގުން އަވަސްކޮށް، އަދި ސަލާމަތީ ކަންކަން ވަނީ ކުރިއަށްވުރެ ހަރުދަނާކޮށްފައެެވެ.

ކުރީގެ S25 ސީރީޒްގެ ބިންގަލުގެ މައްޗަށް ބިނާކޮށް، S26 ސީރީޒްގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ AI ގެ ބޭނުންތައް ފޯނުގެ އެކި މަސައްކަތްތަކުގައި ފުރިހަމައަށް ބޭނުންކުރުމަށެވެ. އެގޮތުން ސެމްސަންގްގެ “ގެލެކްސީ އޭ.އައި” ނިޒާމަށް ގެނެވުނު ބަދަލުތަކާއެކު، ވަގުތުން ތަރުޖަމާކުރުމާއި، ފޮޓޯ އެޑިޓްކުރުމުގެ އިތުރުން ފޯނު ބޭނުންކުރާ ފަރާތްތަކުގެ އާދަތަކަށް ބަލައި ކަންކަން ލަފާކޮށްދިނުމުގެ ޚިދުމަތްތައް ވަނީ މުޅިން އައު ހަރުފަތަކަށް ގެންގޮސްފައެވެ. ސެމްސަންގުން ހާމަކުރި ގޮތުގައި މި ކުރިއެރުންތަކާއެކު ޕްރައިވެސީ ނުވަތަ އަމިއްލަ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައެވެ. އަދި ހަމައެއާއެކު ފޯނުން ކުރާ އެންމެހައި މަސައްކަތްތައް ކުރިއަށްވުރެ އަވަސްވާނެ ކަމުގެ ޔަގީންކަން ވަނީ ސެމްސަންގެގެ އެންމެހައި ކަސްޓަމަރުންނަށް އަރުވާފައެވެ.

ފޯނުގެ ޕާފޯމަންސަށް ބަލާއިރު، އެންމެ ފަހުގެ “ސްނެޕްޑްރެގަން 8 އެލީޓް ޖެން 5” ޗިޕްސެޓާއެކު ފޯނު ހޫނުވުން ކުޑަކޮށްދޭ ނިޒާމު ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ. މީގެ އިތުރުން، މިހާރު ހުރިހާ މޮޑެލްތަކެއްގެ އެންމެ ދަށް ސްޓޯރޭޖްގެ ގޮތުގައި 25 ޖީބީ ކަނޑައަޅާފައިވަނީ ގިނަ މައުލޫމާތާއި، ފޮޓޯ އާއި ވީޑިއޯ ރައްކާކުރަން ބޭނުންވާ ކަމޭދުންގެ އެދުމަށެވެ. އަދި ބެޓެރީގެ ބާރު 24 ގަޑިއިރު ހިފަހައްޓައިދޭނެ ފަދަ ހަރުދަނާ ބަދަލުތަކެއް ވެސް ވަނީ ގެނެސްފައެވެ.

ކެމެރާގެ ޓެކްނޮލޮޖީއަކީ އަދިވެސް މި ފޯނުތަކުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބައެވެ. S26 އަދި S26+ ގައި އަލިކަން ދަށް ތަންތަނުގައި ސާފު ފޮޓޯ ނެގުމުގެ ގާބިލުކަން އިތުރުކޮށްފައިވާއިރު، ކުލަތައް ވެސް ކުރިއަށްވުރެ ގުދުރަތީ ގޮތަކަށް ފެންނާނެއެވެ.   S26  އަލްޓްރާގައި ވީޑިއޯގެ ހަމަހިފަހައްޓައިދޭ “ސްޓެބިލައިޒޭޝަން” ސިސްޓަމާއި ސެންސަރުތައް ވަނީ ޒަމާނީ އެންމެ މަތީ ފެންވަރަށް ތަރައްގީކޮށްފައެވެ. މިއީ މި ސީރީޒްގެ އެންމެ ފެންވަރު ރަނގަޅު ފޯނުގެ ގޮތުގައި މި ފޯނުގެ މަގާމު އިތުރަށް ވަރުގަދަކޮށްދޭ ކަމެކެވެ.

ފޯނުގެ ފަރުމާއަށް ބަލާއިރު، ޢާންމުކޮށް ސެމްސަންގް ފޯނުތަކުގައި ހުންނަ ސާދާ އަދި ފުރިހަމަ ސިފަ ދަމަހައްޓަމުން، ސްކްރީންގެ އަލިގަދަކޮށް، ފޯނުގެ ވަރުގަދަކަން ނުވަތަ ދެމެހެއްޓެނިވިކަން ވަނީ އިތުރުކޮށްފައެވެ. ވަކިން ޚާއްޞަކޮށް، ގެލެކްސީ S26 އަލްޓްރާގައި މުޅިން އައު “ޕްރައިވެސީ ޑިސްޕްލޭ” އެއް ހިމަނާފައިވެއެވެ. މީގެ ސަބަބުން އާންމު ތަންތަނުގައި ފޯނު ބޭނުންކުރާއިރު، އަރިމަތިން ބަލާ މީހުންނަށް ފޯނުގެ ސްކްރީން ނުފެންނާނެހެން ހުރަސްއަޅައި، ޒާތީ މަޢުލޫމާތުގެ ރައްކާތެރިކަން އިތުރުކޮށްދެއެވެ.

އަގުތަކަށް ބަލާއިރު، އެމެރިކާގެ ބާޒާރުގައި ގެލެކްސީ S26 ލިބެން ހުންނާނީ 899.99 ޑޮލަރަށެވެ. ގެލެކްސީ S26+ ގެ އަގު 1,099.99 ޑޮލަރަށް ހުރިއިރު، ގެލެކްސީ S26 އަލްޓްރާ ލިބޭނީ 1,299.99 ޑޮލަރަށެވެ. މި އަގުތަކަށް ބަދަލު އަންނާނީ ފޯނުގެ ސްޓޯރޭޖް ހުންނަ މިންވަރަކުންނެވެ. މީގެ އިތުރުން، ސެމްސަންގުން ވަނީ ހަތް އަހަރު ދުވަހުގެ އެންޑްރޮއިޑް އޯ.އެސް އަދި ސެކިއުރިޓީ އަޕްޑޭޓް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައެވެ. މިއީ ކަމޭދުންނަށް ގިނަ ދުވަހު ފޯނު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދޭ މުހިންމު ނިންމުމެކެވެ.

ޒަމާނީ އޭއައި އާއި، ވަރުގަދަ ހާޑްވެއާ އަދި ރައްކާތެރިކަމުގެ އައު ވަސީލަތްތަކާއެކު، ގެލެކްސީ S26 ސީރީޒަކީ ސްމާޓްފޯން ބާޒާރުގެ އެންމެ ކުރީގައި ސެމްސަންގުން ދަމަހައްޓަމުން އަންނަ މަގާމު އިތުރަށް ވަރުގަދަކޮށްދޭނެ އުފެއްދުމެކެވެ.

ޓެގް

ސެމްސަންގް ޓެކްނޮލޮޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.