މަޢުލޫމާތު ވަރިވުން ފާހަގަކުރުން – މިއީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިވެސް ކޮށްގެންވާނެ ކަމެއްނޫން
މަޢުލޫމާތު

ވަރިވުން ފާހަގަކުރުން – މިއީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިވެސް ކޮށްގެންވާނެ ކަމެއްނޫން

vari2.png

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ވަރިއަކީ ހަމައެކަނި ދެމަފިރިންނަށް އެކަނި އަސަރު ކުރާ ކަމެއްނޫނެވެ. އެމީހުންގެ ދަރިންނާއި، އާއިލާއާއި، އަދި މުޅި މުޖުތަމައަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނުވާ ވަރަށް ސީރިއަސް ނިންމުމެކެވެ. ފަހަކަށް އައިސް، ދުނިޔޭގެ ބައެއް ހިސާބުތަކުގައި ވަރިވުމަކީ މިނިވަންކަމެއް ނުވަތަ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށް “އުފާފާޅުކުރުމުގެ” އާދައެއް ވަނީ އުފެދިފައެވެ. ދަތި އުނދަގޫ ކައިވެންޏަކުން ސަލާމަތްވުމުން ހިތްހަމަޖެހުމެއް ލިބުނު ކަމުގައިވިޔަސް، ވަރިވުން އެއީ އުފާފާޅުކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެއްކުމަކީ އާއިލީ ގުޅުމާއި ކައިވެނީގެ އަގު ވަޒަންކުރުމުގައި ނުރަނގަޅު މެސެޖެއް ފޯރުކޮށްދޭ، ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަމެކެވެ.

ވަރީގެ ސަބަބުން އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އަސަރެއް ކުރަނީ އާއިލީ އޮނިގަނޑަށެވެ. ކައިވެންޏަކީ، ޚާއްޞަކޮށް ދަރިންނަށް، ހަމަޖެހުމާއި ލޯތްބާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބިންގަލެކެވެ. ކައިވެނި ރޫޅުމުން، ކުދިންނަށް ނަފްސާނީ ގޮތުންނާއި އިހުސާސްތަކުގެ ގޮތުން ބޮޑެތި ނުތަނަވަސްކަމާއި، އޮޅުންބޮޅުންތަކާއި، ބިރުވެރިކަމާ ކުރިމަތިލާންޖެހެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި މައިންބަފައިންގެ އަޅާލުން ދެބައިވުމަކީ އެކުދިންނަށް ބޮޑު ގޮންޖެހުމެކެވެ. ވަރިވުން ފާހަގަކޮށް އުފާފާޅުކުރުމަކީ، އެ ކުދިން ތަހައްމަލުކުރާ ހިތާމަތަކަށް ބެލުމެއްނެތި، އާއިލާ ރޫޅުމަކީ މާބޮޑު ކަމެއް ނޫން ކަމަށް ނުވަތަ އެއީ އުފާވެރި ކަމެއްގެ ގޮތުގައި ދެއްކުމެވެ.

މީގެ އިތުރުން، ވަރީގެ އަސަރު މުޅި އާއިލީ ގުޅުންތަކަށް ފޯރައެވެ. ތިމާގެ މީހުންނާއި ރައްޓެހިންގެ މެދުގައި އޮންނަ ބަދަހި ގުޅުންތައް ބަލިކަށިވެ ނުވަތަ މުޅިން ކެނޑިގެންދެއެވެ. މުޖުތަމައުގައި ވަރިވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ނުވަތަ އުފާފާޅުކުރަންޖެހޭ ކަމެއްގެ ގޮތުގައި ބަލަން ފެށުމުން، ކެތްތެރިކަމާއި، އެކަކު އަނެކަކަށް ދޫދިނުމާއި، ގުޅުން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އަގު ވެއްޓިގެންދެއެވެ.

މުޅި މުޖުތަމައަށް ބަލާއިރު، ވަރިވުން އުފާވެރި ކަމެއްގެ ގޮތުގައި ދެއްކުމަކީ ކައިވެނީގެ މުގައްދަސް ބިންގާ ބަލިކަށިކޮށްލާ ކަމެކެވެ. ކައިވެންޏަކީ ހަމައެކަނި އަމިއްލަ ގުޅުމެއް ނޫނެވެ. އެއީ ޒިންމާދާރުކަމާއި، އެއްބާރުލުމާއި، އިޖުތިމާއީ ހަމަޖެހުން ގާއިމުކޮށްދޭ ބިންގަލެކެވެ. ވަރިވުމަކީ ވަރަށް ފަސޭހަ ނުވަތަ އުފާވެރި ކަމެއްގެ ގޮތުގައި ބެލެވޭނަމަ، ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކޮށް ކައިވެނި ސަލާމަތްކުރަން މީހުން ކުރާ މަސައްކަތް މަދުވާނެއެވެ. މީގެ ނަތީޖާއަކީ، ގުޅުންތައް ވަރުގަދަކުރުމުގެ ބަދަލުގައި، ވަރަށް ފަސޭހައިން ކައިވެނި ރޫޅާލާ ސަގާފަތެއް އުފެދުމެވެ.

