މަޢުލޫމާތު ދަ ގްރޭޓް މޮސްކް އޮފް ޝިއާން – ޗައިނާގެ އެންމެ ޤަދީމީ މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތް
މަޢުލޫމާތު

ދަ ގްރޭޓް މޮސްކް އޮފް ޝިއާން – ޗައިނާގެ އެންމެ ޤަދީމީ މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތް

The great mosque of Xi.jpg

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ޗައިނާގެ ޝިއާންގެ މުސްލިމު ސަރަޙައްދުގެ މެދުގައި ހުންނަ ޝިއާންގެ މަޝްހޫރު މިސްކިތަކީ ޗައިނާގެ އިސްލާމީ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދޭ ހެއްކެކެވެ. މިލާދީން 700 ގެ އަހަރުތަކުގެ ތެރޭގައި ޓޭންގް ޚާންދާނުގެ ދައުރުގައި ޤާއިމުކުރެވުނު މި މިސްކިތަކީ އެ ޤައުމުގެ އެންމެ ޤަދީމީ އަދި އެންމެ މުހިންމު މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ.

މި  މިސްކިތް  ބިނާކުރެވުނީ  މުސްލިމުންގެ  3  ވަނަ  ޚަލީފާ  ޢުޘްމާން  ބިން  ޢައްފާނު  ޒަމާނުގައެެވެ. މި މިސްކިތް ޤާއިމުކުރެވުމާއެކު ޗައިނާއަށް އިސްލާމްދީން ތަޢާރަފުވެ، އިތުރުވަމުން އައި މުސްލިމު އާބާދީއަށް އަޅުކަން ކުރުމަށާއި އެއްބައިވަންތަކަމުގެ މަރުކަޒެއްގެ ގޮތުގައި މި މިސްކިތް ބޭނުންކުރެވެން ފެށުނެވެ. ޤަރުނުތަކެއް ވަންދެން މި މިސްކިތް ވަނީ އެތައް ފަހަރެއްގެ މަތިން އަލުން އިމާރާތްކުރެވި އަދި ފުޅާކުރެވިފައެވެ. ޚާއްޞަކޮށް މިލާދީން 1384 ވަނަ އަހަރު މިންގް ޚާންދާނުގެ ދައުރުގައި ކުރެވުނު މަސައްކަތުން މިހާރު މި މިސްކިތް ހުރި ޢިމާރާތުގެ ސިފައަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވެއެވެ.

ގާތްގަނޑަކަށް 12،000 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހުންނަ މި މަޝްހޫރު މިސްކިތަކީ ޗައިނާގެ ޢިމާރާތްކުރުމުގެ އާދަކާދައިގެ ވައްޓަފާޅިތަކާއި އިސްލާމީ ފަރުމާގެ އުސޫލުތައް ހިމަނައިގެން ވަރަށް ރީތިކޮށް ކޮށްފައިވާ ޢިމާރާތެކެވެ. މި މިސްކިތް ބެހިފައިވަނީ 4 ގޯއްޗަކަށެވެ. މި ގޯތިތަކުގެ ތެރެއިން ކޮންމެ ގޯއްޗަކުންވެސް ވަކި ބޭނުމެއް ހިފެއެވެ. އަދި ޗައިނާގެ ޢިމާރާތްކުރުމުގެ ފަންނުގެ ޚާއްޞަ ސިފަތައް ކަމުގައިވާ ލަކުޑީގެ ވަށް ތަނބުތަކާއި، ހިލަވެލި ޖަހާފައިވާ ފުރާޅުތަކާއި، ހިލައިގައި ކަނޑާފައިވާ ކުރެހުންތަކާއި ލިޔުންތަކުން މި ގޯތިތައް ވަނީ ޒީނަތްތެރިކުރެވިފައެވެ. މި މިސްކިތުގެ އެންމެ މުހިންމު ތަނަކީ ހަތަރުވަނަ ގޯތީގައި ހުންނަ ނަމާދުކުރާ މައި މާލަމެވެ. މި މާލަމުގައި ވަނީ ލަކުޑީގެ ވަށް ތަނބުތަކެއްގެ މަތީގައި ހިފެހެއްޓިފައިވާ ލަކުޑީގެ ފުރާޅެއް ހަދާފައެވެ. އަދި ނަމާދުކުރާ މީހުން ކުރިމަތިލާ ދިމާ ނުވަތަ ޤިބުލަ އަންގައިދޭ މިޙުރާބެއް ވެސް މި މިސްކިތުގައި ހުރެއެވެ. މި މާލަމުގެ އެތެރެއަށް ޤުދުރަތީ އަލި ވަންނަނީ ވަރަށް ފަރުވާތެރިކަމާއެކު ފަރުމާކޮށް ހަދާފައިވާ ކުޑަދޮރުތަކުންނެވެ. މިގޮތުން އެތެރެއަށް އަލިކަން ވަނުމުން ވަރަށް ހިތްގައިމު އިޙްސާސެއް މިސްކިތުގެ ތެރެއަށް ވެރިކުރުވައެވެ.

