އެމެރިކާގެ ސެކްރެޓަރީ އޮފް ވޯރ، ޕީޓް ހެގްސެތުގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެއްވުމާ ގުޅޭގޮތުން ސިޔާސީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވީ ނަމަވެސް، އަދި އީރާނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ މައްސަލައިގައި އޭނާ މަޤާމުން ވަކިކުރުމަށް ހުށަހެޅި ޤަރާރު ރިޕަބްލިކަން ޕާޓީގެ މެންބަރުން ހުއްޓުވައިފިއެވެ.
2026 ނޮވެމްބަރު 10 ވަނަ ދުވަހު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ނެގި ވޯޓުގައި، ހެގްސެތު މަޤާމުން ވަކިކުރުމުގެ މައްސަލަ ހައުސް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރީ 211 ވޯޓުންނެވެ. މި މައްސަލައާ ދެކޮޅަށް 204 މެންބަރުން ވޯޓު ދެއްވިއިރު، މިއީ އޭނާ މަގާމުން ވަކިކުރުމަށް ކުރި މަސައްކަތް ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ. ރިޕަބްލިކަން މެންބަރުންގެ ތެރެއިން މި ނިންމުމާ ދެކޮޅަށް ޑިމޮކްރެޓުންނާ ގުޅިވަޑައިގެން ވޯޓު ދެއްވީ ކެންޓަކީގެ މެންބަރު ތޯމަސް މާސީ އެކަންޏެވެ.
މެންބަރު މާސީ ވަނީ ހެގްސެތުގެ މައްޗަށް ތުހުމަތުކުރެވޭ އަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ޤާނޫނުއަސާސީއާ ޚިލާފުވުމާއި، އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގައި ނުފޫޒު ފޯރުވުން ހިމެނެއެވެ. އަދި ކޮންގްރެސްގެ ހުއްދައަކާ ނުލައި އީރާނާ ދެކޮޅަށް އަސްކަރީ ޙަރަކާތްތައް ފެށުމާއި، ހަނގުރާމައިގެ ތެރޭގައި ޢާންމުން ރައްކާތެރިކުރުމުގެ ޤާނޫނުތަކަށް އިހުމާލުވުމާއި، މަސްތުވާތަކެތި އުފުލާ ކަމަށް ޝައްކުކުރެވޭ އުޅަނދުތަކަށް ހަމަލާދިނުމަށް އަމުރުކުރުން ފަދަ ސީރިއަސް ތުހުމަތުތައް ހިމެނެއެވެ.
މީގެ އިތުރުން، ވެނެޒުއޭލާ އާއި ޔަމަނުގައި އެމެރިކާގެ ސިފައިން ހަރަކާތްތެރިވާ މައްސަލައާއި، ޑިމޮކްރެޓިކް ސެނެޓަރ މާކް ކެލީއާ ދެކޮޅަށް ބަދަލުހިފުމުގެ ފިޔަވަޅު އެޅި ކަމަށް ބުނާ މައްސަލަވެސް މި ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.
ހެގްސެތު ވަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ޓްރަމްޕްގެ ސަރުކާރު ބަލިކަށިކޮށްލުމަށް ސިޔާސީ ގޮތުން ހިންގާ ޙަރަކާތެއް ކަމަށެވެ. އަދި އަސްކަރީ އޮޕަރޭޝަންތަކަކީ ޤައުމީ ސަލާމަތަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން ކުރިއަށްގެންދިޔަ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ހެގްސެތުގެ ދިފާޢުގައި ވާހަކަފުޅު ދައްކަވާފައެވެ. އޭނާގެ މަސައްކަތަށް ތަޢުރީފު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މިއީ އެއްވެސް އަސާސެއް ނެތް މަސައްކަތެއް ކަމަށެވެ.
މި ވޯޓު ނެގިފައިވަނީ އީރާނުގެ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ބައިބައިވެފައިވާ ދަނޑިވަޅެއްގައެވެ. މި ހަނގުރާމައަށް ހިނގާ ބޮޑު ހަރަދާއި، ޢާންމުން މަރުވަމުންދާ މައްސަލައާއި، ކޮންގްރެސްގެ ރުހުން ނެތި ސަރުކާރުން ނިންމާ ނިންމުންތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ޑިމޮކްރެޓިކް މެންބަރުން ވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހު ކޮންގްރެސްގެ އަޣުލަބިއްޔަތު އެ ޕާޓީއަށް ލިބުމުން މި މައްސަލަ އަލުން ތިލަކުރާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. ނަމަވެސް، ކެބިނެޓްގެ ވަޒީރަކު އިމްޕީޗްމަންޓް މަރުހަލާގެ ތެރެއިން މަޤާމުން ވަކިކުރެވޭނީ ސެނެޓުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.
މިވަގުތަށް ރިޕަބްލިކަން މެންބަރުންގެ ތާޢީދާއެކު ހެގްސެތުގެ މަޤާމު ސަލާމަތްވެފައިވީ ނަމަވެސް، އޭނާގެ ލީޑަޝިޕާއި ސަރުކާރުގެ އަސްކަރީ ސިޔާސަތުތަކާ ގުޅޭ ޚިޔާލުތަފާތުވުންތައް އަދިވެސް ނުހަނު ބޮޑެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...