މަޑު ފިޔާތޮށި ކުލައިގެ ނާޒުކު ހަންގަނޑެއް ލިިބިފައިވާ، ފެނުއަޑީގައިވެސް ނޭވާލެވޭ، އަބަދުވެސް ހިނިތުންވެފައި އޮންނަހެން ހީވާ މި މަޙްލޫޤަކީ، އެކްސޮލޮޓްލްއެވެ. "މެކްސިކަން ވޯކިންގ ފިޝް" ގެ ނަމުން މަޝްހޫރުވެފައިވީނަމަވެސް، މިއީ މަހެއް ނޫނެވެ. މި ޖަނަވާރަކީ ދުނިޔޭގައިވާ އެންމެ ޢަޖާއިބު މަޚްލޫޤުންގެ ތެރެއިން އެއްޗެކެވެ. ހަމައެކަނި މެކްސިކޯ ސިޓީގެ ޒަމާންވީ ފެންގަނޑުތަކުގައި އުޅޭ މި ޖަނަވާރަކީ ސައިންޓިސްޓުންނާއި، ޤުދުރަތީ ދިރުންތަކަށް ލޯބިކުރާ މީހުންނާއި، ޕެޓް ގެންގުޅޭ މީހުންގެ މެދުގައި ވަރަށް މަޤުބޫލު ޖަނަވާރެކެވެ. މި ޚާއްޞަ ވެފައިވަނީ ހަމައެކަނި އޭގެ ޠަބީޢީ ސިފަތަކުގެ ސަބަބުން އެކަންޏެއް ނޫނެވެ. އޭގެ އާދަޔާ ޚިލާފު ބަޔޮލޮޖީއަކީއަކީވެސް ޤުދުރަތުގެ އަޖައިބެކެވެ. އަދި މިއީ ދިރާސާކުރާ މީހުންގެ ޝައުޤުވެރިކަންވެސް ވަރަށްބޮޑަށް ހުއްޓިފައިވާ އެއްޗެކެވެ.
އެކްސޮލޮޓްލް ނިސްބަތްވަނީ ސަލަމަންޑަރ ޢާއިލާއަށެވެ. ނަމަވެސް އޭގެ ގާތްތިމާގެ އެހެން ދިރުންތަކާ އަޅާބަލާއިރު، ފާހަގަކޮށްލެވޭ ތަފާތުތަކެއް ވެއެވެ. މި ޖަނަވާރު އެންމެ ބޮޑުވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ 30 ސެންޓިމީޓަރުގެ ދިގު މިނަކަށެވެ. އަދި މި ޖަނަވާރު އޭގެ މުޅި ޢުމުރުގައިވެސް އޭގެ ކުޑައިރުގެ ސިފަތައް ދަމަހައްޓައެވެ. މިގޮތުން ފެނުގައި ދިރިއުޅޭ އުޅުމާއި، ފެނުގެ އަޑީގައި ނޭވާލުމުގެ ޚާއްޞަ ސިފަވެސް ހިމެނެއެވެ. މި ސިފައަށް ކިޔާ ނަމަކީ ނެއޮޓެނީއެވެ. މިކަމުގެ ސަބަބުން އެކްސޮލޮޓްލްއަށް އަބަދުވެސް އޭގެ ޒުވާންކަން ދެމެހެއްޓެއެވެ. އެހެންކަމުން މީގެ ޢުމުރުގެ ހުރިހާ އިރެއްގައިވެސް މި އޮންނާނީ އެންމެ ކުޑައިރުވެސް އޮންނަ ގޮތަށެވެ. ހަމަ އެކަނި ތަފާތަކީ ސައިޒަށް އަންނަ ބަދަލެވެ. އެހެން ގިނަ އެމްފިބިއަންސްތަކެކޭ އެއްފަދައިން ބޮޑުވެގެން ސިފަ ބަދަލުވުމުގެ އެއްވެސް މަރުޙަލާއާއަކަށް އެކްސޮލޮޓްލްއެއް ނުދެއެވެ. ފެންގަނޑުގެ އަޑީގައި އެކްސޮލޮޓްލް ދިރިއުޅޭއިރު އޭގެ ނާޒުކު، ގިލްސްތައް ފެނުގައި އުފެދޭ އޮޔާއެކު މަޑުމަޑުން ހެލިލަ ހެލިގައި ހުރެއެެވެ. މިކަމުން އޭގެ ނާޒުކު، ރޫޙާނީ ސިފައެއް ދައްކުވައިދެއެވެ. ޢާންމުކޮށް ލޭކް ޒޯޗިމިލްކޯއިން ފެންނަ މި ޖަނަވާރަކީ، ކުރީގެ އެޒްޓެކް ކޯރުތަކުގެ ނިޒާމުގެ ބައެއްގައި އުޅޭ ޖަނަވާރެކެވެ. ކުރިން މި ޖަނަވާރު ފިނި، މީރުފެނުގެ ކޯރުތަކުން ވަރަށް ގިނައިން ފެނެއެވެ. ނަމަވެސް ޝަހަރީ ދިރިއުޅުން ޢާންމު ވުމާއި، މާހައުލު ތަޣައްޔަރުވުމާއި، އެމާޙައުލުގައި ކުރިން ނޫޅޭ މަސްތައް ތަޢާރަފުވުމާއެކު، މި ޖަނަވާރުގެ ޤުދުރަތީ އާބާދީ ނެތިދިއުމުގެ ބިރު ހީވާން ފެށިއެވެ. އަދި އެކްސޮލޮޓްލް މިހާރު ވަނީ ނެތިދިއުމުގެ ނުރައްކަލާ ކުރިމަތިލާފައިވާ ޖަނަވާރުތަކުގެ ލިސްޓުގައި ހިމެނިފައެވެ.
އޭގެ ރީތިކަމުގެ އިތުރުން، އެކްސޮލޮޓްލްއަކީ ޤުދުރަތުގެ އަޖައިބެއްކަމަށް ބެލެވެނީ އޭގެ އާދަޔާ ޚިލާފު އައު ގުނަވަން އުފެއްދުމުގެ ޤާބިލިއްޔަތުގެ ސަބަބުންނެވެ. އެއްވެސް ސަބަބަކާ ހެދި އޭގެ ގުނަވަނެއް ވަކިވެއްޖެނަމަ، މައިބަދައިގެ ބައެއް، ނުވަތަ ހިތާއި ސިކުނޑީގެ ބައެއް ހަށިގަނޑާ ވަކިވި ނަމަވެސް، އަލުން އެ ގުނަވަންތައް އިހު ހުރި ގޮތަށް ފުރިހަމައަށް އުފެއްދުމުގެ ބާރު އެކްސޮލޮޓްލްއަށް ލިބިގެންވެއެވެ. މިއީ ޖަނަވާރުންގެ ދުނިޔޭގައި އެއްވެސް އެހެން ޖަނަވާރަކަށް ނުކުރެވޭ ކަމެކެވެ. ޢަޖާއިބެއްފަދަ މި ބާރުގެ ސަބަބުން އެކްސޮލޮޓްލްއަކީ ސައިންޓިފިކް ދިރާސާތަކުގެ ބޮޑު މައުޟޫޢަކަށް ވެފައިވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ލެބޯޓްރީތަކުން އޭގެ ޖެނެޓިކްސް ދިރާސާކުރަމުންދަނީ އިންސާނުންގެ ބޭސްވެރިކަމަށް ހިއްސާކޮށްފާނެ ސިއްރުތައް ހޯދުމުގެ އުއްމީދުގައެވެ. ޚާއްޞަކޮށް ޓިޝޫ ރީޖެނެރޭޝަން އަދި ހަށިގަނޑަށް ލިބޭ ޒަޙަމްތައް ފަސޭހަވުމުގެ ދާއިރާގައެވެ. އެކްސޮލޮޓްލްގެ ކެރުންތެރިކަމަކީ އެސޮރު ބަޔޮލޮޖިކަލް މިސްޓަރީއަކަށް ހަދައި، އަދި މުސްތަޤުބަލުގެ މެޑިކަލް ކުރިއެރުންތަކަށް އުއްމީދުގެ ހުޅުކޮޅަކަށް ހަދާފައިވާ ކަމެކެވެ.
