ދުނިޔޭގެ އެންމެ އިސްކޮޅުން ދިގު މީހާ އިން ފެށިގެން، އެންމެ ދިގު ދޫ، އެންމެ ހަލުވި ޖަނަވާރު އަދި އެންމެ ބިޔަ ބިނާތަކުގެ މަޢުލޫމާތު އެއްކުރެވިފައިވާ "ގިނަސް ވޯލްޑް ރެކޯޑްސް" އަކީ އާދަޔާޚިލާފު ކާމިޔާބީތައް ރައްކާކުރާ ދުނިޔޭގެ އެންމެ މަޝްހޫރު މަޞްދަރެވެ. މި ފޮތުގެ ޞަފުޙާތަކުން ޖާގަ ހޯދުމަކީ އެތައް މިލިއަން ބައެއްގެ ހުވަފެނެކެވެ. ނަމަވެސް، މި ހުރިހާ ކަމެއް ފެށިގެން އައީ ކިހިނެއް ހެއްޔެވެ؟
މި ތާރީޚީ ދަތުރު ފެށުނީ 1951 ވަނ އަހަރުގެ ނޮވެމްބަރު މަހު، އަޔަރލޭންޑްގެ ގިނަސް ބްރޫވަރީގެ މެނޭޖިންގ ޑައިރެކްޓަރ ސަރ ހިއު ބީވަރ، ކައުންޓީ ވެކްސްފޯޑްގައި ބޭއްވުނު ދޫނި ފަދަ ތަކެތި ހިފުމުގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެން އުޅުއްވި އުޅުއްވުމުގެ ތެރެއިންނެވެ.
އެ ހަރަކާތުގެ ތެރޭގައި، ވަރަށް އާދައިގެ ސުވާލަކާ މެދު ބަހުސެއް އުފެދުނެވެ. އެއީ: ޔޫރަޕްގައި އުޅޭ ދޫނިސޫފާސޫފީގެ ތެރެއިން އެންމެ ހަލުވިކޮށް އުދުހޭ ދޫންޏަކީ ކޮބައި ހެއްޔެވެ؟
އެ ބަހުސަށް ނިމުމެއް ގެނައުމަށްޓަކައި އިތުބާރު ހުރި މަޢުލޫމާތު ހިމެނޭ ފޮތެއް އެއްވެސް މީހަކަށް ހޯދައެއް ނުގަނެވުނެވެ. މިއީ ބީވަރަށް ލިބިވަޑައިގަތް ވަރަށް ރަނގަޅު ޚިޔާލަކަށް ވެގެންދިޔައެވެ. މީހުންގެ މެދުގައި އުފެދޭ މިފަދަ އެކި ކަހަލަ ސުވާލުތަކަށް ޖަވާބުދެވޭނެ، ކަށަވަރު ކުރެވިފައިވާ ޙަޤީޤަތްތަކާއި ރެކޯޑްތައް ހިމެނޭ ފޮތެއް ތައްޔާރު ނުކުރަންވީ ކީއްވެ ހެއްޔެވެ؟
ސަރ ހިއު ބީވަރ، އޭނާގެ މި ޚިޔާލު ހަޤީޤަތަކަށް ހެއްދެވުމަށްޓަކައި، އިނގިރޭސިވިލާތުގެ އެއްމާބަނޑު ދެބެއިން ކަމަށްވާ ނޮރިސް އަދި ރޮސް މެކްވޭޓަރާ ބައްދަލުކުރެއްވިއެވެ. އެއީ ނޫސްވެރިކަމާއި ތަފާތު މަޢުލޫމާތުތައް ދިރާސާކުރުމުގެ ތަޖުރިބާކާރު ދެބެއިންނެވެ.
މި ދެބެއިން ގާތްގަނޑަކަށް 13 ހަފުތާގެ މުއްދަތެއްގެ ތެރޭގައި، ރެއާއިދުވާލު ބުރަކޮށް މަސައްކަތްކޮށް، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ އެހީގައި ތަފާތު މަޢުލޫމާތުތަކާއި ހަޤީޤަތްތައް އެއްކުރިއެވެ.
އެ ބޭފުޅުންގެ މި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 1955 އޮކްޓޫބަރު 3 ވަނަ ދުވަހު "ދަ ގިނަސް ބުކް އޮފް ރެކޯޑްސް" ގެ ފުރަތަމަ އެޑިޝަން އިނގިރޭސިވިލާތުގައި ޝާއިޢުކުރެވުނެވެ.
އެންމެ ފުރަތަމަ ނެރުނު ފޮތުގައި ހިމެނުނީ 198 ޞަފުޙާއެވެ. އަދި ފުރަތަމަ ފަހަރު ޗާޕުކުރެވުނީ 50,000 ކޮޕީއެވެ. ހައިރާންވާންޖެހޭ ކަމަކީ، އެ ފޮތް ނެރުމާއެކުހެން ދުނިޔޭގެ އެންމެ މަޤްބޫލު އެއް ފޮތަށް ވެގެން ދިޔުމެވެ.
