މަޢުލޫމާތު ފިލްމު ބަލާއިރު ޕޮޕްކޯން ކެއުމުގެ އާދަ ފެށިގެން އައި ގޮތް
މަޢުލޫމާތު

ފިލްމު ބަލާއިރު ޕޮޕްކޯން ކެއުމުގެ އާދަ ފެށިގެން އައި ގޮތް

popcorn.jpg

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޕޮޕްކޯނަކީ މުޅި ދުނިޔޭގައިވެސް އެންމެ މަގުބޫލު އެއް ކާނާއެވެ. ޚާއްޞަކޮށް ސިނަމާތަކަށް ފިލްމު ބަލަންދާ މީހުންގެ މެދުގައި ޕޮޕްކޯނަކީ ވަރަށް ޚާއްޞަ އެއްޗެކެވެ. މިއަދު ސިނަމާއަކަށް ވަނުމުން އެންމެ ފުރަތަމަވެސް އިހުސާސްވާނީ ތާޒާ ޕޮޕްކޯންގެ ވަހެވެ. ނަމަވެސް، ފިލްމު ދައްކަން ފެށި ދުވަސްވަރު ޕޮޕްކޯނަކީ ސިނަމާތަކުގައި ބޭނުންކުރި އެއްޗެއް ނޫނެވެ. މިއީ ފަހުން އުފެދުނު، ތާރީޚީ ގޮތުން ޝައުގުވެރި އާދައެކެވެ.

ޕޮޕްކޯންގެ ތާރީޚަށް ބަލާއިރު، މިއީ އެތައް ހާސް އަހަރެއް ކުރިން އެމެރިކާ ބައްރުގެ ގަދީމީ ހަޟާރާތްތަކުން ބޭނުންކުރަން ފެށި އެއްޗެކެވެ. މެކްސިކޯ އާއި ޕެރޫ ފަދަ ގައުމުތަކުގައި ދިރިއުޅުނު ގަދީމީ މީހުން ޒުވާރި ބޭނުންކޮށްގެން ޕޮޕްކޯން ތައްޔާރުކުރި ކަމުގެ ހެކި އާސާރީ މާހިރުން ވަނީ ހޯދާފައެވެ. އެމީހުން ޕޮޕްކޯން ތައްޔާރުކުރަނީ ހޫނުކޮށްފައި ހުންނަ ހިލަ ނުވަތަ އަލިފާން ބޭނުންކޮށްގެންނެވެ.

ޕޮޕްކޯނާއި ފިލްމު ބެލުމުގެ އާދަ ގުޅުނީ 20 ވަނަ ގަރުނުގެ ކުރީކޮޅުގައެވެ. އެންމެ ފުރަތަމަ ސިނަމާތައް ހުޅުވުނުއިރު، އެއީ ވަރަށް މަތީ ފަންތީގެ ތަންތަނުގެ ގޮތުގައި ބެލެވުނު ތަންތަނެވެ. އޭރު ސިނަމާ ހިންގާ ފަރާތްތަކުން ބޭނުންވީ ސިނަމާތަކަކީ އޮޕެރާ ހައުސްތަކެކޭ އެއްފަދައިން ވަރަށް ސާފުތާހިރު މާހައުލެއްގެ ގޮތުގައި ބޭއްވުމަށެވެ. އެހެންކަމުން، ސިނަމާގެ ތެރޭގައި ކާތަކެތި ބޭނުންކުރުމަކީ އޭރު މަނާކަމެކެވެ. ނަމަވެސް، ސިނަމާގެ ބޭރުގައި މަގުމަތީގައި ޕޮޕްކޯން ވިއްކާ މީހުން އޭރުވެސް އުޅުނެވެ.

