މަޢުލޫމާތު މަސައްކަތުގެ މާހައުލުގައި އިސްރާފު ކުޑަކުރުން މުހިންމު
މަޢުލޫމާތު

މަސައްކަތުގެ މާހައުލުގައި އިސްރާފު ކުޑަކުރުން މުހިންމު

މަސައްކަތުގެ މާހައުލުގައި އިސްރާފު ކުޑަކުރުން މުހިންމު
މަސައްކަތުގެ މާޙައުލުގައި އިސްރާފު ބޮޑުވެއްޖެނަމަ ލިބޭފައިދާއަށް އަސަރުކުރޭ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މަސައްކަތުގެ މާހައުލުގައި ތަކެއްޗާއި ވަގުތު އިސްރާފުވުމަކީ މުއައްސަސާތަކުގެ އުފެއްދުންތެރިކަމަށާއި، ހިންގުންތެރިކަމުގެ އިތުރުން މާލީ ފުދުންތެރިކަމަށް ނޭދެވޭ އަސަރުކުރާ ޢާންމު މައްސަލައެކެވެ. އިސްރާފު ކުރުމަކީ ވަގުތު، ފައިސާ، ކަރަންޓު، ފެން، ކަރުދާސް، އޮފީސް ސާމާނު އަދި ރޯ މެޓީރިއަލް ފަދަ ވަޞީލަތްތައް ބޭކާރު ގޮތުގައި ބޭނުންކުރުން ނުވަތަ ގެއްލިގެން ދިއުމެވެ. މިއީ ސަރުކާރުގެ އޮފީސްތަކާއި، އަމިއްލަ ކުންފުނިތަކާއި، ކާރުޚާނާތަކުގެ އިތުރުން ތަޢުލީމީ މުއައްސަސާތަކުގައި ވެސް ދިމާވާ ކަމެކެވެ. އިސްރާފު މަދުކުރުމަކީ ޚަރަދު ކުޑަކުރުމަށާއި، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި ވެސް ކޮންމެހެން މުހިންމު ކަމެކެވެ.

މަސައްކަތުގެ މާޙައުލުގައި އެންމެ ގިނައިން އިސްރާފުވާ އެއް ވަސީލަތަކީ ވަގުތެވެ. މަސައްކަތު ގަޑީގައި ބޭކާރު ވާހަކަ ދެއްކުމާއި، އަމިއްލަ ބޭނުންތަކަށް މާގިނައިން ފޯނު ބޭނުންކުރުމާއި، މީސްމީޑިއާގައި ވަގުތު ހޭދަކުރުމަކީ ވަގުތު ބޭކާރުވާ ކަންކަމެވެ. މީގެ އިތުރުން، އެކަށީގެންވާ ޕްލޭނެއް ނެތުމާއި، ބޭނުންނެތް ބައްދަލުވުންތައް ބޭއްވުމާއި، ގޮތް ނިންމުމުގައި ލަސްވުމަކީވެސް އަގުހުރި ވަގުތުތަކެއް ގެއްލިގެންދާ ކަންކަމެވެ. މުވައްޒަފުން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ނުހިފުމުގެ ސަބަބުން މުހިންމު މަސައްކަތްތައް ނުނިމި ހުރުމަކީ މުޅި މުއައްސަސާގެ ހިންގުމަށް ބުރޫއަރާ ކަމެކެވެ.

އޮފީސް ސާމާނާއި ތަކެތި އިސްރާފުވުމަކީވެސް ބޮޑު ކަންބޮޑުވުމެކެވެ. ބޭނުމެއް ނެތް ލިޔެކިޔުންތައް ޕްރިންޓްކުރުމާއި، ކަރުދާސް ބޭކާރުކުރުމާއި، ޕްރިންޓަރުތަކާއި ކޮމްޕިއުޓަރުތަކުގެ އިތުރުން އޭސީއާއި ބޮކިތައް ނިއްވާނުލާ ބެހެއްޓުމާއި، ސްޓޭޝަނަރީ ހުސްކުރުމަކީ މީގެ މިސާލުތަކެވެ. ބައެއް އޮފީސްތަކުގައި ކާބޯތަކެއްޗާއި ފެން ފަދަ ވަސީލަތްތައް ވެސް ބޭކާރު ކުރެވެއެވެ. ވަކިވަކި ކަންކަމުގެ ގޮތުގައި ބަލާއިރު މިއީ ކުދި ކަންތައްތަކެއް ކަމަށް ފެނުނު ނަމަވެސް، ގިނަ މުވައްޒަފުން ދިގު މުއްދަތަކަށް މިގޮތަށް އަމަލުކުރުމުން މުއައްސަސާއަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހެއެވެ.