ފުރަތަމަ އެޑިޝަންގައި ހަމައެކަނި އިންސާނުންގެ ކާމިޔާބީތަކުގެ އިތުރުން، ތަފާތު 12 ދާއިރާއަކުން މަޢުލޫމާތު ހިމަނާފައިވެއެވެ. އެއީ، ކާއިނާތު، ގުދުރަތީ ދުނިޔެ، ޖަނަވާރުންގެ ދުނިޔެ، އިންސާނާ، އިންސާނީ ދުނިޔެ، ސައިންސްގެ ދުނިޔެ، ދުނިޔޭގެ ބިނާތައް، މެކޭނިކަލް ދުނިޔެ، ވިޔަފާރީގެ ދުނިޔެ، ހާދިސާތަކާއި މުސީބާތްތައް، އިންސާނީ ކާމިޔާބީތައް އަދި ކުޅިވަރެވެ.
އެ ފޮތުގައި އެންމެ މުހިންމު ރެކޯޑެއްގެ ގޮތުގައި ވަކި ކަމެއް ކަނޑައަޅާފައެއް ނުވެއެވެ. އޭގެ ބަދަލުގައި، އެ ފޮތަކީ ދިރިއުޅުމުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އާދަޔާޚިލާފު ޙަޤީޤަތްތައް ހިމެނޭ ފުރިހަމަ މަޞްދަރަކަށް ހެދުމަށް އަމާޒުކުރެވުނެވެ.
ގިނަސް ވޯލްޑް ރެކޯޑްސް ފޮތަކީ ވަރަށް ޚާއްޞަ ކަންތައްތަކެއް އެކުލެވޭ ފޮތެކެވެ.
މި ފޮތުގެ އަޞްލު އެޑިޝަން ފަރުމާކޮށްފައިވަނީ ހޮޓާ، ރެސްޓޯރެންޓް ފަދަ ތަންތަނުގައި ބޭނުންކުރާއިރު، އޭގެ މައްޗަށް ބުއިންތައް އެޅުނަސް ގެއްލުން ނުވާނެ ފަދަ ޚާއްޞަ ބައިންޑިންގއަކާއެކުގައެވެ.
1955 ވަނަ އަހަރު އިނގިރޭސިވިލާތުގައި އެންމެ ގިނައިން ވިކުނު ފޮތަކަށް މި ފޮތް ވެގެންދިޔައެވެ.
1972 ވަނަ އަހަރު ބީ.ބީ.ސީ އިން ފެށި "ރެކޯޑް ބްރޭކާސް" ޕްރޮގްރާމުގެ ސަބަބުން، ދުނިޔޭގެ ރެކޯޑްތައް ޓީވީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަޝްހޫރުވެގެންދިޔައެވެ.
2000 ވަނަ އަހަރު، މި ފޮތުގެ ނަން ރަސްމީކޮށް "ގިނަސް ވޯލްޑް ރެކޯޑްސް" އަށް ބަދަލުކުރެވުނެވެ.
މިއަދު ސައިންސާއި ޓެކްނޮލޮޖީން ފެށިގެން، ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިތުރުން އިންސާނުންގެ އާދަޔާޚިލާފު ހުނަރުތައް ހިމެނޭހެން އެތައް ދާއިރާއަކުން ރެކޯޑްތައް ރައްކާކުރެވެއެވެ.
ދޫންޏެއްގެ ހަލުވިމިނާ މެދު އުފެދުނު ކުޑަކުޑަ ބަހުސަކުން ފެށުނު މި ދަތުރު މިއަދު ވެފައިވަނީ ތާރީޚުގައި ވެސް އެންމެ ބޮޑަށް ބަލައިގަނެވިފައިވާ އެއް މަސައްކަތަށެވެ.
މިއަދު ގިނަސް ވޯލްޑް ރެކޯޑްސް އަކީ އިންސާނުންގެ އާދަޔާޚިލާފު ހުނަރުވެރިކަމާއި، އުފެއްދުންތެރިކަމާއި، ސާބިތުކަމުގެ އިތުރުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ފާހަގަކުރާ މަރުކަޒެކެވެ. މި ފޮތުގެ ތާރީޚުން އަހަރެމެންނަށް ދަސްކޮށްދެނީ، ބައެއް ފަހަރު އެންމެ ބޮޑެތި ޚިޔާލުތައް އުފަންވަނީ އެންމެ އާދައިގެ ސުވާލުތަކުން ކަމެވެ.
އާދެ، ދޫންޏަކާ މެދު ކުރެވުނު އެންމެ ބަހުސެއްގެ ސަބަބުން، ދުނިޔޭގައިވާ އެންމެ މޮޅު އަދި އެންމެ ފާހަގަކޮށްލެވޭ ކަންކަން ހޯދައި ބަލާނެ ބައިނަލްއަޤްވާމީ މުއައްސަސާއެއް އުފަންވެގެން ދިޔައީއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...