ލެބޯޓްރީން ބޭރުގައި، އެކްސޮލޮޓްލްއަށް ވަނީ ޤައުމުތަކުގެ އެކުއޭރިއަމްތަކުން ހީވެސް ނުކުރާވަރުގެ މަޤުބޫލުކަމެއް ލިބިފައެވެ. އޭގެ ރީތި ކަމާއި، އަދި ބަލަހައްޓަންވެސް ފަސޭހަވުމުގެ ސަބަބުން، މިއީ ތަފާތު ޕެޓް ގެންގުޅޭ މީހުންގެ މެދުގައި މަޤްބޫލު ޖަނަވާރެކެވެ. މަޑުމަޑު ފިޔާތޮށި ކުލައިން ފެށިގެން ރަންކުލަ، އެލްބިނޯ، ކުލަތަކުގެ "ވައިލްޑް ޓައިޕްސް" އާ ހަމައަށް، ކޮންމެ އެކްސޮލޮޓްލްއެއްވެސް ފެންނަނީ މޮޅު ކުރެހުންތެރިއަކު ކުރަހާފައިވާ އެއްޗެއްހެންނެވެ. މިއީ ސާފު، ފިނި ފެނުގައިވެސް އަދި މާބޮޑަށް ނުބެލެހެއްޓިޔަސް ގެންގުޅެވިދާނެ ޖަނަވާރެކެވެ. އަދި އަތަށްލައިގެން ގެންގުޅުމަށްވުރެ އެ އެންމެ ގަޔާވާނީ ފެނުގައި ދިރިއުޅޭށެެވެ. ނަމަވެސް، އޭގެ މަޤްބޫލުކަން އަންނަންވާނީ ޒިންމާދާރުކަމާއެކުގައެވެ. އެތައް މިލިއަން އެކްސޮލޮޓްލްތައް ރައްކާތެރި މާހައުލުތައް ބޭނުންވެފައިވިޔަސް، އެސޮރުމެންގެ ޤުދުރަތީ މާޙައުލުތައް އަންނަނީ ކުޑަވަމުންނެވެ. ޕެޓްގެ ގޮތުގައި މި ޖަނަވާރު ޒިންމާދާރު ގޮތުގައި ގެންގުޅުމަކީ މި ބާވަތް އެކުއޭރިއަމްތަކާއި ލެބޯޓްރީތަކުގައި އާލާކޮށް ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެކެވެ.
އެކްސޮލޮޓްލްއަކީ ޤުދުރަތުގެ އަޖައިބާއި ނާޒުކުކަން އެކުގައި ތަމްސީލުކުރާ ޖަނަވާރެކެވެ. މިއީ އެންމެ އާދަޔާޚިލާފު ދިރުންތައްވެސް ރައްކާތެރިނުކުރެވިއްޖެނަމަ ނެތިގެންދާނެކަން ހަނދާންކޮށްދޭ އެއްޗެކެވެ. މެކްސިކޯގައި، ލޭކް ޒޯޗިމިލްކޯގެ ބައެއް ސަރަޙައްދުތައް އަލުން އާރާސްތުކުރުމަށާއި މި ބާވަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދެއެވެ. އެކްސޮލޮޓްލްއަކީ، އޭގެ ދާއިމީ ހިނިތުންވުމާއި އަޖައިބެއްފަދަ ސިފަތަކާއެކު، އުއްމީދާއި، ކުރިމަތިލުމާއި، ކެރުންތެރިކަމުގެ ނިޝާނެކެވެ. އިންސާނިއްޔަތާއި ޤުދުރަތާ ދެމެދުގައިވާ ނާޒުކު ބެލެންސްގެ ކުޑަކުޑަ ސަފީރެކެވެ.
ސައިންސްގެ ގޮތުން ދިރާސާކުރެވުނަސް، ޕެޓެއްގެ ގޮތުގައި ލޯބިން ގެންގުޅުނަސް، ނުވަތަ ޤައުމީ މުއްސަނދިކަމެއްގެ ގޮތުގައި ބަލައިގަތަސް، އެކްސޮލޮޓްލްއަކީ އެ ފެންނަ ކޮންމެ މީހަކު އާޝޯޚް ކޮށްލާ އެއްޗެކެވެ. އޭގެ މަޑުމައިތިރި ހިނިތުންވުމަކީ ބިމުގައިވާ ހިމޭން ފެންގަނޑު ތަކުގައި، ޤުދުރަތުން ޢަޖައިބުގެ ވާހަކަތައް ފޮރުވާފައިވާކަން ހަނދާންކޮށްދޭ ކަމެކެވެ. އަދި އެ ވާހަކަތައް ދިރުވައި ދެމެހެއްޓުމަކީ މިއަދު ދުނިޔޭގައި ދިރިއުޅޭ އިންސާނުންގެ ޒިންމާއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...