މަޢުލޫމާތު ކޮމޯރޯސް – މުސްލިމުންގެ އާބާދީ ބޮޑު ޤައުމެއް
މަޢުލޫމާތު

ކޮމޯރޯސް – މުސްލިމުންގެ އާބާދީ ބޮޑު ޤައުމެއް

Comoros2.png

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކޮމޯރޯސްއަކީ އެފްރިކާގެ އިރުމަތީ ސަރަޙައްދުގައި އޮންނަ ޖަޒީރާ ޤައުމެކެވެ. މިއީ އިސްލާމްދީން އެ ޤައުމުގެ ސަޤާފަތާއި އިޖްތިމާޢީ ފޭރާމުގައި ވަރަށްބޮޑަށް ހިމެނިފައިވާ ޤައުމެކެވެ. އާބާދީގެ ގާތްގަނޑަކަށް 98 އިންސައްތައަކީ ސުންނީ މުސްލިމުންނެވެ. އަދި މި މުސްލިމުންގެ ތެރެއިން ގިނަ މީހުން ތަބާވަނީ ޝާފިޢީ މަޒުހަބަށެވެ.

ކޮމޯރޯސްގައި އިސްލާމްދީން ފެތުރިފައިވަނީ 9 ވަނަ ނުވަތަ 10 ވަނަ ޤަރުނުގައެވެ. މިގޮތުން އިސްލާމްދީން ތަޢާރަފުކޮށްދިނީ އިންޑިއާ ކަނޑުގެ ވިޔަފާރީގެ ވިއުގައިގައި ހަރަކާތްތެރިވި ޢަރަބި އަދި ފާރިސީ ވިޔަފާރިވެރިންނެވެ. ކޮމޯރޯސްގެ އިހުގެ މުސްކުޅިންގެ ދޫދޫމަތިން އައިސްފައިވާ ގޮތުގައި އިސްލާމްދީން މި ޖަޒީރާތަކަށް ގެނެސްދިނީ ރަސޫލުﷲ ﷺ ގެ ޒަމާނުގައި މައްކާއަށް ޒިޔާރަތްކުރި ދެ ކޮމޯރިއަން ރަސްކަލުންނެވެ. އެއީ ފޭ ބެޖާ މްވަމްބާ އާއި މްތްސްވާ މްވަންޒެއެވެ. އިސްލާމްދީނުގެ ނުފޫޒު އިތުރަށް ފުޅާވެގެން ދިޔައީ ޢަރަބި ވިޔަފާރިވެރިންނާއި ޒައިދީ ފާރިސީ ޝިރާޒީ އަމީރުން އައުމާ ގުޅިގެންނެވެ. މި ފަރާތްތަކުން ޖަޒީރާތަކުގައި އިސްލާމްދީން ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ.

އިސްލާމްދީނަކީ ކޮމޯރޯގެ އަމިއްލަވަންތަކަމަށް ވަރަށްބޮޑަށް އަސަރުކޮށްފައިވާ ކަމެކެވެ. ތާރީޚީ ގޮތުން ވެރިކަންކުރި ޢާއިލާތަކުން އިސްލާމީ ތަޢުލީމަށް އަހަންމިއްޔަތުކަން ދީ، ޙައްޖުގެ އަޅުކަން އަދާކޮށް، އެހެނިހެން މުސްލިމް މުޖުތަމަޢުތަކާ ގުޅުން ބަދަހިކޮށްފައިވެއެވެ. މި ޖަޒީރާތަކުގައި ގިނަ މިސްކިތްތަކާއި މަދްރަސާތައް ހުރުމަކީ ދުވަހުން ދުވަހަށް ކުރާ ކަންކަމުގައި އިސްލާމްދީނުގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ. ކުޑައިރުއްސުރެ ކުދިން ޤުރުއާން ކިޔަވަން ދަސްކުރުމަށް ސްކޫލްތަކަށް ދެއެވެ. މިގޮތުން އިސްލާމްދީނުގެ އަސާސްތަކާއި ޢަރަބި ބަސް ދަސްކުރެއެވެ.

2023 ވަނަ އަހަރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި ކޮމޯރޯސްގެ އާބާދީއަކީ ގާތްގަނޑަކަށް 850,000 މީހުންނެވެ. އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ ރަށްފުށު ސަރަޙައްދުތަކުގައެވެ. އަދި މި ފަރާތްތައް މައިގަނޑު ގޮތެއްގައި މަސްއޫލުވެފައިވަނީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަކަށެވެ. މަސައްކަތްތެރިންގެ ތެރެއިން 80 އިންސައްތަ މީހުން މަސައްކަތް ކުރަނީ ދަނޑުވެރިކަމުގެ ދާއިރާގައެވެ. މި ދާއިރާގައި މައިގަނޑު ގޮތެއްގައި އުފައްދާ ތަކެތީގެ ތެރޭގައި ވެނިލާއާއި، އަތަރު އުފެއްދުމަށް ބޭނުންކުރާ ލޭންގް ލޭންގާއި ކަރަންފޫ ހިމެނެއެވެ. މި ދަނޑުވެރިކަމުގެ އުފެއްދުންތަކަކީ ޤައުމުގެ މުހިންމު އެކްސްޕޯޓް މުދަލެވެ.

