މަޢުލޫމާތު އިންސާނާގެ ލޮލަށް އެންމެ ނުރައްކާތެރީ ކޮން ކުލަތަކެއް؟
މަޢުލޫމާތު

އިންސާނާގެ ލޮލަށް އެންމެ ނުރައްކާތެރީ ކޮން ކުލަތަކެއް؟

އިންސާނާގެ ލޮލަށް އެންމެ ނުރައްކާތެރީ ކޮން ކުލަތަކެއް؟
އިންސާނުންގެ ލޮލަށް އެކި އަލިން އަސަރު ފޯރަނީ އެކިވަރަށް

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކުލަތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. ނަމަވެސް، ހުރިހާ އަލިތަކަކީ ލޮލަށް ފަސޭހަ އަލިތަކެއް ނޫނެވެ. އާންމު ކުލަތަކަކީ އާދައިގެ ޙާލަތްތަކުގައި ގެއްލުމެއް ހުރި އެއްޗަކަށް ނުވި ނަމަވެސް، އިންތިހާއަށް ގަދަ އަލިތަކަށް ލޯ ހުށަހެޅުމަކީ ލޮލަށް އުނދަގޫވެ، ބައެއް ޙާލަތްތަކުގައި ލޮލުގެ ފެނުމަށް ދާއިމީ ގެއްލުން ލިބިދާނެ ކަމެކެވެ.

ތަފާތު ބާވަތްތަކުގެ އަލިތަކުގެ ތެރެއިން، އަލްޓްރާވައިލެޓް (ޔޫ.ވީ) ރޭޑިއޭޝަނާއި ގަދަ ނޫކުލައިގެ އަލި ފާހަގަކޮށްލެވެއެވެ. ނަމަވެސް، ލިބިދާނެ ގެއްލުމެއް ބިނާވަނީ ހަމައެކަނި ކުލައަކަށް ނޫނެވެ. އޭގެ ބަދަލުގައި އަލީގެ ގަދަކަމާއި، ވޭވްލެންތާއި، އަލީގެ ތެރޭގައި ހޭދަކުރާ ވަގުތާއި، އަލި އަންނަ މަސްދަރާ ހުރި ދުރުމިނަށް ވެސް ބަލަންޖެހެއެވެ.

ގަދަ ނޫކުލައިގެ އަލި

ނޫކުލައިގެ އަލި އާންމުކޮށް ބޭރުވަނީ އިރުގެ އަލިންނާއި، އެލް.އީ.ޑީ ބައްތިތަކުންނާއި، ސްމާޓްފޯނާއި، ޓެބްލެޓް އަދި ކޮމްޕިއުޓަރު ސްކްރީންތަކުންނެވެ. އިރުއޮއްސޭ ފަހުން ގަދަ ނޫކުލައިގެ އަލި ހުންނަ ވަޞީލަތްތައް ބޭނުންކުރުމަކީ ހަށިގަނޑުގެ ޤުދުރަތީ ނިދުމުގެ ނިޒާމަށް ބުރޫއަރާފާނެ ކަމެކެވެ. އިންތިހާއަށް ގަދަ ނޫކުލައިގެ އަލީގެ ސަބަބުން ލޮލުގެ ފަހަތު ފަށަލަ ނުވަތަ ރެޓިނާއަށް ގެއްލުން ލިބިދާނެއެވެ. ނަމަވެސް، އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ސްކްރީންތަކުން ބޭރުވާ އަލިން ޞިއްޙަތު ސަލާމަތުން ހުރި މީހެއްގެ ރެޓިނާއަށް ގެއްލުންވާކަމެއް ސާބިތުވެފައެއް ނުވެއެވެ.

ގަދަ ރަތްކުލައިގެ އަލި

ގަދަ ރަތްކުލައަކީ، ޚާއްޞަކޮށް ބޮޑު ސަރަޙައްދެއްގައި ނުވަތަ ވަރަށް އަލިގަދަކޮށް ހުންނައިރު ލޮލަށް އުނދަގޫވާ ކުލައެކެވެ. މާ ގަދަ ރަތްކުލައިގެ އަލީގެ ތެރޭގައި ގިނައިރު ހޭދަކުރުމުން، އޭގެ ހޫނުގެ ސަބަބުން ރެޓިނާއަށް އަނިޔާވެދާނެއެވެ.

ނިއޯން ފެހިކުލައިގެ އަލި

އަލިގަދަ ފެހިކުލަ ގިނައިރު ބޭނުންކުރުމުން، ޚާއްޞަކޮށް ކަޅުކުލައިގެ ފަސްމަންޒަރެއްގައި ހުންނައިރު، ލޮލަށް އުނދަގޫވެދާނެއެވެ. ފެހިކުލައިގެ އަލީގައި އަމިއްލަ ޒާތުގައި ނުރައްކަލެއް ނެތް ނަމަވެސް، އޭގެ ގަދަކަމާއި ފާޅުކަން ބޮޑުވުމުގެ ސަބަބުން ލޯ ވަރުބަލިވެ އުނދަގޫތަކާ ކުރިމަތިވެދާނެއެވެ.

