ޓެކްސީގެ ޚިދުމަތް ދަތިވެ ޢާންމު ރައްޔިތުންނަށް ވަރަށްބޮޑެތި އުނދަގޫތައް ކުރިމަތިވެ. އެކަމާބެހޭ އެތައް ޝަކުވާއެއް ރައްޔިތުން ކުރުމުން އެކަން ޙައްލުކޮށް ރައްޔިތުންނަށް ލުއިކޮށްދިނުމުގެ ބޭނުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް،ޓީސީސީއާ ޙަވާލުކޮށް ސަރުކާރުން ތައާރަފްކުރާ “މާލެ ޓެކްސީ” ލައިންގެ ޚިދުމަތާ ގުޅޭ މައުލޫމާތު ދިނުމަށް ޚާއްސަ ހޮޓްލައިނެއްގެ ގޮތުގައި 1655 ކަނޑައަޅައިފިއެވެ. މި ޚިދުމަތަކީ އާންމުންނަށް ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް، ބޭރު ގައުމުތަކުގައި ބޭނުންކުރާ ގްރެބް އަދި އޫބާ ފަދަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭނެ ޚިދުމަތެކެވެ. މި ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ޢާންމު ރައްޔިތުންނަށް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ސަރުކާރުން ކުރިން ވިދާޅުވެފައިވާ ގޮތުން، “މާލެ ޓެކްސީ” ޚިދުމަތް ދިނުމުގައި ބޭނުންކުރާނީ އިޢާދަކުރަނިވި ހަކަތައިން ދުއްވާ އުޅަނދެެވެ. އެހެންކަމުން އެއިން އެއްވެސް ކާރަކަށް ތެޔޮ އަޅާކަށް ނުޖެހޭނެއެވެ. މި އުޅަނދުތަކުގެ ބެޓެރި ޗާޖުކުރާނެ ސްޓޭޝަންތައް މިހާރު ވަނީ ޤާއިމްކޮށް ނިމިފައެވެ. މި ޚިދުމަތް ދިނުމުގައި ތަފަތު ތިން ސައިޒެއްގެ އުޅަނދު ބޭނުން ކުރާނެ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި އެއީ ކަރަންޓުން ޗާޖުކޮށްގެން ދުއްވާ އުޅަނދެއްކަން އަންގައިދިނުމަށްޓަކައި އެ އުޅަނދުތަކުގެ ނަމްބަރު ބޯޑު ފެހިކުލައިން ބޭނުންކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މި ޚިދުމަތް ފެށުމަށްޓަކައި ވަމުންދާ ތައްޔާރީތަކުގެ ތެރޭގައި، ޓެކްސީތައް ދުއްވާނެ ޑްރައިވަރުން ހޯދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން އަންނަނީ ކުރަމުންނެވެ. މިކަމަށް ޖުމްލަ 407 ޑްރައިވަނުން ބޭނުންވެއެވެ. އެއީ ފުލްޓައިމް މުވައްޒަފުންގެ ގޮތުގައި 285 ޑްރައިވަރުންނާއި 122 ޕާޓްޓައިމް މުވައްޒަފުންނެވެ.
މި ޚިދުމަތް ތަޢާރަފު ކުރުމުން، ޓެކްސީ ހޯދުމަށް މިހާރު ޢާންމުން އުފުލަން ޖެހިފައިވާ ތަކުލީފަށް ނިމުމެއް އައިސް އެއީ އަތްފޯރާ އަގުގައި ދެވޭ ފެންވަރު ރަނގަޅު ޚިދުމަތަކަށް ވާނެ ކަމުގައި ޔަޤީންކަން އޮންނާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...