މިކަން ބަދަލުވެގެން ދިޔައީ 1930 ގެ އަހަރުތަކުގައި ކުރިމަތިވި އިގްތިސާދީ ބޮޑު ހީނަރުކަން ނުވަތަ ގްރޭޑް ޑިޕްރެޝަންގެ ތެރޭގައެވެ. އެ ދުވަސްވަރު މީހުންގެ އަތްމަތި ދަތިވުމުގެ ސަބަބުން އަގުބޮޑު މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކަށް ނުދެވުނު ނަމަވެސް، ފިލްމު ބަލަން ދިއުމަކީ އޭރުވެސް އަގުހެޔޮ ކަމެކެވެ. ހަމައެހެންމެ، ޕޮޕްކޯނަކީވެސް ވަރަށް އަގުހެޔޮކޮށް ތައްޔާރުކުރެވޭ އެއްޗަކަށް ވުމުން، ފިލްމު ބަލަންދާ މީހުން ބޭރުން ޕޮޕްކޯން ގަނެގެން ސިނަމާއަށް ވަންނަން ފެށިއެވެ.

ސިނަމާ ހިންގާ ފަރާތްތަކަށް ޕޮޕްކޯނުގެ ސަބަބުން ގިނަ އަދަދެއްގެ ކަސްޓަމަރުން ލިބި، ބޮޑު ފައިދާއެއް ލިބޭކަން އެނގުމާއެކު، ސިނަމާގެ ތެރޭގައި ޕޮޕްކޯން ވިއްކަން ފެށިއެވެ. ސިނަމާގެ ލޮބީތަކުގައި ޕޮޕްކޯން ހަދާ މެޝިންތައް ބެހެއްޓުމުން، އޭގެ މީރުވަސް ދުވުމުގެ ސަބަބުން އިތުރު މީހުން ޕޮޕްކޯން ގަތުމަށް ޝައުގުވެރިވިއެވެ.

މީގެ އިތުރުން، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޕޮޕްކޯންގެ މަގުބޫލުކަން އިތުރަށް ބޮޑުވިއެވެ. އެއީ ހަނގުރާމައިގެ ސަބަބުން ހަކުރު ލިބުން ދަތިވެ، ފޮނިކާތަކެތި އުފެއްދުން މަދުވުމާ ގުޅިގެންނެވެ. ޕޮޕްކޯން ތައްޔާރުކުރުމަށް ހަކުރު ބޭނުންނުވާތީ، މީހުންގެ މެދުގައި އެންމެ އާންމު ކާނާއަކަށް ޕޮޕްކޯން ވެގެންދިޔައެވެ.

ދުވަސްތަކެއް ފާއިތުވީއިރު، މި އާދަ ފިލްމީ ސަގާފަތުގެ މުހިންމު ބަޔަކަށް ވެއްޖެއެވެ. މިއަދު ޕޮޕްކޯނާ ނުލައި ފިލްމު ބެލުމަކީ ގިނަ މީހުންނަށް ފުރިހަމަ އިހުސާސެއް ލިބޭ ކަމެއް ނޫނެވެ. އޭގެ މީރު ރަހައާއި ވަހުގެ ސަބަބުން، ފިލްމަށް ދޭ ސަމާލުކަން ގެއްލުވައިނުލައި ކެއުމަށް އެންމެ އެކަށީގެންވާ އެއްޗަކީ ޕޮޕްކޯން ކަމުގައި ބެލެވެއެވެ.

މިއަދުވެސް ދުނިޔޭގެ ހުރިހާ ސިނަމާތަކެއްގައިވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއްޗަކީ ޕޮޕްކޯނެވެ. މިޒަމާނުގައި ގޭގައި ތިބެގެން ފިލްމު ބަލާއިރުވެސް ގިނަ މީހުން ޕޮޕްކޯން ތައްޔާރުކޮށްގެން ކެއުމަށް ލޯބިކުރެއެވެ.

ޕޮޕްކޯނަކީ އަގުހެޔޮ، ތައްޔާރުކުރަން ފަސޭހަ އަދި ގިނަ ބަޔަކު ގަޔާވާ އެއްޗަކަށް ވުމުން، އެއީ ފިލްމީ ދުނިޔޭގެ ވަކިނުކުރެވޭނެ ބަޔަކަށް ވަނީ ވެފައެވެ. މަގުމަތީގައި ވިއްކަން ފެށި ޕޮޕްކޯން މިއަދު މިވަނީ ސިނަމާތަކުގެ އެންމެ މުހިންމު ރަމްޒަކަށް ވެފައެވެ.

                    

ޓެގް

ޕޮޕްކޯން ކެއުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.