ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ ދަރިވަރަކަށްވެސް ނިންމަންޖެހޭ ވަރަށް މުހިންމު ނިންމުމެކެވެ. އިތުރު ހަރަކާތްތަކަކީ އާންމު ކްލާސްތަކުގެ މުގައްރަރުން ބޭރުން ހިންގޭ ހަރަކާތްތަކެކެވެ. މީގެ ތެރޭގައި ތަފާތު ކްލަބްތަކާއި، ކުޅިވަރާއި، ފަންނީ ހަރަކާތްތަކުގެ އިތުރުން އިޖުތިމާއީ ޚިދުމަތްދޭ ގްރޫޕްތަކާއި ޔުނީފޯމް ޙަރަކާްތައްވެސް ހިމެނެއެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ ހުނަރުތައް ތަރައްގީވެ، އައު ޝައުގުވެރި ކަންތައްތައް ފެނި، އެކުވެރިކަން ބަދަހިވުމަށް މަގުފަހިވެއެވެ. ނަމަވެސް، ވަކި ހަރަކާތެއްގައި ބައިވެރިވުމުގެ ކުރިން، ދަރިވަރުން ބައެއް މުހިންމު ކަންކަމަށް ފުންކޮށް ވިސްނަންޖެހެއެވެ.
ފުރަތަމަ ކަމަކަށް، ދަރިވަރުންގެ އަމިއްލަ ޝައުގުވެރިކަމާއި ލޯބިކުރާ ދާއިރާތަކަށް އިސްކަންދޭންވާނެއެވެ. ތިމާ ޝައުގުވެރިވާ ކަމެއްގައި ބައިވެރިވުމުން އެކަމެއްގައި އުޅޭއިރު އުފާވެރިކަމާއި މާނަވީ އިހުސާސެއް ކުރެވޭނެއެވެ. މިސާލަކަށް، ކުޅިވަރަށް ލޯބިކުރާ ކުއްޖަކު ފުޓްބޯޅަ ނުވަތަ ބާސްކެޓްބޯޅަ ޓީމަކާ ގުޅުމަށް އިސްކަންދޭއިރު، އުފެއްދުންތެރި ކަންކަމަށް ޝައުގުހުންނަ ކުއްޖަކު ޑްރާމާ، މިއުޒިކް ނުވަތަ ކުރެހުމުގެ ކްލަބެއް އިޚްތިޔާރު ކޮށްފާނެއެވެ. ހަގީގީ ޝައުގުވެރިކަން ހުންނަ ކަމެއްގައި ދަރިވަރުން ބައިވެރިވުމުން، އެކަމަކަށް ދޭ ސަމާލުކަން އިތުރުވެ، ނަތީޖާވެސް ރަނގަޅުވެއެވެ.
ވިސްނަންޖެހޭ އަނެއް މުހިންމު ކަމަކީ ވަގުތެވެ. އިތުރު ހަރަކާތްތަކަކީ ގަވާއިދުން ފަރިތަކުރުންތަކާއި، ބައްދަލުވުންތައް ނުވަތަ ސްކޫލް ނިމޭ ފަހުން ބާއްވާ ތަފާތު އިވެންޓްތަކެއް ހިމެނޭ ކަންކަމެވެ. އެހެންކަމުން، ކިޔެވުމަށް އެއްވެސް ބުރޫއެއް ނާރާނޭހެން މި ޒިންމާތައް އަދާކުރެވޭނެކަން ދަރިވަރުން ކަށަވަރުކުރަންވާނެއެވެ. ވަގުތު މެނޭޖުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަބަބަކީ ކިޔެވުމަކީ ދަރިވަރުން އަބަދުވެސް އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމުގައިވާތީއެވެ. މާ ގިނަ ހަރަކާތްތަކުގައި ބައިވެރިވުމަކީ ނަފްސާނީ ގޮތުން ބުރަވެ، ކިޔެވުމަށާއި އެ ހަރަކާތްތަކަށްވެސް ނޭދެވޭ އަސަރުކޮށްފާނެ ކަމެކެވެ.
މީގެ އިތުރުން، އެ ހަރަކާތަކުން ލިބޭނެ ހުނަރުތަކާއި ފައިދާތަކަށް ވެސް ދަރިވަރުން ވިސްނަންޖެހެއެވެ. ގިނަ ހަރަކާތްތަކަކީ ދިރިއުޅުމަށް ބޭނުންވާ މުހިންމު ހުނަރުތައް ކަމަށްވާ ލީޑަޝިޕް، ގުޅިގެން މަސައްކަތްކުރުން، އަޚްލާގު އަދި މުޢާމަލާތްކުރުމުގެ ހުނަރުތައް ތަރައްގީކޮށްދޭ ކަންކަމެވެ. މިސާލަކަށް، ބަހުސްކުރާ ކްލަބަކާ ގުޅުމުން ގިނަ ބައެއްގެ ކުރިމަތީގައި ވާހަކަދެއްކުމުގެ ހުނަރު ކުރިއަރާއިރު، ކުޅިވަރުގެ ސަބަބުން ހަށިހެޔޮކަމާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ދަސްވެއެވެ. ސްކައުޓް ނުވަތަ އިޖުތިމާއީ ޚިދުމަތްދޭ ޖަމިއްޔާތަކަކީުން ދަރިވަރުންގެ ކިބައިގައި ރަނގަޅު ސިފަތަކާއި ޒިންމާދާރުކަން އަށަގަންނުވައިދެއެވެ.