އިސްލާމްދީނުގައި ކައިވެންޏަކީ ލޯތްބާއި، ރަހުމާއި، އަދި އެކަކު އަނެކަކަށް ކުރާ އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ މުގައްދަސް ގުޅުމެކެވެ. އަދި އެއީ މުސްލިމެއްގެ ހަޔާތުގައި ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ މުހިންމު ކަމެކެވެ. އިސްލާމްދީނުގައި ވަރިވުމަކީ ހުއްދަ ކަމެއް ކަމުގައިވިޔަސް، އެއީ އެންމެ ފަހު ގޮތުގެ ގޮތުގައި ނޫނީ ނުކުރުމަށް އަންގަވާފައިވާ ކަމެކެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީސްފުޅުތަކުން އެނގޭ ގޮތުގައި، ވަރިވުމަކީ ހުއްދަ ކަންތައްތަކުގެ ތެރެއިން ﷲގެ ހަޟްރަތުގައި އެންމެ ބޮޑަށް ނުރުހުންތެރިކަން ލިބިގެންވާ ކަމެކެވެ. ކައިވެނި ރޫޅާލުމަކީ ކިހާ ސީރިއަސް ކަމެއްކަން މިއިން ދޭހަކޮށްދެއެވެ.

ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށްޓަކައި، ވަރިވުމުގެ ކުރިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އިސްލާމްދީން ބާރުއަޅައެވެ. މީގެ ތެރޭގައި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމާއި، ކެތްތެރިވުމާއި، މާފުކުރުމާއި، އަދި އާޢިލާގެ މީހުން ނުވަތަ މެދުވެރިންގެ އެހީތެރިކަން ހޯދުން ހިމެނެއެވެ. އިސްލާމީ ޝަރީއަތުގައި ވަރީގެ މަރުޙަލާތައް ކަނޑައެޅިފައިވަނީ ވެސް، ދެމަފިރިންނަށް ވިސްނާލުމަށާއި އަލުން ގުޅުމުގެ ފުރުޞަޠު ލިބޭނެ ފަދަ ގޮތަކަށެވެ. މިއިން އެނގެނީ ކައިވެނި ދެމެހެއްޓުމަށް ދީން ދޭ އަހައްމިއްޔަތެވެ.

މީގެ އިތުރުން، ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭ ވަގުތުތަކުގައި ވެސް، އޯގާތެރިކަމާއި އިންސާފުވެރިކަމާއެކު މުޢާމަލާތް ކުރުމަށް އިސްލާމްދީން އަމުރުކުރެއެވެ. މަޤުޞަދަކީ ދެމީހުންގެ ކަރާމާތް ރައްކާތެރިކުރުމާއި ދަރިންގެ މަސްލަހަތު ހިމާޔަތްކުރުމެވެ. އަނިޔާވެރިކަމެއް ނުވަތަ ހައްލުނުކުރެވޭ ފަދަ ބޮޑު މައްސަލައެއް އޮތް ނަމަ ވަރިވުމުގެ އިޚުތިޔާރު އޮތް ނަމަވެސް، އެއީ ދުވަހަކުވެސް އުފާފާޅުކުރަންޖެހޭ ކަމެއްގެ ގޮތުގައި ދީން ނުދެކެއެވެ.

މިކަމުގައި ދުނިޔޭގެ ޙަޤީޤީ ޙާލަތަށް ބަލާލުމަކީވެސް މުހިންމު ކަމެކެވެ. ދުނިޔޭގައި ނިސްބަތުން އެންމެ ގިނައިން ވަރިވާ ޤައުމަކީ ދިވެހިރާއްޖެއެވެ. މިއީ މުސްލިމް އާބާދީއެއް އޮތް ޤައުމަކަށް ވީނަމަވެސް، މިހާ މަތީ މިންވަރަކަށް ވަރި ގިނަވުމަކީ އިޖުތިމާއީ އާދަކާދަތަކާއި ދީނީ އުސޫލުތަކާ ދެމެދު އޮތް ފަރަޤު ހާމަކޮށްދޭ ކަމެކެވެ. މިއީ އާޢިލީ އަގުތައް ވަރުގަދަކުރުމަށާއި، ކައިވެނީގެ ގުޅުން ބަދަހިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމުގެ ހެއްކެކެވެ.

ވަރިވުމަކީ ބައެއް ޙާލަތްތަކުގައި މަޖުބޫރު ކަމަކަށް ވީނަމަވެސް، އެކަމުގައި އުފާފާޅުކުރުމަކީ އާޢިލާތަކަށާއި މުޖުތަމަޢަށް ގެއްލުން ހުރި ކަމެކެވެ. އެއީ ދަރިންގެ ހިތާމަތަކަށް ބެލުމެއްނެތި ކުރެވޭ، އާޢިލީ ގުޅުންތައް ބަލިކަށިކޮށްލާ ކަމެކެވެ. އިސްލާމްދީން ދަސްކޮށްދެނީ ވަރިވުމަކީ ހަމައެކަނި ޒަރޫރީ ޙާލަތެއްގައި ނޫނީ ކުރަންނުޖެހޭ ސީރިއަސް ކަމެއްގެ ގޮތުގައެވެ. ވަރިވުން ފާހަގަކުރުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ އަމާޒަކަށް ވާންޖެހޭނީ ކައިވެނީގެ ގުޅުންތައް ވަރުގަދަކުރުމާއި، ކެތްތެރިކަމާއި އޯގާތެރިކަން އިސްކުރުމެވެ.                   

ޓެގް

ގުޅުން ވަރި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.