ކަރަންޓު އިސްރާފުވުމަކީވެސް ސަމާލުކަން ދޭންޖެހޭ މައްސަލައެކެވެ. ބޭނުން ނުކުރާ ވަގުތުތަކުގައި ބޮކި، އެއާކޮންޑިޝަން، ކޮމްޕިއުޓަރު އަދި އެހެނިހެން މެޝިނަރީތައް ނިއްވާނުލާ ބެހެއްޓުމުން ކަރަންޓު ބިލު ބޮޑުވެއެވެ. އެހެންކަމުން، ބޭނުން ނުކުރާ ތަކެތި ނިއްވާލުމަށާއި، ކަރަންޓު ޚަރަދު ކުޑަވާ ފަދަ އާލާތްތައް ބޭނުންކުރުމަށާއި، އިރުގެ އަލި ބޭނުންކުރެވެން އޮތް މިންވަރަކަށް ބޭނުންކުރުމަށް މުއައްޒަފުންނަށް ބާރުއަޅަންޖެހެއެވެ.

ހިންގުމުގެ ނިޒާމުގައި ހުންނަ ބަލިކަށިކަމާއި، މަސައްކަތްކުރާ އުސޫލުތައް ހަރުދަނާ ނުވުމަކީވެސް އިސްރާފަށް މަގުފަހިވާ ކަމެކެވެ. ބޭނުންވާ މިންވަރަށް ވުރެ ގިނައިން ތަކެތި ގަތުމާއި، އެއް މަސައްކަތެއް ތަކުރާރުކޮށް ކުރަންޖެހުމާއި، މުވައްޒަފުންގެ މެދުގައި މުޢާމަލާތް ކުރުން ދަށްވުމަކީ ބޭކާރު ޚަރަދުތައް އިތުރުވާ ކަންކަމެވެ. ބައެއް ފަހަރު އިރުޝާދުތައް ސާފުނުވުމުގެ ސަބަބުން ނުވަތަ ޑިޕާޓްމަންޓްތަކުގެ މެދުގައި ގުޅުން ކުޑަވުމުގެ ސަބަބުން އެއް މަސައްކަތެއް އެތައް ފަހަރަކު ކުރަންޖެހެއެވެ.

މަސައްކަތުގެ މާޙައުލުގައި އިސްރާފު ކުޑަކުރުމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ވަޞީލަތްތައް ބޭނުންކުރުމާ ގުޅޭ ސާފު އުސޫލުތަކެއް ކަނޑައަޅައި، ޒިންމާދާރުކަމާއެކު ތަކެތި ބޭނުންކުރުމަށް މުވައްޒަފުންނަށް ބާރުއަޅަންޖެހެއެވެ. ޑިޖިޓަލްކޮށް ލިޔެކިޔުންތައް ގެންގުޅުމުން ކަރުދާސް ހޭދަވާ މިންވަރު ކުޑަކުރެވޭނެއެވެ. އަދި ރަނގަޅަށް ޕްލޭންކޮށްގެން މަސައްކަތް ކުރުމުން ބޭކާރު ބައްދަލުވުންތަކާއި ލަސްވުންތައް މަދުކުރެވޭނެއެވެ. މީގެ އިތުރުން، ގަވާއިދުން ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަކީ އިސްރާފު ކުޑަކުރުމުގެ މުހިންމުކަން މުވައްޒަފުންނަށް ވިސްނައިދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

މަސައްކަތުގެ މާޙައުލުގައި އިސްރާފުވުމަކީ ހަމައެކަނި މާލީ މައްސަލައެއް ނޫނެވެ. އެއީ މުޅި މުއައްސަސާގެ ހިންގުމާއި ތިމާވެއްޓާ ވެސް ގުޅިފައިވާ ކަމެކެވެ. ކޮންމެ މުވައްޒަފަކީވެސް ވަޞީލަތްތައް ބޭނުންކުރުމުގައި ބުއްދިވެރިކަމާއެކު ޢަމަލުކޮށް، ބޭކާރު ކަންކަމުން ދުރުހެލިވާންޖެހޭ މީހެކެވެ. ޢާންމު މަސައްކަތުގެ އާދަތަކަށް ގެނެވޭ ކުދިކުދި ބަދަލުތަކުން ވެސް ދިގު މުއްދަތުގައި ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. އިސްރާފު ކުޑަކުރާ މުއައްސަސާއަކީ އުފެއްދުންތެރި، ޚަރަދު ކުޑަ، ތިމާވެއްޓާ ރައްޓެހި އަދި ކާމިޔާބު ތަނަކަށް ވާނެއެވެ.

ޓެގް

އޮފީސް އިސްރާފު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.