ވަޓްސްއެޕަކީ ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ މޮބައިލް އެޕްލިކޭޝަންތަކުގެ ތެރެއިން އެއް އެޕްލިކޭޝަނެވެ. މިއީ ސްމާޓްފޯން މެދުވެރިކޮށް ފަސޭހަކަމާއެކު މުޢާމަލާތު ކުރުމަށް މަގުފަހިކޮށްދޭ، ގިނަ ބައެއްގެ މެދުގައި މަޤުބޫލު މެސެޖިންގ އެޕެކެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިލިއަނަކަށްވުރެ ގިނަ މީހުން އާއިލާ އާއި، ރައްޓެހިން އަދި މަސައްކަތުގެ މާހައުލުގައި ގުޅުން ބަދަހިކުރުމަށް ބޭނުންކުރާ އެންމެ މުހިންމު ވަސީލަތަކީ މިއީއެވެ.
ވަޓްސްއެޕް އުފެއްދީ 2009 ވަނަ އަހަރު ޖޭން ކޫމް އާއި ބްރަޔަން އެކްޓަންއެވެ. މިއީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ މުއާޞަލާތީ އެޕްލިކޭޝަންތަކުގެ ތެރެއިން އެއް އެޕްލިކޭޝަން އުފެއްދި ޓެކްނޮލޮޖީގެ ދާއިރާގެ ދެ ވިޔަފާރިވެރިންނެވެ.
ޖޭން ކޫމް އުފަންވީ 1976 ވަނަ އަހަރު ޔޫކްރެއިންގައެވެ. އޭނާ ފުރާވަރުގައި މަންމައާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރިއެވެ. އެ ދުވަސްވަރު އެމީހުންގެ ދިރިއުޅުން ވަރަށް ދަތި ހާލުގައި އޮތް ނަމަވެސް، ކޫމް ވަނީ ކޮމްޕިއުޓަރާއި ޕްރޮގްރާމިންގްގެ ދާއިރާއަށް ޝައުގުވެރިކަން އުފެދިފައެވެ. އޭގެ ފަހުން އޭނާ މަޝްހޫރު އިންޓަނެޓް ކުންފުނި ‘ޔާހޫ’ ގައި އިންޖިނިއަރެއްގެ ގޮތުގައި ވަޒީފާ އަދާކުރިއެވެ.
ބްރަޔަން އެކްޓަން އަކީ އެމެރިކާގެ ކޮމްޕިއުޓަރ ޕްރޮގްރާމަރެއްގެ އިތުރުން ކާމިޔާބު ވިޔަފާރިވެރިއެކެވެ. ވަޓްސްއެޕް އުފެއްދުމުގެ ކުރިން އޭނާ ވެސް ގިނަ އަހަރުތަކެއް ވަންދެން ‘ޔާހޫ’ ގައި މަސައްކަތް ކުރިއެވެ. ޖޭން ކޫމްއާ އޭނާ ބައްދަލުވީ އެތަނުގައި އެކުގައި މަސައްކަތް ކުރި ދުވަސްވަރުގައެވެ.
2009 ވަނަ އަހަރު، ކޫމް އާއި އެކްޓަން ނިންމީ އެސް.އެމް.އެސް އަށް ފައިސާ ޚަރަދުކުރުމުގެ ބަދަލުގައި އިންޓަނެޓް މެދުވެރިކޮށް ފަސޭހައިން މެސެޖު ކުރެވޭނެ އެޕްލިކޭޝަނެއް އުފެއްދުމަށެވެ. މި ޚިޔާލުގެ ނަތީޖާއަކީ ‘ވަޓްސްއެޕް’ އުފަންވުމެވެ. ބޭނުންކުރަން ފަސޭހަވުމާއި ހިލޭ ލިބޭ ޚިދުމަތަކަށް ވުމުން، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މި އެޕްލިކޭޝަން މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔައެވެ.
