ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލާ ހޯރްމޫޒް ކަނޑުއޮޅިއަކީ، ދުނިޔޭގައި އޮތް އެންމެ މުހިންމު ކަނޑުގެ މަގުތަކުގެ ތެރެއިން އެކެކެވެ. މި މަގުގެ ހަނިކަމާއި އީރާނާ ކައިރީގައި އޮތް އިސްތިރާޖީ މަގާމުގެ ސަބަބުން، މިއީ ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު ކޮންޓްރޯލް ޕޮއިންޓެކެވެ. 2026 ވަނަ އަހަރު ސަރަހައްދީ ބޮޑު ހަނގުރާމައެއްގެ ތެރޭގައި، އީރާނުން ވަނީ ހަމައެކަނި އިންޒާރު ދިނުމުގެ ބަދަލުގައި، އަމަލީ ގޮތުން މި މުހިންމު ކަނޑުގެ މަގު ބަންދުކޮށްފައެވެ.
މި ކަނޑުއޮޅި ބަންދުކުރީ އީރާނާއި، އެމެރިކާ އަދި އިސްރާއީލާ ދެމެދު އުފެދުނު ނުތަނަވަސްކަމާއި ހަނގުރާމަ ވަރުގަދަވުމާ ގުޅިގެންނެވެ. ދެވުނު ވަރުގަދަ ވައިގެ ހަމަލާތަކަކާއި، އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އެ ކަނޑުއޮޅިން އެއްވެސް އުޅަނދަކަށް އަމާންކަމާއެކު ދަތުރު ނުކުރެވޭނެކަން އިޢުލާންކޮށްފައެވެ.
މިއީ އެތައް އަހަރެއްގެ އިންޒާރުތަކަށްފަހު، އެ މަގު ބަންދުކުރުމަށް އީރާނުން ފުރިހަމައަށް އަމަލީ ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ. މިއާއެކު މުޅި ސަރަހައްދު ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެގެން ދިޔައެވެ.
ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށްޓަކައި އީރާނުން ވަނީ ގުޅިފައިވާ އަސްކަރީ ބައެއް އުކުޅުތައް ބޭނުންކޮށްފައެވެ.
ތެޔޮ ޓޭންކަރުތަކަށް ދިން ހަމަލާތައް: އީރާނުގެ ފައުޖުތަކުން ވަނީ ވިޔަފާރި އުޅަނދުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފައެވެ. މީގެ ސަބަބުން ބައެއް ތެޔޮ ޓޭންކަރުތަކުގައި ރޯވެ، ދަތުރުފަތުރުކުރާ ކުންފުނިތަކުގެ މެދުގައި ބިރުވެރިކަން އުފެދުނެވެ. މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ ކޮންމެ އުޅަނދަކަށްވެސް ނުރައްކާ އޮތްކަން ސާފުވެގެންދިޔައެވެ.
ކަނޑުއަޑީގެ މައިން ބޭނުންކުރުން: އީރާނުން ވަނީ ކަނޑުއޮޅީގެ ސަރަހައްދުގައި ކަނޑުއަޑީގެ މައިން އަތުރާފައެވެ. މަދު އަދަދެއްގެ މައިން ބޭނުންކުރުމުންވެސް ބޮޑު ނުރައްކަލެއް އުފެދި، އުޅަނދުތަކުގެ ދަތުރުތައް މަޑުޖެހި ނުވަތަ މުޅިން ހުއްޓުމަކަށް އައެވެ.
އިންޒާރުތަކާއި ބިރުދެއްކުން: ކަނޑުއޮޅިއަށް ވަންނަ ކޮންމެ އުޅަނދަކަށް ހަމަލާދީ ފައްތާލާނެ ކަމަށް އީރާނުން ފާޅުގައި އިންޒާރު ދިނެވެ. މި އިންޒާރުތަކުގެ ސަބަބުން އެކަނިވެސް، ދަތުރުކުރުމަށް ކުންފުނިތަކުން ފަސްޖެހުނެވެ.
ކަނޑުގެ ސިފައިންގެ ބާރުގެ ދަށަށް ގެނައުން: އީރާނުގެ ނޭވީއާއި އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް، އައި.އާރް.ޖީ.ސީ އިން ވަނީ ކަނޑުއޮޅީގެ މުހިންމު ސަރަހައްދުތައް ކޮންޓްރޯލްކޮށް، އުޅަނދުތަކުގެ ހަރަކާތްތައް ބަލައި ހިފަހައްޓާފައެވެ.
