މަޢުލޫމާތު އަޤްޞާ މިސްކިތް: ތާރީޚީ، ޢިމާރާތީ އަދި ދީނީ ޚަޒާނާއެއް
މަޢުލޫމާތު

އަޤްޞާ މިސްކިތް: ތާރީޚީ، ޢިމާރާތީ އަދި ދީނީ ޚަޒާނާއެއް

aqsa-dome-rock.jpg

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އަޤްޞާ މިސްކިތަކީ ދުނިޔޭގައިވާ ދީނީ ތަންތަނުގެ ތެރެއިން އެންމެ މުހިންމު އެއް ތަނެވެ. މުސްލިމުންނާއި ޔަހޫދީންނާއި ޞަލީބީންވެސް އިޙްތިރާމްކުރާ މި މިސްކިތަކީ ތާރީޚީ ގޮތުންނާއި ބިނާވެށީގެ ގޮތުން އަދި ދީނީ ގޮތުންވެސް ވަރަށް މުހިންމު ތަނެކެވެ. މިއީ އަލް-ޙަރަމް އައް-ޝަރީފް ނުވަތަ ނޯބަލް ސެންކްޗުއަރީގެ ބައެކެވެ. އަދި މިތަނުގައި ޑޯމް އޮފް ދަ ރޮކްވެސް ހިމެނެއެވެ. އިސްލާމްދީނުގައި އެންމެ މަތިވެރި ތިން ތަނުގެ ތެރެއިން އެއް ތަނުގެ ގޮތުގައި ހިމެނިފައިވާ އަޤްޞާ މިސްކިތް ވަނީ އިސްލާމީ ތާރީޚުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މިއަދުވެސް މިއީ ދީނީ ގޮތުންނާއި ސިޔާސީ ގޮތުން ވަރަށް މުހިންމު މަރުކަޒެކެވެ.

އަޤްޞާ މިސްކިތުގެ ތާރީޚު ފެށެނީ އިސްލާމްދީން ފެށުމުގެ ދުވަސްވަރުންނެވެ. މި ތަނުގައި އަޤްޞާ މިސްކިތް ބިނާކުރެއްވުމުގެ ކުރިން ހުރީ ޔަހޫދީ ފައްޅިއެއް ކަމަށް ބުނެވެއެވެ. އެ ފައްޅި މީލާދީން 70 ވަނަ އަހަރު ވަނީ ރޯމުންގެ އަތުން ހަލާކުކޮށްލާފައެވެ. ޚަލީފާ ޢުމަރު ބިން އަލް-ޚައްޠާބު މީލާދީން 637 ވަނަ އަހަރު ޖެރޫސަލަމް ފަތަޙަކުރެއްވި އިރު، އެ ތަނަށް އިޙްތިރާމްކުރައްވައި، އެ ތަނުގައި ލަކުޑިން ކުޑަ މިސްކިތެއް ބިނާކުރުމަށް އަމުރުކުރެއްވިއެވެ. ފަހުން، އުމަވީ ޚަލީފާ ޢަބްދުލްމަލިކު އަދި އޭނާގެ ދަރިކަލުން އަލް-ވަލީދު އެއްވަނަގެ ވެރިކަމުގައި، މީލާދީން 7 ވަނަ ޤަރުނުގެ ފަހުކޮޅާއި 8 ވަނަ ޤަރުނުގެ ކުރީކޮޅުގައި، މިސްކިތް ވަނީ ފުޅާކޮށް އަލުން އިމާރާތްކޮށްފައެވެ.