2014 ވަނަ އަހަރު، ފޭސްބުކް (މިހާރުގެ މެޓާ ޕްލެޓްފޯމްސް) އިން ވަނީ ގާތްގަނޑަކަށް 19 ބިލިއަން އެމެރިކާ ޑޮލަރަށް ވަޓްސްއެޕް ގަނެފައެވެ. މިއީ ޓެކްނޮލޮޖީގެ ތާރީޚުގައި ވެސް ހިނގާދިޔަ އެންމެ ބޮޑު އެއް މުޢާމަލާތެވެ. މި ބަދަލަށްފަހު ވަޓްސްއެޕް އިތުރަށް ތަރައްގީވެ، އޭގެ ޚިދުމަތްތައް ފުޅާވެގެންދިޔައެވެ. މީގެ ތެރޭގައި ފޯނުން ވާހަކަދެއްކުމާއި، ވީޑިއޯ ކޯލް ކުރުމާއި، ގްރޫޕް ޗެޓްތަކުގެ އިތުރުން ފޮޓޯއާއި، ވީޑިއޯ އަދި ލިޔެކިޔުންތައް ފަސޭހަކަމާއެކު ޙިއްސާކުރުމުގެ ފުރުޞަޠު ހިމެނެއެވެ.
ވަޓްސްއެޕް މިހާ ބޮޑަށް މަޤުބޫލުވި މައިގަނޑު ސަބަބަކީ އޭގެ ސާދާކަމެވެ. އެކައުންޓެއް ހުޅުވުމަށް ބޭނުންވަނީ ހަމައެކަނި ފޯނު ނަންބަރެކެވެ. މީގެ އިތުރުން، މެސެޖުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަރުގަދަ އެންކްރިޕްޝަން ނިޒާމެއް ބޭނުންކުރާތީ، މުޢާމަލާތްތަކުގެ ސިއްރު ހިފެހެއްޓެއެވެ. މިފަދަ ސަބަބުތަކަށްޓަކައި އަމިއްލަ ބޭނުންތަކުގެ އިތުރުން ރަސްމީ ކަންކަމުގައިވެސް ގިނަ ބަޔަކު ވަޓްސްއެޕް ބޭނުންކުރެއެވެ.
އިންޑިއާ، ބްރެޒިލް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގެ އިތުރުން ދުނިޔޭގެ ގިނަ ހިސާބުތަކުގައި ވަޓްސްއެޕަކީ ދިރިއުޅުމުގެ ކޮންމެ ދުވަހަކު ބޭނުންކުރަންޖެހޭ ކޮންމެހެން މުހިންމު ވަސީލަތަކަށް ވަނީ ވެފައެވެ. އާއިލާތަކުން ގުޅުން ބަދަހިކުރުމަށާއި، ވިޔަފާރިތަކުން ކަމޭދުންނާ މުޢާމަލާތު ކުރުމަށާއި، އަދި މުޖުތަމައުގެ ތެރޭގައި މުހިންމު މައުލޫމާތު ހިއްސާކުރުމަށް މި އެޕްގެ ބޭނުން ފުޅާދާއިރާއެއްގައި ކުރެއެވެ.
ވަޓްސްއެޕަކީ މި ޒަމާނުގެ މުޖުތަމައުގައި އެންމެ ނުފޫޒުގަދަ އަދި މުހިންމު އެއް މޮބައިލް އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަނުގެ ސަބަބުން މުއާމަލާތްކުރުން އަވަސްވެ، ފަސޭހަވެ، އަދި ޚަރަދު ކުޑަވެ، މީހުން އެކަކު އަނެކަކާ ގުޅުން ބަދަހިކުރާ އުސްލޫބަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ބިލިއަން މީހުން ގުޅުވައިދިނުމުގައި ވަޓްސްއެޕް އަދިވެސް ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ވަޓްސްއެޕް އުފެއްދި ޖޭން ކޫމް އާއި ބްރަޔަން އެކްޓަން މިއަދު ބެލެވެނީ މުޅި ދުނިޔޭގެ މުއާސަލާތީ ނިޒާމަށް ބޮޑު ބަދަލެއް ގެނައި ކާމިޔާބު އީޖާދުވެރިންގެ ގޮތުގައެވެ. އެމީހުން އުފެއްދި ވަޓްސްއެޕް މެދުވެރިކޮށް، ކޮންމެ ދުވަހަކު އެތައް ބިލިއަން ބަޔަކު މެސެޖުކުރުމާއި، ފޯނު ކޯލް ކުރުމުގެ އިތުރުން އެކަކު އަނެކަކާ ގުޅުން ބަދަހިކުރަމުންދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...