އިންތިހާއަށް ގަދަ ރީނދޫކުލައިގެ އަލި

ގަދަ ރީނދޫކުލައިގެ އަލިން ލޮލަށް ވަރަށް ބޮޑަށް އުނދަގޫވުން އެކަށީގެންވެއެވެ. ޚާއްޞަކޮށް އޮފު އަރާ ތަންތަނުން މި އަލި ރިފްލެކްޓްވާއިރު ނުވަތަ ސީދާ އިރުގެ އަލީގައި ހުންނައިރު މިކަން ބޮޑުވެއެވެ. މާ ގަދަ އަލީގެ ތެރޭގައި ގިނައިރު ހުރުމުން ބޮލުގައި ރިއްސުމާއި ލޮލަށް ބާރުވުން ފަދަ ކަންކަން ދިމާވެދާނެއެވެ. އެހެންނަމަވެސް، އާދައިގެ ރީނދޫ އަލިން ލޮލަށް ގެއްލުމެއް ނުލިބެއެވެ.

އިންތިހާއަށް ގަދަ ހުދުކުލައިގެ އަލި

ހުދުކުލައިގެ އަލީގެ އަމިއްލަ ޒާތުގައި ނުރައްކަލެއް ނެތެވެ. ނަމަވެސް، އިންތިހާއަށް ގަދަ ހުދު އަލީގެ މަސްދަރުތަކަކީ ނުރައްކާތެރި އެއްޗެހީގެ ގޮތުގައި ބެލެވެއެވެ. ސީދާ އިރުގެ އަލި، ބާރުގަދަ ބޮކިތައް ނުވަތަ ވެލްޑިން ކުރާއިރު އުފެދޭ އަލިގަނޑަށް ލޯ ހުށަހެޅުމަކީ ލޮލަށް ބޮޑެތި އަނިޔާތަކެއް ލިބިދާނެ ކަމެކެވެ. ސީދާ އިރަށް ބަލައިފިނަމަ ރެޓިނާއަށް ދާއިމީ ގެއްލުން ލިބުން އެކަށީގެންވެއެވެ.

އާންމުކޮށް ފެންނަ ކުލަތަކާ ހިލާފަށް، އަލްޓްރާވައިލެޓް ރޭޑިއޭޝަނަކީ އިންސާނާގެ ލޮލަށް ފެންނަ އެއްޗެއް ނޫނެވެ. އެހެންނަމަވެސް، މާ ގިނައިން ޔޫ.ވީއަށް ލޯ ހުށަހެޅުމަކީ ލޮލުގެ ކޯނިއާއަށް ގެއްލުންވެ، ކެޓަރެކްޓް ނުވަތަ ލޮލަށް ފުސް އެރުން ފަދަ ކަންކަމަށް މަގުފަހިވާ ކަމެކެވެ. ޔޫ.ވީ-400 ރައްކާތެރިކަން ހިމެނޭ އަވިއައިނު ބޭނުންކުރުމުން މި ނުރައްކަލުން ސަލާމަތްވުމަށް އެހީތެރިވެދެއެވެ.

ލޮލުގެ ޚާއްޞަ ޑޮކްޓަރުން ލަފާދެއްވަނީ ސީދާ ގަދަ އަލި ހުންނަ ތަންތަނަށް ބަލައި ނުހެދުމަށާއި، ބޭރުގައި އުޅޭއިރު ޔޫ.ވީއިން ރައްކާތެރިކޮށްދޭ އަވިއައިނު އެޅުމަށެވެ. އަދި ޑިޖިޓަލް ސްކްރީންތަކުގެ ބްރައިޓްނަސް މާ ގަދަ ނުކުރުމަށާއި، ސްކްރީން ބޭނުންކުރާއިރު ގަވާއިދުން ބްރޭކް ނެގުމަށް ވެސް ލަފާދެއެވެ.

މިގޮތުން އެންމެ ރަނގަޅު ގޮތަކީ "20-20-20" އެވެ. މީގެ މާނައަކީ ކޮންމެ 20 މިނެޓަކުން 20 ސިކުންތު ވަގުތު، 20 ފޫޓު ދުރުގައި ހުރި އެއްޗަކަށް ބަލައިލުމެވެ.

ޙަޤީޤަތުގައި އާދައިގެ އެއްވެސް ކުލައަކީ އޭގެ ޒާތުގައި ލޮލުގެ ފެނުމަށް ނުރައްކާތެރި އެއްޗެއް ނޫނެވެ. އަސްލު ނުރައްކާ އޮތީ އަލީގެ ގަދަކަމާއި، އޭގެ ވޭވްލެންތާއި، އަދި އެ އަލީގެ ތެރޭގައި ހޭދަކުރާ ވަގުތުގެ މައްޗަށެވެ. މިކަންކަމަށް ސަމާލުވުމަކީ ޑިޖިޓަލް ވަޞީލަތްތަކާއި އެކި ބާވަތްތަކުގެ ބޮކިތައް ބޭނުންކުރުމުގައި ލޮލަށް ރައްކާތެރި ގޮތްތައް ޚިޔާރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ޓެގް

ޞިއްޙަތު ކުލަ އަލި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.