މަޢުލޫމާތު ޓޭޒަރު – މީހާގެ ހަރަކާތް ވަގުތީގޮތުން ހުއްޓުވާ ޒަމާނީ އާލާތެއް
މަޢުލޫމާތު

ޓޭޒަރު – މީހާގެ ހަރަކާތް ވަގުތީގޮތުން ހުއްޓުވާ ޒަމާނީ އާލާތެއް

taser gun2.png

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޓޭޒަރަކީ އިންސާނެއްގެ ހަށިގަނޑަށް ނުރައްކާތެރި ނޫން މިންވަރެއްގެ ކަރަންޓު ޝޮކެއް ފޮނުވާލައިގެން، އެ މީހެއްގެ ހަރަކާތްތައް ވަގުތީގޮތުން ހުއްޓުވުމަށް ބޭނުންކުރާ އާލަތެކެވެ. މިއީ މަރުގެ ނުރައްކާ ކުޑަ، ނަމަވެސް ބާރުގެ ބޭނުންކުރަންޖެހޭ ނުރައްކާތެރި ހާލަތްތަކުގައި ފުލުހުންނާއި ސަލާމަތީ ބާރުތަކުން ބޭނުންކުރާ މުހިންމު ވަސީލަތެކެވެ.

ޓޭޒަރު އުފެއްދުމުގެ ތާރީޚަށް ބަލާއިރު، މިއީ 1970 ގެ އަހަރުތަކުގެ ކުރީކޮޅު އެމެރިކާގެ ނާސާގެ ސައިންސުވެރިއެއް ކަމަށްވާ ޖެކް ކަވަރ އުފެއްދި އެއްޗެކެވެ. އޭނަ މިއާލާތް އުފެއްދީ ފުރާނައަށް ނުރައްކާ ނުވާނެ ފަދަ ގޮތަކަށް ކުށްވެރިން ހުއްޓުވޭނެ ގޮތެއް ހޯދުމުގެ މަޤުސަދުގައެވެ.

ޓޭޒަރު މަސައްކަތްކުރަނީ އެއިން ފޮނުވާލާ ކުޑަ ދެ ތީރު ބޭނުންކޮށްގެންނެވެ. މި ދެ ތީރު ބަޑިއަކުން އުންޑަ ޖަހާ ފަދައިން ފޮނުވާލުމުން، އެ މީހާގެ ހަށިގަނޑުގައި ޖެހުމާއެކު ބާރުގަދަ ކަރަންޓު ޝޮކެއް ފޮނުވާލައެވެ. މީގެ ސަބަބުން އިންސާނާގެ ސިކުނޑިން މަސްތަކަށް ފޮނުވާ އިޝާރާތްތަކަށް ބުރޫއަރައި، ހަށިގަނޑުގެ މަސްތައް ވަގުތީގޮތުން މަޑެޖެހެން މެދުވެރިވެއެވެ. ނަތީޖާއެއްގެ ގޮތުން އެމީހެއްގެ ހަށިގަނޑުގެ ބާރު ކެނޑި ބިމަށް ވެއްޓެއެވެ. މި ހާލަތު ދެމިއޮންނަނީ މަދު ސިކުންތުކޮޅަކަށެވެ.

ދުނިޔޭގެ ކުރިއަރާފައިވާ 100 އަށްވުރެ ގިނަ ޤައުމެއްގެ ފުލުހުން މިހާރު ޓޭޒަރު ބޭނުންކުރެއެވެ. މީގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ކެނެޑާ ފަދަ ޤައުމުތައް ހިމެނެއެވެ. ގިނަ ޤައުމުތަކުން މި އާލަތް ބަލައިގަނެފައިވަނީ، އަސްލު ބަޑި ބޭނުންކޮށްގެން މީހެއްގެ ފުރާނަ ދުއްވާލުމުގެ ބަދަލުގައި، ރައްކާތެރިކަމާއެކު ކުށްވެރިން ހިފެހެއްޓުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައެވެ. މީގެ ސަބަބުން ފުލުހުންނަށް ކުރިމަތިވާ ނުރައްކާތަކާއި، ކުށްވެރިންނަށް ލިބޭ އަނިޔާތައް މަދުވެފައިވާ ކަމަށް ދިރާސާތަކުންވެސް ދައްކައެވެ.

ދިވެހިރާއްޖޭގައިވެސް ދާދި ފަހުން ވަނީ ފުލުހުންގެ ޚިދުމަތުގައި ޓޭޒަރު ބޭނުންކުރަން ފަށާފައެވެ. ރަސްމީކޮށް މިކަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. ދިވެހި ފުލުހުން ޓޭޒަރު ބޭނުންކުރަން ފެށީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައެވެ. ރާއްޖޭގައި މިއާލަތް ބޭނުންކުރަނީ ޚާއްޞަ ތަމްރީނުތަކެއް ލިބިފައިވާ އޮފިސަރުންނެވެ. އަދި ޓޭޒަރު ބޭނުންކުރާ ކޮންމެ ހާލަތެއްގައި، އޮފިސަރުގެ ގައިގައި ހަރުކޮށްފައިވާ ކެމެރާ މެދުވެރިކޮށް އެ މަންޒަރުތައް ރެކޯޑުކުރަން ޖެހެއެވެ. މިއީ މިއާލަތުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

ޓޭޒަރަކީ ޒަމާނީ ފުލުހުންގެ ޚިދުމަތުގައި ކުށްވެރިން ހުއްޓުވުމަށް ލިބިފައިވާ ވަރަށް މުހިންމު ވަސީލަތެކެވެ. މީގެ ސަބަބުން ފުރާނައަށް ލިބޭ ނުރައްކާ ކުޑަވެގެންދާއިރު، މިއީ ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާއަށްވެސް އައި ބޮޑު ކުރިއެރުމެކެވެ.

ޓެގް

ޓެކްނޮލޮޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.