ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ އަންހެނުން ހޯދާފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމަށާއި، މުޖުތަމަޢުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ބާރުއެޅުމުގެ ގޮތުންނެވެ. މި ދުވަސް ފާހަގަކުރަން ފެށުނު ތާރީޚަށް ބަލާއިރު، މިއީ މަސައްކަތުގެ މާޙައުލުގެ ޙާލަތު ރަނގަޅުކުރުމަށާއި، ވޯޓުލުމުގެ ޙައްޤު ހޯދުމަށާއި، އަދި ހަމަހަމަ ފުރުޞަތުތަކަށްޓަކައި އަންހެނުން ކުރި ދިގު އަދި ނަމޫނާ މަސައްކަތްތަކަކާ ގުޅިފައިވާ ދުވަހެކެވެ. މީގެ އެތައް ޒަމާނެއް ކުރިން ސިޔާސީ ހަރަކާތެއްގެ ގޮތުގައި ފެށުނު މި މަސައްކަތް ވަނީ މުޅި ދުނިޔޭގައި އަންހެނުންގެ ޚިދުމަތްތައް ފާހަގަކުރާ ބައިނަލްއަޤްވާމީ މުހިންމު ދުވަހަކަށް ބަދަލުވެފައެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ އަޞްލު ގުޅިފައިވަނީ 20 ވަނަ ޤަރުނުގެ ކުރީކޮޅު އެކި ޤައުމުތަކުގެ އަންހެނުން އެމީހުންގެ ޙައްޤުތަކަށްޓަކައި ކުރި އިޙްތިޖާޖުތަކާއެވެ. އެ ދުވަސްވަރު ގިނަ އަންހެނުން ފެކްޓަރީތަކުގައި މަސައްކަތްކުރަމުން ދިޔައީ ނުރައްކާތެރި އަދި ދަތި ޙާލަތްތަކެއްގައެވެ. އަދި ފިރިހެނުންނަށްވުރެ ކުޑަ އުޖޫރައެއް ލިބެމުންދިޔަ ދުވަސްވަރެއްގައެވެ. 1908 ވަނަ އަހަރު، ނިއުޔޯކުގެ ފޭރާން އުފައްދާ ފެކްޓަރީތަކުގައި މަސައްކަތްކުރާ އެތައް ހާސް އަންހެނުންނެއް މަގުތަކަށް ނިކުމެ، މަސައްކަތު ގަޑި ކުރުކުރުމަށާއި، އުޖޫރަ ބޮޑުކުރުމަށާއި، އަދި ވޯޓުލުމުގެ ޙައްޤު ދިނުމަށް ގޮވާލައި މުޒާހަރާކުރިއެވެ. މި ހަރަކާތްތަކުގެ ސަބަބުން އަންހެނުންގެ ޙައްޤުތަކަށް ދުނިޔޭގެ ސަމާލުކަން ލިބި، އެހެން ޤައުމުތަކުގައިވެސް މިފަދަ ހަރަކާތްތައް ފެށުމަށް ބާރަކަށްވިއެވެ.
އަންހެނުންގެ އަގުވަޒަންކުރުމަށް ޚާއްޞަ ދުވަހެއް ފާހަގަކުރުމުގެ ޚިޔާލު އެންމެ ފުރަތަމަ ހުށަހެޅީ ޖަރުމަނުގެ އެކްޓިވިސްޓެއް ކަމަށްވާ ކްލާރާ ޒެޓްކިން އެވެ. 1910 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވުނު ‘އިންޓަނޭޝަނަލް ސޯޝަލިސްޓް ވުމަންސް ކޮންފަރެންސް’ ގައި އޭނާ ހުށަހެޅި މި ޚިޔާލަށް ގިނަ ޤައުމުތަކުގެ މަންދޫބުން ތާއީދުކުރިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 1911 ވަނަ އަހަރު އޮސްޓްރިއާ، ޑެންމާކް، ޖަރުމަނު އަދި ސުވިޒަލޭންޑް ފަދަ ޤައުމުތަކުގައި އެންމެ ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރިއެވެ.
މާރިޗު 8 ވަނަ ދުވަސް މިކަމަށް ޚާއްޞަވެގެން ދިޔައީ 1917 ވަނަ އަހަރު ރަޝިޔާގައި ހިނގި މުހިންމު ހާދިސާއަކާ ގުޅިގެންނެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ދަތި ދުވަސްވަރު، ރަޝިޔާގެ އަންހެނުން “ބްރެޑް އެންޑ ޕީސް” ގެ ނަމުގައި ބޮޑު މުޒާހަރާއެއް ކުރިއެވެ. މި ހަރަކާތަކީ އެ ޤައުމުގެ ސިޔާސީ މަޝްރަޙަށް ބޮޑެތި ބަދަލުތަކެއް ގެނުވައި، ރަޝިޔާގެ އިންގިލާބަށް މަގުފަހިކޮށްދިން ކަމެކެވެ. މި ހާދިސާއަށްފަހު، އަންހެނުންގެ ޚިދުމަތްތަކާއި ހިތްވަރު ފާހަގަކުރުމަށް މާރިޗު 8 ވަނަ ދުވަސް ރަސްމީކޮށް ހަމަޖެހިގެންދިޔައެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް. މި ދުވަސް ފާހަގަކުރުން މުޅި ދުނިޔެއަށް ފެތުރިގެން ދިޔައެވެ. 1975 ވަނަ އަހަރު، އދ.އިން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށައި، ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް މި ދުވަސް ފާހަގަކުރުމަށް ބާރުއެޅިއެވެ. އޭގެ ފަހުން، ސަރުކާރުތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން ތަފާތު ހަރަކާތްތަކާއި، މަޝްވަރާ ބައްދަލުވުންތަކުގެ ޒަރީޢާއިން އަންހެނުންގެ ކުރިއެރުމާއި ހަމަހަމަކަމުގެ މުހިންމުކަން ދަނީ ފާހަގަކުރަމުންނެވެ.
މިއަދު، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަނީ އަންހެނުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކުގެ ހަނދާން އާކޮށް، އަދިވެސް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް އަޒުމް އާކުރުމުގެ ގޮތުންނެވެ. މިއީ އާއިލާގައްޔާއި، މުޖުތަމަޢުގައި، ވަޒީފާގެ މާޙައުލުގައި އަދި ޤައުމީ ފެންވަރުގެ އިސް މަޤާމުތަކުގައި އަންހެނުން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރާ ދުވަހެކެވެ. އަދި ހުރިހާ ދާއިރާއަކުން އަންހެނުންނަށް އިޙްތިރާމާއި ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅާ ދުވަހެއްވެސް މެއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހަކީ އިންޞާފާއި ހަމަހަމަކަމަށްޓަކައި ފެށުނު ހަރަކާތެއް ނަމަވެސް، މިއަދު މިއީ އަންހެނުންގެ ކެތްތެރިކަމާއި، ހިތްވަރާއި، އަދި ހޯދާފައިވާ މަތިވެރި ކާމިޔާބީތައް ފާހަގަކުރާ ބައިނަލްއަޤްވާމީ ބޮޑު މުނާސަބަތެކެވެ. މި ދުވަހުގެ ތާރީޚުން ހަނދާންކޮށްދެނީ އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރުމާއި، އެންމެންނަށް ހަމަހަމަ އަދި އިންޞާފުވެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...