މިސްކިތުގެ ތާރީޚުގައި ބިންހެލުމާއި ހަނގުރާމަތަކުގެ ސަބަބުން ވަރަށްގިނަ ފަހަރު މިސްކިތް އަލުން އިމާރާތްކޮށް މަރާމާތުކުރަން ޖެހިފައިވެއެވެ. މީލާދީން 12 ވަނަ ޤަރުނުގައި ސިޔާސީގޮތުންނާއި ދީނީ ގޮތުން ހިނގި ކަންތައްތަކަކަށްފަހު ޞަލީބީން މި މިސްކިތް ބޭނުންކުރީ ގަނޑުވަރެއްގެ ގޮތުގައާއި އެމީހުންގެ ދީނުގެ ފައްޅިއެއްގެ ގޮތުގައެވެ. ނަމަވެސް މީލާދީން 1187 ގައި ޞަލާޙުއްދީން އައްޔޫބީ ޖެރޫސަލަމް އަނބުރާ ހޯއްދެވުމާއެކު މިސްކިތް އަލުން މިސްކިތަކަށް ބަދަލުކުރެވުނެވެ. މަމްލޫކުންނާއި އޮޓޯމަނުން ފަދަ އެކި އިސްލާމީ ދައުލަތްތަކުން މިސްކިތް މަރާމާތުކޮށް ބެލެހެއްޓުމަށް މަސައްކަތްކޮށް، އެތަނުގެ ދީނީ އަދި ޘަޤާފީ މުހިންމުކަން ދަމަހައްޓާފައިވެއެވެ.

އަޤްޞާ މިސްކިތަކީ އިސްލާމީ ޢިމާރާތްކުރުމުގެ ފަންނުގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލެވެ. މިސްކިތުގައި އެކި ޒަމާންތަކުގެ ތަފާތު ފަރުމާތައް ފެންނަން ހުރެއެވެ. މިސްކިތް ހުރީ ޙަރަމުއްޝަރީފް ތެރޭގައި ގާތްގަނޑަކަށް 35 އޭކަރުގެ ސަރަޙައްދެއްގައެވެ. މިސްކިތުގެ ނަމާދުކުރާ މައި ހޯލަކީ ހަތަރެސްކަން ޢިމާރާތެކެވެ. އޭގެ މަތީގައި ހުންނަނީ ލޮއިން ހަދާފައިވާ ގުއްބެކެވެ. މިސްކިތުގައި އިސްލާމީ ކުރެހުންތަކާއި ލިޔުންތައް ވަރަށް ފުރިހަމައަށް ލިޔެ ކުރަހާފައި ހުރެއެވެ.

މިސްކިތުގެ އެތެރޭގައި ހުންނަނީ ސަންގުމަރުމަރު ހިލައިގެ ތަނބުތަކެކެވެ. މިކަމުގެ ސަބަބުން މިސްކިތުގެ އެތެރެއަށް ވަރަށް މަޑުމައިތިރި އަދި މަތިވެރިކަން އިޙްސާސް ކުރެވޭ ފަދަ މާޙައުލެއް ލިބިފައިވެއެވެ. މިސްކިތުގެ މިޙުރާބު ވަރަށް ރީތިކޮށް ޒީނަތްތެރިކޮށް ހަދާފައި ހުރެއެވެ. އަދި މިންބަރު ވެސް ހަދާފައި ހުންނަނީ ވަރަށް ފުރިހަމައަށް، އެހާމެ ފަންނުވެރިކަމާއެކު ހަދާފައެވެ. އެންމެ މަޝްހޫރު މިންބަރުތަކުގެ ތެރެއިން އެއް މިންބަރަކީ ލަކުޑިންނާއި އައިވަރީން ހަދާފައިވާ މިންބަރެކެވެ. މި މިންބަރު ހެއްދެވީ ޞަލާޙުއްދީން އައްޔޫބީއެވެ. ނަމަވެސް މީލާދީން 1969 ގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ މިންބަރު ވަނީ ހަލާކުވެފައެވެ. ފަހުން އޭގެ ބަދަލުގައި އެ މިންބަރުގެ ޒަމާނީ ނަކަލެއް ހަދާފައިވެއެވެ.

