"މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން ވޮލިއުމް 11" ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ. މިއީ ދިވެހި ރާއްޖޭގައި ކުރެވޭ ސިއްޙީ ދިރާސާތަކުގެ މަޢުލޫމާތު އެކުލެވާލައިގެން އެވުޒާރާއިން ކޮންމެ އަހަރަކު އާއްމު ކުރާ ބުލެޓިންއެކެވެ.
"މޯލްޑިވްސް ހެލްތް ރިސާރޗް ބުލެޓިން" ޝާއިޢުކުރުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖޭގައި ހެދޭ ޞިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތަކުގެ މަޢުލޫމާތުތައް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުން ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެމެވެ. އަދި ރާއްޖޭގައި ސިއްޙީ ދިރާސާ ކުރުމުގެ ރޫޙު އާލާކޮށް ދިރާސާ ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުން ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މިބުލެޓިންގައި ޞިއްޙީ ދިރާސާތަކުގެ 12 އެބްސްޓްރެކްޓް ހިމެނެއެވެ. މީގެ ތެރޭގައި މައިންނާއި ކުޑަކުދިންގެ ޞިއްޙަތާއި، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމާއި، ނަފްސާނީ ދުޅަހެޔޮކަން އަދި ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ޢާންމު ސިއްޙަތާއި ގުޅުންހުރި ދިރާސާތައް ހިމެނެއެވެ. މީގެ އިތުރުން، ބަލި މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން ހަދާ ސަރޖިކަލް ޕްރޮސީޖަރތަކާއި ބޭނުންކުރާ ބޭހާއި ގުޅުންހުރި ދިރާސާތައްވެސް ހިމެނެއެވެ. އަދި ނެޝަނަލް ހެލްތު ރިސާރޗް ކައުންސިލާއި ޞިއްޙީ ދިރާސާއަށް ހުއްދަދެވޭ ގޮތުގެ މަޢުލޫމާތުގެ އިތުރުން، ރާއްޖޭގައި ސިއްޙީ ދިރާސާކުރުމަށް އެންމެ އިސްކަންދެވޭ ދާއިރާތަކާއި ކައުންސިލްއިން ހުއްދަ ދީފައިވާ ދިރާސާތަކުގެ ލިސްޓެއް މި ބުލެޓިންގައި ހިމެނެއެވެ.
މި ބުލެޓިން ޢާންމުކުރުމަކީ ރާއްޖޭގައި ޞިއްޙީ ދިރާސާކުރުން އިތުރަށް ހަރުދަނާކޮށް، ސިއްޙީ ދިރާސާކުރުމުށް މަގުފަހިވާފަދަ ވެއްޓެއް ގާއިމްކުރުމަށްޓަކައި ކުރެވޭ މުހިއްމު މަސައްކަތެއްކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...