ބްރެޒިލްގެ ސިޔާސީ ނިޒާމާއި، އިގްތިސާދީ ސިޔާސަތުތަކުގެ އިތުރުން ބައިނަލްއަގުވާމީ ގުޅުންތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ފަދަ މުހިންމު ރިޔާސީ އިންތިޚާބަކަށް އެ ގައުމުން ތައްޔާރުވެއްޖެއެވެ.
ބްރެޒިލްގެ 2026 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 158 މިލިއަނަށްވުރެ ގިނަ މީހުންނަށް ލިބިގެންވެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ އަގުލަބިއްޔަތު ނުލިބިއްޖެނަމަ، ދެވަނަ ބުރުގެ ވޯޓުލުން އޮކްޓޯބަރު 25 ގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި ފަހަރުގެ އިންތިޚާބަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ އާއި ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯގެ ދަރިކަލުން ސެނެޓަރު ފްލާވިއޯ ބޮލްސޮނާރޯއާ ދެމެދު އޮތް ވާދަވެރިކަން ބޮޑުވުމުންނެވެ. ރިޔާސީ ރޭހުގައި އިތުރު ކެންޑިޑޭޓުންވެސް ވާދަކުރައްވާއިރު، ރިޔާސީ އިންތިޚާބާ އެކުއެކީގައި ކޮންގްރެސްގެ މެންބަރުންނާއި، ސްޓޭޓް ގަވަރުނަރުންނާއި، ސްޓޭޓް ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުން ހޮވުމަށްވެސް ވޯޓުލުން ކުރިއަށްދާނެއެވެ.
އުމުރުފުޅުން 80 އަހަރުގެ ލޫލާ އަމާޒު ހިއްޕަވާފައިވަނީ ހަތަރުވަނަ ދައުރަކަށް ރައީސްކަން ކާމިޔާބު ކުރެއްވުމަށެވެ. އަދި އުމުރުފުޅުން 45 އަހަރުގެ ފްލާވިއޯ ބޮލްސޮނާރޯ ނުކުމެވަޑައިގެން ހުންނެވީ އޭނާގެ ބައްޕަގެ ސިޔާސީ ފަލްސަފާއާއި ހަރަކާތްތަކާ އެކު، ކަނާތު ފިޔަވީގެ އެންމެ ވަރުގަދަ ކެންޑިޑޭޓުގެ ގޮތުގައެވެ. ފަހުގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ދެ ކެންޑިޑޭޓުންގެ މެދުގައި އޮތީ ވަރަށް ކުޑަ ފަރަގެކެވެ.
މި އިންތިޚާބު މި ބޭއްވެނީ ބްރެޒިލްގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ބައިބައިވެފައިވާ ދަނޑިވަޅެއްގައެވެ. 2022 ވަނަ އަހަރުގެ އިންތިޚާބުގައިވެސް ނަތީޖާ ނުކުތީ ވަރަށް ކައިރިކައިރިން ކަމަށްވާއިރު، އޭރު އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ އަސަރު މި ފަހަރުގެ ކެމްޕޭނުންވެސް ވަނީ ފެނިފައެވެ.
އިންތިޚާބުގެ ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތް އެންމެ ފަހު ރިޔާސީ ބަހުސް ވަނީ ކެންސަލްކޮށްފައެވެ. އެއީ ލޫލާ އާއި ފްލާވިއޯވެސް އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގަތުމުންނެވެ. ބޮލްސޮނާރޯ ވިދާޅުވީ އިންތިޚާބީ އިދާރާތަކުން ހުރަސްތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ. އަދި ލޫލާ ވަނީ އޮންލައިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ސުޕްރީމް ކޯޓު ކައިރީގައި ބޮމެއް އޮތް ކަމަށް ބުނެ ފެތުރުނު ޚަބަރުތަކެއް ކަމާބެހޭ އިދާރާތަކުން ބަލައި، އެއީ ނުރައްކަލެއް ނެތް ކަމެއްގެ ގޮތުގައި ވަނީ ނިންމާފައެވެ.
ރައީސް ކަމުގެ މަގާމުގެ އިތުރުން، މި އިންތިޚާބަކީ ބްރެޒިލްގެ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގުބަލާވެސް ގުޅިފައިވާ ކަމެކެވެ.
