މާވަހަރަކީ ޒަމާނުއްސުރެ އިންސާނުންގެ މެދުގައި ވަރަށް އަގުބޮޑު އަދި އެހާމެ ނާދިރު އެއްޗެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އެއްޗެކެވެ. މިއަށް “ކަނޑުގެ ރަން” ނުވަތަ “ފްލޯޓިން ގޯލްޑް” ގެ ނަމުން ގިނަ މީހުން މުޚާތަބުކުރެއެވެ. ގިނަ ބަޔަކަށް މާވަހަރަކީ ކޮން އެއްޗެއްކަން އެނގުނު ނަމަވެސް، މީގެ އަގު މިހާ ބޮޑުވާންޖެހޭ ސަބަބާއި މިއުފެދޭ ގޮތުގެ ތަފްސީލީ މަޢުލޫމާތު ނޭނގޭ މީހުން ގިނައެވެ.
މާވަހަރަކީ ކަނޑުގައި އުޅޭ ބޮޑުމަހުގެ ބާވަތެއް ކަމަށްވާ ސްޕާރމް ވޭލްގެ ބަނޑުގައި އުފެދޭ މާއްދާއެކެވެ. މިބާވަތުގެ ބޮޑު މަސް ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ ބައެއް ތަކެތި، މިސާލަކަށް ބޮޑެތި ބޯވަދިލަމަހުގެ ތޫނު ތުންގަނޑުތަކަކީ އެމަހުގެ ބަނޑަށް ކެތްކުރެވޭ ފަދަ ތަކެއްޗެއް ނޫނެވެ. އެހެންކަމުން، އެތަކެތިން މަހުގެ ގޮހޮރަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، މަހުގެ ބަނޑުގައި އުފެދޭ ޚާއްޞަ މާއްދާއަކުން އެ ތޫނު ތަކެތި އޮޅާލައެވެ. މިގޮތަށް އުފެދޭ މާއްދާ މަހުގެ ހަށިގަނޑުން ބޭރުވުމަށްފަހު، އަހަރުތަކެއް ވަންދެން ކަނޑުގެ ލޮނުގަނޑުގައި އޮޔާދެއެވެ.
މާވަހަރު އަގުބޮޑުވާ އެންމެ މައިގަނޑު ސަބަބަކީ އޭގެ ނާދިރުކަމެވެ. ހުރިހާ ބޮޑު މަހަކުން މާވަހަރެއް ނުއުފެދެއެވެ. ސައިންސްވެރިން އަންދާޒާކުރާ ގޮތުގައި މާވަހަރު އުފެދެނީ މި ބާވަތުގެ މަހުގެ ކޮންމެ ސައްތައަކުން އެއް އިންސައްތަ ނުވަތަ ފަސް އިންސައްތަ މަހުގެ ހަށިގަނޑުގައެވެ. މީގެ އިތުރުން، މާވަހަރެއް ކަނޑުން ފެނުމަކީ ނަސީބު ގަދަ ކަމެއް ކަމަށް އަބަދުވެސް މީހުން ދެކެއެވެ. ކަނޑުގެ ލޮނުގަނޑާއި އިރުގެ އަލީގެ ސަބަބުން މާވަހަރު ދުވަސްވީވަރަކަށް އޭގެ ފެންވަރު ރަނގަޅުވެ، މީރުވަސް ހަރުލައެވެ. މި މަރުޙަލާއަށް އެތައް އަހަރެއް ނަގާތީ، މާވަހަރުގެ އަގު އަރައިގެންދެއެވެ.
މާވަހަރު އެންމެ ގިނައިން ބޭނުންކުރަނީ ދުނިޔޭގެ އެންމެ އަގުބޮޑު މީރުވަސްދުވާ ސެންޓު އުފައްދާ ކުންފުނިތަކުންނެވެ. މާވަހަރުގައި ހުންނަ ޚާއްޞަ މާއްދާއަކީ ސެންޓުގެ ވަސް ގިނަވަގުތު ހިފެހެއްޓުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ އިތުރުން، ބައެއް ގައުމުތަކުގައި ބޭސްވެރިކަމަށާއި، ކާބޯތަކެތީގެ ރަހަ މީރުކުރުމަށްވެސް މާވަހަރު ބޭނުންކޮށްފައިވެއެވެ. ނަމަވެސް، މިއަދު މީގެ އެންމެ ބޮޑު ބޭނުމަކީ މީރުވަސްދުވާ ސެންޓު އުފެއްދުންކަން ފާހަގަކުރެވެއެވެ.
މާވަހަރު އާންމުކޮށް ފެންނަނީ ކަނޑުގެ ލޮނުގަނޑުގެ މަތިން އޮޔާދަނިކޮށް ނުވަތަ ރާޅާއެކު ގޮނޑުދޮށަށް ލައްގައިފިނަމައެވެ. ދިވެހިރާއްޖެއަކީ މާވަހަރު އުފައްދާ ބާވަތުގެ ބޮޑު މަސް އުޅޭ ސަރަޙައްދަކަށް ވާތީ، ރާއްޖޭގެ އެކި ރަށްރަށުގެ ގޮނޑުދޮށްތަކުންނާއި ކަނޑުމަތިން ދޭތެރެދޭތެރެއިން މާވަހަރު ފެނިފައިވެއެވެ. މީގެ އިތުރުން ބްރެޒިލް، މަޑަގަސްކަރަ، ނިއުޒީލޭންޑް އަދި އެފްރިކާގެ ބައެއް ގައުމުތަކުގެ އައްސޭރިފަށުންވެސް މާވަހަރު ފެނެއެވެ.
މާވަހަރަކީ އޭގެ އުފެދުމާއި، ލިބުން ދަތިކަމާއި، އަދި ސެންޓު އުފެއްދުމުގައި ހުރި މުހިންމުކަމެއްގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ރަނަށްވުރެވެސް އަގުބޮޑުވެދާނެ ތަކެތީގެ ތެރެއިން އެކެއްޗެވެ. މީގެ އެއް މިސާލަކީ 2016 ވަނަ އަހަރު އޮމާނުގެ މަސްވެރިންތަކަކަށް ފެނުނު މާވަހަރެއް 3 މިލިއަން އެމެރިކާ ޑޮލަރަށް ވިކުމެވެ. މިއީ ހަމަގައިމުވެސް ކަނޑުގެ ލޮނުގަނޑުގެ ތެރެއިން އިންސާނުންނަށް ލިބޭ ވަރަށް އަގުހުރި ހަދިޔާއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...