މަޢުލޫމާތު ލިޔެކިޔުންތަކުގެ ކުރިން އުފެދުނު ވާހަކައެއް!
މަޢުލޫމާތު

ލިޔެކިޔުންތަކުގެ ކުރިން އުފެދުނު ވާހަކައެއް!

GilgameshandEnkidu.webp

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޒަމާނީ ފޮތްތަކާއި ބަތަލުންގެ ވާހަކަތައް އުފަންވުމުގެ މާ ކުރިން، ދުނިޔޭގެ އެންމެ ފުރަތަމަ ވާހަކަ ކަނޑައި ނެގިފައިވަނީ ގަދީމީ މެސޮޕޮޓޭމިއާގެ މަށީގެ ފިލާތަކުގައެވެ. މީގެ 4،000 އަހަރަށްވުރެ ކުރީގެ ތާރީޙެއް އޮތް “އެޕިކް އޮފް ގިލްގަމޭޝް” އަކީ ދުނިޔޭގައި މިހާތަނަށް ފެންނަން އޮތް އެންމެ ދުވަސްވީ އަދަބީ މަސައްކަތް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. “ކިއުނިފޯމް” އަކުރުން މަށީގެ ފިލާތަކުގައި ލިޔެފައިވާ މި ފަންނީ މަސައްކަތަކީ އެކުވެރިކަމާއި، އުންމީދާއި، ގެއްލުމާއި، އަދި އިންސާނިއްޔަތުގެ މާނަ ހޯދުމަށް ކުރާ މަސައްކަތުގެ ވާހަކައެކެވެ.

މި ވާހަކައިގެ މައިގަނޑު ޝަޚްޞިއްޔަތަކީ އުރުކް ސިޓީގެ ބާރުގަދަ ނަމަވެސް ބޮޑާ ރަސްކަލެއް ކަމުގައިވާ ގިލްގަމޭޝްއެވެ. އޭނާއަކީ ތިންބައިކުޅަ ދެބައި އާދަޔާ ޚިލާފު ސިފަތަކެއް އަދި އެއްބައި އިންސާނެއްގެ ސިފަ ލިބިފައިވާ މީހެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، ވެރިކަމުގެ ކުރީކޮޅު އޭނާއަކީ އޭނާގެ ބާރުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ވެރިއެކެވެ. ރައްޔިތުން ކުރި ދުޢާތަކުގެ އިޖާބައެއްގެ ގޮތުން، އެމީހުން ގަބޫލުކުރާ ކަލާނގެތައް “އެންކިޑޫ” ކިޔާ ވަލު އަދި ބާރުގަދަ މީހަކު އުފެއްދެވީކަމައް ފަތްފުއްތަކުގައި ލިޔެވިފައިވެއެވެ. އެއީ ގިލްގަމޭޝްއަށް ގޮންޖަހާލުމަށެވެ. ނަމަވެސް، ދެމީހުން ދެކޮޅުވެރިންނަށް ވުމުގެ ބަދަލުގައި، އެމީހުންގެ މެދުގައި ގާތް އެކުވެރިކަމެއް އުފެދި، ނުރައްކާތެރި ތަފާތު ހަނގުރާމަތަކެއްގައި ބައިވެރިވިއެވެ. އޭގެ ތެރޭގައި ބިރުވެރި “ހަމްބާބާ” އާއި “ބުލް އޮފް ހެވަން” ބަލިކުރުން ހިމެނެއެވެ.

