މިއަދު ދުނިޔޭގެ ޗާޓުން ފެންނަން އޮތް “އިޒްރޭލަކީ”، ފަލަސްތީނުގެ މުގައްދަސް ބިމަށް ގަދަބާރުން ވެރިވެގަނެ، އެ ބިމުގެ އަސްލު ވަޒަންވެރިން ކަމުގައިވާ ފަލަސްތީނު ރައްޔިތުން ނެރެލައިގެން އުފައްދާފައިވާ އިސްތިއުމާރީ ދައުލަތެކެވެ. “އިޒްރޭލު” އުފެދުމުގެ ތާރީޚަށް ބަލާއިރު، މިއީ ހަމައެކަނި 1948 ވަނަ އަހަރު ކުއްލިއަކަށް ހިނގި ކަމެއް ނޫނެވެ. މިއީ ވަރަށް ބޮޑު ރޭވުންތަކެއްގެ ދަށުން، ބޭރުގެ ބާރުތަކުގެ އެހީތެރިކަމާއެކު ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ.
ޒަމާނުއްސުރެ ފަލަސްތީނަކީ ފަލަސްތީނުގެ އަރަބި މުސްލިމުން ދިރިއުޅެމުން އައި، އަމިއްލަ ސަގާފަތެއްގެ މައްޗަށް ބިނާވެފައި އޮތް ބިމެކެވެ، ޤައުމެކެވެ. އުސްމާނީ ޚިލާފަތުގެ ދުވަސްވަރުވެސް އެ ބިމުގެ ހަގީގީ މިލްކުވެރިންނަކީ ފަލަސްތީނުގެ ރައްޔިތުންނެވެ. ނަމަވެސް، 1800 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން، ޔަހޫދީންނަށް ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރި “ޒަޔަނިސްޓު” ޖަމާޢަތުން ފަލަސްތީނުގެ ބިމަށް ކަޅިއަޅަން ފެށިއެވެ. އެއީ ޔަހޫދީންގެ ދައުލަތުގެ ބިމެއް އުފެއްދުމުގެ ނިޔަތުގައިއެވެ.
މި ނޭދެވޭ ބަދަލު ފެށުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަންޖެހޭ އެއް ބަޔަކީ އިނގިރޭސިންނެވެ. ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު ފަލަސްތީނު އިނގިރޭސިންގެ ދަށަށް ދިއުމާއެކު، 1917 ވަނަ އަހަރު އިނގިރޭސި ޚާރިޖީ ވަޒީރު އާތަރ ބަލްފޯ ނެރުއްވި “ބަލްފޯ ޑިކްލަރޭޝަން” އަކީ ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ވަޒަނެއް ހޯދައިދޭނެ ކަމަށް ވީ ވަޢުދެކެވެ. މިއީ އެއްވެސް ހައްގަކާ ނުލައި، އެހެން ބައެއްގެ ބިން ބަޔަކަށް ދިނުމަށް ވީ ވަޢުދެކެވެ. މީގެ އިތުރުން، އޭރު ދުނިޔޭގެ ބާރުގަދަ ގައުމުތަކުންނާއި، އެމެރިކާއިން ވަނީ “އިޒްރޭލު” އުފެއްދުމަށާއި ދެމެހެއްޓުމަށް ބޭނުންވާ މާލީ އަދި އަސްކަރީ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.
“އިޒްރޭލު” ދައުލަތެއްގެ ގޮތުގައި އިޢުލާން ކުރެވުނީ 1948 ވަނަ އަހަރު ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންނަށް ދެވޭ އަނިޔާތައް 1900 ގެ ކުރީކޮޅުން ފެށިގެން ވަނީ ފެށިފައެވެ. ޔަހޫދީންގެ ހަތިޔާރު އެޅި ގްރޫޕުތަކުން ފަލަސްތީނުގެ އަވަށްތަކަށް ވަދެ، މީހުން މަރައި، ގެދޮރުން ނެރެ، ބިރުވެރިކަން އުފެއްދިއެވެ. 1948 ވަނަ އަހަރުގެ “ނަކްބާ” ނުވަތަ ބޮޑު ކާރިސާގައި 7 ލައްކައަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުން ބޭރުކޮށްލިއެވެ.
މިއަދާ ހަމައަށްވެސް “އިޒްރޭލުން” ދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް ފަލަސްތީނުގެ ބިންތައް ފޭރެމުންނެވެ. އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުގެ ފުރިހަމަ މަދަދާއެކު، ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުން ކޮންމެ ދުވަހަކު ދަނީ ޝަހީދުކުރެވެމުންނެވެ. “އިޒްރޭލަކީ” އިންސާފުގެ މަގުން އުފެދުނު ތަނެއް ނޫނެވެ. އެއީ މަކަރާއި، ހީލަތާއި، އަދި ބޮޑެތި ބާރުތަކުގެ އަނިޔާވެރިކަމުގެ ތެރެއިން ފަލަސްތީނުގެ ފަސްގަނޑުގައި އިންދާފައިވާ ބޭއިންސާފުގެ މުގައްދަސް ބިމުގެ ހިތްދަތި ހަނދާނެކެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުންގެ ހިތްވަރާއި ސާބިތުކަމަކީ އެ ބިމުގެ ހަގީގީ މިލްކުވެރިންނަކީ އެއީކަން ދުނިޔެއަށް ހަނދާންކޮށްދޭ ދިރިހުރި ހެކިތަކެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...