އީރާނުން ހަމައެކަނި ބޭނުންކުރީ އަސްކަރީ ހަމަލާތަކެއް ނޫނެވެ. އޭގެ ބަދަލުގައި ނަފްސާނީ ގޮތުންވެސް ބިރުވެރިކަން އުފެއްދިއެވެ.
ކަނޑުދަތުރުފަތުރުގެ އިންޝުއަރެންސް ކުންފުނިތަކުން އެ ސަރަހައްދަށް ވަންނަ އުޅަނދުތަކަށް އިންޝުއަރެންސް ދިނުމަށް އިންކާރުކުރިއެވެ.
ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ގިނަ ކުންފުނިތަކުން ދަތުރުތައް މެދުކަނޑާލިއެވެ. ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު ބައެއް ހާލަތްތަކުގައި 80 އިންސައްތައަށް ދަށަށް ދިޔައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ފިޒިކަލް ގޮތުން މުޅި މަގު އެއްކޮށް ބަންދުނުކުރި ނަމަވެސް، އަމަލީ ގޮތުން އެ މަގު ބަންދުވެގެން ދިޔައެވެ.
މި ކާރިސާ އެންމެ ގޯސްވި ދަނޑިވަޅުގައި، މޮނިޓަރިން ސިސްޓަމްތަކުން ދެއްކި ގޮތުގައި ތެޔޮ ޓޭންކަރުތަކުގެ ހަރަކާތްތައް މުޅިން ކަހަލަ ގޮތަކަށް ހުއްޓުނެވެ. އެތައް ސަތޭކަ އުޅަނދެއް ގަލްފުން ނުކުމެވޭނެ ނުވަތަ ވަދެވޭނެ ގޮތެއް ނެތި ތާށިވިއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ލޮޅުންތަކެއް އެރިއެވެ.
ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމުން ކުރިމަތިވި ސީރިއަސް ނަތީޖާތަކުގެ ތެރޭގައި، ތެލުގެ ސަޕްލައި މަދުވުމުގެ ސަބަބުން އަގުތައް އުފުލުމާއި، ދުނިޔޭގެ ވިޔަފާރި މަޑުޖެހުން، ހަކަތައަށް ބަރޯސާވާ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވުން، އެހެން ގައުމުތަކުން މިކަމުގެ ތެރެއަށް ވަނުމަށް ވިސްނަން ފެށުމުން، އަސްކަރީ ނުތަނަވަސްކަން އިތުރުވުން ފަދަ ކަންތައްތައް ކުރިމަތިވިއެވެ.
ދުނިޔޭގެ އިޤުތިޞާދ މި މަގަށް ބަރޯސާވާ މިންވަރު ބޮޑުކަމުން، ކުޑަ ވަގުތުކޮޅަކަށް ދަތުރުތައް މެދުކަނޑާލުމުންވެސް މުޅި ދުނިޔެއަށް އޭގެ ނޭދެވޭ އަސަރު ފޯރިއެވެ. އީރާނުން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރީ އަސްކަރީ ބާރާއި، އިސްތިރާޖީ އިންޒާރުތަކާއި، އަދި ނަފްސާނީ ފިއްތުންތައް ބޭނުންކޮށްގެންނެވެ. އުޅަނދުތަކަށް ހަމަލާދީ، މައިން އަތުރައި، އަދި ބިރުވެރިކަން އުފައްދައިގެން، އެ ސަރަހައްދުގެ ދަތުރުފަތުރު ހުއްޓުވުމުގެ ނިންމުން އީރާނަށް ކާމިޔާބުވިއެވެ.
މި ހާދިސާއިން ދައްކުވައިދިނީ ކަނޑުގެ ހަނިހަނި މަގަކުންވެސް މުޅި ދުނިޔޭގެ އިޤުތިޞާދަށް ނުފޫޒު ފޯރުވިދާނެ ގޮތެވެ. އަދި ހޯރްމޫޒް ކަނޑުއޮޅިއަކީ މިއަދު ދުނިޔޭގައި އޮތް އެންމެ ނާޒުކު އަދި އެންމެ މުހިންމު އެއް ސަރަހައްދުކަން މިކަމުން ސާބިތުވެގެންދިޔައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...