އެހެންނަމަވެސް، އެމީހުން ހޯދި ކާމިޔާބީތަކުގެ ސަބަބުން އެމީހުންގެ ޚުރާފީ ޤަބޫލުކުރުންތަކުގައިވާ ގޮތުން ގިނަ ކަންތައްތަކެއް ހިނގައި، އެންކިޑޫ މަރުގެ އަދަބަށް ހުށަހެޅުނެވެ. އޭނާގެ މަރަކީ މި ވާހަކައިގެ މިޞްރާބު ބަދަލުކޮށްލި ކަމެކެވެ. އެކުވެރިޔާގެ މަރުގެ ހިތާމަޔާއި، އަމިއްލަ ނަފްސު މަރުވެދާނެތީ އޮތް ބިރުވެރިކަމުގެ ތެރޭގައި، ގިލްގަމޭޝް އަބަދަށް ދެމިހުންނަނިވި ޙަޔާތެއް ހޯދުމުގެ އުންމީދުގައި ދަތުރެއް ފެށިއެވެ. އޭނާގެ މި ހޯދުންތަކުގެ ތެރެއިން “އުޓްނަޕިޝްޓިމް” އާ ބައްދަލުވިއެވެ. އޭނާއަކީ ބޮޑު ތޫފާނަކުން ސަލާމަތްވެ، އަބަދަށް ދެމިހުންނަނިވި ޙަޔާތެއް ލިބިފައިވާ މީހެއް ކަމަށް އެމީހުން ޤަބޫލްކުރާ މީހެކެވެ. ފަހުގެ ފޮތްތަކުގައި ބަޔާންކޮށްފައިވާ ބޮޑު ތޫފާނުގެ ވާހަކަތަކާ ވަރަށް އެއްގޮތް ގޮތަކަށް، އުޓްނަޕިޝްޓިމް ވަނީ އެހާދިސާގައި ކުރިމަތިވި ހަލާކާއި، އެކަމުން ސަލާމަތްވި ގޮތުގެ ވާހަކަ ކިޔައިދީފައެވެ.

އެތަކެއް މަސައްކަތްތަކެއް ކުރި ނަމަވެސް، ގިލްގަމޭޝްއަށް އަބަދަށް ދެމިހުންނަނިވި ޙަޔާތެއް ހޯދުމުގައި އެންމެ ފަހުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ. އޭގެ ބަދަލުގައި އޭނާއަށް ދަސްވީ ވަރަށް މުހިންމު ފިލާވަޅެކެވެ. އެއީ، އިންސާނުންނަކީ މަރުވާނެ ބައެއް ކަމާއި، ނަމަވެސް އެމީހުން ކުރާ ހެޔޮ އަމަލުތަކާއި ބިނާކުރާ ރަށްތަކުގެ ޒަރީއާއިން އެމީހުންގެ ޒިކުރާ ދެމިއޮންނާނެ ކަމެވެ. މި ވާހަކަ ނިމިގެންދަނީ އަބަދަށް ދެމިހުންނަނިވި ޙަޔާތެއް ލިބުމަކުން ނޫނެވެ. އޭގެ ބަދަލުގައި، ޙަޤީގަތް ގަބޫލުކުރުމާއި ބުއްދިވެރިކަން ލިބުމާ އެކުގައެވެ.

19 ވަނަ ޤަރުނުގައި “އަޝޫރުބަނިޕާލް” ގެ ގަދީމީ ކުތުބުޚާނާގެ ތެރެއިން ފެނުނު މި ވާހަކައަކީ، މިއަދުވެސް މުޅި ދުނިޔޭގެ ޢިލްމުވެރިންނާއި ކިޔުންތެރިންގެ ޝައުޤުވެރިކަން ދަމައިގަންނަ ވާހަކައެކެވެ. އެކުވެރިކަމާއި، ބިރުވެރިކަމާއި، އުންމީދާއި، އަދި ދިރިއުޅުމުގެ މަޤްޞަދު ހޯދުމުގެ މި ވާހަކައަކީ ޒަމާންވީ ނަމަވެސް އަދިވެސް އައު ވާހަކައެއްކަހަލައެވެ. މިއިން ސާބިތުކޮށްދެނީ، ދުނިޔޭގައި މިހާތަނަށް ކިޔައިދެވުނު އެންމެ ދުވަސްވީ ވާހަކަވެސް، މިއަދުގެ އިންސާނުންގެ ހިތްތަކާ ގުޅިފައިވާ މިންވަރެވެ.

ޓެގް

ވާހަކަ ރަސްގެފާނު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.