ދަ ހިމާލަޔަން ޕިންކް ސޯލްޓް ނުވަތަ ހިމާލަޔާގެ ފިޔާތޮށި ލޮނަކީ، އޭގެ ތަފާތު ފިޔާތޮށި ކުލައާއި ދިގު ތާރީޚުގެ ސަބަބުން މަޝްހޫރުވެފައިވާ ގުދުރަތީ ލޮނެކެވެ. މިއަދު މިއީ ކާބޯތަކެއްޗާއި ދުޅަހެޔޮކަމުގެ ދާއިރާގައި ބޭނުންކުރާ އަގުބޮޑު އުފެއްދުމެއްގެ ގޮތުގައި ބެލެވުނު ކަމުގައިވިޔަސް، މީގެ އަސްލު ގުޅިފައިވަނީ ބިމުގެ ދިރުންތަކާއި ގަދީމީ އިންސާނީ ތާރީޚާ އެވެ. މި ލޮނު މައިގަނޑު ގޮތެއްގައި ނަގަނީ ޕާކިސްތާނުގެ ޕަންޖާބު ސަރަހައްދުގައި، ހިމާލަޔަން ފަރުބަދަތަކުގެ ކައިރީގައި އޮންނަ “ކޭވްރާ” ލޮނު މައިނުންނެވެ. އާންމުކޮށް މިއަށް “ހިމާލަޔަން” ލޮނުގެ ނަމުން މުޚާތަބު ކުރެވުނު ނަމަވެސް، މީގެ އަސްލު ގުޅިފައިވަނީ ހިމާލަޔަން ފަރުބަދަތަކާ ގުޅިގެން އުފެދިފައިވާ “ސޯލްޓް ރޭންޖް” ކިޔާ ފަރުބަދަ ބަރިއަކާއެވެ.
މި ލޮނު އުފެދުނު ކަމަށް ބެލެވެނީ މީގެ 250 މިލިއަން އަހަރު ކުރިން، އެ ސަރަހައްދު، ކަނޑުގެ އަޑީގައި އޮތް ޒަމާނެއްގައެވެ. ކަނޑުގެ ފެން ހިކުމުގެ ސަބަބުން ލޮނުގެ ބޮޑެތި ފަށަލަތަކެއް ބިމުގައި އުފެދުނެވެ. ޒަމާންތަކާއެކު ބިމަށް އައި ބަދަލުތަކުގެ ސަބަބުން މި ލޮނު ފަށަލަތައް ހިލަތަކާއި ފަސްގަނޑުގެ އަޑީގައި ވަޅުލެވި، ވަރަށް ސާފު ހާލަތެއްގައި ރައްކާތެރިކަމާއެކު ދެމިހުއްޓެވެ. މި ލޮނުގައި ހުންނަ އޭގެ ޚާއްޞަ ފިޔާތޮށި ނުވަތަ ރަތްކުލައެއް ހުންނަނީ އޭގައި އެކުލެވޭ “އަޔަން އޮކްސައިޑް” ފަދަ މައުދަނުތަކުގެ ސަބަބުންނެވެ.
އިންސާނުން މި ލޮނު ބޭނުންކުރަން ފެށީ މީގެ އެތައް ހާސް އަހަރެއް ކުރިންނެވެ. މިއީ ހަމައެކަނި ކާތަކެތީގެ ރަހަ މީރުކުރުމުގެ އިތުރުން، ކާތަކެތި ގިނަދުވަހު ބެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ވަސީލަތެކެވެ. އާކިއޮލޮޖިކަލް އަދި ތާރީޚީ ހެކިތަކުން އެނގޭ ގޮތުގައި، ގަދީމީ ޒަމާނުގައި ދެކުނު އޭޝިއާގެ ސަރަހައްދުތަކުގައި މި ލޮނުގެ ވިޔަފާރި ވަރަށް ފުޅާކޮށް ކުރިއެވެ. ކޭވްރާ ލޮނު މައިން ފެނުނު ގޮތާ ބެހޭ ގޮތުން ތާރީޚީ ވާހަކައެއް އޮވެއެވެ. އެއީ މީލާދީގެ ކުރިން 4 ވަނަ ގަރުނުގައި އެލެގްޒެންޑަރ ދަ ގްރޭޓްގެ ލަޝްކަރު އެ ސަރަހައްދުން ދަތުރުކުރިއިރު، އެމީހުންގެ އަސްތައް ހިލަތަކުގައި ދޫލާ މަންޒަރު ފެނިގެން މި ތަން ހޯދި ކަމަށް ބުނާ ވާހަކައެވެ. ނަމަވެސް މިއީ ލިޔެކިޔުންތަކުން ސާބިތުވާ ކަމަކަށްވުރެ ބޮޑަށް، ދޫދޫމަތިން ކިޔައިއުޅޭ މަޝްހޫރު ވާހަކައެކެވެ.