ހަރަކާތް ކުރިއަށްދާ މާހައުލާއި އެކުގައި މަސައްކަތްކުރާ ކުދިންނަކީ ވެސް ވިސްނާލުން މުހިންމު ކަމެކެވެ. އެކުވެރި، އެހީތެރި އަދި ހިތްވަރުދޭ މާހައުލަކީ އެކަމަކުން ލިބޭ ތަޖުރިބާ މުޅިން ބަދަލުކޮށްލާނެ ކަމެކެވެ. އެ ހަރަކާތެއް ހިންގަން ތިބި މުދައްރިސުންނާއި ކޯޗުންނާއި ލީޑަރުންނަކީ ދަރިވަރުންނަށް ހިތްވަރުދޭ، އެހީތެރި ބައެއްތޯ ބަލަންވާނެއެވެ. ރަނގަޅު އިރުޝާދުދޭ މީހުންނާއި ހިތްހެޔޮ އެކުވެރިންނާ އެކު އުޅުމުން، އެ ހަރަކާތަކީ އުނގެނުމަށް ފަސޭހަ އަދި ހިތްހަމަޖެހޭ ކަމަކަށް ވާނެއެވެ.
ދަރިވަރުންގެ މުސްތަގުބަލުގެ ލަނޑުދަނޑިތަކާ ގުޅޭގޮތުން ވިސްނާލުންވެސް ވަރަށް މުހިންމެވެ. ބައެއް އިތުރު ހަރަކާތްތަކަކީ ކުރިމަގުގެ ތައުލީމަށާއި ވަޒީފާގެ މައިދާނަށް ބޭނުންތެރި ތަޖުރިބާތަކެއް ލިބޭނެ ކަންކަމެވެ. މިސާލަކަށް، އިސްނެގުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުން ސްޓޫޑަންޓް ކައުންސިލް ފަދަ ހަރަކާތްތަކުގައި ބައިވެރިވާއިރު، ސައިންސްގެ ދާއިރާއަށް ޝައުގުވެރިވާ ކުދިން ސައިންސް ކްލަބްތަކާއި މުބާރާތްތަކުގައި ބައިވެރިވުން ރަނގަޅުވާނެއެވެ. އަމިއްލަ ކުރިއެރުމަށާއި މުސްތަގުބަލުގެ އުންމީދުތަކަށް ބާރުލިބޭނެ ހަރަކާތްތައް އިޚްތިޔާރު ކުރުމަކީ ބުއްދިވެރި ގޮތެކެވެ.
އެންމެ ފަހު ކަމަކަށް، އުފާވެރިކަމާއި ޒިންމާދާރުކަން އެއްވަރެއްގައި ހިފެހެއްޓުމަށް ދަރިވަރުން ސަމާލުވާންޖެހެއެވެ. އިތުރު ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ އައު ހުނަރުތައް ދަސްކުރުމާއި، އަމިއްލަ ޝަޚްސިއްޔަތު ބިނާކުރުމާއި، ސްކޫލް ދައުރުގެ ތަޖުރިބާތައް އުފާވެރިކުރުމެވެ. އެހެންކަމުން، ކިޔެވުމާއި އަމިއްލަ ދިރިއުޅުމުގެ ތަރުތީބު ނުގެއްލޭނޭހެން، ތިމާއަށް އުފާވެރިކަމާއި ހިތްވަރު ލިބޭ ފަދަ ހަރަކާތްތައް އިޚްތިޔާރު ކުރަންވާނެއެވެ.
ސްކޫލުގެ އިތުރު ހަރަކާތެއް އިޚްތިޔާރު ކުރުމަކީ ފުންކޮށް ވިސްނައި، ރޭވުންތެރިކަމާއެކު ކުރަންޖެހޭ ކަމެކެވެ. ގޮތެއް ނިންމުމުގެ ކުރިން އަމިއްލަ ޝައުގުވެރިކަމާއި، ވަގުތާއި، ލިބޭނެ ފައިދާތަކާއި، މާހައުލުގެ އިތުރުން މުސްތަގުބަލުގެ ލަނދުދަނޑިތަކަށް ބަލަންވާނެއެވެ. ބުއްދިވެރި ގޮތެއްގައި މިފަދަ ހަރަކާތްތައް އިޚްތިޔާރު ކުރުމަކީ ދަރިވަރުގެ އަޚްލާގާއި، ހުނަރުތަކާއި، ޖުމުލަ ސްކޫލް ދައުރު ބައްޓަންކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...