އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ހާއްސަ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗާ އަދި ސަރުކާރުގެ ޓެކްނޮލޮޖީއާއި ފަންނީ މީހުން ބިނާކުރުމަށް ކުރާ މަސައްކަތްތަކާއެކު، ދުނިޔޭގެ އޭއައި މަރުކަޒަކަށް ވުމަށް އަބޫދާބީން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފިއެވެ.
މި މަސައްކަތުގެ މައިގަނޑު އަސާސަކީ އަބޫދާބީ ގްލޯބަލް މާކެޓް (އޭޑީޖީއެމް) އެވެ. އެ އިދާރާއިން ވަނީ 2029 ވަނަ އަހަރާ ހަމައަށް އޭއައިގެ ގާބިލުކަން އިތުރުކުރުމަށާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ރެގިއުލޭޓަރީ އަދި އޮޕަރޭޝަނަލް ނިޒާމުތައް ޒަމާނީ ކުރުމަށް 400 މިލިއަން ދިރުހަމަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް ނިންމާފައެވެ.
މި އިންވެސްޓްމަންޓްތަކަކީ އަބޫދާބީގެ މާލީ ދާއިރާގައި އޭއައި ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައި ކުރެވޭ އިންވެސްޓްމަންޓްތަކެކެވެ. އޭޑީޖީއެމްގެ ދަށުން ހިންގާ މުއައްސަސާތަކުގައި އޭއައިއަށް ހާއްސަ 100 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ރައުސްމާލު ހުރިކަން އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މިއީ ޓެކްނޮލޮޖީއާ ގުޅުންހުރި އިންވެސްޓްމަންޓްތަކަށް އަބޫދާބީ މުހިންމު މަންޒިލަކަށް ވަމުންދާކަމުގެ ހެއްކެކެވެ.
އޭޑީޖީއެމްގެ އަމިއްލަ މަސައްކަތްތަކުގައި ވެސް މިހާރު އަންނަނީ އޭއައި ބޭނުންކުރަމުންނެވެ. އެގޮތުން، އޭއައި ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި ލައިސަންސް ދޫކުރުމާއި، ސުޕަވައިޒް ކުރުމާއި، ކަސްޓަމަރުންނަށް ހިދުމަތް ދިނުން ހިމެނޭހެން ވިޔަފާރީގެ 25 ދާއިރާއަކަށް މި ޓެކްނޮލޮޖީ ވަނީ ތައާރަފުކޮށްފައެވެ. މި މަސައްކަތުގެ ސަބަބުން އަހަރަކު 5,000 އަށްވުރެ ގިނަ މަސައްކަތުގެ ވަގުތު ސަލާމަތް ކުރެވިފައިވާއިރު، ކަސްޓަމަރުންގެ ސުވާލުތަކުގެ 25 އިންސައްތައަށް ޑިޖިޓަލް ވަސީލަތްތަކުން ވަގުތުން ޖަވާބުދެވޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ.
އޭއައިގެ މި ހަރަކާތްތައް މާލީ ދާއިރާގެ އިތުރުން އެހެން ދާއިރާތަކަށް ވެސް ދަނީ ފުޅާވަމުންނެވެ. އޮކްޓޫބަރު 6 އިން 7 އަށް އަބޫދާބީ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައި ބޭއްވި "އޭއައި އެވްރީތިންގް އަބޫދާބީ 2026" ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 400 އަށްވުރެ ގިނަ އޭއައި ކުންފުނިތަކާއި، އިންވެސްޓަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ޓެކްނޮލޮޖީގެ މާހިރުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ހިދުމަތްތަކާއި، ސިއްހީ ދާއިރާއާއި، ސިނާއީ މަސައްކަތްތަކުގައި އޭއައި ބޭނުންކުރެވިދާނެ އަމަލީ ގޮތްތައް ވަނީ ދައްކާލާފައެވެ.
މީގެ އިތުރުން، އޭއައި ދާއިރާއިން ތަމްރީނު ލިބިފައިވާ މުވައްޒަފުން ބިނާކުރުމަށް އަބޫދާބީން ބޮޑު އިސްކަމެއް ދެއެވެ. އެގޮތުން މި ހަފުތާގައި ފެށި ސަރުކާރުގެ އާ ޕްރޮގްރާމެއްގެ ދަށުން، 2026 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުގެ 20,000 މުވައްޒަފުންނަށް އޭއައިގެ އަމަލީ ތަމްރީނު ދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މިއީ މުޅި ސަރުކާރުގެ ނިޒާމަކީ އޭއައި އަށް ބިނާވެފައިވާ ނިޒާމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ބައެކެވެ.
އިންފްރާސްޓްރަކްޗާ، ފައިނޭންސް، ސަރުކާރުގެ ހިދުމަތްތައް އަދި އިންސާނީ ވަސީލަތްތަކަށް ކުރާ އިންވެސްޓްމަންޓްތަކާއެކު، އަބޫދާބީގެ އަމާޒަކީ ހަމައެކަނި އޭއައި އަށް އިންވެސްޓްކުރާ ބަޔަކަށް ވުމުގެ ބަދަލުގައި، އޭއައި ޓެކްނޮލޮޖީ އުފައްދައި، ބޭނުންކޮށް، އަދި ދިރިއުޅުމުގެ އިގްތިސާދީ ހަރަކާތްތަކުގެ ތެރެއަށް އެކަން ލާމެހިފައިވާ މަރުކަޒަކަށް ވުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...