ޝިއާންގެ މި މަޝްހޫރު މިސްކިތަކީ ޝިއާންގައި ދިރިއުޅޭ މުސްލިމް ޖަމާޢަތެއް ކަމަށްވާ ހުއި މުސްލިމު ޖަމާޢަތުގެ މީހުންގެ އަޅުކަންކުރާ މައި ތަނެވެ. މި މިސްކިތުގައި ދުވާލަކު ފަސް ނަމާދު ހިމެނޭ ގޮތަށް ކޮންމެ ދުވަހަކު ނަމާދުތައް ކުރެވެއެވެ. އަދި މިއީ ދީނީ ތަޢުލީމު ދިނުމަށާއި އިސްލާމީ މުޖުތަމަޢުގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންކުރެވޭ ތަނެކެވެ. މި މިސްކިތުގެ ފަރުމާއިން އިސްލާމީ އުސޫލުތައް ފެންނަން ހުރެއެވެ. އަދި މި މިސްކިތަކީ އެ ސަރަޙައްދުގެ މުސްލިމުންގެ ރޫޙާނީ ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.

މި މިސްކިތުގެ ދީނީ މުހިންމު ކަމުގެ އިތުރުން، ޝިއާންގެ މަޝްހޫރު މި މިސްކިތަކީ ޗައިނާއާއި އިސްލާމީ ދުނިޔެއާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކުގެ ނިޝާނެކެވެ. މިއީ ޗައިނާގެ މުޖުތަމަޢުއާއި އިސްލާމީ ސަގާފަތް ލާމެހިފައިވާ މިންވަރު ދައްކުވައިދޭ ތަނެކެވެ. އަދި މިއީ ތަފާތު މަދަނިއްޔަތުތަކުގެ މެދުގައި އެކަކު އަނެކަކު ގުޅުވައިދޭ މަންސައެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭ ތަނެކެވެ. މި މިސްކިތަކީ ޢިމާރާތުގެ ރީތިކަމާއި ތާރީޚީ މުހިންމުކަމުގެ ސަބަބުން ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ޒިޔާރަތްކުރާ ތަނެކެވެ. މިގޮތުން މިއީ ޝިއާންގެ ސަގާފީ ސިންދަފާތު ތަރިކައަށް މުހިންމު ޙިއްސާއެއް ކުރާ ތަނެކެވެ.

ޝިއާންގެ މަޝްހޫރު މިސްކިތަކީ ހަމައެކަނި އަޅުކަންކުރާ ތަނެއްގެ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން، މިއީ ޗައިނާގައި އިސްލާމީ ސަގާފަތުގެ ދެމިގެންވާ ތަރިކައިގެ ހަނދާނީ ފާހަގައެކެވެ. މި މިސްކިތުގެ ތާރީޚީ ފުންމިނާއި، ޢިމާރާތުގެ ހިތްގައިމު ކަމާއި، ސަގާފީ މުހިންމުކަމުގެ ސަބަބުން މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޗައިނާއަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް މުހިންމު ވާހަކަތަކެއް ބުނެދޭ ޤަދިމީ ބިނާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ތަނެކެވެ.

ޓެގް

މިސްކިތް ޗައިނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.