މަޢުލޫމާތު ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތައް
މަޢުލޫމާތު

ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތައް

business management.jpg

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކުޑަ ވިޔަފާރިއެއް ހިންގުމަކީ އުފަލަކަށް ވީނަމަވެސް، މިއީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. އަމިއްލަ ޚިޔާލުތަކާއި ފިކުރުތައް ބޭނުންކޮށްގެން ކާމިޔާބު ވިޔަފާރިއެއް ބިނާކުރުމަށްޓަކައި ވިޔަފާރިވެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރެއެވެ. ނަމަވެސް، ވިޔަފާރިއެއް އެންމެ ފުރިހަމަ ގޮތުގައި މެނޭޖުކުރުމަށްޓަކައި ބޭނުންވަނީ ހަރުދަނާ ރޭވުންތެރިކަމާއި މުހިންމު ކަންތައްތަކަށް ދޭ ޚާއްޞަ ސަމާލުކަމެވެ. ވިޔަފާރީގައި ކުރިމަތިވެދާނެ ނުރައްކާތަކަށް ފަރުވާކުޑަކޮށްފިނަމަ، މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެ، ވިޔަފާރި އިނދަޖެހިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ކުދި ވިޔަފާރި ހިންގާ ފަރާތްތަކުން އަބަދުވެސް ތިބެންވާނީ ވަރަށް ބޮޑަށް ސަމާލުވެ، ދުރާލައި ތައްޔާރުވެގެންނެވެ.

ކުދި ވިޔަފާރިވެރިން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަމަކީ މާލީ ކަންކަން ބެލެހެއްޓުމެވެ. ގިނަ ވިޔަފާރިތައް ނާކާމިޔާބުވަނީ ލިބޭ އާމްދަނީއާއި ހިނގާ ޚަރަދުތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުންނެވެ. އެހެންކަމުން، ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކެއްގެ ސާފު ރެކޯޑު ބެލެހެއްޓުމާއި، އިސްރާފު ކުޑަކުރުމުގެ އިތުރުން، ވިޔަފާރި މެދުނުކެނޑި ކުރިއަށް ގެންދެވޭނެ މިންވަރަށް ފައިސާ ނުވަތަ “ކޭޝް ފްލޯ” ހުރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން، އަމިއްލަ ފައިސާއާއި ވިޔަފާރީގެ ފައިސާ މަސްހުނި ނުކުރުމަށް ވިޔަފާރިވެރިން ސަމާލުވާންވާނެއެވެ.

ދެވަނަ ކަމަކީ ކަމޭދުންގެ ހިތްހަމަޖެހުމެވެ. ކޮންމެ ވިޔަފާރިއެއްގެވެސް އެންމެ ބޮޑު އަސާސަކީ ކަމޭދުންނެވެ. ކަމޭދުންނާ މެދު އިހާނެތިކޮށް އަމަލުކުރުން ނުވަތަ ފެންވަރުދަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭނަމަ، އެ ކަމޭދުން އަނބުރާ ނައުމަކީ އެކަށީގެންވާ ކަމެކެވެ. ވިޔަފާރިވެރިން އަބަދުވެސް ކަމޭދުންގެ ޚިޔާލުތައް އަޑުއަހައި، ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް އިސްކަންދޭންވާނެއެވެ. ކަމޭދުންގެ އިތުބާރު ލިބި، އެމީހުން ހިތްހަމަޖެހޭނަމަ އެހެން މީހުންނަށް އެ ވިޔަފާރީގެ ވާހަކަ ކިޔައިދީ، ވިޔަފާރި ފުޅާވުމަށް މަގުފަހިވާނެއެވެ.

މުވައްޒަފުން ވަޒީފާއަށް ނެގުމުގައިވެސް ކުދި ވިޔަފާރިވެރިން ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. ވިޔަފާރި ތަމްސީލުކުރަނީ މުވައްޒަފުން ކަމަށްވާތީ، ރަނގަޅު މުވައްޒަފުން ހޯދުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. ޒިންމާދާރު، ތެދުވެރި އަދި މަސައްކަތަށް ފަރުވާތެރި ބަޔަކު ވަޒީފާއަށް ނެގުމުން ވިޔަފާރި ކުރިއަރައިގެންދާނެއެވެ. ހަމައެއާއެކު، މުވައްޒަފުންނަށް އިހުތިރާމުކުރާ އަދި މަސައްކަތްކުރާ ހިތްވާފަދަ މާހައުލެއް ވިޔަފާރީގެ ތެރޭގައި އުފެއްދުމަކީ މުހިންމު ކަމެކެވެ.

ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަމަށް ސަމާލުވުމަކީވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ވިޔަފާރިއާ ގުޅުންހުރި އެންމެހާ ޤާނޫނުތަކާއި ގަވާއިދުތަކަށް ވިޔަފާރިވެރިން ބޯލަނބަންވާނެއެވެ. މީގެ ތެރޭގައި ވިޔަފާރި ހުއްދަތައް ނެގުމާއި، ޓެކުހުގެ ކަންކަން ނިންމުމާއި، އަދި ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުން ހިމެނެއެވެ. ސާފުތާހިރު ކަމަކީވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެކެވެ. ވަކިން ޚާއްޞަކޮށް ކާބޯތަކެތީގެ ވިޔަފާރިއެއް ކުރާނަމަ މިކަމަށް އިތުރު އަހަންމިއްޔަތެއް ދޭންވާނެއެވެ. މިފަދަ ޤާނޫނީ ޒިންމާތަކަށް ފަރުވާކުޑަކުރުމުން ބޮޑެތި ޖޫރިމަނާތަކާއި ޤާނޫނީ މައްސަލަތަކާ ކުރިމަތިވެ، ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ.

މާކެޓިންގ ނުވަތަ ވިޔަފާރި އިޝްތިހާރު ކުރުމާއި، ވާދަވެރިކަމަށް ތައްޔާރުވުމަކީވެސް މުހިންމު ބަޔެކެވެ. ކުދި ވިޔަފާރިތަކަކީ އާންމުކޮށް ބޮޑެތި ކުންފުނިތަކާއި ނުވަތަ އެހެނިހެން ކުދި ވިޔަފާރިތަކާ ވާދަކުރަންޖެހޭ ބަޔެކެވެ. އެހެންކަމުން، ތިމާގެ އުފެއްދުންތަކާއި ޚިދުމަތްތައް މާކެޓު ކުރާނެ ގޮތުގެ ހަރުދަނާ ރޭވުމެއް އޮންނަންވާނެއެވެ. ސޯޝަލް މީޑިއާ އާއި އެކިކަހަލަ އިޝްތިހާރުތައް މެދުވެރިކޮށް ކަމޭދުންގެ ސަމާލުކަން ހޯދައި، ވިޔަފާރީގެ ނަން މަޝްހޫރު ކުރެވިދާނެއެވެ.

މިކަންކަމުގެ އިތުރުން މުސްތަޤުބަލަށްޓަކައި ރޭވުންތެރިކަން އިސްކުރަންޖެހެއެވެ. ބާޒާރުގެ ހާލަތާއި ކަމޭދުން ބޭނުންވާ ކަންކަން އަބަދުމެ ބަދަލުވަމުންދެއެވެ. އެކަމާ ނުވިސްނާ ހުއްޓާ އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިވެދާނެއެވެ. އެހެންކަމުން، ވިޔަފާރިވެރިން އަބަދުވެސް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އާ އުސޫލުތަކަށް ހޭނި، ކުރިމަތިވެދާނެ ނުރައްކާތަކަށް ދުރާލައި ތައްޔާރުވާންވާނެއެވެ.

ކުޑަ ވިޔަފާރިއެއް ހިންގުމުގައި ޒިންމާދާރުކަމާއި، ހޭލުންތެރިކަމާއި، އަދި ރޭވުންތެރިކަން މުހިންމު ދައުރެއް އަދާކުރާ ކަމެވެ. މާލީ ކަންކަން ހަރުދަނާކޮށް ބެލެހެއްޓުމާއި، ކަމޭދުންގެ ހިތްހަމަޖެހުމަށް އިސްކަންދިނުމާއި، ގާބިލު މުވައްޒަފުން ހޯދުމާއި، ޤާނޫނުތަކަށް ބޯލެނބުމުގެ އިތުރުން މުސްތަޤުބަލަށް ރޭވުންތެރިކަން އިސްކުރުމުން ވިޔަފާރި ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. ނުގުޑާ ފަދަ އަޒުމަކާއެކު ފަރުވާތެރިކަމާއެކު މަސައްކަތް ކޮށްފިނަމަ، ކުދި ވިޔަފާރިތަކަކީ ކުރިއަރައިގެންދާނެ ވަރުގަދަ ވިޔަފާރިތަކަކަށް ހެދިދާނެއެވެ.

                    

ޓެގް

ވިޔަފާރިވެރިން ވިޔަފާރި ކުމެވި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.