ކޮފީއަކީ ހަށިގަނޑަށް ހަކަތަ ލިއްބައިދީ، އެކި ކަންކަމަށް ސަމާލުކަން އިތުރުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗަކަށް ވީނަމަވެސް، މީގެ ބައެއް ނޭދެވޭ އަސަރުތައްވެސް ހުރެއެވެ. ވަކިން ޚާއްޞަކޮށް، މާގިނައިން ކޮފީ ބޭނުންކުރާނަމަ ބައެއް ޞިއްޙީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެއެވެ.
އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލައަކީ ނިދުމަށް ހުރަސްއެޅުމެވެ. ކޮފީގައި ހުންނަ ކެފެއިންގެ އަސަރު ގިނަ ގަޑިއިރުތަކެއް ވަންދެން ހަށިގަނޑުގައި ހުރެއެވެ. މީގެ ސަބަބުން ނިދަން އުނދަގޫވުމާއި ނިދީގެ ފެންވަރު ދަށްވުން ފަދަ ކަންކަން މެދުވެރިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޖެހިގެން އަންނަ ދުވަހު ވަރުބަލިވުމާއި، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން ފަދަ ކަންކަން ދިމާވެއެވެ. އަދި ނަފްސާނީގޮތުން ގެއްލުން ހުރި ކަމަކަށް މިކަން ވާނެއެވެ.
ދެން އޮތް އަނެއް ނޭދެވޭ އަސަރަކީ ހާސްވުމާއި ނުތަނަވަސްކަން އިތުރުވުމެވެ. މާގިނައިން ކެފެއިން ހަށިގަނޑަށް އެތެރެވުމުން އަތްފައި ތުރުތުރުއެޅުމާއި، ނުތަނަވަސްވުން ނުވަތަ ބައެއް މީހުންނަށް “ޕެނިކް އެޓޭކް” ފަދަ އިހުސާސްތައްވެސް ކުރެވިދާނެއެވެ. މީގެއިތުރުން، ހިތުގެ ތެޅުން އަވަސްވުމާއި ލޭގެ ޕްރެޝަރު ވަގުތީ ގޮތުން މަތިވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ކޮފީގެ ސަބަބުން ބައެއް ފަހަރު ބަނޑުގެ މައްސަލަތައްވެސް ކުރިމަތިވެއެވެ. ބަނޑުގައި އެސިޑް އުފައްދާ މިންވަރު އިތުރުވުމުގެ ސަބަބުން، މޭ އެންދުމާއި ބަނޑަށް އުނދަގޫވުން ފަދަ ކަންކަން ދިމާވެދާނެއެވެ. ވަކިން ޚާއްޞަކޮށް ހުސްބަނޑާ ހުރެ ކޮފީ ބުއިމަކީ މިފަދަ މައްސަލަތައް އިތުރަށް ގޯސްވެދާނެ ކަމެކެވެ.
އަނެއްކަމަކީ ކޮފީއަށް އޮންނަ ބަރޯސާވުން އިތުރުވުމެވެ. ޤަވާއިދުން ކޮފީ ބޯނަމަ، ހަށިގަނޑު ކެފެއިންއަށް އާދަވެ، ކޮފީ ބުއިން ކުއްލިއަކަށް ހުއްޓާލުމުން ބޮލުގައި ރިއްސުމާއި، މޫޑު ގޯސްވުމާއި، އަދި ވަރުބަލިވުން ފަދަ އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެއެވެ.
މީގެއިތުރުން، މާގިނައިން ކޮފީ ބުއިމަކީ ހަށިގަނޑުން ފެން މަދުވުން ނުވަތަ ޑީހައިޑްރޭޝަން މެދުވެރިވެދާނެ ކަމެކެވެ. ސަބަބަކީ ކެފެއިންގެ ސަބަބުން ގިނަގިނައިން ކުޑަކަމުދާން ޖެހުމެވެ.
އަދި ކޮފީގެ ރަހަ މީރުކުރުމަށް ހަކުރާއި، ކްރީމް ނުވަތަ އެކި ކަހަލަ ސިރަޕް އެޅުމަކީ ކޮފީއަކީ ކެލޮރީ ގިނަ ބުއިމަކަށް ބަދަލުވެގެންދާ ކަމެކެވެ. މީގެ ސަބަބުން ގަވާއިދުން ކޮފީ ބޯނަމަ ބަރުދަން އިތުރުވުމަށްވެސް މަގުފަހިވެދާނެއެވެ.
އާދައިގެ މިންވަރަކަށް ކޮފީ ބުއިމަކީ އާންމުގޮތެއްގައި ރައްކާތެރި ކަމެއް ނަމަވެސް، މިފަދަ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި ކޮފީ ބޯ މިންވަރު ވަކި ހަމައެއްގައި ހިފެހެއްޓުން މުހިންމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...