ކޮމޯރޯސްގެ އިޤްތިޞާދު ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުގެ ތެރޭގައި ރަނގަޅު ފެންވަރުގެ ދަތުރުފަތުރުގެ ވަސީލަތްތައް ނެތުމާއި، ޤުދުރަތީ ވަސީލަތްތައް މަދުވުމާއި، އަދި ހަލުވި ދުވެއްޔެއްގައި އާބާދީ އިތުރުވަމުން ދިއުން ހިމެނެއެވެ. މި ކަންކަމުގެ ސަބަބުން ވަޒީފާ ނެތުމުގެ މައްސަލަ ބޮޑުވެ، ބޭރުގެ އެހީއާއި ޤައުމުން ބޭރުގައި މަސައްކަތްކުރާ މީހުން ފޮނުވާ ފައިސާއަށް ބަރޯސާވާން ޖެހިފައިވެއެވެ. ޤައުމުގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަށް ބަލާއިރު ބޮލަކަށް ޖެހޭ މިންވަރު ދުނިޔޭގެ އެންމެ ދަށް ފެންވަރުގައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެއެވެ. މި ގޮންޖެހުންތައް ހުރި ނުރި ނަމަވެސް، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ކުރިއެރުން ހޯދުމުގެ ފުރުޞަތު ކޮމޯރޯސްއަށް އެބައޮތެވެ. ނަމަވެސް މި ދާއިރާތައް އަދިވެސް ވަނީ އެކަށީގެންވާ ވަރަށް ތަރައްޤީ ނުކުރެވިއެވެ.

ކޮމޯރޯސްއަށް މިހާރުވެސް ކުރިމަތިވަމުންދަނީ ފަޤީރުކަމާއި ވަޒީފާ ނެތުމުގެ މައްސަލަ ފަދަ އިޖްތިމާޢީ-އިޤްތިޞާދީ ގޮންޖެހުންތަކެވެ. ވަރަށްބޮޑަށް ދަނޑުވެރިކަމަށް ބަރޯސާވެފައިވާތީ، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ގޮންޖެހުންތަކަށް ޤައުމު ހުށަހެޅިފައިވެއެވެ. ނަމަވެސް، އިޤްތިޞާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމުގެ ފުރުޞަތުތައް އެބަހުޓެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ވުނަކޮށްގެން ޖަޒީރާތަކުގެ ޤުދުރަތީ ރީތިކަމާއި ތަފާތު ސަޤާފީ ތަރިކައިގެ ބޭނުން ހިފިދާނެއެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީކުރުމުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، އެކްސްޕޯޓް އިތުރުކުރެވިދާނެއެވެ. މި ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި އަސާސީ ވަސީލަތްތަކާއި ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެންވެސް އަޅަން ޖެހިފައިވާ މުހިންމު ފިޔަވަޅުތަކެކެވެ.

ކޮމޯރޯސްއަކީ އިސްލާމްދީނުގެ ދެމިގެންވާ ނުފޫޒުގެ ހެއްކެކެވެ. އިސްލާމްދީނަކީ އެ ޤައުމުގެ ތާރީޚާއި، ސަޤާފަތާއި، އިޖްތިމާޢީ އޮނިގަނޑުގެ މުހިންމު ބައެކެވެ. އިޤްތިޞާދީ ގޮންޖެހުންތައް ހުރި ނަމަވެސް، ކޮމޯރޯސްގެ ރައްޔިތުންގެ ކެތްތެރިކަމާއި އީމާންކަން އަދިވެސް ދަނީ އެ ޤައުމުގެ އަމިއްލަވަންތަކަން ކަނޑައަޅަމުންނެވެ. ރޭވުންތެރިކަމާއެކު ވުނަކޮށް، ދެމެހެއްޓެނިވި ތަރައްޤީ ގެނެސްގެން، ކޮމޯރޯސްއަށް ކުރިމަތިވެފައިވާ ހުރަސްތައް ފަހަނައަޅައި، ރައްޔިތުންނަށް މާ ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމުގެ ޤާބިލުކަން ލިބިގެންވެއެވެ.

ޓެގް

މުސްލިމް ޤައުމު ކޮމޯރޯސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.