މި ސަރަހައްދުން ރޭވުންތެރިކަމާއެކު ލޮނު ނަގަން ފެށިކަމުގެ އިތުބާރު ހުރި ރެކޯޑުތައް ފެންނަން ހުރީ 16 ވަނަ ގަރުނުގެ މުޣަލް ރަސްކަމުގެ ދުވަސްވަރުން ފެށިގެންނެވެ. އޭގެ ފަހުން 19 ވަނަ ގަރުނުގެ އިނގިރޭސި އިސްތިއުމާރީ ދުވަސްވަރު މި މަސައްކަތް އިތުރަށް ޒަމާނީ ކުރެވުނެވެ. 1872 ވަނަ އަހަރު އިނގިރޭސި އިންޖީނޭރެއް ކަމަށްވާ ޑރ. އެޗް. ވާތު ވަނީ ލޮނު ނަގާނެ އައު ގޮތްތަކާއި ބިންގަރާސްތައް ފަރުމާކޮށްފައެވެ. އޭނާ ފަރުމާކުރި ގިނަ ބިންގަރާސްތައް މިއަދުވެސް ބޭނުންކުރަމުންދާއިރު، މިއީ ދުނިޔޭގައި މެދުކެނޑުމެއްނެތި ހިނގަމުންދާ އެންމެ ދުވަސްވީ އެއް މައިންނެވެ.
މާޒީގައި ހިމާލަޔަން ޕިންކް ސޯލްޓް އާންމުކޮށް ބޭނުންކުރީ އެ ސަރަހައްދުގެ މީހުން ކެއްކުމަށާއި، ކާތަކެތި ރައްކާކުރުމަށާއި، ނުވަތަ ގެންގުޅޭ ޖަނަވާރުންނަށް ދިނުމަށެވެ. ބައިނަލްއަގުވާމީ ފެންވަރުގައި މި ބާވަތުގެ ލޮނު މަޤުބޫލުވީ ވަރަށް ފަހުންނެވެ. 20 ވަނަ ގަރުނުގެ ފަހުކޮޅާއި 21 ވަނަ ގަރުނުގެ ކުރީކޮޅު، ގުދުރަތީ، އަދި މާބޮޑަށް ޕްރޮސެސް ނުކުރާ ކާނާއަށް މީހުން ދިން ސަމާލުކަން އިތުރުވުމާ ގުޅިގެން، މި ލޮނު ދުނިޔޭގެ ބާޒާރުގައި މަގުބޫލު އުފެއްދުމަކަށް ވެގެންދިޔައެވެ.
މިއަދު ހިމަލަޔަން ޕިންކް ސޯލްޓަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް އެކްސްޕޯޓްކުރާ، ކެއްކުމުގެ އިތުރުން ގޭތެރެ ޒީނަތްތެރިކުރުމަށާއި ސިނާއީ މަސައްކަތްތަކުގައި ވެސް ބޭނުންކުރާ އެއްޗެކެވެ. ސިއްހީ ގޮތުން މިއިން ގިނަ ފައިދާތަކެއް ލިބޭ ކަމަށް ބައެއް މީހުން ދައުވާ ކުރި ނަމަވެސް، ސައިންސްވެރިން ބުނާ ގޮތުގައި މީގެ މުހިންމުކަން އޮތީ އޭގައި އެކުލެވޭ މައުދަނުތަކާއި އޭގެ ގުދުރަތީ އަސްލުގެ މައްޗަށެވެ.
ހިމާލަޔަން ޕިންކް ސޯލްޓްގެ ތާރީޚުން ދައްކުވައިދެނީ ބިމުގެ ދިރުންތަކާއި، އިންސާނުންގެ ބޭނުންތަކާއި، ވިޔަފާރީގެ ގުޅުމެވެ. ގަދީމީ ކަނޑުތަކުން ފެށިގެން މިއަދުގެ ބަދިގެތަކާ ހަމައަށް، މިއީ ޒަމާނާއި، ގުދުރަތާއި، އަދި އިންސާނީ ތަމައްދުން ބައްޓަންކޮށްފައިވާ އުފެއްދުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...