2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ ޢާންމުކޮށް، މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2026 މާރިޗު 3 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2026 މާރިޗު 4 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. މި ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. މީގެއިތުރުން (VR space IDNO Send to (1414 އަށް އެސް.އެމް.އެސް ކޮށްގެންވެސް ރަޖިސްޓޓަރީ ޗެކްކުރެވޭނެގޮތް އެކޮމިޝަނުން ވަނީ ޤާއިމްކޮށްދީފައެވެ. މީގެއިތުރުން އިލެކްޝަން ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr) މެދުވެރިކޮށްވެސް ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ޗެކް ކުރެވޭނެއެވެ. ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅުމަށްވެސް އެ ކޮމިޝަނުން މިހާރު ވަނީ ފުރުޞަޠު ހުޅުވައިލާފައެވެ. އެގޮތުން އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް (https://my.elections.gov.mv) މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެގޮތް އެކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.
މި މުއްދަތުގައި ޝަކުވާ ހުށަހަޅާނީ ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތާއި ގުޅިގެން އެކަނި ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...