މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށާއި، ފައިދާ އިތުރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ ސިލްސިލާ މަސައްކަތްތަކުގެ ބައެއްގެ ގޮތުގައި ފ.ނިލަންދޫގައި ޤާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓްކިންގ ކޮމްޕެނީ، (އެމްޓީސީސީ) އާއި ހަވާލުކޮށްގެން މިހާރު އަންނަނީ ކުރަމުންނެވެ. މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
މަސްވެރިކަމާއި، ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފ.ނިލަންދޫގައި ދަޅު މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރަން ހިއްކަނީ، އެރަށުގެ އުތުރު ފަރާތުން 7 ހެކްޓަރުގެ ބިމެކެވެ. މި ކާރުޚާނާ ޤާއިމް ކުރެވި މަސައްކަތް ފެށުމުން އެތަނުން ދުވާލަކު 50 ޓަނުގެ މަސްދަޅު ބަންދު ކުރެވޭނެކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އަދި މި މަޝްރޫޢުގެ ދަށުން 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ވެސް އެޅުމައް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ފ.ނިލަންދޫގެ އިތުރުން ގދ.ފިޔޯރީގައިވެސް ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއާއި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. ފިޔޯރީގައި ކުރިއަށް ގެންދާ މަޝްރޫއުގައި ދުވާލަކަށް 100 ޓަނުގެ ދަޅުގައި މަސް ބަންދުކުރެވޭނެ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަސްވެރިކަމާއި، ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
މި މަޝްރޫޢުތައް ނިމުމުން އޭގެ ފައިދާ ދިވެހި މުޅި އިޤްތިޞާދަށް ކުރާނެއެވެ. މަސްވެރިން ބާނާ މަސް ވިއްކޭނެ އިތުރު ގޮތްތައް ފަހިވެ، މަހުގެ އުފެއްދުންތައް އިތުރުކޮށް ބާޒާރު ފުޅާކުރުމުގެ ފުރުޞަޠު މިކަމުން ލިބޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...