ސުޕްރީމް ކޯޓާއި، ސެންޓްރަލް ބޭންކް އަދި އިގްތިސާދީ ރެގިއުލޭޓަރީ އިދާރާތަކުގެ އިސް މަގާމުތަކެއް މިހާރު ހުރީ ހުސްކޮށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އިންތިޚާބުވާ ރައީސަކަށް މި މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގެ ބޮޑު ބާރެއް ލިބިގެންދާނެއެވެ. ނަމަވެސް އެއީ ކޮންގްރެސްގެ ރުހުމާއެކު ކުރަންޖެހޭ ކަމެކެވެ.
ކޮންގްރެސްގެ އިންތިޚާބަށް ބަލާއިރު، ޗެމްބަރ އޮފް ޑެޕިއުޓީޒްގެ 513 ގޮނޑިއަކަށާއި، ފެޑެރަލް ސެނެޓުގެ 81 ގޮނޑީގެ ތެރެއިން ދެބައިކުޅަ އެއްބައި ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. އެހެންކަމުން، އިންތިޚާބުވާ ރައީސަކަށް އެކުލަވައިލާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކޮންގްރެސްގެ އެއްބާރުލުން ލިބޭނެ މިންވަރު ކަނޑައެޅިގެންދާނީ މި ނަތީޖާތަކުންނެވެ.
އިގްތިސާދީ ސިޔާސަތަކީ މި އިންތިޚާބުގެ އެންމެ މުހިންމު އެއް މައުޟޫއެވެ. ބްރެޒިލްއަކީ ލެޓިން އެމެރިކާގެ އެންމެ ބޮޑު އިގްތިސާދަށްވެފައި، ދުނިޔޭގެ ވިޔަފާރިއާއި ތިމާވެށީގެ ސިޔާސަތުތަކުގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވާތީ، ބައިނަލްއަގުވާމީ މުޖުތަމައުން މި އިންތިޚާބު ވަރަށް ގާތުން ބަލަމުންދެއެވެ.
އަދި އެމެރިކާއާއެކު އޮންނަ ގުޅުމަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި މި އިންތިޚާބު ބޭއްވުމަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. ލޫލާ ވަނީ ޓްރަމްޕްގެ ސަރުކާރުން ބްރެޒިލްއާ މެދު ގެންގުޅޭ އިގްތިސާދީ ފިޔަވަޅުތަކަށް ފާޑުވިދާޅުވެފައެވެ. އެހެންނަމަވެސް ފްލާވިއޯ ބޮލްސޮނާރޯ ހުންނެވީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސީ ފިކުރަށް ތާއީދުކުރައްވާ ގޮތަށެވެ. އެހެންކަމުން، މި އިންތިޚާބުގެ ނަތީޖާގެ ސަބަބުން އެމެރިކާއާއި ބްރެޒިލްގެ ގުޅުން ކުރިއަށްދާނެ މިސްރާބު އެނގިގެންދާނެއެވެ.
މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އާއި ލެޓިން އެމެރިކާގެ އެހެން ގައުމުތަކާއެކު އޮންނަ ގުޅުމަކީވެސް އާ ސަރުކާރަކަށް އޮތް ބޮޑު އިމްތިހާނަކަށް ވާނެއެވެ.
ދެން އޮތީ ކޮން ކަމެއް؟
އާދިއްތަ ދުވަހުގެ ވޯޓުލުން ކުރިއަށްދާނީ ބްރެޒިލް ގަޑިން ހެނދުނު 8 އަކުން ހަވީރު 5 ޖެހުމާ ހަމައަށެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ، އެންމެ ގިނަ ވޯޓު ހޯއްދަވާ ދެ ކެންޑިޑޭޓުންގެ މެދުގައި އޮކްޓޯބަރު 25 ގައި ދެވަނަ ބުރެއް ބޭއްވޭނެއެވެ.
މި އިންތިޚާބަކީ ހަމައެކަނި ރައީސަކު ހޮވުމަށް ބޭއްވޭ އިންތިޚާބެއް ނޫނެވެ. މިއީ ކުރިއަށް އޮތް ހަތަރު އަހަރަށް ބްރެޒިލްގެ ސިޔާސީ މިސްރާބާއި ސިޔާސަތުތައް ބައްޓަންވެގެންދާނެ ގޮތް ކަނޑައަޅައިދޭނެ މުހިންމު އިންތިޚާބެކެވެ. ދުނިޔޭގެ އާބާދީގެ ފަސްވަނައަށް އެންމެ ބޮޑު ގައުމުގެ ޑިމޮކްރަސީއާއި އިގްތިސާދީ ކުރިއެރުމުގައި މިއީ އާ ބާބެއްގެ ފެށުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...