މަޢުލޫމާތު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވުމުން ފަރުދުންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެވިދާނެ ގޮތްތަކެއް
މަޢުލޫމާތު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވުމުން ފަރުދުންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެވިދާނެ ގޮތްތަކެއް

Oil.jpg

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިއަދުގެ ގުޅިލާމެހިފައިވާ ދުނިޔޭގައި، ދަތުރުފަތުރާއި، ކަރަންޓު އުފެއްދުމާއި، މުދާ އުފެއްދުމުގެ ސިނާއަތްތަކުގައި ތެލަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު، އޭގެ އަސަރު ތެލުގެ އަގު ބޮޑުވުމުން ފެށިގެން، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތީގެ އަގު އުފުލުމާ ހަމައަށް ފޯރައެވެ. ވަކިން ޚާއްޞަކޮށް، ރާއްޖެ ފަދަ ތެޔޮ އިމްޕޯޓްކުރުމަށް ބަރޯސާވާ ކުދި ޖަޒީރާ ގައުމުތަކަށް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. ނަމަވެސް، ސަރުކާރުތަކާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފިނަމަ މި އަސަރުތައް ކުޑަކުރެވިދާނެއެވެ.

ދުނިޔޭގެ ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރެވިދާނެ އެންމެ ފައިދާހުރި އެއް ކަމަކީ އިޢާދަކުރަނިވި ހަކަތައަށް ވުނަކުރުމެވެ. ތެލުގެ ބަދަލުގައި އިރުގެ އަލިންނާއި، ވައިގެ ބާރުންނާއި، އެހެނިހެން ސާފު ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރަން ފެށުމުން، ބޭރުން ގެންނަ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެއެވެ. މިސާލަކަށް، ރާއްޖެ ފަދަ އަވީގެ ނިއުމަތް ލިބިފައިވާ ގައުމަކަށް ސޯލާ ހަކަތައަކީ ވަރަށް އެކަށީގެންވާ ވަޞީލަތެކެވެ. މީގެ އިތުރުން، ހަކަތަ ބޭނުންކުރުމުގައި އިޤްތިޞާދު ކުރުމާއި، އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާއި، ތެލުގެ ބަދަލުގައި ކަރަންޓުން ދުއްވާ އުޅަނދުތައް ބޭނުންކުރުމަށް ސަރުކާރުން ހިތްވަރު ދިނުމަކީ ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރެވިދާނެ ކަންކަމެވެ.

ހަމައެއާއެކު، އިޤްތިޞާދު ސިންދަފާތު ކުރުމަކީ ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އިގްތިސާދު ހަމައެކަނި ތެލަށް ބަރޯސާވާ ސިނާއަތްތަކުގެ މައްޗަށް ބިނާވެފައި އޮންނަނަމަ، ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލަކުން ގައުމުގެ ކުރިއެރުމަށް ހުރަސްއެޅެއެވެ. އެހެންކަމުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިޖިޓަލް ޚިދުމަތްތައް ފަދަ ދާއިރާތައް ތަރައްޤީކުރުމުން ޤައުމަށް ލިބޭ އާމްދަނީ އިތުރުވެ، އިޤްތިޞާދީ ގޮތުން ކުރިމަތިވާ ލޮޅުންތަކުން ސަލާމަތްވެވޭނެއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށްވެސް ތެލުގެ އަގު އުފުލުމުން ކުރާ އަސަރު ކުޑަކުރުމަށް އަމަލީ ގޮތުން ކުރެވިދާނެ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، އަމިއްލައަށް ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުމެވެ. ކައިރި ތަންތަނަށް ހިނގާފައި ދިއުމާއި، ބައިސްކަލް ބޭނުންކުރުމާއި ނުވަތަ އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުމަކީ މީގެ ތެރެއިން ކުރެވިދާނެ ކަންކަމެވެ. އަދި ދަތުރުތައް ރޭވުންތެރިކަމާއެކު ކުރުމުންވެސް ތެލާއި ފައިސާ ސަލާމަތްކުރެވޭނެއެވެ.

ގޭބިސީތަކުގައި ހަކަތަ އިޤްތިޞާދުކުރުމުގެ އާދަ ހަރުލެއްވުމެވެ. ބޭނުން ނުކުރާ ވަގުތުތަކުގައި ބޮކިތައް ނިއްވާލުމާއި، ކަރަންޓު މަދުން ހިނގާ އާލާތްތައް ބޭނުންކުރުމާއި، އެއާކޮންޑިޝަން ބޭނުންކުރާ މިންވަރު މަދުކުރުމުން ކަރަންޓު ބިލު ކުޑަކުރެވޭނެއެވެ. އަދި ފުރުޞަޠު އޮތް މިންވަރަކުން ގޭގައި ސޯލާ ޕެނަލް ހަރުކުރުމަކީ  ތެލަށް ކުރާ ހޭދަ ދިގު މުއްދަތުގައި ކުޑަކުރުމަށް ކުރެވޭނެ ރަނގަޅު ވުނައެކެވެ.

އަމިއްލަ ޤައުމުގެ އުފެއްދުންތަކަށް އިސްކަންދިނުމެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން، މުދާ އުފުލުމުގެ ޚަރަދު ބޮޑުވެ، ބޭރުން ގެންނަ ތަކެތީގެ އަގު އުފުލެއެވެ. އެހެންކަމުން، ރާއްޖޭގައި އުފައްދާ ތަކެތި ބޭނުންކުރުމުން އަމިއްލަ ފައިސާ ސަލާމަތްކުރެވުމުގެ އިތުރުން ގައުމީ އިޤްތިޞާދަށްވެސް އެހީތެރިވެދެވޭނެއެވެ.

ހަމަ އެއާއެކު، މިކަމަށް މުޖުތަމައު ހޭލުންތެރިކުރުވުން ވަރަށް މުހިންމެވެ. ތެލުގެ އަގު އުފުލުމުން ކުރާ އަސަރުތައް އާންމުންނަށް ބުނެދިނުމުން، ހަކަތަ އިޤްތިޞާދުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަޠު ބޮޑުވާނެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ އަމިއްލަ ފަރުދުންގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫން ނަމަވެސް، ބުއްދިވެރި ނިންމުންތަކާއި އެންމެންގެ ގުޅިފައިވާ މަސައްކަތުން އޭގެ ނޭދެވޭ އަސަރުތައް ކުޑަކުރެވިދާނެއެވެ. ހަކަތަ އިގްތިސާދުކުރުމުގެ އާދަތައް އަށަގަންނުވައި، އިޢާދަކުރަނިވި ހަކަތައަށް އިސްކަންދީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މިއަދު އަޅުގަނޑުމެން ކުރަންޖެހިފައިވާ މުހިންމު ކަމެކެވެ. މިފަދަ ޢަމަލުތަކުން އަޅުގަނޑުމެންނަށް މުސްތަޤުބަލުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަނެވި، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދޭނެއެވެ.

ޓެގް

ތެޔޮ ބާޒާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.