ޚަބަރު “ބިލެތްމާ ޓޭސްޓީ” ގެ އުފެއްދުންތައް ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އަންގައިފި
ޚަބަރު

“ބިލެތްމާ ޓޭސްޓީ” ގެ އުފެއްދުންތައް ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އަންގައިފި

fried leaves 2.png

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އަށް ލިބުނު ޝަކުވާއަކާ ގުޅިގެން، ‘ބިލެތްމާ ޓޭސްޓީ’ ގެ ނަމުގައި ހިންގާ ވިޔަފާރިން އުފައްދާ ތަކެތި ވިއްކުން މާނާކޮށްފިއެވެ. ސަބަބެއް ކަމަށް އެމް.އެފް.ޑީ.އޭއިން ވިދާޅުވަނީ އެތަނުން އުފައްދާ ކާބޯތަކެތި ތައްޔާރުކުރާ ތަނުގެ ސާފުތާހިރުކަން ކުޑަވުމެވެ. ބިލެތްމާ ޓޭސްޓީގެ އުފެއްދުންތަކުގެ ތެރޭގައި ދިވެހީންގެ މެދުގައި މަޤުބޫލު އުފެއްދުންތައް ކަމަށްވާ، ތެލުލިފަތް، ކޮށިމަސް، ކުޅިކާޖާ އަދި ރިހާކުރާއި އެނޫންވެސް އެފަދަ ބާވަތްތައް ހިމެނެއެވެ. މިކަމާ ގުޅިގެން އެމް.އެފް.ޑީ.އޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެތަނަކީ ޢާންމު ސާފުތާހިރުކަން ދަށް، އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށްވެސް ނުފެތޭ ތަނެއްކަން ފާހަގަ ކުރެވިފައިވާ ވާކަމަށެވެ. އަދި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އެމް.އެފް.ޑީ.އޭގައި ރަޖިސްޓްރީ ކުރަން ލާޒިމު ތަންތަން ކަމުގައި ވީނަމަވެސް، ބިލެތްމާ ޓޭސްޓީއަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވެސް ނުވާ ތަނެއް ކަމަށެވެ. އެހެންކަމުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ބިލެތްމާ ޓޭސްޓީގެ ނަމުގައި އުފައްދާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުން ނުކުރުމަށާއި، އެ މަރުކާގެ ތަކެތި ނުވިއްކުމަށްވެސް އެމް.އެފް.ޑީ.އޭއިން ވަނީ ނޫސްބަޔާނުން ޢާންމުކޮށް އަންގާފައެވެ. 

ނުތާހިރު ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކުމަކީ މިފަހަކަށް އައިސް ރާއްޖޭގައި ވަރަށްގިނައިން ފެންމަތިވަމުން އަންނަ މައްސަލައެކެވެ. އަދި ކާބޯތަކެތީގެ ވިޔަފާރި ކުރާނަމަ ނަގަންޖެހޭ ހުއްދަތައް ނުނަގައި “ވަގަށް” ވިޔަފާރިކުރާ ފަރާތްތައްވެސް ވަރަށްގިނައެވެ. އަދި މިފަދަ ބައެއް ވިޔަފާރިތައް ހިންގުމުގައި ބިދޭސީން ޙަރަކާތްތެރިވަމުން އަންނަކަންވެސް ފަހުގެ ބައެއް އޮޕަރޭޝަންތަކުން ފާހަގަވެފައިވެއެވެ. މި ކަންކަމަކީ ޢާންމު ޞިއްޙަތާ ގުޅިފައިވާ ކަމަކަށް ވާތީ، ޢާންމުން މިފަދަ ތަކެތި ގަނެ ބޭނުން ކުރުމުގެ ކުރިން ސަމާލުވުން މުހިންމެވެ. 

ޓެގް

އެންގުން އެމް.އެފް.ޑީ.އޭ ކާނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.