މިސްކިތުގައި ގިނަ ދޮރުތަކަކާއި ގޯތިތަކަކާއި ވުޟޫކުރާ ފައްވާރުތައް ހުރެއެވެ. އަޤްޞާ މިސްކިތުގެ ބިނާވެށީގެ ރީތިކަން ހަމައެކަނި ނަމާދުކުރާ ހޯލަށް ހުދޫދުވެފައެއް ނުވެއެވެ. މިސްކިތުގެ ވަށައިގެން ހުރި ޢިމާރާތްތަކުގެ ތެރޭގައި ޑޯމް އޮފް ދަ ރޮކް އަދި އެކި މަދަރުސާތައް ހިމެނެއެވެ. މި ތަންތަން ވެސް މި ސަރަޙައްދުގެ މަތިވެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

އަޤްޞާ މިސްކިތަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މުހިންމުކަމެއް ލިބިގެންވާ ތަނެކެވެ. މިއީ މައްކާގައި ހުންނަ ކަޢުބާއަށް މުސްލިމުންގެ ޤިބުލަ ބަދަލު ކުރެއްވުމަށް އަމުރުކުރެއްވުމުގެ ކުރިން މުސްލިމުން ނަމާދުގައި ކުރިމަތިލި ފުރަތަމަ ޤިބުލައެވެ. މީގެ އިތުރުން، އިސްރާ އަދި މިޢުރާޖުގެ މުޢުޖިޒާތްތެރި ދަތުރުފުޅު މި މިސްކިތާ ގުޅިފައިވެއެވެ. މި ދަތުރުފުޅުގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާއިން އޫރުޝަލީމަށް ނުވަތަ މިހާރުގެ ނަމުންނަމަ ޖެރޫސަލަމަށް ވަޑައިގެން، މި ތަނުން އުޑަށް އުފުއްލެވުނު ކަމަށް އިސްލާމީ ތާރީޚުގައިވެއެވެ.

ދުނިޔޭގެ މުސްލިމުން އަޤްޞާ މިސްކިތަށް އިޙްތިރާމްކުރަނީ އިސްލާމްދީނުގައި އެންމެ މަތިވެރި ތިން ތަނުގެ ތެރެއިން ތިންވަނަ ތަނުގެ ގޮތުގައެވެ. މި ތިން ތަނުގެ ތެރެއިން ފުރަތަމަ ތަނަކީ މައްކާގައި ހުންނަ މަސްޖިދުލް ޙަރާމެވެ. ދެވަނަ ތަނަކީ މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއެވެ. މި މިސްކިތަކީ އިސްލާމީ ޢިލްމު އުނގެނުމާއި ރޫޙާނިއްޔަތުގެ މަރުކަޒެކެވެ. ޚާއްޞަކޮށް ރަމަޟާން މަހާއި އެހެނިހެން ދީނީ މުނާސަބަތުތަކުގައި މި މިސްކިތަށް އެތައްހާސް މީހުންނެއް ޒިޔާރަތްކުރެއެވެ.

އަޤްޞާ މިސްކިތަކީ ހަމައެކަނި މުހިންމު ދީނީ ޢިމާރާތެއްގެ އިތުރުން ދެމިތިބުމާއި އީމާންކަމުގެ ނިޝާނެއްވެސް މެއެވެ. މި މިސްކިތުގެ މުއްސަނދި ތާރީޚާއި، މަތިވެރި ޢިމާރާތާއި، ދީނީ ގުޅުންތަކުގެ ސަބަބުން މިއީ ދުނިޔޭގައި އެންމެ އަގުހުރި ތަންތަނުގެ ތެރެއިން އެއް ތަނެވެ. ޖެރޫސަލަމްގެ ވަށައިގެން ހިނގަމުންދާ ސިޔާސީ އަދި ދީނީ ޚިލާފުތަކާ އެކުވެސް، އަޤްޞާ މިސްކިތަކީ ރޫޙާނީ އަޅުކަމުގެ މުހިންމު މަރުކަޒެކެވެ.

ޓެގް

މިސްކިތް ދުނިޔެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.